މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމަށް އަޙްމަދު މުނައްވަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ޢައްޔަނުކުރައްވައިފިއެވެ.



ރައީސް މުއިއްޒު އެމްއެމްއޭގެ ގަވަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވީ ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) ގެ 6 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގައިވާ ގޮތުގެމަތިންނެވެ.



ގަވަރުނަރުކަމަށް އައްޔަނުކުރެއްވިކަމުގެ ލިޔުން، އަޙްމަދު މުނައްވަރަށް ރައީސް ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތަށްފަހު ރައީސް މުއިއްޒު ވަނީ އާ ގަވަނަރު އަޙްމަދު މުނައްވަރާއި ބައްދަލު ކުރައްވައި ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ފައިނޭންސްގެ ދާއިރާއާއި ގުޅޭ އެހެން މުވައްސަސާތަކާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސް ބާރުއެޅުއްވިއެވެ.



މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު ވަނީ ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.



އަޙްމަދު މުނައްވަރު ގަވަރުނަރުގެ މަގާމަށް ހަމަޖެއްސެވުމުގެ ކުރިން 12 ޑިސެންބަރު 2023 އިން 22 ޖުލައި 2024 އާ ހަމަޔަށް ހުންނެވީ މިނިސްޓްރީ އޮފް ފިނޭންސްގެ އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމުގައެވެ. އަދި އަޙްމަދު މުނައްވަރު މީގެ ކުރިން ވަނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ޢަލީ ހާޝިމް އެވެ. ރައީސް ޑރ. މުއިއްޒު ވަނީ ދާދިފަހުން ގަވަނަރުގެ މަގާމުން ޢަލީ ހާޝިމް ވަކިކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން