ސިނގިރެޓް
ސިނގިރެޓް
އަހަރަކު 400 މިލިއަން ސިނގިރޭޓް ރާއްޖެއަށް އެތެރެކުރާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން ޢާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް ސިނގިރޭޓް އެތެރެކުރުމަށް އަހަރެއްގެ މައްޗަށް، 1.8 ބިލިއަން ރުފިޔާ ހޭދަކުރެއެވެ. އަދި އަހަރެއްގެ މައްޗަށް ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓްގެ ޢަދަދަކީ 400 މިލިއަން ކަމަށްވެސް ތަފާސްހިސާބުތަކުގައިވެއެވެ.

އޭގެ އިތުރުން ޝީޝާގައި ބޭނުންކުރާ ދުންފަތާއި އީ-ސިނގިރޭޓް އެތެރެ ކުރުމަށް އަހަރެއްގެ މައްޗަށް އެތަކެއް ލައްކަ ރުފިޔާ ހޭދަކުރާކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އެޗްޕީއޭ އިން ބުނީ ރާއްޖޭގައި 13 އަހަރާއި 17 އަހަރާއި ދެމެދު ޢުމުރު ފުރައިގެ ކުދިން ޢުމުރުން 8 އަހަރުގައި ދުންފަތުގެ އިސްތިޢުމާލުކުރަން ފަށާ ކަމަށެވެ. އަދި 2019 ގެ ހިސާބުތައް ދައްކާގޮތުން ދުންފަތުގެ އިސްތިޢުމާލުކުރާ ކުދިންގެ ޖުމްލަ ނިޞްބަތްވަނީ 11.2 އިންސައްތައިން 45.7 އިންސައްތައަށް އިތުރު ވެފައިކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގައިވެސް ދުންފަތުގެ ބާވަތްތައް ބޭނުންކުރުމުން ގިނަ ޢަދަދަކަށް މީހުން ބަލިތަކަށް ހުށަހެޅި، މި ކަމަށް ފަރުވާ ކުރުމަށް އަމިއްލަ ޖީބުންނާއި ދައުލަތުން ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ޒުވާން އާބާދީއާއި މެދުއުމުރު މީހުންގެ މެދުގައި، ދިގުމުއްދަތަށް ބޭސް ކުރަންޖެހޭ ބަލިތައް އިތުރުވަމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

“ސްކޫލް ކުދިންނާއި ވަޒީފާ އަދާ ނުކުރާ ޒުވާނުން ހިމެނޭހެން، ދުންފަތުގެ އެކިއެކި ބާވަތްތައް ގަނެ ބޭނުން ކުރުމަށް ތިމާއަށްލިބޭ އާމްދަނީގެ ބޮޑުބައެއް ހޭދަކުރަންޖެހެއެވެ. އެހެން ކަމުން ދުވަހުން ދުވަހަށް މަހުން މަހަށް ޚަރަދުތައް ހަމަޖެއްސުމަށް އެފަރާތްތަކަށް ގޮންޖެހުމަކަށް ވެއެވެ.” އެޗްޕީއޭއިން ބުނެފައިވެއެވެ.

އަދި އެކަމުގެ ސަބަބުން ޤައުމުގެ އުފެއްދުންތެރިކަމާއި ތަރައްޤީއާއި އިޤްތިޞާދަށް ނޭދެވޭ އަސަރު ކުރާކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އެޗްޕީއޭ އިން ބުނެފައިވަނީ ޒުވާނުންނާއި މެދު އުމުރުގެ މީހުންގެ ތެރޭގައި މިފަދަ ޙާލަތްތައް ދިމާވެ ވަޒީފާ އަދާނުކުރެވޭފަދަ ހާލަތްތަކުގައިވާ މީހުން ގިނަވަމުން ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން