މިދިޔަ ޖުލައި މަހު ރާއްޖެއަށް ރިކޯޑު އަދަދަކަށް ފަތުރުވެރިން އައިސްފައިވާކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި މަހުގެ 30 ވަނަ ދުވަހާއި ހަމައަށް، ރާއްޖެއަށް 161،443 ފަތުރުވެރިން އައިސްފައި ވެއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއީ މިދިޔަ ފަސް އަހަރު ތެރޭގައި ޖުލައި މަހެއްގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި މަހެވެ.

އެގޮތުން 2024 ޖުލައި 30ގެ ނިޔަލަށް 161،443 ފަތުރުވެރިން އައިސްފައިވެއެވެ.

2023 ޖުލައި 30ގެ ނިޔަލަށް އައިސްފައި ވަނީ 141،162 ފަތުރުވެރިންނެވެ.

2022 ޖުލައި 30ގެ ނިޔަލަށް 129،232 ފަތުރުވެރިން އައިއިރު 2021 ޖުލައި 31ގެ ނިޔަލަށް އައީ 101،818 ފަތުރުވެރިންނެވެ.

2020 ޖުލައި 31ގެ ނިޔަލަށް 1،752 ފަތުރުވެރިން އައިއިރު އޭގެ ކުރީ، 2019 ޖުލައި 31ގެ ނިޔަލަށް އައިސްފައި ވަނީ 132،144 ފަތުރުވެރިންނެވެ.

މި ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ޖުލައި މަހު ރާއްޖެއަށް ވަނީ ރެކޯޑް އަދަދަކަށް ފަތުރުވެރިން އައިސްފައެވެ. އަދި އެއީ މިދިޔަ އަހަރުގެ ޖުލައި މަހާއި އަޅާކިޔާއިރު، 14 އިންސައްތަ އިތުރުވުމެކެވެ.

މީގެ ކުރިން މި ދުވަސްވަރަކީ ރާއްޖެއަށް ފަތުރުވެރިން އެންމެ މަދުން އަންނަ ދުވަސްވަރު ކަމުގައި ވީނަމަވެސް މިއަހަރުގެ މި ދުވަސްވަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިހާރު މަތިވަމުންދާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

މި އަހަރު ރާއްޖެ އަށް އެއް މިލިއަން ވަނަ ފަތުރުވެރިޔާ ވެސް އައިސްފައި ވަނީ އެހެން އަހަރުތަކަށް ވުރެ އަވަހަށްކަަންވެސް ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި މިވަގުތު 182 ރިސޯޓެއް އޮޕަރޭޝަނަށް ގެނެސްފައިވާ ކަަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން 14 ހޮޓަލަކާއި، 867 ގެސްޓްހައުސް އެއް އޮޕަރޭޝަނަށް ގެނެސްފައިވާއިރު 152 ސަފާރީ އުޅަނދު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޙަފީޒާ

13-Aug-2024

ރިކޯޑު އަދަދަކަށް ފަތުރުވެރިން އަންނަނީ ރާއްޖޭގެ ރިޒާވްގައި އެއްމަސް ދުވަހަށްވާވަށް ވެސް ލާރިއެއްނެތް މިވަނީ ކިހިނެއްތަ!



ޓްރެންޑިން