ބޯހިޔާވަހިކަމުގެ މަޝްރޫގެ ތެރެއިން އަޅާފައިވާ ފްލެޓްތަކުގެ ކުލިންބައެއް މާފު ކުރުމުންވެސް ކުލި ނުދައްކާތީ، ކުލި ނުދައްކާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ހައުސިންގް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުފުދުޅާ އެއްގޮތަށް، މާލެއާއި ރާއްޖޭގެ ކަންކޮޅުތަކުގައި ތަރައްގީ ކޮށްފައިވާ ހައުސިންގް ޔުނިޓްތަކުން މަހުން މަހަށް ދައްކަން ޖެހޭ ފައިސާގެ 20 އިންސައްތަ މައާފު ކޮށްދީފައިވާ ކަމަށެވެ.

އަދި މި އަހަރުން ފެށިގެން މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ދެއްކުމަށް ޔުނިޓްގެ ވެރިފަރާތަށް އަންގާފައިވާނެ ކަމަށެވެ.

ނަމަވެސް އަދިވެސް ގިނަ ފަރާތްތަކުން ކުލި ނުދައްކާތީ، މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ގަވާއިދުން ދެއްކުމަށް މިނިސްޓްރީން އިލްތިމާސް ކުރިއެވެ. އޭގެ އިތުރުން މިނިސްޓްރީން ބުނީ، ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކާއި ކަނޑައެޅިފައިވާ ބޭނުން ނޫން އެހެން ބޭނުންތަކަށް ޔުނިޓް ބޭނުން ކުރުމާއި، ގަވާއިދާ ހިލާފަށް ތަނަށް ބަދަލު ގެނައުމުގެ އިތުރުން ކުއްޔަށްދޭ މައްސަލަ ބަލާނެ ކަމަށެވެ.

އެގޮތުން ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން