ޕީސީއޯއެސްގެ ސަބަބުން ހަންގަނޑަށް އެކި މައްސަލަތައް ދިމާވޭ- ގޫގުލް ފޮޓޯސް
ޕީސީއޯއެސްގެ ސަބަބުން ހަންގަނޑަށް އެކި މައްސަލަތައް ދިމާވޭ- ގޫގުލް ފޮޓޯސް
ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމް (ޕީސީއޯއެސް) ނުވަތަ އޯވަރީގައި ސިސްޓު އުފެދުމަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި ވަރަށް އާންމު ވަމުން އަންނަ އަދި ގިނަ ބަޔަކު ތަހައްމަލު ކުރަމުން އަންނަ ބައްޔެކެވެ. މި ބައްޔަކީ އަންހެނުންނަށް ކުރިމަތިވާ ހާލަތަކަށް ވާއިރު، މި ބަލީގެ ސަބަބުން އަންހެނުންގެ ގައިގައި ހުންނަ ހޯމޯނު ލެވެލްތަކަށް ބަދަލު އައިސް، އޯވަރީގައި ސިސްޓު އުފެދުމަށް މެދުވެރިވެއެވެ.

މި ބަލީގެ ސަބަބުން ބަލި ޖެހިފައި ތިބޭ މީހުންނަށް އެކިކަހަލަ ދަތި އުނދަގޫތަކެއް ކުރިމަތިވެއެވެ. އެގޮތުން ސިއްހީ އެތައް މައްސަލަ ތަކާއި ދަރިމައިވުމަށް އުނދަގޫވުން ފަދަ ކަންކަން ހިމެނެއެވެ. ނަމަވެސް މި ބަލި ހުންނަ ކަން އަވަހަށް ދެނެގަނެވިއްޖެ ނަމަ މި ބައްޔަށް ފަރުވާ ހޯދަން ފަސޭހަވެއެވެ. ތިރީގައި މި ހިމަނާލަނީ މި ބަލި ހުންނަ ފަރާތްތަކުގެ ކިބައިން ފެންނާނެ ބައެއް އަލާމާތްތަކެވެ.

ހަންގަނޑަށް ބަދަލުތައް އައުން:

ޕީސީއޯއެސް ހުންނަ ނަމަ ހަންގަނޑަށް ވަރަށް ގިނަ ބަދަލުތައް އަންނާނެއެވެ. އޭގެ ތެރޭގައި މޫނުގައި ބިހިނެގުމާއި، މޫނު ރަތް ވުމާއި، މޫނުގެ އެކި ތަންތަން ކަޅުވުމާއި، އަދި މޫނުގައި އާދަޔާ ހިލާފަށް އިސްތަށި ގިނަވުން ފަދަ ކަންތައްތައް ހިމެނެއެވެ. މިބަލީގެ ސަބަބުން ހަންގަނޑަށް މިފަދަ ބަދަލުތައް އަންނަނީ މި ބަލި ޖެހިފައިވާ މީހުންގެ ހަށިގަނޑުގައިވާ ހޯމޯނު ލެވެލްތަކަށް އަންނަ ބަދަލުގެ ސަބަބުންނެވެ.

ބަރުދަން އިތުރުވުން:

ޕީސީއޯއެސް ހުންނަ މީހުންގެ ބަރުދަނަށް ބޮޑެތި ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެކެވެ. މިހެން މިކަން ވަނީ ޕީސީއޯއެސް ގެ ސަބަބުން ހަށިގަނޑުގައި ހުންނަ ހޯމޯނު ލެވެލްތަަކަށް ބަދަލު އަންނާތީއެވެ. އެގޮތުން ހޯމޯނު ތަކަށް އަންނަ ބަދަލުގެ ސަބަބުން މި ބަލި ހުންނަ މީހުންގެ ބަރުދަން ވަރަށް ބޮޑަށް އިތުރުވެއެވެ. މާ ބޮޑަށް ބަރުވެ، ބަރުދަން ލުއިކުރަން ކުރާ މަސައްކަތްތަކުން އެއްވެސް އަސަރެއް ނުކުރާނަމަ ޑޮކްޓަރަކަށް ދައްކައި މި ބަލި ހުރިތޯ ބެލުމަކީ ވަރަށް މުހިންމު ކަަމެކެވެ.

މައްސަރު ކަންތައްތަކުގެ މައްސަލަތައް:

މައްސަރު ކަންތައް އެ ވާން ޖެހޭ ގޮތަކަށް ނުވެ މާ ބޮޑަށް ލަސްވުން (އިރެގިއުލާ ޕީރިއަޑް) އަކީ ވެސް ޕީސީއޯއެސް ގެ އަލާމަތެކެވެ. މިއީ މި ބަލި ހުންނަ މީހުންގެ ކިބައިން އެންމެ ގިނައިން ފެންނަ އެއް އަލާމާތްވެސްމެއެވެ. އަދި މި ބަލި އެންމެ އަވަހަށް ދެނަގަނެވެނީވެސް މި މައްސަލަ ކުރިމަތިވުމުންނެވެ. އަބަދުވެސް މައްސަރު ކަންތައް މާ ބޮޑަށް ލަސްވެ، ދެތިން މަސް ވަންދެން ޕީރިއަޑު ނުވެ ހުންނަ ނަމަ އެއީ ޕީސީއޯއެސް ގެ އަލާމާތެކެވެ. ވީމާ މިގޮތަށް ވާނަމަ ވީހާވެސް އަވަހަށް އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކަށް ދައްކައި ފަރުވާ ހޯދަން ޖެހެއެވެ.

ދިގުދެމިގެންދާ ތަދު އިހުސާސް ކުރެވުން:

ކްރޮނިކް ޕެއިން ނުވަތަ ދިގު މުއްދަތައް ދެމިގެންދާ ތަދު އިހުސާސް ކުރެވުމަކީވެސް ޕީސީއޯއެސްގެ އަލާމާތެކެވެ. ޕީސީއޯއެސް ގެ ސަބަބުން އޯވަރީތަކުގައި ސިސްޓު އުފެދެއެވެ. އަދި އޭގެ ސަބަބުން ދަށްބަނޑަށް އަބަދުވެސް ތަދުވެފައި ހުރުމަކީ ކުރިމަތިވެދާނެ ކަމެކެވެ. އެހެންކަމުން ދަށްބަނޑަށް އަބަދު ތަދުވާނަމަ ޑޮކްޓަރަކަށް ދައްކައި، އެކަމުގެ ފަހަތުގައި ވާ މައްސަލަ ބަލައި ދެނެގަންނަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން