މިއަދަކީ ދިވެހިންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޚިދުމަތްތައް ހުއްޓުމަކަށް ގެނައުމުން ދިވެހީންނަށް ނުހަނު ބޮޑު ތަކުލީފެއް އުފުލަންޖެހުނު ދުވަހަކަށެވެ.

"ދިވެހިންގެ ބޭންކު"ގެ ހިދުމަތްތައް 10 ގަޑިއިރު ވަންދެން ހުއްޓިފައި ހުރުމުގެ ސަބަބުން ކަސްޓަމަރުންގެ ދުވަހުގެ ކަންކަމަށް ކުރަންޖެހޭ ހަރަދުތައް ކުރުމަށް ދަތިވެ، މުޅިދުވަހުގެ ކަންކަން ކުރުމަށް ހުރަސް އެޅިފައެވެ. އެހެންކަމުން އޭގެ ސަބަބުން އެތައް ބަޔަކަށް ދަތިތަކަކާ ކުރިމަތިލާން ޖެހުނު ދުވަހެކެވެ.

އެގޮތުން އެތަނުގެ ޚިދުމަތްތައް މެދުކެނޑުމުން ކަސްޓަމަރުން، އެފަރާތްތަކުން ބީއެމްއެލްގެ އެކައުންޓަށް ލާފައިވާ ފައިސާ ބޭނުން ނުކުރެވޭ ކަމުގެ ޝަކުވާތައް މުޅި މިސްމީޑިއާގެ ޕްލެޓްފޯމްތަކުގައި ވަނީ ބަންޑުންކޮށްލާފައެވެ.

މި މައްސަލަ ދިމާވެފައި ވަނީ ރޭ ފަތިހު ކަމަށް ކަސްޓަމަރުން ބުނެފައިވާއިރު ބީއެމްއެލް އިންވެސް ވަނީ އެކަން ކަށަވަރު ކޮށް ދީފައެވެ. ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން ދެމުންދާ ޚިދުމަތްތަކުގެ ތެރެއިން ޕީއޯއެސް، އޭޓީއެމް، އިންޓަނެޓް އަދި މޯބައިލް ބޭންކިންގެ ހިދުމަތަށް މެދުކެނޑުމެއް އައިސްފައިވާ ކަމަށެވެ.

“ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ޕީއޯއެސް، އޭޓީއެމް، އިންޓަނެޓް އަދި މޯބައިލް ބޭންކިންގެ ހިދުމަތް ވަނީ މެދުކެނޑިފައި.” ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ބުނީ ބީއެމްއެލް ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ބޭނުންކުރާ ކަސްޓަމަރުންގެ އިތުރުން އެހެން ބޭންކުތަކުން ދޫކުރާ ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ބީއެމްއެލްގެ ޕީއޯއެސް ނެޓްވޯކް ބޭނުންކުރުން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ޚިދުމަތްތަކަށް ބުރޫ އެރުމާގުޅިގެން ދިމާވި ދަތިތަކަށް އެ ބޭންކުން ވަނީ މައާފަށް އެދިފައެވެ. ބީއެމްއެލް އިން ބުނީ ވީހާވެސް އަވަހަކަށް މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެތައް ގަޑިއިރަކަށް ބޭންކުގެ އިންޓަނެޓް ބޭންކިން ޚިދުމަތަށް ބުރޫއެރުމުގެ ސަބަބުން ބީއެމްއެލްގެ ޚިދުމަތް ހޯއްދަވާ ކަސްޓަމަރުންނަށް މިއަދު ނުހަނު ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. ގިނަ ފަރާތްތަކުން ބުނީ އެމީހުންގެ އަތުގައި ފައިސާ ބަހައްޓައިގެން ވިޔަފާރީގެ މުއާމަލާތް ނުކުރާ ކަމަށާއި މިހާރު ވިޔަފާރީގެ މުއާމަލާތް ކުރަނީ އިންޓަނެޓް ބޭންކިންގެ ޚިދުމަތް ބޭނުންކޮށްގެން ކަމަށެވެ.

ރަސް އަށް މައުލޫމާތު ދެމުން ބީއެމްއެލްގެ ކަސްޓަމަރަކު ބުނީ އޭނާ ވިޔަފާރި ކުރަން ގޮސް މުދާ ނަގައިގެން ކައުންޓަރާ ހިސާބަށް ގޮސް އެޕް ހުޅުވަން މަސައްކަތް ކުރުމުން އެޕް ޑައުންވެފައިވާކަން އެނގުނު ކަމަށާއި އެވަގުތު އަތުގައި ފައިސާ(ކޭޝް) ނެތުމުން މުދާތައް ބަހައްޓާފައި ގެއަށް ދިޔައީ ކަމަށެވެ.

“އެހެން ދުވަހެކޭ އެއްގޮތަށް މިއަދުވެސް އޮފީހުގައި ހުރެފައި މިދިޔައީ ސައި ވަގުތު ހޮޓަލަށް. ސައިބޮއިގެން ބިލް އަތަށް ލިބުމުން ފައިސާ ދައްކަން އުޅުމުން އެނގުނީ އެޕް ޑައުން ވެފައި ހުރިކަން. އޭރު އަތަކު ނެތް ފައިސާއެއް” ރަސް އަށް މައުލޫމާތު ދެމުން ބީއެމްއެލްގެ ކަސްޓަމަރަކު ކަންބޮޑުވެ ހުރެ ކިޔައިދިނެވެ.

ބީއެމްއެލްގެ ހިދުމަތްތަކަށް ބުރޫނާރާ ދުވަސްވަރަކާ ކުރިމަތި ނުވާކަމަށް ބައެއް ކަސްޓަމަރުން ދަނީ ބުނަމުންނެވެ. އަދި ގައުމީ ބޭންކަށް ވެފައި މިހާ ގިނައިން އެޕް ޑައުންވާއިރު އެކަމަށް ހައްލެއް ހޯދަން އުޅޭތޯ އެއީ މިހާރު ކަސްޓަމަރުންގެ އެންމެ ބޮޑު އެއް ސުވާލެވެ.

“ބޭންކުގައި ރައްކާކުރަން ފައިސާ ލުމުން އެ ހިފަހައްޓައިގެން ނުވާނެ ދޯ. އަހަރެން ބޭންކަށް ފައިސާ ލަނީ އެ ރައްކާކުރަން. ބޭނުން އިރަކުން ލިބެން ޖެހޭނެ.” އެޕް މެދުވެރިކޮށް ފައިސާ ނުލިބުމުން ކަސްޓަމަރަކު ކަންބޮޑުވެ ހުރެ ކިޔައިދިނެވެ.

ކަސްޓަމަރުން ބުނާ ގޮތުގައި ބީއެމްއެލްގެ އެޕަށް މައްސަލަތައް ދިމާވުން އެއީ މިހާރު އާންމު ކަމަކަށް ވެފައިވާ ކަމަށެވެ. އަދި މިހާރު ބީއެމްއެލްއަށް ބަރޯސާ ނުވެވޭ ހިސާބަށް މިކަން ގޮސްފައިވާ ކަމަށް ބައެއް ކަސްޓަމަރުން ދަނީ ބުނަމުންނެވެ.

ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގ ހިދުމަތް މިއަދު 14:30 ހާއިރު ވަނީ ރަނގަޅު ކޮށްފައިކަން ފާހަގަ ކުރެވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެސް ބީއެމްއެލް އެޕް ވަނީ ޑައުންވެފައެވެ. އެ ދުވަހު އެޕް ރަނގަޅު ވީ މައްސަލަ ޖެހުނުތާ ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން