ޞާދިރު ޢަލީދީދީ   16 އޯގަސްޓު 2020 - 13:36
ހުވާކޮށްފާ ބުނަން
ހުވާކޮށްފާ ބުނަން
އެޕިސޯޑް 18

...............

[އެއީ އަހަރެންގެ ފިރިމީހާ އަމަރް....ބޭބެ ކީއްކުރަންތަ، އޭނާގެ މަޢުލޫމާތު ހޯދަނީ....!] ރަނާ މަޑުޖެހިލިއެވެ.

[ދަންނަ ސޮރަކާ ވައްތަރުވީމާ. އެއީ ކޮން ގެއެއްގެ ކުއްޖެއްތަ؟ ތިގެ ހުންނަތަން ބޭބެއަށް ކިޔައިދީފާނަންތަ؟] ސަލްމާން ބޭނުންވަނީ، މިވަގުތު ނޫނަސް އެގެޔަށްދާށެވެ.

ރަނާ އެގޭގެ ނަމާއި ގެ ހުންނަތަން އޭނާއަށް ވަރަށް ރަނގަޅަށް ކިޔައިދިނެވެ. ރަނާ ގެޔަށް ގޮސް، އެމީހާ އެ މަޢުލޫމާތު ހޯދި ވާހަކަ އަމަރަށް ކިޔައިދިނީމާ، އަމަރް ވަރަށް ބޮޑަށް ހާސްވިއެވެ. އަމަރަށް އެމީހާއާ ކުރިމަތިލުމަކީ، އެހާ ފަސޭހަ ކަމެއް ނޫންކަން އޭނާއަށް އެނގެއެވެ.

[ތިމީހަކު އަހަރެންގެ މަޢުލޫމާތު ހޯދަން ޖެހުނީ ކީއްކުރަންބާ....އެމީހާ އަތުވެއްޖެއްޔާ، އަހަރެން ގޭގައި އުޅުނަސް، ބުނާތި ނޫޅެޔޭ.....އެކަހަލަ މީހުން އުޅޭނީ އޮޅުވާލާފައި ފައިސާތަކެއް ހޯދަން. މިދުވަސްކޮޅު ކުންފުނީގެ ވިޔަފާރިވެސް މާރަނގަޅެއް ނޫން.] އަމަރް ފާޚާނާއިން ނުކުމެ އެނދުގައި އޮށޯވެލިއެވެ.

[އެ ބޭބެ ބުނީ ދަންނަ މީހަކާ ވައްތަރުވާތީޔޯ. ހިއެއްނުވޭ އެއީ އެހީއަކަށް އެދިގެން އުޅޭ މީހެއް ހެނެއް. އެމީހާ ހީވަނީ ކޮންމެވެސް ވާހަކައެއް ދައްކަން އުޅޭހެން.] ރަނާ ބުންޏެވެ.

[ރަނާއަށްވުރެން މާރަނގަޅަށް އަހަންނަށް އެފަދަ މީހުންގެ ގޮތް އެނގޭ. މިދުވަސްކޮޅަކު އަހަންނަކަށް މާބޮޑު އެހީއެއް ނުވެވޭނެ.] އަމަރް ބުންޏެވެ.

އެވަގުތެވެ. ވިލިނގިލީގައި ވާސިލާއި ޙުސޭންކަލޯގެ މަޝްވަރާތައް ކުރިއަށް ދަނީއެވެ. ޙުސޭންކަލޯ ފުރަތަމަ ބޭނުންވަނީ ފާލު ބަލައިލާށެވެ. އޭނާ އޭނާގެ އަތުގައި އޮތް ބޮޑު ފޮތެއް ހުޅުވާލުމަށްފަހު، ފާލު ބަލަން ފެށިއެވެ.

ދެތިންފަހަރު ތިންގޮތަށް ބެލުނުއިރުވެސް، އޭނާއަށް ލިބެނީ ޙައިރާން ކަމެވެ. ދިމާވަނީ އެއްގޮތަށެވެ. ރަނާ މީހަކާ އިނދެގެން ހުރި ކަމަށް އެއްފަހަރުވެސް ނުދައްކައެވެ.

[ތިބުނާ އަންހެން ކުއްޖާ އުޅެނީ ޙަޤީޤަތުގައިވެސް މީހަކާ އިނދެގެންތަ؟ މިހާރު ތިންފަހަރު ބެލުނުއިރުވެސް ދައްކަނީ އެއްގޮތަކަށް. މިހާރު އޭނާ މީހަކާ އިނދެގެން ހުރި ކަމަކަށް ނުދައްކާ.....] ޙުސޭންކަލޯ އަނެއްކާވެސް އެހެން ގޮތަކަށް މަސައްކަތް ފެށިއެވެ. ނަމަވެސް، ދެންވެސް ފެނުނީ އެއް ނަތީޖާއެކެވެ.

ވުމާއެކު، ވާސިލް އެގޭގައި ހުރެ ޝެހެނާއަށް ގުޅިއެވެ. ޝެހެނާ ގާތު އޭނާ އެހީ ރަނާއާއި އަމަރް މިހާރުވެސް އުޅެނީ އިނދެގެންތޯއާއި، ކޮންމެވެސް މީހަކު އަމަރާއި ރަނާ ވަރިވެއްޖެ ކަމަށް ބުނި ކަމަށެވެ.

[ތިޔައީ ހުސް ދޮގު. އެމީހުން އުޅެނީ ވަރަށް ގުޅިގެން. އަދި އެއްވެސް މައްސަލައެއް ނުޖެހޭ. ތިޔައީ ކާކު ދައްކައިގެން އުޅޭ ވާހަކައެއްތަ؟] ޝެހެނާ ބުންޏެވެ. ފަހުން ގުޅާނަމޭ ބުނެފައި، ވާސިލް ފޯން ބޭއްވިއެވެ.

[އިނދެގެނޯ، އެއްވެސް މައްސަލައެއް ނުޖެހެޔޯ. އަދި މަސައްކަތް ކޮށްބަލަ. އަހަރެންވެސް އިހަކަށްދުވަހުވެސް ދުށިން، އެދެމަފިރިން އެކުގައި މަގުމަތިން. ވަރަށް ގުޅިގެން އުޅެނީ.] ވާސިލް ބުންޏެވެ. ޙުސޭންކަލޯ އަނެއްކާވެސް މަސައްކަތް ފެށިއެވެ.

މަގުމަތިން ދިމާވެ ރަނާ ގާތުން އަމަރްގެ މަޢުލޫމާތު ހޯދި މުސްކުޅި މީހާ އާދެ! ސަލްމާން އަމަރްމެން ގެޔަށް ދިޔައީ އެރެއެވެ. އޭރު އަމަރް ކޮޓަރީގައި އޮތެވެ.

[އައްސަލާމް ޢަލައިކުމް....] ސަލްމާން އެގެޔަށް ވަދެ ސަލާމް ގޮވިއެވެ.

[ވަޢަލައިކުމުއް ސަލާމް، ވަދޭ އެތެރެއަށް.] ސިޓިންގރޫމްގައި ހުރި ރަނާ ސަލާމް ބަލައިގަތުމަށްފަހު، އެތެރެއަށް ވަނުމަށް ހުއްދަ ދިނެވެ.

[ކޮއްކޮ ކޮބައިތަ ކޮއްކޮގެ ފިރިމީހާ. އެސޮރާ ބައްދަލުވެދާނެތަ. މިއަދު ކޮންމެހެންވެސް ބޭނުން، އެސޮރާ ބައްދަލުކުރަން.] ސަލްމާން އެތެރެއަށް ވަދެ އިށީނެވެ. އެވަގުތު ކުޑަދޮރުން އެމަންޒަރު ބަލަން އަމަރް ހުއްޓެވެ. ޙަޤީޤަތުގައި އަމަރް ކިތަންމެ ބުންޏަސް ދޮގުހަދާކަށް ރަނާ ބޭނުމެއް ނުވެއެވެ.

[އަހަރެން އަންނާނަން، އެތެރޭގައި އުޅޭތޯ ބަލާފަ. އަހަރެން ބޭރަށް ނުކުތްއިރު ގޭގައި އުޅޭ.] ރަނާ އެތެރެއަށް ވަދެގެން ހިނގައިގަތެވެ. އޭރުވެސް އެމަންޒަރު ބަލަން އަމަރް ހުއްޓެވެ.

ރަނާ ގޮސް ވަނީ އެމީހުން އުޅޭ ކޮޓަރިއަށެވެ. ކޮޓަރިއަކު އަމަރެއް ނެތެވެ. ވުމާއެކު، އަމަރް އުޅޭތޯ ހޯދާލުމަށްފަހު، ރަނާ އަނެއްކާވެސް ތިރިއަށް ފޭބިއެވެ.

[ކޮބާ އެސޮރު ނޫޅެނީތަ؟] ސަލްމާން އެއްސެވެ.

[އާނ....ހީވަނީ އޮފީހަށް ދިޔައީހެން.] ރަނާ ސަލްމާނަށް ފިނި އެއްޗެއް ގެނެސްދިނުމަށް، ގެންގުޅޭ މީހެއްގެ ގާތު ބުނެފައި އިށީނެވެ.

[އޮފީހެއްގައި އުޅޭ ސޮރެއްތަ!؟] ސަލްމާން ހިސާބަކަށް ޙައިރާންވެފައި އެއްސެވެ.

[އާނ....އަމިއްލަ އޮފީހެއް ހުންނާނެ. ބޭބެއަކަށް ނޭނގޭތަ އަމަރްގެ ބައްޕައެއް. އަމަރްގެ ބައްޕައަކީ މިރަށުގެ ވަރަށްބޮޑު ވިޔަފާރިވެރިއެއް. ތިން ފިހާރައާއި އެއް ރެސްޓޯރަންޓް ހިންގާނެ ބައްޕަ. ބައްޕަގެ ހުރިހާ ވިޔަފާރިއެއް ބަލަހައްޓަނީ އަމަރް. ބައްޕަގެ ދެވަނަ ކުއްޖަކު ނުވެސްހުރޭ.] ރަނާ އަމަރްގެ ފުރިހަމަ މަޢުލޫމާތު ދިނެވެ. އެއާއެކު ސަލްމާންގެ ހިތުގައި އުފެދުނު ޝައްކު ފިލައިދިޔައެވެ.

ކުރިން އޭނާ ޝައްކުކުރީ އަމަރަކީ އިހަކަށްރޭ އޭނާގެ ގެ ފަޅާލި ގްރޫޕްގައި ހިމެނޭ މީހެއް ކަމަށެވެ. ނަމަވެސް، އެވަރުގެ ބަޔަކު އެފަދަ ކަމެއްގައި ބައިވެރިނުވާނޭކަން އެނގޭތީ، އޭނާ ޙައިރާންވެސްވިއެވެ.

އެހެން ނަމަވެސް، އެދުވަހު އަމަރް އޭނާ ފެނުމުން ބިރުގަތީ ކީއްވެގެން ކަމެއް އޭނާގެ ވިސްނުމަކަށް ނާދެއެވެ. ހަމަގައިމުވެސް އަމަރް ދިޔައީ ބިރުންނެވެ. ކޮންމެވެސް ސިއްރެއް ފޮރުވިފައިވާ ކަމަށް އޭނާ ޤަބޫލުކުރެއެވެ. ވުމާއެކު، ކޮންމެ ގޮތެއްވިޔަސް، އަމަރްއާ ކުރިމަތިލާން އޭނާ އެބަ ބޭނުންވެއެވެ.

[އެސޮރު ގެޔަށް އަންނާނެއިރެއް އެނގޭތަ؟ ބޭބެ ބޭނުން ކޮންމެހެންވެސް އެސޮރާ ބައްދަލުކުރަން. އެސޮރު އައީމަ ބުނައްޗޭ، ބޭބެ ބައްދަލުކުރަން ބޭނުންވާ ވާހަކަ.] މިހެން ބުނެފައި ސަލްމާން އެގެއިން ނުކުތެވެ.

މިހާރުވެސް ވާސިލް އެހުރީ ފަންޑިތަ ހަދާ ޙުސޭންކަލޯގެ ގާތު އެގޭގައެވެ. ޙުސޭންކަލޯ މިހާރު އަނެއްކާވެސް ފާލު ބަލަނީއެވެ. މިފަހަރު ފާލުން ދެއްކީ އޭނާވެސް ޙައިރާންވާފަދަ ގޮތެކެވެ.

[އަމަރް ދުނިޔޭގައި ހުރި ކަމަކަށްވެސް ނުދައްކާ. މިއިން ދައްކާ ގޮތުން އަމަރް މަރުވިތާ ކިތަންމެ ދުވަހެއް. އަދި ބަލާލާނަން.] އަނެއްކާވެސް ޙުސޭންކަލޯ ބަލަން ފެށިއެވެ. މިފަހަރު އޭނާ ބެލީ އަމަރް މަރުވެފައިވާނަމަ، އޭނާގެ ހަށިގަނޑު ވަޅުލެވިފައިވަނީ ކޮން ތަނެއްގައިތޯއެވެ.

މިފަހަރުގެ މަސައްކަތަށް ގަޑިއެއްހާއިރުވިއެވެ. ޙުސޭންކަލޯ ދަންނަ ގިނަ މީހުން ބުނާގޮތުން އޭނާއަކީ ޖިންނި ގެނެސްގެން ފަންޑިތަ ހަދާ މީހެކެވެ.

[ވަރަށް ވަގުތު ނަގާނެ. ވަރިހަމަ ވާސިލް މާލެ ގޮސްލާފައި އަޔަސް.] މަސައްކަތުގައި ހުރެ ޙުސޭންކަލޯ ބުންޏެވެ.

[ބަލަ، އޭނާ މަރުވެއްޖެޔޭ ތިބުނާ ވާހަކަ ކޮންމެ ގޮތެއްވިޔަސް ޤަބޫލެއް ނުކުރެވޭނެ. އޭނާ މިހާރުވެސް އެގޭގައި އެއުޅެނީ. ތިދައްކާ ވާހަކަ ހަމަޖައްސާނޭ ގޮތެއް އަހަންނަކަށް ނުވިސްނޭ.] ވާސިލް ބުންޏެވެ.

[ބުނަން ވާސިލް. އަހަރެންގެ މަސައްކަތް ޤަބޫލު ނުކުރެވޭ މީހަކަށް އަހަންނަކަށް މަސައްކަތްކޮށެއް ނުދެވޭނެ. މިބުނީ އަހަރެންގެ މަސައްކަތް ނިމެންދެން ކެތްކުރާށޭ.] ޙުސޭންކަލޯ ހިތްހަމަނުޖެހުނެވެ.

ވުމާއެކު، މަޢާފަށް އެދުމަށްފަހު، ހަވީރު އަންނާނަމޭ ބުނެފައި ވާސިލް ދިޔައީ މާލެއަށެވެ. މާލެގޮސް އޭނާ ރަނާ ފެނޭތޯ އެގޭދޮށަށް ދިޔައެވެ. އޭނާ އެގޭ ދޮރުމަތީގައި ކަހަލަ ގޮތަކަށް ހުއްޓާ، އަމަރް ދުރުން އެގެޔާ ދިމާއަށް އަންނަ ތަން އޭނާއަށް ފެނުނެވެ. ވުމާއެކު، އޭނާ އަވަހަށް ސައިކަލް ދުއްވާލިއެވެ. އޭނާގެ ބޭނުމަކީ އަމަރް ދުނިޔޭގައި ހުރިކަން ޔަޤީންކުރާށެވެ.

އެހިނދު އޭނާގެ ހިތަށް އެރިއެވެ. އަމަރް ދުނިޔޭގައި ނެތް ކަމަށް ޙުސޭން ކަލޯ އެބުނާ ވާހަކަތަކަކީ ކޮން ވާހަކަތަކެއްބާއެވެ. އަނެއްކާ ޙުސޭންކަލޯ އޭނާ ހެއްދުމުގެ ގޮތުން މޮޅު ވާހަކަތަކެއް ހަދަނީބާއެވެ؟ މިފަދަ ޚިޔާލުތަކެއްގައި ހުރެމެ، އަނެއްކާވެސް އޭނާ ނިންމީ ވިލިނގިއްޔަށްދާށެވެ. އޭނާ އަމަރް ދުށް ވާހަކައާއި، އަމަރް މަރުވެފައިވާ ކަމަށް ބުނާ ބުނުން ދޮގުކުރާށެވެ.

އޭނާ ދިޔައިރުވެސް ޙުސޭންކަލޯ އުޅެނީ އޭނާގެ މަސައްކަތުގައެވެ. ބެލެވޭގޮތުން އޭނާ މިހާރުވެސް މަސައްކަތް ކުރަމުންދަނީ ޖިންނި ގެނެސްގެނެވެ.

[އައްސަލާމް އަލައިކުމް.] ޙުސޭންކަލޯ މަސައްކަތް ކުރަންހުރި ކޮޓަރި ދޮރުމައްޗަށް ހުއްޓި ވާސިލް ސަލާމް ގޮވިއެވެ.

[ވަޢަލައިކުމުއް ސަލާމް، ވަދޭ އެތެރެއަށް.] ސަލާމް ބަލައިގަތުމަށްފަހު އެތެރެއަށް ވަނުމުގެ ހުއްދަ ޙުސޭން ކަލޯ ދިނީމާ ވާސިލް ވަނެވެ. އޭރުވެސް ހުސޭންކަލޯ އުޅެނީ އެމަސައްކަތުގައި އަވަދިނެތިއެވެ. އޭނާ މަސައްކަތް ހުއްޓާލުމަށްފަހު، ވާސިލާ ދިމާއަށް އެނބުރުނީ، ވާސިލް ހުންނަތާ ވިއްސަކަށް މިނިޓް ފަހުންނެވެ. އޭރު ޙުސޭން ކަލޯއަށް ވަނީ ވަރަށްގިނަ މަޢުލޫމާތު ލިބިފައެވެ.

[ވާސިލް! އަހަރެމެން ކުރިމަތިލާން މިޖެހެނީ ވަރަށް ނުރައްކާތެރި ކަންތައްގަނޑަކާ. ވާސިލަށް ކެރޭނެތަ، ރަނާމެން އުޅޭ ގޭ ގޯތިތެރޭ ހުހަށް އޮންނަތަން، މިރޭ ކޮންނަން. ކޮންމެހެންވެސް މިރޭ އެތަން ކޮންނަން އެބަޖެހޭ. އަމަރްގެ ހަށިގަނޑު ވަޅުލެވިފައި ވަނީ އެތާނގައި.....] މިހާރު ޙުސޭން ކަލޯ ވާހަކަ ދައްކަނީ، ހުރިހާ ޙަޤީޤަތެއްވެސް އެނގި ހުރެމެއެވެ.

[ޙުސޭންބެ ތިދައްކަނީ ކޮންކަހަލަ ވާހަކައެއްތަ. އަހަރެން މިއައި މަގުމަތިންވެސް އަހަންނާ އަމަރާ ދިމާވި. އަމަރް އެގެޔަށް ވަންނަންދެން އަހަރެން ހުރިން.] ޤަބޫލުކުރަން ދަތިވެފައި ވާސިލް ބުންޏެވެ.

[މައްސަލައެއް ނެތޭ. އެކަމަކުވެސް އަހަރެން ބޭނުންވަނީ، މިރޭ އެގޭ ގޯތިތެރެ ކޮނެފައި ބަލަން. ބިރުނުގަންނާތި. އަހަރެންވެސް ކަލެޔާއެކު ދާނަން. އަހަރެން ހުރެގެން ކޮންނާނީ.] ޙުސޭން ކަލޯ ބުންޏެވެ.

ޙުސޭންކަލޯވެސް ދާނޭ ވާހަކަ ބުނީމާ، ވާސިލް ދާން ނިންމިއެވެ.

[ކަލޭ އެއްވެސްވަރަކަށް ބިރުގަނެގެން ނުވާނެ. އަހަރެން މިކުރާ މަސައްކަތުން ކަލެޔަށް ރަނާ ހޯދޭނޭ ކަމުގެ ޔަޤީންކަން އަހަރެން ދެން.] ޙުސޭން ކަލޯ އޭނާގެ އަތުގައި އޮތް ކުޑަ ދަބަހެއް ހުޅުވާލުމަށްފަހު، ތަވީދެއް ނަގާފައި، ވާސިލް އަތަށް ދިނެވެ. އަދި އެ ތަވީދު ވޮލަޓަށްލުމަށް ބުންޏެވެ.

[ޙުސޭނުބޭ، އަމަރް މަރުވެފައިވާ ކަމަށް ބުނާތީ، އަހަރެން އެބަ ވަރަށް ޙައިރާންވޭ. އެއްވެސް ކަމެއް ސިއްރުނުކޮށް، އަހަރެން ގާތު ބުނެބަލަ.] ޙުސޭނުބޭގެ ޙަޤީޤީ މަސައްކަތަކީ ކޮބައިތަ؟] ވާސިލް އެއްސެވެ.

[ޙަޤީޤީ އަމަރް ވަނީ މަރާލާފައި. އޭނާގެ ހަށިގަނޑު ވަނީ އެގޭ ގޯތިތެރޭ ވަޅުލާފައި. އެކަން ކޮށްގެން އުޅެނީ ރޫޙާނީ ބާރަކުން.] ޙުސޭންކަލޯ ބުންޏެވެ.

[ދެން ރަނާޔާއެކު އެއުޅެނީ ކާކު!؟] ވާސިލް ބިރުގަންނަން ފެށިއެވެ.

[އެއީ އިންސާނެއް ނޫން. އޭނާ އެއުޅެނީ އަމަރް މަރާލާފަ އަމަރްގެ ސިފައިގައި. އެހެންވެ އަހަރެން މިބުނަނީ ބިރުނުގަންނާށޭ. ތަވީދު މިދިނީވެސް ވާސިލަށް އަތުވެދާނޭ ނުރައްކަލަކުން ސަލާމަތްވުމަށް. ތި ތަވީދު އޮތްހާހިނދަކު، ވާސިލާ ކައިރިނުވެވޭނެ.] ޙުސޭންކަލޯ ކިޔައިދިނެވެ.

[އަޅެ ޙަޤީޤަތުގައިވެސްތަ. ރަނާއަށް ގުޅާފައި ބުނަންތަ؟ އަހަރެން ބޭނުން، ރަނާ ތި އެއްޗެއްގެ ކިބައިން ސަލާމަތް ކުރަން.] ވާސިލް ބޭނުންވީ ވަގުތުން ރަނާއަށް ގުޅާށެވެ.

[ނޫނޭ އަދި ރަނާއަށް ގުޅާކަށްނުވޭ. އަހަރެމެން ކުރިމަތިލާނީ ހެއްކާއެކު....] ހުސޭން ކަލޯ ބުންޏެވެ.

[އެކަމަކު ޙުސޭނުބޭ، ހާދަ ޤަބޫލުކުރަން ދަތި ވާހަކައެކޭތީ. އަމަރާ ރަނާއަށް މިހާރުވަނީ ކުއްޖަކުވެސް ލިބިފައި.] ވާސިލް ބުންޏެވެ.

[އެދެމީހުންނަށް ދަރިޔަކު ލިބުނަސް، އެކުއްޖަކަށް އިންސާނުންގެ ތެރޭ އުޅޭކަށް ފަސޭހައެއް ނުވާނެ. އެގޭގައި އުޅޭ މީހުންނަށް، މިފަދަ ކަންތައްތައް ފެންނާނެ. މިރޭ އެގޭ ގޯތިތެރެ ކޮނެ ކަށިތައް ނަގައި ތިލަކުރުމަށްފަހު، އަހަރެން ސީދާ ކުރިމަތިލާނަން.] ޙުސޭންކަލޯ ބުންޏެވެ.

ޙުސޭން ކަލޯ ބިރުނުގަތަސް، ވާސިލް ހުރީ ވަރަށް ބޮޑަށް ބިރުގެންފައެވެ. ނަމަވެސް، މިހާރު ޙުސޭންކަލޯ ވަނީ ވާސިލަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާފަދަ ގޮތަކަށް މަސައްކަތް ކޮށްފައެވެ.

[ވާސިލް ބިރުނުގަންނާތި، ވާސިލަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެ. ވާސިލާ ކައިރިވާކަށް ނުވެސް ކެރޭނެ.] ޙުސޭންކަލޯ ވާސިލްގެ އަތަށް އަނެއްކާވެސް އިތުރު ތަވީދެއް ދިނެވެ.

[ތި ތަވީދު އުނަގަނޑުގައި އަޅާ. މިއަދު އިރުއޮއްސޭ ގަޑީގައި މިގެޔަށް އާދޭ. މިރޭގެ ހަތަރުދަން ހޭދަވާނީ ތިމަސައްކަތުގައި. މިރޭގެ މަސައްކަތަށްފަހު، ވަރަށްގިނަ ސާމާނުވެސް ހޯދަންޖެހޭނެ. މިރެއަކީ އަހަރެމެން އަމިއްލައަށް ޙަޤީޤަތް ދެނެގަންނާނެ ރޭ.] ޙުސޭން ކަލޯ ބުންޏެވެ.

[ހޯދަންޖެހޭ ހުރިހާ އެއްޗެއްވެސް އަހަރެން ހޯދައިދޭނަން. އެކަމާ ޙުސޭންބޭ އެއްވެސްވަރަކަށް ވިސްނާނޭ ކަމެއް ނެތް. އަހަރެން ޙުސޭންބެއަށް އިތުބާރު ކުރަން.] ވާސިލް ބުންޏެވެ. އެއަށްފަހު އޭނާ ގަޑިއަށް ބަލައިލުމަށްފަހު، ގެޔަށް ދިޔުމަށްޓަކައި ހިނގައިގެންފިއެވެ.

އޭނާ ގެޔަށްދިޔަ މަގުމަތިން، އަމަރާއި ރަނާ ކާރުގައި ގެޔަށް ދަނިކޮށް ފެނުނެވެ. އެހިނދު އޭނާގެ ހިތަށްއެރިއެވެ. ޙުސޭނުބޭ މިދައްކަނީ ކޮންކަހަލަ ވާހަކަތަކެއްބާއެވެ؟ އަމަރަކީ އިންސާނެއް ނޫންނަމަ، އެގޮތަށް ރަނާއާއެކު އެއުޅެނީ ކީއްވެގެންބާއެވެ؟

[އޭތް...ވާސިލް...ހާދަ ބޮޑު ފިކުރެއްގަ.] ޚިޔާލީ ދުނިޔެއެއްގައި ހުރި ވާސިލް ސިހުނީ، އޭނާގެ ކްލާސްމޭޓެއް ކަމުގައިވާ އީވާންގެ އަޑުންނެވެ. މަދްރަސީ ޙަޔާތް ނިމުނުފަހުން އޭނާއާ އީވާނާ ދިމާވެފައިވަނީ ދެތިންފަހަރަކުއެވެ.

[އަހަނ....އީވާން ދުނިޔޭގައި އެބައުޅެންދޯ؟ ކޮންތާކުތަ ތިއުޅެނީ؟] ވާސިލް އީވާންއާ ސަލާމްކޮށްލިއެވެ.

[ވިލިނގިލީގައި އުޅެނީ. އަމިއްލަ މީހެއްގެ ކައިރީ ވަޒީފާ އަދާކުރާތާ މިހާރު އަށެއްކަ މަސްވެއްޖެ.] އީވާން ބުންޏެވެ.

[މުސާރަ ރަނގަޅުތަ. އަހަރެންވެސް ބޮޑަށް އުޅޭހިތްވަނީ މާލޭގެ ޖޮބެއްގައި. އެކަމަކު އެކަށީގެންވާ މުސާރައެއް މާލޭގައި ހުރެގެން ނުލިބޭނެވިއްޔަ.] ވާސިލް ބުންޏެވެ.

[މުސާރަ ގޯހެއް ނޫން. ހަހާސް ރުފިޔާ މުސާރައަކީ. މީގެއިތުރުން ހުންނާނެ ތަނެއް ދީފައިހުރޭ. ކެއުން ލިބޭ. އެހެނިހެން ޢިނާޔަތްތައްވެސް ލިބޭ....] އީވާން އޭނާގެ ސައިކަލް ޕާކިންގ ޒޯންގައި ޕާކްކޮށްލިއެވެ.

[ހިނގާ ކޮފީއަކަށްދަމާ. އަހަރެން އެބަޖެހޭ، މިރޭވެސް ވިލިނގިއްޔަށް ދާން.] ވާސިލް އެދިމާގައި ހުރި ކެފޭއަކަށް ވަނެވެ. ފަހަތުން އީވާންވެސް ވަނެވެ.

[ކީއްކުރަންތަ، ވިލިނގިއްޔަށް ދަނީ. މިހާރުވެސް އެރިޒޯޓްގައިދޯ ތިއުޅެނީ.] އީވާން އެއްސެވެ.

[އާނ...ފުރަތަމަވެސް ދިޔަ ރަށުގައި މިއުޅެނީ. އެމީހުން އަހަންނަށް ވަރަށް ރަނގަޅު.] އޭގެފަހުން ވާސިލް، އޭނައަށް ދިމާވެގެން އުޅޭ ކަންތަކާއި، މިހާރު ކުރިމަތިލުމަށް ތައްޔާރުވަމުންދާ މަސައްކަތުގެ ތަފްޞީލްވެސް އީވާނަށް ދިނެވެ. އެހެން ނަމަވެސް، އީވާން އެއްވެސް ބިރެއްނުގަނެއެވެ. އޭނާއަކީ ސްކޫލް ދައުރުގައިވެސް ވަރަށް ބިރުކުޑަ ކަމަށް މަޝްހޫރު ޒުވާނެކެވެ. އޭނާ ކުރިމަތިލައިފިނަމަ، ޖެހިލުންވާ އެއްވެސް ކަމެއް ނުވެއެވެ. ވާސިލް އޭނާއަށް އެވާހަކަ ކިޔައިދިނީވެސް އެހެންވެގެންނެވެ. އީވާނަކީ ހުޝިޔާރު މީހެއްކަން އޭނާއަށް އެނގޭތީއެވެ.

[އަހަރެންވެސް ބޭނުން، މިރޭ ތިޔަ މަންޒަރު ލައިވްކޮށް ބަލަން ދާން. އަހަރެން ގެންދަންވާނެ.] އީވާން އެދުނެވެ.

[މައްސަލައެއް ނެތް. އެކަމަކު ބުނަން އަދި އެއްވެސް މީހެއް ގާތު މިވާހަކަ ދައްކައިގެން ނުވާނެ. އެހެން ނޫނީ މިކަން ކާމިޔާބު ނުކުރެވޭނެ. ހަވީރު ވިލިނގިއްޔަށް ދަމުން އަހަރެން ގުޅާނަން. ހުސްވެގެން ހުންނާތި.] ވާސިލް މިހެން ބުނެފައި ކޮފީއަށް އޯޑަރު ދިނެވެ.

[މިހާރު މެރީކުރީތަ؟] ވާސިލް އެއްސެވެ.

[ނޫނޭ ރަނގަޅު ކުއްޖަކު އަދި ނުފެނިގެން މިއުޅެނީ. މިއަހަރުގެ ރޯދައަށް ރަށަށް ދާން ކަމަށް މިއުޅެނީ. ރަށަށް ގޮސް ވަރަށް ބޮޑަށް ދުރުމީ އަޅާނަން.] އީވާން ބުންޏެވެ. އީވާނަކީ މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އަތޮޅުގެ ޒުވާނެކެވެ.

[މިހާރު ތިއަތޮޅުގެ އިޤްތިޞާދުވެސް ރަނގަޅުވާނެއެއްނު. މާދަމާ ރިޒޯޓް އެހުޅުވެނީ. ކޮންމެ ނިޔަތެއްގައި ކޮށްދެއްވިޔަސް، ކަލޭމެނަށް ހާދަ ކަންތަކެއް އެބަފަހިވެޔޭ.......ހެރެތެރެއަށް އެޕްލައި ނުކުރަންތަ؟] ވާސިލް ބުންޏެވެ.

[ކީއްކުރަން....އެޕްލައި ކުރިޔަސް، ނުލިބޭނެ. އެތަނުގައި އަހަރެމެންނަށް ހުރި ވަޒީފާތަކަކީ، ވެއިޓަރުންނާއި ރޫމްބޯއިން. އިސް އެއްވެސް މަޤާމަކަށް ދިވެހިން ނުނަގާ. އެއީ ހަމަ އަނދުން.] ހެރެތެރޭގެ ކަންތައްތައް، ކުރިއަށްދާ ގޮތާމެދު ހިތްހަމަނުޖެހިފައި އިނދެ އީވާން ބުންޏެވެ.

[އެކަމަކު އެމީހުން އެބުނަނީނު، އައްޑޫ މީހުންނަށްޓަކައޭ، އެތަން ހަދައި ހުޅުވަނީ.] ވާސިލް ބުންޏެވެ.

[ކޮންތާކު، އައްޑުއަތޮޅު މީހުން އެބުނަނީނު، އެމީހުންގެ ބަހާއި ޢަމަލު ދިމައެއްނުވެޔޭ. ޙަޤީޤަތަކީ އެއީ. ކީއްވެތަ އެމީހުންނަށް އައްޑޫ މީހުންނަށް އިތުބާރު ނުކުރެވެންވީ.] އީވާން ބުންޏެވެ. އެކަމަކު އޭނާ ބުނީ، އޭނާވެސް ބޭނުންވަނީ އަތޮޅުގައި ވަޒީފާ އަދާކުރަން ކަމަށާއި، އެހެން ނަމަވެސް، އެކަން ކުރެވެން އަންނަނީ، އެކަށީގެންވާ ވަޒީފާތަކެއް ރަށުން ލިބިގެން ކަމަށެވެ.

[ކުރިއަށް އޮތްތާ، ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.] ވާސިލް ބުންޏެވެ.

މިހާރު ޝެހެނާއާއި ނަވާޒްގެ ކައިވެނިވެސް ކުރެވޭނޭ ތާރީޚް ކަނޑައެޅިއްޖެއެވެ. ޝެހެނާ މިހާރު އެހުންނަނީ ހުރިހާ ގޮތަކުންވެސް ހިތްހަމަޖެހިފައެވެ.

[އަހަންނާއެކު ބޭބެގެ ކައިވެނިވެސް ކުރަންވީނު. އަހަރެން ވަރަށް ބޮޑަށް އެދެން، އަހަރެންގެ ކައިވެންޏާއެކު ބޭބެގެ ކައިވެނި ހަމަޖައްސަން.] ޝެހެނާ ވާހަކަ ދެއްކީ، އޭނާގެ ބޭބެ ޒާއިޝްއާއެވެ.

[ބޭބެވެސް މިހާރު ވިސްނަމުން މިދަނީ ކޮއްކޮގެ ކައިވެނިކުރެވޭ ދުވަހަކީ، ބޭބެމެންގެ ކައިވެނިވެސް ކުރެވޭނެ ދުވަހަށް ހެދުމަށް.] ޑޮކްޓަރ ޒާއިޝް ބުންޏެވެ. އެދުވަހު ޒާއިޝް އޭނާގެ ބައިވެރިޔާ އަމީޝާއާ ވާހަކަ ދެއްކުމަށްފަހު، ޝެހެނާގެ ކައިވެންޏާއެކު، އެމީހުންގެ ކައިވެނިވެސް ކުރުމަށް ނިންމިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން