image ގައްދޫ ރަޝީދު   17 އޯގަސްޓު 2020 - 5:56
ނިދީގައި އޭނާ ކަނާތް ފަރާތަށް އެނބުރުނެވެ. އިރުކޮޅަކު އެގޮތަށް އޮތެވެ. ދެން އަނެއްކާވެސް ވާތް ފަރާތަށް އެނބުރި ލައިފިއެވެ. ހަށިގަނޑު ކުރުގަޅުވާލައިފިއެވެ. އަދި ބަންޑުން ޖެހިލުމާއެކު ރަޖާގަނޑު ދަމާފައި ބޮލާއެކު އަޅާލިއެވެ.

މިއީ ޖަލީލާގެ ޕޭންޓްހައުސްގެ ނިދާކޮޓަރިއެވެ. މިކޮޓަރީގެ ހުވަފެނީ ފަޟާގައި ނިދިނަޔަސް ނިދޭނެއެވެ. ކޮޓަރީގެ ބޭރު ދެބިއްގަނޑަކީ މުޅިންވެސް ބިއްލޫރިއެވެ. ބިއްލޫރި ފާރުގެ މަގަތުން ނޫކުލައިގެ ފަށުވި ފަރުދާއެއް ދަމާލާފައިވެއެވެ. ތަޅުންގަނޑުގައި ނޫކުލައިގެ ކާޕެޓެއް އޮތެވެ. އެނދުވެސް ވަރަށް ރީއްޗެވެ. އެނދުގެ އެއްފަރާތުގައި އިންޑޮނޭޝިއާ ފާނޫޒު އެލުވާފައި ހުއްޓެވެ. އޭގެ ބޮކިތަކުން މަޑުނޫކުލައިގެ އައްޔެއް ކޮޓަރި ތެރެއަށް ފޮނުވާފައިވެއެވެ. މޭޒުމަތީގައި ހުރި ބިއްލޫރިތައްޓާ ޖަގުގެ ކުލައަކީވެސް ހަމަނުލެވެ. ގަދަނޫކުލައާއި މަޑުނޫކުލައަކީ ވަރަށްވެސް ރީތި ކުލައެކެވެ.

މިގެއަށް ޖަލާލީ ބަދަލުވިތާ މިއީ ތިންވަނަ ދުވަހެވެ. ގެރީތިވެފައި އަރާމު ބޮޑުވިވަރަކަށް ޖަލާލީގެ ސިކުނޑީގެ ހަމަނުޖެހުމާ ހާސްކަން އިތުރުވިއެވެ. ގެއާ ގޭގެ ވަށައިގެންވާ މާޙައުލު ފިސާރި ހިތްގައިމެވެ. މި ގެ ހަދާފައި މިވަނީ ފަރުބަދަ ކަނޑައިގެންނެވެ. ކަނާތް ފަރާތުގައި ފަރުބަދަ މަތިން އޮހޭގޮތަށް ފެންކޯރެއް ހަދާފައިވެއެވެ. އެފެންތައް އެޅެނީ ތިރީގައި ހަދާފައިވާ ކުޑަވަރެއްގެ ފެންގަނޑަކަށެވެ. ފެންގަނޑުގެ ވަށައިގެން ފަތްފެހި ގަސްތަކާ ކުލަކުލައިގެ މާމެލާމެލި ގަސްތައް ހައްދާފައިވެއެވެ. ހަމައެކަނި މިމަންޒަރުވެސް ޕޭންޓްހައުސްގެ ރީތިކަމަށް އިތުރު މުއްސަނދިކަމެއް ގެނެސްދެއެވެ. ޕޭންޓްހައުސްއަކީ މާމެލާމެލީގެ ދާއިރާއެއްގެ ތެރޭގައިވާ ރީތި ފުރިހަމަ ގެއެކެވެ. ގޭގައި ދުނިޔޭގެ ހުރިހާ ފަސޭހަތަކަކާ އަރާމެއް ލިބެންހުރެއެވެ. ގޭގެ ހުރިހާކަމެއް ހުންނަނީ ރިމޯޓް ކޮންޓްރޯލުން ކުރެވޭ ގޮތަށެވެ.

މިހާ ފުރިހަމަ ގެއެއްގައި އުޅޭއިރު ޖަލާލީއަށް މާބޮޑަށް އޭނާގެ ހުތުރު ސިފަ އިޙްސާސް ކުރެވެއެވެ. ގޭތެރޭގެ ރީތި ފަރުނީޗަރުތަކާ ވަށައިގެންވާ ޤުދްރަތީ ރީތިކަން އޭނާގެ ހުތުރު ސިފައަށް މަލާމާތްކުރާ ކަހަލައެވެ.

ފެށުނީއްސުރެ ޖަލާލީ އުޅެނީ ރީތި ގޭގޭގައެވެ. އޭނާ އަބަދުވެސް އުޅޭހިތްވަނީ ރީތި އަރާމު ތަންތަނުގައެވެ. އެކަމަކު މިއީ ޖާދޫގެ ގެއެކެވެ. ހުރިހާކަމެއް ރިމޯޓް ކޮންޓްރޯލެވެ. ބަޓަނަކަށް އޮބާލުމުން ދޮރު ހުޅުވިދެއެވެ. ފަރުދާ ކެހިގެންދެއެވެ. ބަދިގެ ހުޅުވިދެއެވެ. ފަޟާގައި މިއުޒިކްގެ ރީތި ރާގުތައް ކުޅެން ފަށައެވެ.

މިރީތި ފުރިހަމަ ގޭގައި ޖަލާލީ އުޅެމުންދެއެވެ. ބައެއްފަހަރު ގޭގެ ހުރިހާ އެއްޗެތިތައް ތަޅާ ފުނޑުފުނޑު ކޮށްލުމަށް އޭނާގެ ހިތައް އަރައެވެ. ފެންވަރާ ކޮޓަރީގައި ހުރި ލޯގަނޑުވެސް އޭނާގެ މިމޮޔަ ޚިޔާލުގެ ތެރޭގައި ހުރީ ތަޅާލާފައެވެ. އެލޯގަނޑު ބަދަލުކުރުމަށްޓަކާ އެތައް ސޭތަކަ ޑޮލަރެއް ޚަދަރުކޮށްލަން ޖެހުނެވެ. އެކަމަކު ބައެއް ފަހަރު މިގޭގައި އުފަލުން ނަށާ އުޅުމަށް އޭނާގެ ހިތްއެދެއެވެ. އަމިއްލަ ސިފައާމެދު ހިތްހަމަ ޖައްސާލައެވެ. އޭނާއަކީ ކުޑައިރު މީހުން ކިޔައިދޭ ފުލޯކު ވާހަކައިގައި އުޅޭ ދެޔޯއެއްކަމުގައި ދެކެއެވެ. މިދެޔޯއަކީ އެކި ޝަހަރުތަކުން ރީތި އަންހެން ކުދިން ޖަހައިގަނެގެން ގެނެސް އަމިއްލަ ގަނޑުވަރުގައި ހައްޔަރުކުރާ ދެޔޯއެވެ. އަމިއްލަ ބާރުގެ ދަށަށް އެއަންހެން ކުދިން ގެނެއެވެ.

އޭނާއަކީ ދެޔޯއެއް ކަމުގައި ހީކުރެވެން ފަށައިފިއެވެ.............. ދެން ބޭއިޚްތިޔާރުގައި ޕަރީންގެ ޝެހެޒާދީ ޖަހައިގަނެގެން އަމިއްލަ ބާރުގެ ދަށަށް ގެނައުމަށްޓަކައި އޭނާގެ ހިތް ކިޔަން ފަށައިފިއެވެ.

ޕަރީންގެ ޝަހެޒާދީއެވެ..........

ރީތި....... އޮމާން ބިއްލޫރި ކޮޅެއްފަދަ ކުއްޖެކެވެ.... ފަތް މިންޏެއް ކަހަލަ އަންހެނެކެވެ. ލޯހުޅުވާލުމުން މުޅި ކާއިނާތުގައި އޭނާގެ ލޯ ތަރަތަރަ ޖަހައިގެން ދާވަރުގެ ދޮން ކުއްޖެކެވެ. އެކުއްޖަކު ވާހަކަ ދައްކައިފިއްޔާ މުޅި ފަޟާގައި ރީތިރާގުތައް ކުޅެވޭކަހަލަ ކުއްޖެކެވެ. ޙަރަކާތެއް ކޮށްފިއްޔާ ދުނިޔޭގެ ހިތަށް ކުއްލިޝޮކެއް ލިބޭފަދަ ކުއްޖެކެވެ. ހިނގައިގެންފިއްޔާ ފަތިހުގެ ފިނިވައިރޯޅިވެސް އޭގެ ހަލުއިކަން ހަނދާން ނެތޭފަދަ އަސަރުގަދަ އަންހެނެކެވެ.

ޖަލާލީ މިފަދަ ޝަހެޒާދީއެއްގެ ތަސައްވުރުގައި ގެއްލިފައި އިދެއެވެ.

އެކަމަކު.........

ހޭވެރިކަމުގެ ދުނިޔެއަށް އެނބުރި އައުމުން އަމިއްލަ ޚިޔާލުގެ މޮޔަކަމާމެދު މަލާމާތް ލިބިގަނެއެވެ. ހާސްވެ ފިކުރުބޮޑުވެއެވެ. ބޭއިޚްތިޔާރުގައި ރޮއި ހަދައެވެ. ރުޅި އާދެއެވެ.

އެންމެ ކުޑައިރުއްސުރެ ލިބިފައިވާ ހުތުރު ސިފަ އޭނާ އިޙްސާސްކުރެއެވެ. އެއްބަނޑު އެއްބަފާ ކުދިން އޭނާއާ މުޚާޠަބުކުރަނީ ފުރޭތައިގެ ނަމުންނެވެ. މައިންބަފައިންވެސް އޭނާއާމެދު ދެކެނީ ހިލޭމީހެއްގެ ގޮތުގައެވެ. އޭނާ މިހާރުވެސް ހަނދާން ހުރެއެވެ. ކުޑައިރު އޭނާ ރޮއިގަންނަ ކޮންމެ ފަހަރަކު މައިންބަފައިން ބުނެއެވެ. [ކަލޭގެ ސިފައަށް ބަލާލަ ބަލާށެވެ.] ރަޙްމަތްތެރިންވެސް އޭނާގެ ހުތުރު ސިފައާމެދު ވާހަކަދައްކައެވެ. އަދި ބޮޑުވަމުން ދިޔަވަރަކަށް މި އިޙްސާސް އޭނާއަށް ވަމުން ދިޔައެވެ. އޭނާ އަމިއްލަ ވަޒަންދޫކޮށް އަންނަން ޖެހުނީވެސް މިސަބަބަށްޓަކައެވެ. ތަޢުލީމު ފުރިހަމަނުކޮށް ވަޒީފާއެއްގެ ބޭނުމުގައި އޭނާ ރަށުން ބޭރަށް ދިޔައީއެވެ. ދުވަސްކޮޅަކު އިންގްލޭންޑުގައި އޭނާ އުޅުނެވެ. އޭނާ ފައިސާ ހޯދުމުގައި ހުރިހާކަމެއް ދޫކޮށްލިއެވެ. އަމިއްލަ ސޫރައިގެ އުނިކަން ފައިސާއިން ފުރިހަމަ ކުރުމުގެ ނިޔަތުގައެވެ. އެހެންކަމުން އޭނާ ރެޔާދުވާލު މެޝިނެއް ފަދައިން މަސައްކަތްކުރަމުން ދިޔައެވެ.

ދެން އޭނާ އެމެރިކާއަށް އައީއެވެ. އިންގްލެންޑްގައި ޖަލާލީގެ ޤައުމުގެ މީހުން އުޅެއެވެ. އެމީހުންގެ ތެރޭގައި އުޅޭއިރުވެސް އޭނާއަށް ވަރަށްބޮޑަށް އެކަނިވެރިކަން އިޙްސާސް ކުރެވެއެވެ. ފައިސާގެ ދަހިވެތިކަމާއެކު އެމީހުން ޖަލާލީއާ ގައިގޯޅިވެ އުޅުނެވެ. އެކަމަކު އިޚްލާޞްތެރިކަމާއެކު ލޯތްބަށް ބޭނުންވާ އެއްވެސް ފަހަރަކު އޭނާއަށް އެމީހުންގެ ފަރާތުން އެހީއެއް ނުލިބެއެވެ.

އެމެރިކާއަށް އައުމަށްފަހު އޭނާ އެތައް ތަނެއްގައި އުޅުނެވެ. ދިޔަ ކޮންމެތާކުން ފައިސާގެ ދޭވީ އޭނާއަށް އޯގާތެރި ވެދިނެވެ. އޭނާ ވެލީގައި އަތްލައިފިއްޔާ ރަނަށް ވެދެއެވެ. ގަދަ މަސައްކަތާ ހިތްވަރުން އޭނާ ވަރަށް އަވަހަށް މަޤާމެއް ހޯދައިފިއެވެ. އޭނާ މާގިނަ މީހުންނަކާ ގުޅުމެއް ނުބަހައްޓައެވެ. އެކަމަކު މިދުވަސްކޮޅު ޕާކިސްތާނުގެ ބައެއް ފެމެލީއާ އޭނާގެ ގުޅުން އޮވެއެވެ. އެމެރިކަން ދެ ފެމެލީވެސް އުޅެއެވެ. ނައިޖީރިޔާގެ ޖޯޑެއްވެސް ރަޙްމަތްތެރިންގެ ތެރޭގައި ހިމެނެއެވެ. މިއީ ހައްތާވެސް އޭނާގެ އެކުވެރިންނެވެ. ރަޙްމަތްތެރިންނެވެ. އެމީހުންގެ ރަޙްމަތްތެރިކަން އޭނާ އެތައް ފަހަރަކު އިމްތިޙާނު ކުރިއެވެ. އެއްވެސް ފަހަރަކު މާޔޫސްވާކަށް ނުޖެހެއެވެ. އެހެންކަމުން އޭނާ ބައްދަލުވެ އުޅެނީ ހަމައެކަނި މި މީހުންނާއެވެ. އެއީ ތެދުވެރި ބައެކެވެ. ޙަޤީޤަތާ ޚިލާފެއްނުވެއެވެ. އޭނާގެ ހުތުރު ސިފައާމެދު ފަހަރެއްގައިވެސް ޚުޝާމަދުކޮށް ރީތިކަމުގެ މައްޗަށް ބުރަވެ ވާހަކައެއް ނުދައްކައެވެ. ތެދުވެރިކަން ތެދުވެރި ގޮތުގައި ބަޔާންކުރުމަކީ އެމީހުންގެ ރަނގަޅު އެއްކަމެވެ. މިއީ ޖަލާލީވެސް އެންމެ އެދޭގޮތެވެ.

ޖަލާލީ އަނެއްކާވެސް އެނބުރިލިއެވެ. އޭރު އޭނާގެ ލޯ ހުޅުވިއްޖެއެވެ. ކޮންމެ ރެއަކުވެސް މިވަގުތު ތެދުވުމަކީ އޭނާގެ އާދައެކެވެ. އޭނާ އެނދުގައި އެ އޮތްގޮތަށް އޮވެފައި ކުޑަކޮށް މައްޗަށް ޖެހިލިއެވެ. އަދި މެޔާ ހަމައަށް ރަޖާގަނޑު ތިރިކޮށްލާފައި ސިގިރެޓެއް ރޯކޮށްލިއެވެ.

އޭނާ ހޭލައިފިކަން މިސިޒް ހެރަލްޑަށް އެނގުމުން ސައިހިފައިގެން އަތުވެއްޖެއެވެ. މިސިޒް ހެރަލްޑަކީ އެގޭގެ ހައުސްކީޕަރެވެ.

[އުފާވެރި ފަތިހެކެވެ.] އޭނާ ހިނިތުން ވެލަމުން ބުންޏެވެ.

ޖަލާލީވެސް ޖަވާބުގައި އުފާވެރިފަތިހެކޭ ބުނެފިއެވެ. އަދި ސައިބޮމުން ބުންޏެވެ. [މިސިޒް ހެރަލްޑެވެ. މިއަދުގެ ދަޢުވަތުގެ ކަންތައް ކިހިނެއް ހެއްޔެވެ. އަނެއްކާ ހަނދާނެއް ނުނެތޭ ހެއްޔެވެ؟]

[ހަނދާނެއް ނުނެތެއެވެ. ސާހަބްއެވެ! އަޅުގަނު ހުރިހާކަމެއް އިންތިޒާމް ކުރާނަމެވެ.]

[އަންނާނީ އަހަރެންގެ އެންމެ ގާތް ރަޙްމަތްތެރިންނެވެ. އެމީހުންނަށް ރަނގަޅުވާނެ ކާއެއްޗެހި ހެރަލްޑަށް އެނގޭނެއެވެ.]

[ލައްބައެވެ. އެނގެއެވެ.]

[އެހެންވިއްޔާ ދަޢުވަތު ވަރަށް ފުރިހަމަ ވާނެއެވެ.]

[ލައްބައެވެ.]

[އެމީހުން ހަވީރުވުމުގެ ކުރީގައި އަންނާނެއެވެ. އެހެންވީމާ އެމީހުން އުފާކުރުމުގެ އިންތިޒާމްވެސް ހަމަޖެހެން ވާނެއެވެ.]

[ތިޔަކަމާ ފިކުރު ނުކުރައްވާށެވެ.]

[ދެން އެންމެ ރަނގަޅެވެ. މިސްޓަރ ހެރްސަން އަތުވެއްޖެއްޔާ އަހަންނަށް އަންގާލާށެވެ. އަހަރެން ތައްޔާރު ވެލާނަމެވެ. ނާސްތާ ކުރާނީ ތިންމީހުން އެކުގައެވެ.]

މިސިޒް ހެރަލްޑް ހިނިތުންވެލިއެވެ. ކުޑަކޮށް ބޯގުދުކޮށްލިއެވެ. ދެން ކޮޓަރިން ނުކުމެއްޖެއެވެ.

ތައްޔާރު ވެލައިގެން ޖަލާލީ ލިވިންގރޫމަށް އަތުވެއްޖެއެވެ. މިސްޓަރ ހެރްސަންއަކީ އޭނާގެ މެނޭޖަރެވެ. މިއަދު ވިޔަފާރިއާ ބެހޭގޮތުން ކުޑަކޮށް މަޝްވަރާ ކޮށްލަން ބޭނުންވަނީއެވެ.

މިގޭގެ ކަނާތް ފަރާތުގައިވާ ފެންގަނޑުގެ އުތުރުކޮޅުގައި ކުދިކުދި ގެތަކެއް ހުއްޓެވެ. އެއީވެސް ޖަލާލީގެ މިލްކުގައިވާ ތަންތަނެވެ. އެތަންތަން ދޫކޮށްފާ ހުންނަނީ ޖަލާލީގެ މުވައްޒަފުންނަށެވެ. ޖަލާލީ އައުމުގެ ކުރީގައި މިސިޒް ހެރަލްޑް މިތަނަށް އަތުވެއްޖެއެވެ. އޭނާއަކީ އެކަނި އަންހެނެކެވެ. އޭނާގެ ފިރިހެން ދަރިފުޅު ވިއެޓްނާމްގައި މަރާލެވިއްޖެއެވެ. ދެތިން އަހަރުގެ ކުރީގައި ފިރިމީހާ މަރުވެއްޖެއެވެ. އޭރުއްސުރެ އޭނާއަކީ ޖަލާލީގެ މުވައްޒަފެކެވެ. ގޭތެރޭގެ ކަންތައްތައް ވަރަށް ފުރިހަމައަށް ކުރެއެވެ. ޖަލާލީއަށް މީރުހެން ހީވާ ކަހަލަ ކާއެއްޗެތި ތައްޔާރު ކުރެއެވެ.

އޭނާ ޖަލާލީގެ ޕާކިސްތާނީ ރަޙްމަތްތެރިންގެ އެހީގައި އިރުމަތީ ކެއްކުންވެސް ދަސްކޮށްފިއެވެ. އެކަމުގެ ޚާއްޞަ މާހިރަކަށް ވެއްޖެއެވެ.

މިސްޓަރ ހެރްސަން އަދި މިތަނަށް ބަދަލެއްނުވެއެވެ. އޭނާ މިދުވަސްކޮޅު އުޅެނީ އަންހެނުން އިދިކޮޅަށް ޖަހައިގެން އެމައްސަލަގަނޑުގެ ތެރޭގައެވެ. އެހެން ނަމަވެސް ޖަލާލީ އޭނާ މިގެއަށް ބަދަލުވުމުގެ ހުއްދަ ދީފައިވެއެވެ.

މިސިޒް ހެރަލްޑް ދަޢުވަތުގެ އިންތިޒާމް ކޮށްފިއެވެ. ޖަލާލީ ހަވީރު ވަންދެން އުޅުނީ ބޭރުގައެވެެ. އޭނާ ގެއަށް އައުމުގެ ކުރީގައި މިސްޓަރ އެންޑް މިސިޒް ޖެކްޝަން، ތާބުޝް އަދި އޭނާގެ އަންހެނުން އަތުވެއްޖެއެވެ.

ވަރަށްފުރިހަމަ ދަޢުވަތެކެވެ. ފައުޒިއްޔާ، ޝަވާލީ، ނީތާ، ޖައްގޫ، ނީތޫ، ޕްރާން، މަންސޫރު، ރަފީޤް މިހުރިހާ މީހުންނަކީ ޖަލާލީގެ ޚާއްޞަ ރަޙްމަތްތެރިންނެވެ. އެންމެންނަށްވެސް ޖަލާލީގެ މިރީތި އާގެ ވަރަށް ކަމުދިޔައެވެ. އެނބުރި އެނބުރިފައި މިގޭގެ އެތަން މިތަން ބެލިއެވެ. ރިމޯޓް ކޮންޓްރޯލްގެ ފުރިހަމަކަން އަޖުމަބެލިއެވެ. މިހުރިހާ ކަމަކަށް ތަޢުރީފު ކުރިއެވެ.

[އަހަންނަށް ލިވިންގްރޫމް ވަރަށް ރީއްޗެވެ. ޖަލާލީއެވެ. ކޮންމެވެސް ދުވަހަކުން އިރުގެ އަލިކަމުގެ ތެރޭގައި މިކޮޓަރި ބަލާލަން އަންނާނަމެވެ.] ފައުޒިއްޔާ ބުންޏެވެ.

[މައްސަލައެއް ނެތެވެ. ބޭނުން ކޮންމެ ވަގުތަކު އަންނާށެވެ.] ޖަލާލީ ބުންޏެވެ.

[އެންމެ ރީތީ ނިދާކޮޓަރިއެވެ.] މަންސޫރު ބުންޏެވެ. އޭނާގެ މި މާނައެކުލެވޭ ޖުމްލައަށް އެންމެން ހޭންފަށައިފިއެވެ.

[ހުރިހާ އެއްޗެއްވެސް އެހާ ފުރިހަމައެވެ. ޖަލާލީގެ ވިސްނުމާމެދު އަހަރެމެން ތަޢުރީފު ކުރަމެވެ.] ރަފީޤު ބުންޏެވެ.

[ހީވަނީ ޖާދޫގު ރަށެއް ހެންނެވެ.] ނީތޫ ބުންޏެވެ.

[ޙަޤީޤަތުގައިވެސް ޖާދޫގެ ގަނޑުވަރެކެވެ.]

[ޖަލާލީއެވެ.] ޝަވާލީއަކަށްވެސް އެއްޗެކޭ ބުނެނުލާ ނުހުރެވުނެވެ.

[ބުނެބަލާށެވެ.]

[ވާހަކައެއް ބުނަން ހެއްޔެވެ.]

[ކިތަންމެ ވާހަކައެއް ބުންޏަސް އެންމެ ރަނގަޅެވެ.]

]ދެން އަވަހަށް މީހަކާ އިންނާށެވެ.]

[އެބުނީ ތެދެކެވެ. މީހަކާ އިންނާށެވެ.] އެންމެން އެއްއަޑުން ބުންޏެވެ.

[ތިޔަކަމާމެދު އަހަރެން އެބަވިސްނަމެވެ. ޖަލާލީ ސައިޑް ޓޭބަލް މަތީގައި ތަށިބަހައްޓާލަމުން ބުންޏެވެ. އަދި ހިނިތުންވެލިއެވެ. އެންމެން އުފަލުން އަތްތިލަބަޑި ތަޅައިގަތެވެ.

[ބުނަން ހެއްޔެވެ؟] ޖަލާލީ އަތްމައްޗަށް ނަގާފައި އެންމެން ހިމޭން ކުރުވައިފިއެވެ.

[ބުނެބަލާށެވެ.] ޖެކްޝަން ބުންޏެވެ.

[ކަލޭމެން އެންމެންވެސް މި ގެ ރީތިކަމުގައި ބުނެފީމުއެވެ........] ޖަލާލީ ހުއްޓަ ހުއްޓާފައި ބުންޏެވެ.

[އާނއެކެވެ.] އެންމެން ބުންޏެވެ.

[ޖާދޫގެ ގަނޑުވަރެކޭ ބުނެފީމުއެވެ.] ޖަލާލީ ބުންޏެވެ. އެންމެން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

[ޖާދޫގެ ގަނޑުވަރުގައި ކަޅު ދެޔޯވެސް އުޅެއެވެ.] ޖަލާލީ އަމިއްލަ ނަފްސަށް މަލާމާތް ކުރިއެވެ.

[ތިޔައީވެސް ތެދެކެވެ.] ރަފީޤު އެއްވެސް ޖެހިލުމެއްނެތި ބުންޏެވެ.

[އެހެންވީމާ މިގެއަށް އަންނަންވާނީ ޕަރީންގެ ޝަހެޒާދީއެވެ.] މިސިޒް ތާބުޝް ޖަލާލީގެ ހިތްވަރު އާކޮށްދިނެވެ.

[ތެދެކެވެ........] ޖަލާލީ ކުއްލިއަކަށް ބުންޏެވެ.

[އެހެންވީއިރު އަވަހަށް ގެންނާށެވެ.] ޝަވާލީއާ ނީތޫ އަދި ޖައްގޫ އުފާވެފައި ބުންޏެވެ.

[އުނދަގޫވެގެން މިއުޅޭ މައްސަލައަކީ ތިޔައީއެވެ.] ޖަލާލީގެ ހުރިހާ ހިތްވަރެއް އެލުނު ކަހަލައެވެ.

[އަހަންނަށް އެކައްޗެއްވެސް ނުވިސްނުނެވެ.]

[ވެގެން ތިޔައުޅޭ ގޮތެއް ބުނެބަލާށެވެ.] ތާބުޝް ބުންޏެވެ.

އެންމެން އޭނާއާ ތާއީދުކޮށްފިއެވެ. އެއާއެކު ޖަލާލީ ސީރިއަސްވެފައި ބުންޏެވެ. ]ޖާދޫގެ ގަނޑުވަރެކެވެ. ކަޅު ދެޔޯއެކެވެ...... އެކަމަކު އެއްވެސް ޝަހެޒާދީއަކު މިގަނޑުވަރަކަށް ނާންނާނެއެވެ.

[އަތުވެއްޖެއްޔާ.........؟] ޝަވާލީއާ ފައުޒިއްޔާ އެއްފަހަރާ ބުންޏެވެ.

[ކަލޭމެން މަސައްކަތް ކޮށްލަ ބަލާށެވެ. ފަހަރެއްގައި އަތުވެދާނެ ކަންނޭނގެއެވެ.] މަންސޫރު އެދެމީހުން ގާތު ބުންޏެވެ.

[ޖަލާލީއެވެ...... ތިޔަކަން ވެދާނެއެވެ........] ޝަވާލީ ހީނލާފައި ބުންޏެވެ.

[ވެދާނެއެވެ.........] ޖަލާލީވެސް ހީނގެންފިއެވެ.

ވާހަކަ ދެކެވެމުން ދިޔައީ ސަމާސާއެއްގެ ގޮތުގައެވެ. އެކަމަކު ޝަވާލީއާ ފައުޒިއްޔާ އަދި މިސިޒް ތާބުޝް މިސަމާސާ ޙަޤީޤަތަކަށް ހަދަން ގަސްކޮށްފިއެވެ. ތިންމީހުން ޖެހިޖެހިގެން ތިބެ ސިއްރު ވާހަކަތަކެއް ދައްކަމުން ދިޔައެވެ.

ފުދޭވަރަކަށް ފިނިރެއެކެވެ. ޕާޓީ ނިމިގެން އެންމެން ގެއަށްދިއުމުގެ ކުރީގައި ޝަވާލީއާ ފައުޒިއްޔާ އަދި މިސިޒް ތާބުޝް ޖަލާލީގެ ކާވެނި ކޮށްދިނުމަށް ނިންމައިފިއެވެ.

ގެއަށްދާން ހިނގައި ގަންނަމުން ޝަވާލީ ބުންޏެވެ. [ޖަލާލީއެވެ. އަހަރެމެން ހަމަނޭވާލާނީ މި ގެ އާބާދުކޮށް ދިނުމަށް ފަހުގައެވެ.]

[ޔަޤީނެވެ. ޔަޤީނެވެ.] ފައުޒިއްޔާ ބުންޏެވެ.

[ތިޔަކަމަށް ޖަލާލީ ހުއްދަ ދީފިއެވެ.] ޕްރާން ބުންޏެވެ.

[ޖާދޫގެ ގަނޑުވަރު.... ކަޅުދެޔޯ....... ޕަރީންގެ ޝަހެޒާދީ.......] ޖަލާލީ ބާރަށް ހޭންފަށައިފިއެވެ. މިގޮތަށް އޭނާ ހީގަންނައިރު ވަރަށް ބިރުވެރި ގޮތެއް ދައްކައެވެ. މިކަން އެންމެންވެސް އިޙްސާސް ކުރިއެވެ. އެކަމަކު މިހުނުމުގައި އެންމެންވެސް ބައިވެރިވިއެވެ.

**********************

[ނާޖިޔާއެވެ.......]

[ކީކޭތޯއެވެ.]

[ކޮންމެވެސް މީހަކު ބައްދަލުކުރަން އައިސް އެބަހުއްޓެވެ.]

[އަޅުގަނޑާތޯއެވެ؟]

[އާނއެކެވެ.]

[ކާކުތޯއެވެ؟]

[ނޭނގެއެވެ. ގެއިން މީހަކު އައީ ކަންނޭގެއެވެ. ގޭޓްގެ ބޭރުގައި ކާރު އެބައޮތެވެ.]

[ކާރެކޭތޯއެވެ.]

[އާނއެކެވެ. ރަތްކާރެކެވެ. ރަޙްމޫ ބާބާ އޭނާ ގާތުގައި އެތެރެއަށް ކާރު ވައްދާށޭވެސް ބުންޏެވެ. އެކަމަކު އޭނާ އަވަސް އަރުވާލާފައި ހުރިވަރުން ބޭރުގައި ކާރު ބާއްވާފައި ނާޖިޔާއަށް ގޮވަނީއެވެ.]

ޖަޔާ ޙައިރާން ކަމާއެކު ސޯފިޔާ އަރްޝަދަށް ބަލާލަމުން ގޮނޑިން ތެދުވެއްޖެއެވެ. މިވަގުތު އޭނާ އަމްބަރު އާއި ޗީކޫއަށް ކިޔަވައި ދެނީއެވެ. ދެކުދިން މޭޒުގެ އަނެއް ފަރާތުގައި ތިއްބެވެ. ފޮތްތަކާ ކަރުދާސްތައް މޭޒުމަތީގައި ހުއްޓެވެ. ޗީކޫއަކީ ވާހަކަ ގިނަ ކުއްޖެކެވެ. ކިޔެވުމަށްވުރެ އިތުރަށް އޭނާ ޖަޔާ އާންޓީއާ ވާހަކަ އަޅުވާލާފައި އިނދެއެވެ. އަމްބަރު މަޑުމަޑުން ފޮތުގެ ތެރެއަށް ގެއްލިފައި އިދެއެވެ.

ސޯފިޔާ ޖަޔާއަށް މެސެޖްދީފައި ހިނގައްޖެއެވެ. އެވަގުތު އޭނާ އުޅެނީ ބަދިގޭގެ މަސައްކަތުގައެވެ. މެހްމާނުން ކޮޅަކަށް ދަޢުވަތުދީފައި އޮތުމާވެސް އެކުގައެވެ. އެހެންކަމުން ޖަޔާގެ ޙައިރާން ކަމާމެދު ވަކި އެއްޗެކޭ ނުބުނެ ދިޔައީއެވެ.

އަނެއްކާ ކާކުބާވައެވެ. ޖަޔާ ވިސްނާލިއެވެ. ބޭބެއަކު ނާންނާނެއެވެ. އޭނާ އައީވެސް ދެންމެއަކުއެވެ. އަމްޖަދު ބޭބެ އާއި ރައިޙާން ބޭބެ އަދި ސުލައިމާން ދިޔައީ ފިލްމަށެވެ. އަސަދު ހުންނާނީ ގޭގައެވެ. އެކަމަކު ކޮން ރަތް ކާރެއް ބާވައެވެ؟.......... އޭނާ ވިސްނަމުން ދޮރާދިމާއަށް ހިނގައިގަތެވެ.

[ފޮތްތައް ބަހައްޓަން ވީތޯއެވެ؟] ޗީކޫ އަވަސް އަވަހަށް ބުންޏެވެ.

[ނޫނެކެވެ. ފިލާވަޅު ކިޔާށެވެ. އަހަރެން މިއަންނަނީއެވެ.] ޖަޔާ ބުންޏެވެ.

[އާންޓީއެވެ. ރަތްކާރު އައީ އާންޓީ ބަލާތޯއެވެ؟] ޗީކޫ ސުވާލުކުރިއެވެ.

[ހިމޭނުން އިނދެބަލާށެވެ.] ޖަޔާ އިތުރު އެއްޔެކޭ ބުނުމުގެ ކުރީގައި އަމްބަރު ބުނެފިއެވެ.

[އަހަރެން އެބަ އަންނަމެވެ.] ޖަޔާ ދޯޕައްޓާ ރަނގަޅު ކޮށްލަމުން ކޮޓަރިން ނުކުމެއްޖެއެވެ. މަގުމަތީގައި އޮތް ރަތްކާރަށް ނަޒަރު ހުއްޓުމާއެކު އެކުވެރި ސާއިރާގެ މަތިން ހަނދާން ވެއްޖެއެވެ. އެކަމަކު ސާއިރާ މިތަނަށް އައީ ކީއްކުރަން ބާވައެވެ.

ހިތާހިތުން ސުވާލުކޮށް ޖަވާބުދެމުން އޭނާ ގޭޓާ ހަމައަށް އަތުވެއްޖެއެވެ.

[ގެއިން ކޮންމެވެސް މީހަކު ބަލާ އަތުވެއްޖެއެވެ............] ރަޙްމޫ ބާބާ ގަސްތަކަށް ފެންދޭން ހުރެފައި ޖަޔާ ފެނުމާއެކު ބުންޏެވެ.

[ނަމެއް ނުބުނޭތޯއެވެ؟]

[ނަވީދު ސާހަބެވެ.] ރަޙްމޫ ބުންޏެވެ.

]ނަވީދު.......] ޖަޔާގެ ހިތް ހުއްޓިއްޖެއެވެ. އޭނާގެފައި އެހުރިތާގައި ހަރުލައިފިއެވެ.

ނަވީދު އައީ ކީއްކުރަން ބާވައެވެ.........؟؟؟

އޭނާގެ ސިކުނޑީގައި ހަލަބޮލިކަމެއް އުފެދުނެވެ.

އޭނާ ރަޙްމޫބާބާގެ ކައިރީގައި ހުއްޓާ ނަވީދަށް ފެނުނީ ކަންނޭގެއެވެ. ކާރުގެ ބަރުގޮނު އަޅާލައިފިއެވެ.

ޖަޔާ ސިހިއްޖެއެވެ...... އިސްއުފުލާ ގޭޓާ ދިމާއަށް ބަލާލައިފިއެވެ. ކާރުގައި އިނީ ހަމަ ނަވީދެވެ.

އޭނާ ދާންވީ ހެއްޔެވެ. ނުދާންވީ ހެއްޔެވެ؟....... ސިކުނޑީގައި އެނބުރެމުންދާ މިސުވާލަށް ދޭނެ ޖަވާބެއް ނޭގުނެވެ. އޭނާ ހަމަ އެހުރިގޮތަށް ހުރީއެވެ....... އަނެއްކާވެސް ބަރުގޮނު އަޅާލައިފިއެވެ.

[ކިހިނެތްވީ ހެއްޔެވެ؟] ރަޙްމޫބާބާ ފެންހޮޅި ބާއްވާފައި އުނަގަނޑު ސީދާކޮށްލަމުން ބުންޏެވެ. [ކަމެއް ނުވެއެވެ.]

ދެން ބޭއިޚްތިޔާރުގައި އޭނާގެ ފިޔަވަޅުތައް ގޭޓާ ދިމާއަށް އެޅެން ފަށައިފިއެވެ.

ނަވީދު ކުރީ ސީޓުގެ ދޮރު ހުޅުވާލިއެވެ. އޭނާގެ ރީތި މޫނުގައި ހާސްކަމާ ފިކުރުބޮޑުވުމުގެ އަސަރުތައް ފެންނަން ހުއްޓެވެ. ނޫކުލައިގެ ފުން ލޮލުގައި އުދާސްކަމުގެ އަނދިރިކަން އެކުލެވިފާވެއެވެ.

އޭނާ ހިތާމަވެރި ހިނިތުންވުމަކާއެކު ޖަޔާއާ ދިމާއަށް ބަލާލަމުން ބުންޏެވެ. [އައިސްބަލާށެވެ.]

ޖަޔާ ފުން ނަޒަރަކުން އޭނާއާ ދިމާއަށް ބަލާލިއެވެ. އޭނާހުރީ ކާރުގެ ހުޅުވާފައިވާ ދޮރުކައިރީގައެވެ. ފިނިފެންމާ ކުލައިގެ ހެދުން އަޅާފައި ހުރުމާއެކުގައިވެސް އޭނާގެ މޫނުގެ ކުލަ ފަނޑުވެއްޖެއެވެ. ހިތް ބާރަށް ތެޅެއެވެ. މުޅިގައިން ހިނިހިރުވާ ކަހަލައެވެ.

[މިކޮޅަށް އައިސްބަލާށެވެ.........] ނަވީދުގެހިތާމަވެރި އަޑުގައި އާދޭހުގެ ރާގު އެކުލެވިފާވެއެވެ.

[ކީއްކުރަންވަންތޯއެވެ؟] ޖަޔާގެ އަނގައިން އަޑުނުކުތެވެ.

ނަވީދު ފުންނޭވާއެއް ދޫކޮށްލިއެވެ. ކަތިލެވިފައިވާ ހިނިތުންވުމެއް ތުންފަތް މައްޗަށް ގެންނަމުން ޖަޔާ ގާތުގައި ބުންޏެވެ........ [އަހަރެން ވާހަކައެއް ބުނެލަން ބޭނުމެވެ.]

[ބުނާނެ އެއްޗެއް ބާކީވެފައި އެބައޮތްތޯއެވެ. ވާހަކަދައްކަން ތިބިމީހުން ހުރިހާވާހަކައެއް ދައްކާ ނިންމައިފިއެވެ.

[ޖަޔާއެވެ. ކަލާނގެ ރަސްކަންފުޅަށް ޓަކައެވެ.] އޭނާ އުދާސްކަމުގެ އިޙްސާސުން އަނދަމުން ބުންޏެވެ. [އަހަރެންގެ ވާހަކަވެސް އަހާބަލާށެވެ.]

[ނަވީދު ބުނުއްވާނީ ވަކިކީކޭތޯއެވެ.] ޖަޔާ އެއްވެސް ޖެހިލުމެއްނެތި ބުންޏެވެ. [އަޅުގަނޑުމެންގެ ޙާލުހުރީ އެއްޗެއް ބުނެވޭހާ ފެންވަރުގައި ނޫންކަން ނަވީދަށްވެސް އެނގިލައްވާނެއެވެ.]

[އަހަރެމެން ދެމީހުންނަށް ތިޔަކަމުގައި ގޮތެއް ނިންމިދާނެއެވެ. އަހަރެމެންގެ މައިންބަފައިންނަކީ އެއްބަނޑު މީހުންނެވެ. އަހަރެމެންގެ ގާތްކަމަކީ ލޭގެ ތިމާގެކަމެވެ. މިކަންވެސް ކެނޑިގެން ހިނގައްޖެއްޔާ އެމީހެއްގެ ގޮތުގައި އެމީހަކަށް ހުރެވިދާނެއެވެ. އަހަރެމެން ދެމީހުން ވިސްނައިފިއްޔާ.........]

އޭނާ މަލާމާތުގެ ފާޑަކަށް ހީލިއެވެ.

[ޖަޔާއެވެ. ކުޑައިރުކޮޅަކަށް އަހަންނާ އެކުގައި ހިނގާށެވެ.]

[ކޮންތާކަށް ތޯއެވެ.]

[ކޮންމެވެސް ތާކަށެވެ.]

[އަޅުގަނޑަކަށް ނުވިސްނުނެވެ.]

[ވަކިތާކަށް ނޫނެވެ. ދެމީހުން އެއްބައިވެގެން ވިސްނާލަން ވެގެންނެވެ. ފަހަރެއްގައި ގޮތެއް ފެނިދާނެއެވެ.]

[ތިޔަކަންތައް ނަވީދު އަމިއްލައަށްވެސް ކޮށްލެވިދާނެއެވެ.]

[ނޫނެކެވެ. ޖަޔާއެވެ.... އަހަރެންގެ ސިކުނޑި ކަންނެތް ވެއްޖެއެވެ. އަހަންނަށް އެކައްޗެއްވެސް ނުވިސްނެއެވެ. އަހަރެންގެމީހުން އަހަރެން މީހަކާ ދެވަން އުޅެނީއެވެ.]

ޖަޔާ ރުޅިވެރި ނަޒަރަކުން ބަލާލިއެވެ. އަދި މަލާމާތުގެ ރާގުގައި ބުންޏެވެ. [މީހަކާ ދެވަން އުޅެނީއެވެ. އަދި ނަވީދަށް އެކަން ޤަބޫލުކުރަން މަޖުބޫރުވީއެވެ.]

[ތިޔަހެން ނުބުނާށެވެ.] ނަވީދު ކާރުގެ ހުންގާނުގައި ބާރަށް ހިފަހައްޓާފައި ލޯމަރާލިއެވެ.

[ނަވީދުއެވެ. މިތަނުން ދުރުވާށެވެ.] ޖަޔާ ދުރަށް ޖެހިލިއެވެ.

[ނޫނެކެވެ. ޖަޔާއެވެ...........]

[އަޅުގަނޑަކަށް ނަވީދަކާއެކު ނުދެވޭނެއެވެ.]

[ކަލާނގެ ރަސްކަންފުޅަށްޓަކާ ތިޔަހެން ނަހަދާށެވެ. މިއީ އަހަރެމެންގެ ޙަޔާތާބެހޭ މުޢާމަލާއެކެވެ. އަހަރެމެންގެ އުފަލެވެ.]

[ތިޔަކަހަލަ އުފާތަކެއް ބަހާކަށް އަޅުގަނޑު ބޭމުނެއްނޫނެވެ. ތިޔަ އުފަލަކީ ޢާއިލާއާއި އާދަކާދަ ފުނޑުކޮށްލަން ޖެހޭފަދަ އުފަލެކެވެ........]

[ޖަޔާއެވެ.... ތިހިރީ ކިހިނެއްވެފާ ހެއްޔެވެ. ނިކަން ވިސްނާލަބަލާށެވެ. އަހަރެން މިއުޅެނީ ޖަޔާ ޖަހައިގަނެގެން ގެންދާކަށް ނޫނެވެ. ޖަޔާގެ މައިން ބަފައިންނަށް ސިއްރުން ގެންދާކަށް ނޫނެވެ. އަހަރެން ބޭނުންވަނީ ހަމައެކަނި މިކަމާ ބެހޭގޮތުން ހިމޭންކަމާއެކު ވިސްނާލުމަށެވެ. އޭރުން އަހަރެމެންނަށް ގޮތެއް ނިންމިދާނެއެވެ. ހާލާތުގެ މިޞްރާބު ބަދަލުކޮށްލެވި ދާނެއެވެ.]

[ތިޔަކަންތައް އަމިއްލައަށްވެސް ކޮށްލެވިދާނެއެވެ.]

[ކިހިނެއް ހެއްޔެވެ؟]

[އަމިއްލަ އެދުމާ އަމިއްލަ އުފާ އަދި ތިމާ ރުހޭގޮތެއް މައިންބަފައިންނަށް ހުށަހަޅުއްވާށެވެ. ދެން އެގޮތުގައި ދަގަނޑު ފަރުބަދައެއް ފަދައިން ގާއިމުވެ ހުންނަވާށެވެ.] ނާޖިޔާ ބުންޏެވެ.

ނަވީދު ކަޅިޖަހާނުލާ ބަލަހައްޓައިގެން ހުއްޓެވެ.

ނާޖިޔާ ހިނިތުންވެލިއެވެ. [މިގޮތަށް ކަންތައްތަކެއް ނުކުރެވޭނެތޯއެވެ.]

[ޖަޔާއެވެ.]

[ހާސްކަމުގެ ޖުއްބާލެއްވުމުގެ ބޭނުމެއްނެތެވެ. ނަވީދާއެކު އަޅުގަނޑަކަށް ނުދެވޭނެއެވެ. ލޯބީގެ އަދަބުތަކަކީ ކޮބައިކަމެއް ނޭގެއެވެ. އެކަމަކު މައިންބަފައިންގެ ޢިއްޒަތަކީ އަދަބުތަކަކީ ކޮބައިކަން ރަނގަޅަށް ދަންނަމެވެ. އަމިއްލަ ފުރާނައަށް ވުރެވެސް ބޮޑަށް އެމީހުނާމެދު ކަމޭހިތަން ޖެހޭނެއެވެ. ތިޔަދުރުވީ އަޅުގަނޑު ނަވީދާއެކު ހިނގައިދާނެ ކަމުގައި އުއްމީދު ކުރައްވައިގެން ތޯއެވެ. އަޅުގަނޑުގެ މައިންބަފައިންގެ ޢިއްޒަތާ ޤަދަރުގައި ކޮޅުފައިން ޖަހާފައި ނަވީދުގެ މައިންބަފައިން ގާތު ލޯތްބަށް ސަލާންޖަހާފާނެ ކަމުގައި ހީކުރައްވައިގެން ތޯއެވެ. ނޫނެކެވެ...... ތިޔައީ ކުށް ހީއެކެވެ.]

[ޖަޔާއެވެ.]

[ނަވީދަކީ ފިނޑިމީހެކެވެ. މައިންބަފައިންނާ އެއްބަނޑުމީހުންގެ ކުރިމަތީގައި ފިރިހެނަކަށްވެގެން އަނގަހުޅުވާހާ ހިތްވަރެއްނެތް މީހެކެވެ. އަމިއްލަ އެދުމަކީ ކޮބައިކަން ފާޅުކޮށްދިނުމުގެ ހިތްވަރެއްނެތެވެ. ދެން މިތަނަށް ދުރުވީ ކީއްކުރަންވަން ތޯއެވެ؟]

[ޖަޔާއެވެ. ތިޔައީ އެއްވެސް ރަޙްމެއްނެތް އަންހެނެކެވެ.]

[އަޅުގަނޑުގެ ގޮތަކީ މިއީއެވެ.]

[އަހަންނާއެކު ނުދާނަން ހެއްޔެވެ؟]

[ތިޔައީ ސުވާލެއް އުފެދެންވީ ކަމެއްނޫނެވެ.]

[ޖަޔާއެވެ. ތިޔަހަދަނީ ގޯހެކެވެ. ތިޔައުޅެނީ ނަސީބުގައި ކޮޅުފައިން ޖަހަން ވެގެންނެވެ.]

[އަޅުގަނޑު ތިޔަކަހަލަ ކަންތައްތަކާ ނުވިސްނަމެވެ. އެކަމަކު ތިޔަދައްކަވާ ވާހަކަތަކުން ކޮންމެވެސް ވަރެއްގެ އުނދަގުލެއް އެބަލިބެއެވެ.

ނަވީދު ރުޅި އަތުވެއްޖެއެވެ. އޭނާ ޖަޔާގެ ކައިރިއަށް މިއައީ ކިހާބޮޑު އުންމީދަކާ އެކުގައި ހެއްޔެވެ. ކުރީދުވަހަކު ފާރުގެ ފުރަގަހުގައި ހުރެގެންވެސް އޭނާ ނާޖިޔާއަށް ގޮވިއެވެ. އެރޭ ބައްދަލުވުމަށްވެސް އޭނާ އެދުނެވެ. އެއީވެސް ހަމަ މިހަމަނުޖެހުން ގަނޑުން ހައްލެއް ގެނައުމަށްޓަކައެވެ. އެކަމަކު އެރޭވެސް އޭނާ ބައްދަލެއް ނުކުރިއެވެ. މިއަދު އޭނާ މިއައީ ރައްޓެއްސެއްގެ ކާރު އަތުލައިގެން ހިމޭން ޖައްވެއްގައި ވާހަކަ ދައްކާލަން ވެގެންނެވެ. އެހެން ނަމަވެސް ޖަޔާ މިކަމަށް އިންކާރު ކުރީއެވެ. ހަމައެކަނި އިންކާރު ކުރީވެސް ނޫނެވެ. ހިތައް އެރިހާ ވާހަކައެއްވެސް ދެއްކީއެވެ. އޭނާ ނާޖިޔާމެދު އިންތިހާއަށް ޢިއްޒަތްތެރިކޮށް ނުހިތާނަމަ މިތަނުން ދިޔަތާ ކިތަންމެ އިރެކެވެ. އެކަމަކު އޭނާއަކަށް ނުދެވުނެވެ. އޭނާ ޖަޔާގެ ގާތުގައި އާދޭސް ކުރަނީއެވެ.

[ހަމަ ނުދާނަން ހެއްޔެވެ؟] ހިނދުކޮޅަކަށްފަހު ނަވީދު އަނެއްކާވެސް ރުޅިވެރި ރާގައަށް ސުވާލުކުރިއެވެ.

ޖަޔާ ބޯޖަހާލިއެވެ. އޭނާގެ ލޯތެމިއްޖެއެވެ.

[އަހަންނަކީ ދުރުހިލޭ މީހެއްވެސް ނޫނެވެ. ދެބޭންގެ ދެދަރި މީހެކެވެ.] ނަވީދު ބުންޏެވެ.

[ނަވީދުއެވެ. ބީރައްޓެހިކަމުގެ ފާރުތައް ވަރަށް މައްޗަށް އުފުލިއްޖެއެވެ. އަޅުގަނޑުގެ މައިންބަފައިންނަށް މޮޅިވެރިކަން ލިބޭފަދަ އެއްވެސް ފިޔަވަޅެއް އަޅުގަނޑު ނާޅާނަމެވެ.]

[އެހެންވީއިރު ޙާލަތުގެ ކުރިމަތީގައި ޖަޔާ ހަތިޔާރު ބެހެއްޓީތާއެވެ.]

[ހަތިޔާރު ބެހެއްޓުން ނޫންގޮތެއް......] އޭނާގެ އަޑު ބެދިއްޖެއެވެ. އެކަމަކު މާނޭވާއެއްލާފައި ބުންޏެވެ. [އަޅުގަނޑަށް ކުރެވޭނެ އެއްވެސްކަމެއް ނެތެވެ. ނަވީދުއާ އެކުގައި ދިއުމަކުންވެސް މި މައްސަލަ ޙައްލެއް ނުކުރެވޭނެއެވެ.]

[ދެން....... އެހެންވީއިރު ދެންވާނީ ކިހިނެއް ހެއްޔެވެ؟]

[ހަމަ އެގޮތެވެ. ނަވީދުގެ މައިންބަފައިން އެދިލައްވާ ގޮތެވެ. އެހެން ވާންޖެހޭ އެންމެބޮޑު ސަބަބަކީ ނަވީދުގެ ކިބައިގައި އެމީހުންނާއި ދެކޮޅަށް ބަސްބުނުމުގެ ހިތްވަރެއް ނެތުމެވެ. ހިތްވަރު ހުއްޓަސް ކުރެވޭނެކަމެއް ނެތެވެ.]

[ޖަޔާ އަހަންނާ އެއްކޮޅަށް ފިޔަވަޅު އަޅާކަށް ނެތީމުއެވެ. އަހަންނަށް ކުރެވުނީ ކުށްހީއެއް ކަންނޭގެއެވެ.]

އެކަށީގެންވެއެވެ........ ނާޖިޔާ ހިތްވަރުކޮށްފައި ބުންޏެވެ. އޭނާގެ ތެމިފައިވާ ލޯފެނިފައި ނަވީދަކަށް ކެތެއް ނުކުރެވުނެވެ.

[ޖަޔާއަކީ ވަރަށް ނުވިސްނޭ ކުއްޖެކެވެ.] އޭނާ ހަޅޭއްލަވައި ގެންފިއެވެ.

ނާޖިޔާ ނަވީދާ ދިމާއަށް ބަލާލަމުން ހިނިތުންވެލިއެވެ.

[ޖަޔާއެވެ. ރުޅި ނުދައްކާށެވެ. ތިޔަކަމުން ދެމީހުންނަށްމެ ގެއްލުން ލިބޭނެއެވެ.]

[އަދިވެސް އުއްމީދު ދުލެއް ނުކުރަމުތޯއެވެ.] ޖަޔާ ހީނލިއެވެ. [ދެގެދޭތެރޭގައި ދަގަނޑު ފާރެއްލެވުމުންވެސް ގޮތެއް ދުލެއް ނުކުރައްވަމުތޯއެވެ. ދުލުގެ އެތިފަހަރު ތަކުންޖެހި ޒަޚަމްވަމުންގޮސް ސިފަ ވަކިނުވާ ވަރަށް ޒަޚަމް ވެއްޖެއެވެ. ކަންތައްތައް ވާންވީގޮތަށް ވަނީއެވެ. ހުރިހާކަމެއް ހަމަޖެހިއްޖެއެވެ.

[ދެން އަހަރެން ކީއްކުރާނީ ހެއްޔެވެ.]

[ތަޤްދީރު ދިމާކުރި ގޮތާމެދު ޝުކުރު ކުރައްވާށެވެ.]

[ތިހިރީ ހިތްހަމަ ޖައްސާލައިގެން ހެއްޔެވެ؟]

[ލައްބައެވެ..........]

[އަބަދުވެސް ޖަޔާއާއިމެދު އަހަންނަށް ކުރެވެމުން އައީ ކުށްހީތަކެއް ނޫންކަމެއް ނޭގެއެވެ.]

[ހީކުރެވުނަސް ނުކުރެވުނަސް އެކަމުންވާނީ ކޮންކަމެއްތޯއެވެ؟]

[އަހަންނާ އެކުގައި ހަމަނުދާނަން ހެއްޔެވެ؟]

[ނުދާނަމެވެ.]

[ތިޔައީ ހަމަ އެންމެފަހުގެ ނިންމުން ހެއްޔެވެ؟]

[ކަށަވަރެވެ.]

[ޖަޔާ ތިޔައުޅެނީ ޖަޔާގެ ޙަޔާތުން އަހަރެން ބީކޮށްލަން ވެގެންނެވެ. ކުޑަކޮށްވެސް ދެރައެއް ނުވަމުއެވެ.]

އޭނާ ނަވީދުގެ ވާހަކައަށް ހީނގަތެވެ. އެކަމަކު ލޮލުގެ ތެތްކަން އިތުރުވެގެން ދިޔައެވެ.

[އަހަރެން ދާންވީ ހެއްޔެވެ؟]

[ލައްބައެވެ. ދުރުވާށެވެ.]

[ވިސްނާށެވެ. ދަންޏާދާނީ އަބަދަށެވެ.]

ޖަޔާ ސިހިފައި ނަވީދުގެ މޫނަށް ބަލާލިއެވެ. އޭނާގެ މޫނުމަތީގައި ހަރުކަށިކަން އެކުލެވިފާވެއެވެ. ލޮލުގައި ރުޅިވެރިކަމެވެ. އަދި ބުންޏެވެ. [ޖަޔާ ތިޔަހެން ހަދާފާނެކަމަކަށް ފަހަރެއްގައިވެސް އަހަރެން އުއްމީދެއް ނުކުރަމެވެ. ތިޔަ ދެއްކި ރުޅިއާމެދު އަހަރެން...........]

އޭނާގެ ވާހަކަ ހުއްޓާލިއެވެ. ދެން ކާރު ސްޓާޓް ކުރަމުން ބުންޏެވެ. [އަހަންނަށް ކިޔަވައިގެން ހުރި ރަނގަޅު ކުއްޖަކުވެސް ލިބިދާނެއެވެ. ކަލޭ..........] ޖަޔާ ރުއްސުމަށްޓަކާ އެންމެ ފަހުގެ ޙަމަލާދީފިއެވެ.

އެކަމަކު ޖަޔާގެ މޫނު ރުޅިއައިސްގެންގޮސް ރަތްވެއްޖެއެވެ. ހުޅުވިފައިވާ ކާރުގެ ދޮރުފަތް ވަރަށް ބާރަށް ޖަހައިފިއެވެ. އެއަޑު އެތައް ހިސާބު ދުރަކަށް އިވޭނެއެވެ. އޭނާ ރުޅިއައިސް ތުރުތުރު އަޅަމުން ބުންޏެވެ. [ކަލޭވެސް ތިޔަގޭގެ އެހެން މީހުނެކޭ އެއްވެސް ތަފާތެއް ނެތެވެ. ކިޔަވައިގެން ހުރި ރަނގަޅު ކުއްޖަކު ހޯދާށެވެ. މަރްޙަބާއެވެ. އަހަރެމެންނާމެދު ފިކުރު ނުކުރާށެވެ.]

އޭނާ އެނބުރިލިއެވެ.

[ޖަޔާއެވެ.......] ނަވީދު ދެރަވެލާފައި އޭނާއަށް ގޮވާލިއެވެ.

އެކަމަކު އޭނާ އެނބުރި ބަލާވެސް ނުލިއެވެ. ހަލުވި ފިޔަވަޅު އަޅަމުން އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.

އާނއެކެވެ. އެތައް ފަހަރަކު އޭނާގެ އަތްމައްޗަށް އުފުލުނެވެ. އޭނާ ލޮލުން ކަރުނަ ފޮހުނީ ކަންނޭނގެއެވެ.]

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން