ޞާދިރު ޢަލީދީދީ   17 އޯގަސްޓު 2020 - 14:56
ހުވާކޮށްފާ ބުނަން
ހުވާކޮށްފާ ބުނަން
އެޕިސޯޑް 19

...............

[އަހަންނާއެކު ބޭބެގެ ކައިވެނިވެސް ކުރަންވީނު. އަހަރެން ވަރަށް ބޮޑަށް އެދެން، އަހަރެންގެ ކައިވެންޏާއެކު ބޭބެގެ ކައިވެނި ހަމަޖައްސަން.] ޝެހެނާ ވާހަކަ ދެއްކީ، އޭނާގެ ބޭބެ ޒާއިޝްއާއެވެ.

[ބޭބެވެސް މިހާރު ވިސްނަމުން މިދަނީ ކޮއްކޮގެ ކައިވެނިކުރެވޭ ދުވަހަކީ، ބޭބެމެންގެ ކައިވެނިވެސް ކުރެވޭނެ ދުވަހަށް ހެދުމަށް.] ޑޮކްޓަރ ޒާއިޝް ބުންޏެވެ. އެދުވަހު ޒާއިޝް އޭނާގެ ބައިވެރިޔާ އަމީޝާއާ ވާހަކަ ދެއްކުމަށްފަހު، ޝެހެނާގެ ކައިވެންޏާއެކު، އެމީހުންގެ ކައިވެނިވެސް ކުރުމަށް ނިންމިއެވެ.

އިރުއޮއްސެމުންދިޔައިރު ވާސިލާއި އީވާން ތިބީ ޙުސޭންކަލޯ އުޅޭ ގޭގައެވެ. ވާސިލްމެން ދިޔައިރު، ޙުސޭންކަލޯ ދަގަނޑަކާއި އުދައްޔެއް ހޯދާފައި އޮތެވެ.

[އަދި ވަރަށް މަސައްކަތް އެބައޮތް. މިރޭ މެންދަމުގެ ފަހުން އަހަރެމެން މަސައްކަތާ އުޅޭނީ. ފުރަތަމަ އަހަރެން ބޭނުންވަނީ، އޭނައަށް އެގެއިން ނުނުކުމެވޭގޮތް ހަދަން. އެއަށްފަހު އެތަން ކޮންނަން ފަށާނީ.] ޙުސޭން ކަލޯ ބުންޏެވެ.

އެރޭ ޙުސޭން ކަލޯއާއި ވާސިލްމެން ރަނާމެންގެ ގެޔަށް ދިޔައީ މެންދަމު ބާރަވެސް ޖެހިފަހުންނެވެ. ނަޞީބު ދިމާކުރިގޮތުން، އެވަގުތަކީ އަބަދުވެސް އާދައިގެ މަތިން އަމަރް އޭނާ ކުރާ ކަމެއް ކުރުމަށްޓަކައި ބޭރަށް ނުކުމެ އުޅޭ ވަގުތެކެވެ. އެގެޔާވީ ސަރަޙައްދަކުވެސް އޭނާއެއް ނެތެވެ.

ވުމާއެކު، ޙުސޭންކަލޯ ވަރަށް ހަމަޖެހިލައިގެންހުރެ، އޭނާގެ މަސައްކަތް ފެށިއެވެ. ނަމަވެސް އޭނާ މަސައްކަތް ކުރަމުން ދިޔައީ، އަމަރް އެގޭތެރޭގައި އުޅޭ ކަމަށް ބަލައިގެންނެވެ.

[މިހާރު އެގޭތެރޭގައި އޭނާ ހުއްޓަސް ނުނުކުމެވޭނެ. ގޭގައި ނޫޅެންޏާ މިގޯއްޗަކަށް ނުވަދެވޭނެ. އަވަހަށް ގާތަށް ނަގާފައި ކޮންނަން ފަށާ.] ޙުސޭން ކަލޯ ބުންޏެވެ.

އީވާނާއި ވާސިލް ކޮންނަން ފެށިއެވެ. ޙުސޭން ކަލޯ ފާހަގަކުރި ތަނެވެ. ހަތަރުވަރަކަށް ފޫޓަށް ކޮނުނުތަނާހެން ކަށިތައް އަރަން ފެށިއެވެ. އެއާއެކު ވާސިލް ބިރުން ފަހަތަށް ޖެހުނެވެ. އެއީ އެގޭގެ ދޮރު މީހަކު ހުޅުވަން މަސައްކަތް ކުރި ވަގުތެވެ. އެންމެންގެ ލޯ އެދިމާއަށް ހުއްޓުނެވެ. މާގިނައިރުތަކެއްނުވެ އެފެނުނީ ދޮރު ހުޅުވުނު ތަނެވެ. ދޮރުން އެނުކުތީ އަމަރެއް ނޫނެވެ. ރަނާއެވެ. ރަނާގެ ފަހަތުން އެގޭގައި ދިރިއުޅޭ ގިނަބަޔަކު ނުކުތެވެ. ރަނާމެން ފެނުމާއެކު، ވާސިލްމެން މަސައްކަތް ހުއްޓާލުމަށްފަހު ހިންދެމިލިއެވެ. ގޯތިތެރެ އެކަށް އަނދިރިކޮށްފައި އޮތުމުގެ ސަބަބުން ގޯތިތެރެ ކޮންނަން ތިބީ ކޮންބައެއް ކަމެއް ރަނާމެނަކަށް ފުރަތަމަ ނުވެސް އެނގުނެވެ. ވުމާއެކު، ރަނާގެ އެދުމުގެ މަތިން ބަދުރިއްޔާ ގޮސް ގޯތިތެރެ ދިއްލައިފިއެވެ.

[ގޯތިތެރެއަށް ވަދެގެން ކީއްކުރާ ބައެއްތަ ތީ....] ރަނާއާއި އޭނާގެ މަންމަ އެދިމާއަށް ހިނގައިގެންފިއެވެ. އޭރުވެސް އަދި އޭނައަކަށް އެއީ ކޮންބައެއް ކަމެއް ނޭނގެއެވެ.

[ކޮއްކޯ....މިއީ ހަމަ ތިޔަ ކުއްޖާއަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކެއް. މިއުޅެނީ ރަނާ ސަލާމަތް ކުރަން.] ރަނާއަށް ޖަވާބުދިނީ ޙުސޭންކަލޯއެވެ.

[އަހަރެން ސަލާމަތް ކުރާށޭ!؟ ކޮންތާކުން ނޫނީ ކޮންކަމަކުން؟] ރަނާ އައިސް ޙުސޭން ކަލޯއާ އަރާހަމަކުރިއެވެ. އޭރުވެސް ވާސިލް ހުރީ އެމީހުންނަށް ފުރަގަސްދީގެންކަމުން އޭނާއަށް ވާސިލެއް ނޭނގެއެވެ.

[ރަނާ ސަލާމަތްކުރަން މިއުޅެނީ، އަމަރްގެ ކިބައިން. އޭނާ އެއުޅެނީ ރަނާއަށް ވަރަށް ބޮޑަށް އޮޅުވާލައިގެން. އަހަރެން މިމަސައްކަތް ކުރަނީ، އޭނާގެ ދިރިއުޅުމުން ރަނާ ސަލާމަތްކޮށްދޭން.] ޙުސޭން ކަލޯ ބުންޏެވެ.

[މާނައަކީ ތިޔައީ އަހަންނާ އަހަރެންގެ ފިރިމީހާ ދުރުކުރުމަށް މަސައްކަތްކުރާ ބަޔެކޭތަ؟ ހަމަ މިހާރު ތި މަސައްކަތް ހުއްޓާލާ. އަހަރެން ބޭނުމެއް ނޫން އަމަރާ ވަކިވާކަށް.] ރަނާ ހަޅޭއްލަވައިގަތެވެ. އެއާއެކު ވާސިލް ރަނާއާ ކުރިމަތިލިއެވެ.

[ރަނާ.....އަމަރް އެއީ ކާކުކަން އެނގޭނަމަ، ރަނާ ތިހެނެއް ނުބުނާނެ. ޙުސޭނުބެ އެބުނަނީ ތެދެއް. އަހަރެމެން މިމަސައްކަތް ކުރަނީ، ރަނާ އަމަރްގެ ކިބައިން ސަލާމަތް ކުރަން. ރަނާއަށް އެނގޭތަ، މިވަޅުގަނޑުތެރެއިން ތިލަވަނީ ކޯއްޗެއްކަން؟ އިންސާނެއްގެ ކަށިތަކެއް. ކީއްވެތަ! މިގޭ ގޯތިތެރޭގައި އިންސާނެއްގެ ކަށިތަކެއް ހުންނަންވީ؟] ވާސިލް އުދަލިން ކަށިތައް މައްޗަށް އަރުވަމުންދިޔައެވެ.

[ދުވަސްތަކެއް ކުރިން އަމަރް ތިތަނުގައި ބުޅަލެއް ވަޅުލި ވާހަކަ ބުނި. ވާސިލްމެން ތިއުޅެނީ ކީއްކުރަންތަ! ރަނާ ހިސާބަކަށް ޙައިރާންވިއެވެ.

[ރަނާ.....މިއީ ބުޅަލެއްގެ ކަށިތަކެއް ނޫން. މިއީ ސީދާ އިންސާނެއްގެ ކަށިތަކެއް. މިއީ އަމަރްގެ ކަށިތައް. ރަނާ ތިއުޅެނީ ވަރަށްބޮޑު އޮޅުންގަނޑެއްގެ ތެރޭގައި. މިހާރު އަމަރްގެ ސިފައިގައި މިގޭގައި އުޅެމުން ދަނީ، އަޞްލު އަޞްލު އަމަރެއް ނޫން......އާނ.......އެއީ އަމަރްގެ ސިފައިގައި އުޅެމުންދާ ޖިންނިއެއް....] ޙުސޭން ކަލޯ އަމަރްގެ ޙަޤީޤަތް ރަނާއަށް ކިޔައިދިނެވެ.

[ނޫން...ނުވާނެ ތިހެނެއް. ތިދައްކަނީ އަހަންނަށް ޤަބޫލު ކުރެވޭނެ ވާހަކަތަކެއް ނޫން. ތިއުޅެނީ އަހަންނާ އަމަރް ނުލާހިކު އުފަލުގައި އުޅެމުންދާތީ، ދުރުކުރަން. ތިޔައީ ވާސިލްގެ ރޭވުމެއް....] ރަނާ އެވާހަކަ ޤަބޫލުކުރާކަށް ބޭނުމެއްނުވިއެވެ.

[ތިހެން ނުބުނޭ ރަނާ...އަހަރެން ހުވާކޮށްފައި ބުނަން، ޙުސޭން ކަލޯބެ އެދައްކަނީ ހަމަ ޙަޤީޤަތް. އަމަރްގެ ސިފައިގައި އެއުޅެނީ އިންސާނެއް ނޫން. ޤަބޫލުކުރޭ، ރަނާ....އޭނައަކީ އިންސާނެއް ނޫންކަން އަހަރެމެން ރަނާއަށް ސާބިތުވެސް ކޮށްދީފާނަން.] ވާސިލް ބުންޏެވެ. ނަމަވެސް ރަނާ އެވާހަކައެއް ޤަބޫލެއް ނުކުރިއެވެ. އޭނާ ހީކުރީ ވާސިލް އޭނާ ޙާޞިލް ކުރުމަށްޓަކައި ރާވަމުންދާ ރޭވުމެއް ކަމަށެވެ.

[އަހަރެން ބޭނުމެއް ނޫން، ތިވާހަކަ އަޑުއަހާކަށްވެސް. ހަމަ މިހާރު މިގޭ ގޯތިތެރެއިން ނުކުމޭ. އެހެން ނޫނީ އަހަރެން ޕޮލިހަށް ގުޅާނަން.] ރަނާ މިހެން ބުނެފައި ރަނާ އެތެރެއަށް ވަނެވެ. އެއަށްފަހު، އޭނާ ގުޅީ އަމަރްގެ މޯބައިލަށެވެ. ނަމަވެސް، ފޯނަކުން ޖަވާބެއް ނުލިބުނެވެ. އެތައްފަހަރަކު ތަކުރާރުކޮށް ގުޅީމާވެސް އަމަރް ފޯނެއް ނުނެގިއެވެ.

ރަނާމެން އެތެރެއަށްވަދެ ދޮރުތައް ލެއްޕިޔަސް، ޙުސޭންކަލޯ އޭނާގެ މަސައްކަތް ހުއްޓައެއްނުލައެވެ.

[އެމަންޖެ މިހާރު ޤަބޫލު ނުކުރިޔަސް، އަހަރެމެން ސާބިތުކޮށްދިނީމަ، ޤަބޫލުކުރާނެ....އަހަރެން ކުރިއަށް އޮތް 12 ގަޑިއިރުތެރޭ ސާބިތުކޮށްދޭނަން.] މަސައްކަތުގައި ހުރެ، ޙުސޭންކަލޯ ވާސިލްމެނަށް އުއްމީދު އާކޮށްދިނެވެ. މިހާރު އޭނާ މަސައްކަތް ކުރަމުން އެދަނީ ޖިންނި ސީދާ އޭނާގެ ބާރުގެ ދަށަށް ގެންނާށެވެ.

އިރުކޮޅަކުން އެތަނަށް ފުލުހުންގެ ވެހިކަލެއްވެސް އައިސް މަޑުކޮށްފިއެވެ. ޤަބޫލުކުރެވޭ ގޮތުގައި ފުލުހުންނަށް ގުޅީ ރަނާއެވެ. ފުލުހުން އައިސް ފުރަތަމަވެސް އުޅުނީ ޙުސޭންކަލޯގެ މަސައްކަތް ހުއްޓުވާށެވެ. ނަމަވެސް އޭނާ މަސައްކަތް ހުއްޓާނުލާހުރެ އެވާހަކަ ކިޔައިދިނެވެ. އަދި އެގޯތިތެރޭ އިންސާނަކު ވަޅުލާފައިވާ ކަމަށާއި، އެމީހަކީ އަމަރް ކަމަށް ޤަބޫލުކުރެވޭ ކަމުގައިވެސް ބުންޏެވެ.

އަދި ފުލުހުން ގާތު އޭނާ އެއީ ތެދުކަން ސާބިތުކޮށްދޭނަމޭ ބުނެފައި، މަސައްކަތް އިތުރަށް ކުރިއަށް ގެންދަން ފެށިއެވެ. އެވަގުތު އެތަނަށް އައި ފުލުހުންގެ ތެރޭގައިވެސް އޭނާ ވަރަށް ރަނގަޅަށް ދަންނަ ދެފުލުހަކު ތިބުމާއެކު، އެމަސައްކަތް ބަލަން އެމީހުންވެސް މަޑުކުރިއެވެ. އެތަނުގައި ޙުސޭންކަލޯގެ މަސައްކަތް ބަލަން ތިބުމަށްފަހު، ފުލުހުން ވަނީ ސީދާ އެގެޔަށެވެ. ފުލުހުން އެތަނުން ފެނިފައިވާ އިންސާނެއްގެ ކަށިތަކާ ބެހޭގޮތުން ރަނާއާ ސުވާލު ކުރިއެވެ. ޖަވާބުގައި ރަނާ އެމީހުން އެގެޔަށް ބަދަލުވިތާ ކުރީކޮޅު، އެގޭގައި ގެންގުޅޭ މީހަކު ގަސް އިންދުމަށްޓަކައި ކޮންނަނިކޮށް ކުނިވަސްދުވި ކަމަށާއި، ނަމަވެސް އަމަރް އައިސް އެތަނުގައި އޭނާ ބުޅަލެއް ވަޅުލި ވާހަކަ ބުނެފައިވާ ކަމަށް ބުންޏެވެ.

[އެތަނުގައި އެހުރީކީ ބުޅަލެއްގެ ކަށްޓެއް ނޫން. އެއީ ހަމަ ސީދާ އިންސާނެއްގެ ކަށިތަކެއް. އަހަރެން ބޭނުން އަމަރާ ސުވާލުކުރަން. އަމަރް ގޭގައި އެބައުޅޭތަ؟] އެވަގުތު އެތަނުގައި ހުރި ލާންސް ކޯޕްރަލް ޝަރީފް ރަނާއާ ވާހަކަ ދެއްކިއެވެ.

[އޭނާ މިގަޑީގައި ހުންނާނީ ސަންސެޓް ރެސްޓޯރަންޓްގައި....އެތަން ބަންދުކޮށް ނިންމާފައި އޭނާ ގެޔަށް އަންނާނެ.] ރަނާ ޖަވާބުދިނެވެ.

[އޭނައަށް ގުޅާފައި ބުނެބަލަ! އަވަހަށް ގެޔަށް އަންނާށޭ.] ޝަރީފް އެދުނެވެ. މިފަހަރު ރަނާ ގުޅީ ރެސްޓޯރެންޓަށެވެ. ރެސްޓޯރަންޓުން ފޯނުނެގީ ބިދޭސީއެކެވެ. އޭނާ ބުނީ ދުވަހަކުވެސް މިގަޑީގައި އަމަރް އެތަނަށް ނާންނަ ކަމަށާއި، ދުވާލުވެސް މިހާރު އެތަނަށް ވަންނަނީ ވަރަށް މަދުން ކަމަށެވެ. އެމީހާގެ ވާހަކައިން ރަނާއަށް ވަރަށްބޮޑު ޙައިރާން ކަމެއް ލިބުނެވެ.

[އެތާކުވެސް ނެތް. އަނެއްކާ ކިހިނެއްބާ މިވަނީ؟] ރަނާގެ ހިތް ނުތަނަވަސްވިއެވެ.

[މޯބައިލުންވެސް ނުގުޅޭތަ؟] ޝަރީފް އެއްސެވެ. ބޮލުގެ އިޝާރާތުން އާއެކޭ ބުނެފައި، ރަނާ އަނެއްކާވެސް ބޭރަށް ނުކުމެއްޖެއެވެ. އޭނާއާއެކު މިފަހަރުވެސް އެގޭގައި އުޅޭ ހުރިހާ މީހުންވެސް ނުކުތެވެ. ރަނާ ދެން ގުޅީ އަމަރްގެ މަންމަމެންގެ ގެޔަށެވެ. އެއަށްފަހު، އަމަރްގެ ބައްޕަ ގާތު އެގޭ ގޯތިތެރެއިން އިންސާނެއްގެ ކަށިތަކެއް ފެންނަމުންދާ ވާހަކައާއި، ފުލުހުން އައިސް އުޅޭ ވާހަކަ ބުނެފައި ރަނާ ފޯނު ބޭއްވިއެވެ.

[އަހަންނަކަށް ނޭނގެ، އޭނާ ކޮންމެ ރެޔަކުވެސް ދަންވަރު ބޭރަށް ނުކުމޭ. ދާތަނެއްވެސް ނޭނގެ. އަހަރެން ސުވާލު ކުރީމާ ބުނީ، ރެސްޓޯރަންޓަށޭ ދަނީ.] ރަނާ، އޭނާގެ މަންމަ ގާތު ބުންޏެވެ. މާގިނައިރުތަކެއްނުވެ، އަމަރްގެ މަންމަ ފަރީޝާއާއި ބައްޕަ ނިޔާޒް އަތުވެއްޖެއެވެ.

[ހާސްނުވާތި! މާގިނައިރުތަކެއްނުވެ އަމަރްގެ ސިފައިގައި އެއުޅޭ ޖިންނި، އެންމެންގެ ލޯތަކަށް ފާޅުވާނެ. އޭތި މިހާރު ހުރީ ސީދާ އަހަރެންގެ ބާރުގެ ދަށުގައި....] މިހެން ބުނެފައި، އަނެއްކާވެސް ޙުސޭންކަލޯ ކިޔަވަން ފަށައިފިއެވެ. މިހާރު އެތަނުގައި ބަދުރިއްޔާގެ ޢާއިލާވެސް އެބަތިއްބެވެ. މިހާރު އެމަގުން ދަތުރުކުރަމުންދާ މީހުންވެސް ކޮންމެވެސް ވަރަކަށް އެތަނަށް ހުއްޓެމުން ދިޔައެވެ. ކިޔެވެލި ކިޔަވާތާ ގާތްގަނޑަކަށް ގަޑިއެއްހާއިރުވިފަހުން ޙުސޭން ކަލޯއާ ދާދި ގާތަށް އެ ފާޅުވީ އަމަރެވެ. އެމަންޒަރާއެކު ރަނާއަށް ބިރުން ހަޅޭއްލަވައިގަނެވުނުވެސްމެއެވެ.

[ކަލެއަކީ ކާކު؟ ހަމަ މިހާރު ބުނޭ. އަމަރް ކޮބާ؟] ވަރަށް ހަރުކަށި އަޑަކުން ޙުސޭން ކަލޯ ސުވާލު ކުރިއެވެ. އޭރު އަމަރް ހުރީ ވަރަށް ބޮޑަށް ބިރުގެންފައެވެ. އޭނާ ހުރީ އިސްޖަހާލައިގެންނެވެ. އޭރު އެތާ ތިބި ހުރިހާ މީހުންވެސް ތިބީ ވަރަށް ބޮޑަށް ޙައިރާންވެފައެވެ.

[ހަމަ މިހާރު ބުނޭ! ކަލެއަކީ ކާކުތަ؟ އަމަރް ވީތަނެއްވެސް މިރޭ ކަލޭ ޖެހޭނެ ބުނަން.] ޙުސޭންކަލޯ ހަރުކަށި އަޑަކުން ސުވާލުކުރިއެވެ.

[އަހަންނަކީ އަމަރް....އަހަންނަކީ ރަނާގެ ފިރިމީހާ. ކިހިނެއްތަ ވެގެން މިއުޅެނީ.] ބިރުގެންފައި ހުރެމެ އަމަރް ވާހަކަ ދެއްކިއެވެ.

[ކަލޭ ތީ އަމަރެއް ނޫން. ކަލޭގެ ފުރާނަ ބޭނުމިއްޔާ، ކަލެއަށް ޖެހޭނީ އަހަރެންގެ ކުރިމަތީގައި ހަތިޔާރު ބަހައްޓަން. ބުނޭ، މިތާ މިހުރީ ކޮން އިންސާނެއްގެ ކަށިތަކެއް؟] ޙުސޭންކަލޯ ކުރިއަށްވުރެންވެސް ބާރަށް ވާހަކަ ދެއްކިއެވެ.

އޭރުވެސް އޭނާ އައީ ކިޔަވަމުން، ޖިންނީގެ މައްޗަށް ބާރު ގަދަކުރަމުންނެވެ. ޙުސޭންކަލޯއަށް ޖިންނި ކިޔަމަންވާންފެށީ، ކިޔެވެލި ކިޔަވާތާ އެތައްއިރެއް ފަހުންނެވެ. އޭރު އަމަރްގެ މަންމައާއި ބައްޕަވެސް އެތަނަށް އަތުވެއްޖެއެވެ.

[އަހަރެން ސަލާމަތްކުރޭ ބޭބޭ..އަހަރެން ސަލާމަތްކުރޭ..މަންމާ..ބައްޕާ! މިހުރި ބޭބެ މިއުޅެނީ އަހަރެން މަރާލަން. އޭނާ އެކުރާ މަސައްކަތް ހުއްޓުވާ....ހެޔޮނުވާނެ ބައްޕާ....އޭނާ އެކުރާ މަސައްކަތް ހުއްޓުވާ.] އަމަރްގެ ސިފައިގައި ހުރި ޖިންނި، އޭނާގެ މަންމައާއި ބައްޕަ އައިސް ހުއްޓުމާއެކު، ރޮއިގެންފައި އާދޭސް ކުރިއެވެ. ވުމާއެކު، އޭރު ވާނުވާ ނޭނގިތިބި ނިޔާޒާއި ފަރީޝާއަށް ދަރިފުޅުގެ އަޑު އިވުމާއެކު، ޙުސޭންކަލޯ ކުރަމުންދިޔަ މަސައްކަތް ހުއްޓުވިއެވެ.

[އޭތް ކަލޭމެން ތިއުޅެނީ މޮޔަވެގެންތަ، ހަމަ މިހާރު އެސޮރު ދޫކޮށްލާ. ކަލޭވެސް ތިކުރާ މަސައްކަތް ހުއްޓާލާ....] ނިޔާޒް ޙުސޭންކަލޯގެ އަތުގައި ހުރި ތަކެތި ހޫރުވާލިއެވެ. ހަމައެއާއެކު ވަރުގަދަ ވިދުވަރަކާއެކު، އަމަރްގެ ސިފައިގައި ހުރި ޖިންނި ގެއްލުނެވެ. އެވަގުތު ނިޔާޒާއި ފަރީޝާއަށްވެސް ލިބުނީ އިންތިހާއީ ޙައިރާން ކަމެކެވެ.

[ކިހިނެއްމިވީ! ކޮބައިތަ އަހަރެމެންގެ ދަރިފުޅު.....ވެގެން އުޅޭގޮތް ފުރަތަމަ އަހަރެން ގާތު ބުނެބަލަ. ރަނާ.......އަމަރް ކޮބައިތަ؟] ނިޔާޒް މިސުވާލު ކުރަން ފެށުމާއެކު، ރަނާއަށް ބާރުބާރަށް ރޮއިގަނެވުނެވެ.

ނިޔާޒާއި ފަރީޝާއަށް ޖަވާބުދިނީ ޙުސޭން ކަލޯއެވެ. ޙުސޭން ކަލޯ އޭނާއަށް އެނގިފައިވާ ގޮތަށް ހުރިހާ މަޢުލޫމާތެއްވެސް ކިޔައިދިނެވެ. ހަމައެއާއެކު، ފަރީޝާއަށްވެސް ރޮއިގަނެވުނެވެ.

[އަލުން އޭތި މިތަނަށް ގެނޭ. ގެނެސް އަމަރްވީ ތަނެއް އަހާ....އަވަހަށް މަސައްކަތް ފަށާ....] ނިޔާޒް އެދުނެވެ.

ޙުސޭން ކަލޯ އަނެއްކާވެސް މަސައްކަތް ފެށިއެވެ.

[ގަޑިއެއްހާއިރު ނަގާނެ، އަނެއްކާ އަލުން އޭތި ގެންނަން. މިފަހަރު އޭތި ގެނެސް، އޭތިލައްވާ ހުރިހާ ވާހަކައެއް ކިޔުއްވާނަން.] ޙުސޭން ކަލޯ އަލުން ކިޔެވެލި ކިޔަވަން ފެށިއެވެ.

އޭރުވެސް ފުލުހުންނާއި ހިސާބަކަށް ޢާންމުންވެސް އެތަނުގައި ތިއްބެވެ. މާގިނައިރުތަކެއްނުވެ، ޢާންމު ފަރާތްތަކުގެ މަޢުލޫމާތުގެ އަލީގައި ބައެއް ނޫސް ރިޕޯޓަރުންވެސް ކެމެރާތައް ހިފައިގެން އެތަނަށް އަތުވެއްޖެއެވެ. ބައެއް ދުވަހު ނޫސްތަކާއި ހަފްތާ މަޖައްލާތަކުގެ ރިޕޯޓަރުންވެސް ތިއްބެވެ. މިފަދަ ކޮންމެ ޙާދިޘާއަކީވެސް ނޫސްވެރިންނަށް އަންނަ ޢީދެކެވެ.

[އެއްވެސް މީހަކު ބިރުނުގަންނާތި! އޭތި އަހަރެމެންގެ ތެރެއަށް ފާޅުވާނީ ކުއްލިއަކަށް. އޭތި ފާޅުވާ ވަގުތު ވަރަށް ވަރުގަދަ ލޮޅުމެއްވެސް އަތުވެދާނެ.] ޙުސޭންކަލޯ ބުންޏެވެ.

އެވަގުތެވެ. ވާސިލްގެ ހުރިހާ ނަޒަރެއްވެސް އަމާޒުވެފައިވަނީ، ރޮއިރޮއި ހުރި ރަނާއަށެވެ. ރަނާ ހަމަ ރޮނީއެވެ. ވާސިލްގެ ހިތަށްއަރަނީއެވެ. ރަނާ އެހާވަރަށް އެ ރޮނީ އަމަރްދެކެ ލޯބިވާތީބާއެވެ. މިހާރު ރަނާ އޭނާއާމެދު އެއްވެސްވަރަކަށް ނުވިސްނަނީބާއެވެ؟ އާއެކެވެ. މިހާރަކު އޭނާއެއް ވާސިލާމެދު އެއްވެސް ވަރަކަށް ނުވިސްނައެވެ. ޖިންނި އެވަނީ ރަނާގެ ވިސްނުން ބަދަލުކުރުވާފައެވެ. ރަނާގެ ވިސްނުން ދެން އެނބުރޭނީ، އޭތީގެ ކިބައިން އެކަށް ސަލާމަތްވުމަށްފަހުގައެވެ.

[ރަނާ ހިތްވަރުކުރޭ....އަހަރެން ރަނާއަށް އެހީވާނަން. އަހަންނަށް އެނގޭ، ކަންތައް ދިމާވިގޮތުން، ރަނާ ދެރަވާނޭކަން.] ވާސިލް ރަނާއާ ދާދިގާތަށް ހުއްޓުނެވެ.

[އެހެން އެއްވެސް މީހެއްގެ އެހީއެއް އަހަރެން ބޭނުމެއް ނޫން. އަހަރެން ބޭނުމީ އަމަރް....އަމަރް....މަންމާ.....އަޅެ އަމަރް ކޮބައިތަ. ޖިންނި ކީއްވެތަ އަހަންނާ އަވަލީ....އަހަރެން އޭއްޗަށް ކޮން ގޯނާއެއް ކޮށްގެންތަ؟] ރަނާ އަދިވެސް ރޮނީއެވެ. ވާސިލް އިސްޖަހާލިއެވެ.

ޙަޤީޤަތުގައި ރަނާ ލޯބިވަނީ ވާސިލްދެކެއެވެ. ރަނާގެ ލޯބި ބަދަލުކުރުވީ ޖިންނިއެވެ. އޭތީގެ ބާރުގެ ބޭނުންކޮށްގެންނެވެ. އޭތީގެ ކިބައިން ރަނާ ސަލާމަތްކުރެވުމާއެކު، ރަނާގެ ވިސްނުން ބަދަލުވާނޭ ކަމަށް ވަރަށް ބޮޑަށް ޤަބޫލުކުރެވެއެވެ.

[މިހާރު އޭތި އެބަހުރި، އަހަރެމެންނާ ވަރަށް ކައިރީގައި. އޭއްޗާ ދޭތެރޭ މިރޭ އަހަރެން ޢަމަލުކުރާނީ ރަނާމެނަށް ފެންނަ ގޮތަކަށް.] ޙުސޭން ކަލޯ ބުންޏެވެ. ކުއްލިއަކަށް ޖިންނި އެތަނަށް ފާޅުވީ، ޙުސޭން ކަލޯއަށް އެހެން ބުނެވުނު ވަގުތުއެވެ. އަދިވެސް އޭތިހުރީ އަމަރްގެ ސިފައިގައެވެ.

[މިރޭ އަހަރެން ކަލޭގެ ދުވަސް ދުއްވާލާނަން. އެންމެ ފުރަތަމަ އަމަރްވީ ތަނެއް ކަލޭ ބުނޭ. ކަލޭތީ ކާކު؟] ޙުސޭން ކަލޯ ވާހަކަ ދެއްކިއެވެ. އޭރު އަމަރްގެ ސިފައިގައި ހުރި ޖިންނިއަށް ރޮވެނީއެވެ.

[އަހަންނަކީ އިންސާނެއް ނޫން. ރަނާގެ ލޯބި ޙާޞިލް ކުރުމުގެ ބޭނުމުގައި، އަހަރެން އަމަރް މަރާލީ....އަހަރެން އަމަރްގެ މަސްގަނޑު ވަޅުލީ، މިގޭ ގޯތިތެރޭގައި. އަހަންނަށް މަޢާފްކުރޭ.....އާދޭސް ކުރަން، އަހަރެން ސަލާމަތްކުރޭ....އަހަރެން ދެން ދުވަހަކުވެސް އިންސާނަކަށް ގެއްލުމެއް ނުދޭނަން....] އަމަރްގެ ސިފައިގައި ހުރި ޖިންނީގެ ސިފަ ބަދަލުވިއެވެ. އެއާއެކު އެންމެންނަށް އެއްފަހަރާ ހަޅޭއްލަވައިގަނެވުނެވެ.

މިހާރު އެމީހުންގެ ކުރިމަތީގައި އެހުރީ އިންސާނެއް ނޫނެވެ. އެއީ ނިކަން ބިރުވެރި ސިފައެއްގައި ހުރި ސޫރައެކެވެ. އެވަގުތު އަމަރްގެ މަންމަ އަނބުރައިގަނެގެން ވެއްޓުނެވެ. އޭނާ ހޮސްޕިޓަލަށް ގެންދެވުނީ، އެވަގުތު އެތަނުގައި ތިބި ފުލުހުންނާއި ބައެއް ޢާންމުންގެ އެހީތެރިކަމާ އެކުގައެވެ.

[ކަލެއަކަށް މަޢާފެއްވެސް ނުލިބޭނެ. ކަލޭގެ ފަރާތުން މިހާރު އެތަކެއް އިންސާނުންނަށް ވާނީ ތުރާތަކާ ކުރިމަތިވެފައި. ކަލޭގެ ތުރާތަކާ ކުރިމަތިވެފައި ތިބި ޢާއިލާތައް ހަމަ މިހާރު ބުނޭ.] ޙުސޭން ކަލޯ އޭރުވެސް އޭނާގެ މަސައްކަތް ހުއްޓައެއްނުލައެވެ.

[އަހަރެންގެ ސަބަބުން ބަދުރިއްޔާއަށްވެސް ވަނީ ވަރަށްބޮޑު ހިތްދަތިކަމެއް ބަރުދާސް ކުރަން ޖެހިފައި. ބަދުރިއްޔާ އަހަންނަށް މަޢާފްކުރޭ. ބަދުރިއްޔާ ވިހޭ ދަރިފުޅު ވަގަށް ނެގީ އަހަރެން. ބާދާއަކީ ބަދުރިއްޔާގެ ދަރިފުޅު....] ޖިންނި އެ ބިރުވެރި ސިފައިގައި ހުރި ބިރުވެރި އަޑަކުން ވާހަކަ ދެއްކިއެވެ. ބަދުރިއްޔާގެ އަނގަ ހުޅުވުނެވެ.

[ތިހެންވީއިރު ކޮބާ ރަނާ ވިހޭ ދަރިފުޅު؟] ޙުސޭން ކަލޯ އަނެއްކާވެސް ސުވާލު ކުރިއެވެ.

[އެއާއެކު ބިރުވެރި ސިފައިގައި ހުރި ޖިންނި، އެގެޔަށް ވަންނަ ދޮރާށްޓާ ދިމާއަށް އަތް ދިއްކުރިއެވެ. އެވަގުތު ރަތް ލިބާހެއް ލައިގެން ހުރި އަންހެނެއްގެ އަތުގައި ހިފައިގެން ދޮރުން އެ ވަންނަނީ ރަނާގެ ދަރިފުޅެވެ.

[ރަނާއާއި އަހަރެންގެ ދަރިފުޅަކީ އެއީ....ދެން އެހުރީ އަހަރެންގެ ދައްތަ. އަހަރެމެންގެ ދަރިފުޅު ބަލަނީ އެ ދައްތަ. ރަނާ އެދަރިފުޅުގެ ޙައްޤުގައި އަހަރެން ސަލާމަތްކޮށް ދޫކޮށްލުމަށް ބުނޭ. އަހަރެން ރަނާއަށް އެއްވެސް އުނދަގުލެއް ނުކުރާނަން.]

[އަހަރެން ސަލާމަތްކުރޭ. އަހަރެން ދެން ދުވަހަކުވެސް ރަނާއަށް އުނދަގުލެއް ނުކުރާނަން. އަޅެ އާދޭސްކުރަން، ރަނާ އަހަރެން ސަލާމަތްކޮށްދީ.] ކުރިން އަމަރްގެ ސިފައިގައި ހުރި ބިރުވެރި ޖިންނި ރޮއި އާދޭސް ކުރިއެވެ.

[ދޮގެއް ބޭބޭ....ތި އެތި ދޫނުކުރާތި! ތިޔައީ އެއްވެސް ރަޙުމެއްނެތް އެއްޗެއް. ތި އެތި މަރާލާ. މަރާލާ! ތިއެތީގެ ސަބަބުން އަހަރެންގެ ދިރިއުޅުން ހަލާކުވެއްޖެ. އަހަރެންގެ އުފާތައް ކަފުން ކުރެވިއްޖެ.] ރަނާ ރޮއިރޮއިފައި ވާހަކަ ދެއްކިއެވެ.

އެއަށްފަހު، ޖިންނި އޭތި އަމަރްގެ ސިފައިގައި އައިސް، ރަނާ ކާމިޔާބުކުރި ގޮތާއި، އޭތި އަމަރް މަރާލިގޮތް ވަރަށް ރަނގަޅަށް ކިޔައިދިނެވެ.

[އަހަރެން ރަޙުމްކުޑަ ޢަމަލެއް ހިންގިޔަސް، ހިންގާފައިވަނީ ރަނާގެ ލޯބީގެ ޙައްޤުގައި. އަހަރެން ރަނާދެކެ ވަރަށް ލޯބިވޭ.....ވަރަށް ލޯބިވޭ....އަހަރެން މިވާ ތެދުވެރި ލޯބީގެ ޙައްޤުގައިވިޔަސް، އަހަންނަށް މަޢާފްކޮށްފައި އަހަރެން ދޫކޮށްލަދީ....] ބިރުވެރި ސިފައިގައި ހުރި ޖިންނި ރޮއިރޮއިފައި ވާހަކަ ދައްކަމުންދިޔައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން