ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
އަލްމަރުޙޫމް އަތަމާ ޢަބުދުއްލަތީފަކީ ދީނީ ކަންކަން ކުރިއެރުވުމުގައި އިސްނެންގެވި މަދަދުގާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މ.މެޑޯޒް، އަބްދުއްލަތީފު ހުސައިން މަނިކު (އަތަމާ އަބްދުއްލަތީފް)، އަވަހާރަވުމާ ގުޅިގެން ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވައި މީސް މީޑިއާގައި ޙިއްސާކުރެއްވި މެސެޖުގައި ރައީސް ވިދާޅުވީ އަލްމަރުޙޫމް އަތަމާ ޢަބުދުއްލަތީފަކީ ޤައުމީ ޚިދުމަތްތެރިއެއް ކަމަށެވެ.

އެގޮތުން އަލްމަރުޙޫމް އަތަމާ ޢަބުދުއްލަތީފް ވަނީ ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމަށް ދިގު މުއްދަތެއްގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައި ކަމަށާއި، އަދި ޖަމާޢަތަށް ފައިދާހުރި އެތައް ޚިދުމަތަކާއި، މިސްކިތް ބިނާކުރެއްވުމާއި، ގިނަ ޢަދަދެއްގެ ދިވެހީން ޙައްޖަށް ގެންގޮސްދެއްވުން ފަދަ ދަރުމަވެތި އެތައް ކަމެއް ޤައުމަށްކޮށްދެއްވާފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މުޖްތަމަޢުގެ އިޙްތިރާމް ހޯއްދަވާފައިވާ، ޢަބްދުއްލަޠީފް ޙުސައިން މަނިކު (އަތަމާ ޢަބްދުއްލަޠީފް) އަވަހާރަވީ ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ.

“މަރުޙޫމް ޢަބްދުއްލަޠީފް ޙުސައިންމަނިކަކީ، ދިވެހި ވިޔަފާރިވެރީންގެ އިސް ސަފުގައި ޙަރަކާތްތެރިވެ ވަޑައިގެންނެވި އަދި ދިވެހީންނަށް އަމިއްލައަށް އެތައް ކަމެއް ކުރެވޭނެކަން ހިތްވަރާ ޢަޒުމާއެކު ސާބިތުކޮށްދެއްވި، ޒަމާނާގުޅޭ އެތައް ހެޔޮ ބަދަލެއް ދިވެހި އިޤްތިޞާދަށް ގެނަސްދެއްވުމުގެ މުހިންމު ޙިއްސާދާރެކެވެ. ރައްޔިތުންގެ ލާބަޔާ މަންފާއަށް ހޭދަކުރެއްވުމުގައި އަދި ދީނީ ކަންކަން ކުރިއެރުވުމުގައި އިސްނެންގެވި މަދަދުގާރެކެވެ.” ރައީސް ވިދާޅުވެފައިވެއެވެ.

އަލްމަރުޙޫމް އަބްދުއްލަތީފަކީ ޖަމާޢަތަށް ފައިދާހުރި ޚާއްޞަ މަސައްކަތްތައް ކޮށްދެއްވުމުގެ ރޮނގުން ޤައުމީ އިނާމް 1991 ވަނަ އަހަރު ޙާޞިލްކުރައްވާފައިވާ ބޭފުޅެއް ކަމަށާއި ގެއްލިގެން އެދިޔައީ ޤައުމަށް ބޮޑެތި މަސައްކަތްތަކެއްކޮށްދެއްވި އަގުހުރި، ތަޖްރިބާކާރު، ނަމޫނާ ޝަޚްޞިއްޔަތެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ މުޅި ޤައުމަށް ކުރިމަތިވީ ހިތާމައިގެ މި ދަނޑިވަޅު މަރުޙޫމްގެ ލޮބުވެތި ޢާއިލާއަށް ކެތްތެެރިކަން ދެއްވުން އެދި ދުޢާކުރަށްވައި އެ މަރުޙޫމް ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި، މާތްﷲގެ ރުހިވޮޑިގަތުމާއި، މަޣްފިރަތާއި، ރަޙްމަތުގައި ލެހެއްޓެވުންއެދި ދުޢާ ކުރަށްވާފައެވެ.

އަލްމަރުޙޫމް އަތަމާ އަބްދުއްލަތީފް އަވަހާރަވެފައިވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު މެންދުރުގެ ވަގުތެއްގައެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 94 އަހަރެވެ.

އަތަމާ އަބްދުއްލަތީފަކީ 1980ގެ އަހަރުތަކުން ފެށިގެން 2000ގެ ކުރީކޮޅާ ހަމައަށް ރާއްޖޭން އެންމެ ގިނަ ބަޔަކު ހައްޖަށް ގެންދިޔަ އަތަމާ ގްރޫޕްގެ ވެރިފަރާތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން