ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު
ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އަދި ހަމާސްގެ ޕޮލިޓިކަލް ޗީފް އިސްމާއިލް ހަނިއްޔާ ޝަހީދުކޮށްލުމުން ދިވެހި ސަރުކާރުން ބަހެއް ނުބުނާތީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ފާޑުވިދާޅުވެއްޖެ އެވެ.

އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އެ ގައުމުގެ ތެހެރާންގައި ހުންނަވަނިކޮށް އިސްރާއިލުން ހަނިއްޔާ އަވަހާރަކޮށްލީ އިއްޔެ އެވެ.

ހަނިއްޔާގެ މަރާ ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު އެކްސްގައި ވިދާޅުވީ ހަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެން ދުނިޔޭގެ އެކި ގައުމު ތަކުންނާ، ޖަމިއްޔާ ޖަމާއަތްތަކުންނާ، ވަކި ވަކި ފަރުދުން، އެ އަމަލު ކުށްވެރިކޮށްފައިވާ ކަމަށެވެ.

އަދި ހަނިއްޔާގެ އާއިލާއަށް އެފަދަ ފަރާތްތަކުން ތައުޒިޔާ ކިޔަމުންދިޔަ ނަމަވެސް ދިވެހިސަރުކާރާއި ބައެއް ދީނީ ޖަމިއްޔާ ޖަމާއަތްތަކުން ފަލަސްޠީނުގެ ރައްޔިތުންނާއި އިސްލާމީ އުންމަތަށް ތަޢުޒިޔާ ނުދަންނަވާ ތިބީ ހަނު ކަމަށް ކުރީގެ މިނިސްޓަރު ވިދާޅުވި އެވެ.

އެ އަމަލަކީ ޒައިނިސްޓުންގެ އަނިޔާވެރިކަމުން ފަލަސްޠީނު މިނިވަން ކުރުމަށްޓަކައި ފަލަސްޠީނުގެ ޙައްޤުގައި ޖިހާދުކޮށް، އަޑުއުފުލާ ފަރާތްތަކާއި ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި ވެވޭ ވަރަށް އިހާނެތި ހިތާމަވެރި އަމަލެއްކަމަށްވެސް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވިއެވެ.

ހަނިއްޔާ ޝަހީދު ކޮށްލުމާ ގުޅިގެން ދިވެހި ސަރުކާރާއި މަތީފަޑީގައި ތިއްބެވި އިސް ބޭފުޅުން މިހާތަނަށް އެއްޗެއް ވިދާޅުވެފައި ނުވާތީ ސަރުކާރަށްވަނީ އާއްމު ރައްޔިތުންގެ ފާޑުކިއުންތައްވެސް އަމާޒު ވެފައެވެ.

ނަމަވެސް އިސްރާއިލުން ޣައްޒާއަށް ހަމަލާ ދޭން ފެށިފަހުން އެތައް ފަަހަރަކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޣައްޒާގެ ރައްޔިތުންނާއެކު ތިބިކަން ހާމަކޮށް ޓުވީޓު ކުރައްވައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދުނިޔޭގެ ފެންވަރުގައި އަޑު އުފުއްލަވާ ވަކާލާތު ކުރައްވާފައެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން