ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަގުސަދުގައި އެކުލަވާލާފައިވާ "ސްމޯލް އައިލޭންޑްސް ހޮސްޕިޓަލް ޕްރޮޖެކްޓް" ހިންގުމަށް ދިވެހި ސަރުކާރާއި ކުވޭތް ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމެންޓް (ކޭއެފްއޭއީޑީ) އާއި ދެމެދު ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގެ އަގަކީ ތިން މިލިއަން ކުވޭތު ދީނާރެވެ.

މި ލޯނު އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް ޑރ. މުހައްމަދު ޝަފީގެވެ. އަދި ކޭއެފްއޭއީޑީގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ އެކްޓިންގް ޑިރެކްޓަރ ޖެނެރަލް، ވަލީދު އަލް ބަހަރްއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތް، ޑރ ޢަބްދު ﷲ ޙަލީލް އާއި ކޮލަމްބޯގައި ހުންނަ ކުވޭތުގެ އެމްބަސީ އަދި މިނިސްޓްރީ އޮފް ފިނޭންސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއުގެ މަގުސަދަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ހިމެނޭ ކުދި ރަށްރަށުގައި ބޭނުންވާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމާއި އެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުން ކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

މާލީ ވުޒާރާއިން ބުނީ، މި މަޝްރޫއުގެ ސަބަބުން ހިދުމަތް ލިބޭ ރަށްރަށުގެ މެދުގައި ސިއްހީ ހިދުމަތް ހޯދުމަށް ދަތުރުފަތުރު ކުރުމުގެ ހަރަދު ކުޑަވެ، ރަށްރަށުގެ އާބާދީއަށާއި ފަތުރުވެރިންނަށް ސިއްހީ ހިދުމަތް ލާމަރުކަޒީ އުސޫލުން ފޯރުކޮށްދެވި އަދި ދެވަނަ ފަންތީގެ ސިއްހީ ފަރުވާ އެންމެ އެކަށީގެންވާ ގޮތުގައި ލިބިގެންދާނެ ކަމަށެވެ.

މާލީ ވުޒާރާއިން ވިދާޅުވާ ގޮތުގައި މި ލޯން އެއްބަސްބުމުގެ ދަށުން ހޮސްޕިޓަލްތައް އިމާރާތް ކުރުމާއި ކުރިން ހުރި ތަންތަން އިތުރަށް ތަރައްގީ ކުރުމަށް ކުރެވޭ އިމާރާތް ކުރުމުގެ މަސައްކަތާއި، ހިދުމަތްތަކުގެ އިލެކްޓްރޯ-ޓެކްނިކަލް މަސައްކަތްތަކާއި، ސިއްހީ އާލާތްތަކާއި ފަރުނީޗަރު ފޯރުކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން އިމާރާތްތައް ކުރުމަށް ބޭނުންވާ ކުރެހުންތަކާއި ބީލަން ލިޔެކިޔުންތައް ތައްޔާރު ކުރުމަށާއި އިމާރާތް ކުރުމުގެ މަސައްކަތް ބެލެހެއްޓުމަށް ބޭނުންވާ އިންޖިނިއަރިންގެ ހިދުމަތުގެ އިތުރުން މަޝްރޫއު ތަންފީޒު ކުރަން އަމަލީ މަސައްކަތް ކުރާނެ ޔުނިޓްގެ މަސައްކަތް ހިމެނޭ ކަމަށްވެސް ސިއްޙީ ވުޒާރާއިން މައުލޫމާތު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން