އޮޓޯއިމިއުން ހެޕަޓައިޓިސްގެ ސަބަބުން ފުތަމޭ ހަލާކުކޮށްލާ- ގޫގުލް ފޮޓޯސް
އޮޓޯއިމިއުން ހެޕަޓައިޓިސްގެ ސަބަބުން ފުތަމޭ ހަލާކުކޮށްލާ- ގޫގުލް ފޮޓޯސް
އޮޓޯއިމިއުން ހެޕަޓައިޓިސް އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމުން ފުރަމެއަށް ހަމަލާދިނުމުން ޖެހޭ ފުރަމޭގެ ބައްޔެކެވެ. މިކަމުގެ ސަބަބުން ފުރަމޭ ދުޅަވެ، ފުރަމެއަށް ގެއްލުން ލިބެއެވެ. ހުޅުތަކުގައި ރިއްސުމާއި، ބަނޑަށް އެކި ކަހަލަ އުނދަގޫތައް ކުރިމަތިވުމާއި، އަދި ވަރުބަލިވުމަކީ މި ބަލީގެ އެންމެ އާންމު އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

އަމްރިތާ ހޮސްޕިޓަލުގެ ފުރަމޭގެ ބަލިތަކާ ބެހޭ ޑިޕާޓްމެންޓުގެ އެސިސްޓެންޓު ޕްރޮފެސަރ ޑޮކްޓަރު ރޯހިތު މެހެތާނީ، އެޗްޓީ ލައިފްސްޓައިލް އަށް ދާދިފަހުން ދެއްވި އިންޓަވިއުއެއްގައި ވަނީ އޮޓޯއިމިއުން ހެޕަޓައިޓިސް ބައްޔާއި ބެހޭގޮތުން ވަރަށް ތަފްސީލުކޮށް ވިދާޅުވެދެއްވާފައެވެ. އެގޮތުން މިބަލި ޖެހެން މެދުވެރިވާ ސަބަބުތަކާއި މި ބަލި ޖެހުމުން ދިމާވާ ކަންކަމާއި، މިބަލީގައި އެންމެ ފުރަތަމަ ފެންނާނެ އަލާމާތްތަކާއި، އަދި މި ބަލިޖެހުމުން ދެވޭނެ ފަރުވާތައްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޑރ. ރޯހިތު ވިދާޅުވީ މި ބަލި ޖެހުމުން ހަށިގަނޑުގެ ދިފާއީ ނިޒާމުން ފުރަމެއަށް ހަމަލާދޭން ފަށާކަމަށެވެ. އަދި މިކަމުގެ ސަބަބުން ފުރަމޭގައި ފާރުހެދި، ފުރަމޭ ދުޅަވުމަށް މެދުވެރިވާ ކަމަށެވެ.

ބަލީގެ އެންމެ ކުރީގެ އަލާމާތްތައް:

⁃ މާ ބޮޑަށް ވަރުބަލިވުން ނުވަތަ އަބަދު ވަރުބަލިވާހެން ހީވުން.

⁃ ގައިގައި ހިރުވުން.

⁃ ގައިގެ ތަންތަން ރީނދޫވުމާއި، ލޮލުގެ ހުދުބައި ރީނދޫވުން (ޖޯންޑިސް)

⁃ ބަނޑުގެ ކަނާތް ފަރާތުގައި ރިއްސުން ނުވަތަ އުނދަގޫވުން

⁃ މާ ބޮޑަށް ބަރުދަން ލުއިވުން

⁃ ހުޅު ތަކުގައި ރިއްސުން ނުވަތަ މަސްގުޅަ ކެއުން

⁃ ކާހިތް ނުވުން

⁃ މޭ ނުބައި ކުރުން

⁃ ގައިގައި ތަންތަން ރަށްވެފައި ހުރުން ނުވަތަ ފާރުވުން

⁃ ރޯގާ ޖެހުމުގެ އަލާމާތްތައް ފެނުން

މި ބަލީގެ މާ ބޮޑު އަލާމާތްތަކެއް ނެތް މީހުންގެ ފަރާތުންވެސް މި ބަލި ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑރ. ރޯހިތު ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވެފައިވާގޮތުގައި މި ބަލި ހުންނަ ފަރާތްތަކުގެ ރޫޓިން ލޭގެ ޓެސްޓުތަކުގައި އޭއެސްޓީ އަދި އޭއެލްޓީ އިތުރުވެއެވެ.

ފުރަތަމަ މަރުހަލާގެ ފެންނާނެ އަލާމާތްތައް:

މި ބަލީގެ ފުރަތަމަ މަރުހަލާގެ ބައެއް އަލާމާތްތަކުގެ ތެރޭގައި އެނޮރެކްސިއާ އާއި، ހުން އައުމާއި، މޭ ނުބައިކުރުމާއި، ހޮޑުލުމުގެ އިތުރުން ޖޯންޑިސް (ރީނދޫވާ ބަލި) ހިމެނޭ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ޑރ. ރޯހިތު އިތުރަށް ވިދާޅުވިގޮތުގައި މި ބަލި ފުރަތަމަ ދެނެގަނެވޭ އިރު، ގިނަ މީހުންނަށް ހުންނަނީ ސިރޯސިސް (ފުރަމޭގެ ބަލީގެ އެންމެ ފަހު މަރުހަލާ) ޖެހިފައިއެވެ. އަދި ސިރޯސިސް ޖެހިގެން އަންނަ މީހުންގެ ކިބައިން ފެންނަ އަލާމާތްތަކުގެތެރޭގައި ރީނދޫވުމާއި، ހޮޑުލާއިރު އަދި ބޮޑުކަމުދާއިރު ލޭ ހުރުމާއި، ބަނޑުގައި ފެން އުފެދުމާއި، ކަންތައްތައް އޮޅުން އެރުމާއި، އަދި ހޭނެތުން ހިމެނޭ ކަމަށްވެސް ޑޮކްޓަރ މެހެތާ ވިދާޅުވެފައިވެއެވެ. އަދި މި ބަލީގެ އެންމެ ސީރިއަސް ހާލަތުގައި ބަލީމީހާގެ ފަރާތުން ފެންނަ ކަންތައްތަކުގެ ތެރޭގައި ފުރަމޭ ފެއިލް ވުމާއި، މީހާއަށް އޮޅުން ބޮޅުން އެރުމާއި، އަދި މީގެ އިތުރުން ކޯމާއަކަށް ދިއުން ހިމެނޭ ކަމަށްވެސް ރޯހިތު ވަނީ ވިދާޅުވެފައެވެ.

ބަލިޖެހުމަށް މެދުވެރިވާ ސަބަބު:

އޮޓޯ އިމިއުން ހެޕަޓައިޓިސް ޖެހުމަށް މެދުވެރިވާ ސީދާ ސަބަބެއް އަދި ހޯދިފައި ނުވާކަމަށް ޑރ. ރޯހިތު ފާހަހަގަކުރެއެވެ. ނަމަވެސް ވިޓިލިގޯއާއި، ޓައިޕް 1 ހަކުރުބަލިއާއި، އޮޓޯއިމިއުން ތައިރޮއިޑް ޑިޒީޒްއާއި، ރޫމޭޓޮއިޑް އާތުރައިޓިސްއާއި، އަލްސަރޭޓިވް ކޮލައިޓިސްއާއި، ލޫޕަސް ނުވަތަ ސީލިއަކް ޑިޒީޒް ފަދަ ބަލިތައް ޖެހިފައިވާ މީހުންނަށް އޮޓޯއިމިއުން ހެޕަޓައިޓިސް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ޑޮކްޓަރު ވަނީ ވިދާޅުވެފައެވެ.

ބަލި ހުރިކަން ދަނެގަންނާނެގޮތް:

ޑޮކްޓަރ މެހެތާ ވިދާޅުވިގޮތުގައި ފުރަމެއަށް ދިމާވާ މައްސަލަތަކުގެ ސަބަބު ނޭނގޭނަމަ ކޮންމެ ފަހަރަކުވެސް އޮޓޯއިމިއުން ހެޕަޓައިޓިސް އަށް ޓެސްޓު ކުރަން ޖެހޭނެއެވެ. އެގޮތުން މި ބަލި ހުރިކަން ޔަގީންކުރުމަށް ހަދާ ލޭގެ ޓެސްޓުތަކުގެ ތެރޭގައި އިމިއުނޯގްލޮބިއުލިންސް (އައިޖީޖީ) އާއި އޮޓޯ އެންޓިބޮޑީސް (އޭއެންއޭ، އެސްއެމްއޭ، އެލްކޭއެމް-1 ) ޓެސްޓުތައް ހިމެނެއެވެ.

ބަލީގެ ފަރުވާ:

މީގެ އިތުރުން ޑޮކްޓަރު ރޯހިތު ވިދާޅުވަނީ އޮޓޯއިމިއުން ހެޕަޓައިޓިސް އަށް ފަރުވާ ދިނުމުގައި ބޭނުން ކުރާނީ ސްޓިރޮއިޑްސް އާއި އަޒާތިއޮޕްރިން ފަދަ ބޭސްތައް ކަމަށެވެ. މިބޭސް ބޭނުން ކުރުމުން މީހާގެ ދިފާއީ ނިޒާމު މަސައްކަތްކުރާ މިންވަރު މަދުކޮށް، މި ބަލި ހުއްޓުވުމަށް މަސައްކަތް ކުރުވައެވެ. އަދި ފުރަމޭގައި ހުންނަ ފާރުތައް ރަނގަޅު ކުރުމަށްވެސް އެހީވެދޭ ކަމަށްވެސް ޑޮކްޓަރު ވިދާޅުވިއެވެ. ނަމަވެސް އެޑްވާންސްޑް ސިރޯސިސް ހުންނަ މީހުންނާއި ފުރަމޭ ފެއިލްވެފައިވާ މީހުން ބަލިން ރަނގަޅުވާނީ ލިވާ ޓްރާންސްޕްލާންޓު ހައްދައިގެން ކަމަށް ޑޮކްޓަރ ރޯހިތު މެހެތާ ފާހަގަކުރައްވައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން