މަރްޔަމް ނަހްދާ ވަޙީދު   31 ޖުލައި 2024 - 1:51
މޮނަލީސާ- ގޫގުލް ފޮޓޯސް
މޮނަލީސާ- ގޫގުލް ފޮޓޯސް
މޮނަލީސާ އަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކުރެހުމެވެ. މިއީ ލިއޮނާޑޯ ޑާ ވިންޗީ ކުރަހާފައިވަަ އޮއިލް ޕެއިންޓިން އެކެވެ. މި ކުރެހުން ކުރަހާފައިވަނީ ޕޮޕްލާރ ލަކުޑިގަނޑެއްގައެެވެ.

ފުލޮރެންސުގައި ލިއޮނާޑޯ ދިރިއުޅުނުއިރު ކުރަހާފައިވާ މި ކުރެހުން މިހާރު ބަހައްޓާފައި ހުންނަނީ ޕެރިސްގެ ލޫވާރ މިއުޒިއަމްގައެވެ. މިއީ ދުނިޔޭގެ އެންމެ މަޝްހޫރު ކުރެހުމަށްވީއިރު، މި ކުރެހުމާ ބެހޭގޮތުން މީހުންނަށް ނޭނގޭ ވަރަށް ގިނަ ކަންތައްތަކެއް ވެއެވެ. ތިރީގައި މި ހިމަނާލަނީ މޮނަލީސާއާ ބެހޭ ގޮތުން ގިނަ ބަޔަކަށް ނޭނގޭ ބައެއް ހަގީގަތްތަކެވެ.

މޮނަލީސާ އަކީ ކޮބާ؟

މޮނަލީސާގެ ނަމުން މަޝްހޫރު މި ކުރެހުމުގައިވާ އަންހެން މީހާ އަކީ ކާކުތޯ ބުނެ ޒަމާންތަކެއް ވަންދެން މީހުންވަނީ ބަހުސް ކޮށްފައެވެ. އެގޮތުން އެކި މީހުންގެ ވިސްނުން މި މައުޟޫއާ ބެހޭ ގޮތުން ހުރީ އެކި ގޮތަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި ކުރެހުމަކީ މި ކުރެހުން ކުރެހުމަށް ލާރި ދިން ފުލޮރެންސުގެ ވިޔަފާރި ވެރިއެއްގެ އަނބިމީހާ ކަމަށްވާ ލީސާ ގެރާޑިނީގެ ކުރެހުމެކެވެ. އަނެއް ބަޔަކު ބުނެ އުޅެނީ އެއީ އެހެން އަންހެނަކަށް ވެދާނެ ކަމަށާއި، ފަހަރެއްގައި އެއީ ލިއޮނާޑޯގެ "މިއުސް" ކަމަށް ވެސް ވެދާނެ ކަމަށެވެ. މީގެ އިތުރުން ބައެއް މީހުން ބުނެ އުޅެނީ މި ކުރެހުމުގައި އަންހެނެއްގެ ސިފައިގައި އެ ހުންނެވީ ލިއޮނާޑޯ ކަމަށެވެ. އެގޮތަށް އެމީހުން ބުނަނީ މޮނަލީސާގެ މޫނުމަތީގައި ލިއޮނާޑޯއާ ވައްތަރު ގޮތެއް ހުންނާތީއެވެ.

ގަނެ ވިއްކޭނެ ކުރެހުމެއް ނޫން:

މޮނަލީސާ ކުރެހުމަކީ ގަނެ ވިއްކޭނެ ކުރެހުމެއް ނޫނެވެ. ގިނަ މީހުން ދެކޭ ގޮތުގައި ފައިސާއިން ނުގަނެވޭނެ އެއްވެސް އެެއްޗެއް މި ދުނިޔޭގައި ނުވާނެއެވެ. ދުނިޔޭގެ އެންމެ ރީތި، ކުރެހުންތައްވެސް އެތައް މިލިއަން ޑޮލަރަކަށް ވިއްކާފައިވާއިރު އެކަމުގެ ސަބަބުން ކޮންމެ އެއްޗަކަށް ވެސް ރަނގަޅު އަގެއް އޮތް ކަމުގެ އިހުސާސް އެފަދަ މީހުންނަށް ކުރެވެއެވެ. ނަމަވެސް މޮނަލީސާ އަކީ އެއްވެސް މީހަކަށް ގަނެވޭނެ، އަދި ވިއްކޭނެ ކުރެހުމެއްވެސް ނޫނެވެ. ސަބަބަކީ "ފްރެންޗު ހެރިޓޭޖް ލޯ" ގެ ދަށުން، މި ކުރެހުމަކީ އާންމުންގެ މުދަލެއްގެ ގޮތުގައި ބެލެވޭ އެއްޗެއް ކަމަށްވާތީއެވެ.

މޮނަލީސާގެ ހިނިތުންވުން:

މޮނަލީސާގެ ހިނިތުންވުމާ ބެހޭ ގޮތުން އެކި ފަރާތްތަކުން ދެކެނީ އެކި ގޮތްގޮތަށެެވެ. އޭގެ ސަބަބުން ތަފާތު އެކި ބަހުސްތައްވެސް ކުރެވެއެވެ. އެއްބަޔަކު މޮނަލީސާގެ ހިނިތުންވުން ޝަހުވަތްތެރި ހިނިތުންވުމެއްގެ ގޮތުގައި ސިފަކުރާއިރު، ބައެއް މީހުން އެ ހިނިތުންވުން ސިފަ ކުރަނީ އާދައިގެ ލުއި ހިނިތުންވުމެއްގެ ގޮތުގައެވެ. އަދި ހަމަ އެހެންމެ ބައެއް މީހުން މިއީ މަޖުބޫރުކުރުވައިގެން ކުރި ހިނިތުންވުމެއް ކަމަށްވެސް ސިފަކުރެއެވެ. އެކި މީހުންނަށް މި ހިނިތުންވުން ސިފަވާގޮތް ތަފާތުވާތީ މިއީ ސިއްރުވެރި ހިނިތުން ވުމެއް ކަމަށްވެސް ބައެއް މީހުން ބުނެއެވެ. ނަމަވެސް އެކި މީހުންނަށް މި ކުރެހުމުގެ ހިނިތުންވުން އެކި ގޮތްގޮތަށް ސިފަވަނީ އެއީ އޮޕްޓިކަލް އިލިއުޝަން އަކަށް ވާތީ ކަމަށް ގިނަ ފަރާތްތަކުން އެއްބަސްވެއެވެ.

ވަގަށް ގެންދިޔުމާއި އިތުރަށް މަޝްހޫރުވުން:

މި ކުރެހުމަކީ އަބަދުވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލު އަދި މަޝްހޫރު ކުރެހުމަކަށް ވީނަމަވެސް، މި ކުރެހުން ބޮޑަށް މަޝްހޫރުވެ، ގިނަ ބަޔަކަށް އެނގިފައިވަނީ 1911ގައި ލޫވާރ މިއުޒިއަމް އިން މި ކުރެހުން ވަގަށް ނެގުމުންނެވެ. އެ ގޮތުން މި ކުރެހުން ދެ އަހަރު ވަންދެން ގެއްލުމަކީ މި ކުރެހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރުވި ސަބަބުކަމަށް ވަރަށް ގިނަ މީހުން ބުނެއެވެ. އަދި އަސްލު މޮނަލީސާ ކުރެހުން އަދިވެސް ކޮންމެވެސް ތަނެއްގައި ފޮރުވިފައި ހުރި ކަމާއި، އާންމުންގެ ލޮލުގައި އަޅައިގަންނަ މޮނަލީސާ އަކީ މޮޅު ރެޕްލިކާއެއް ކަމަށްވެސް ވަރަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން