އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނަށް ލިބޭ އެލަވަންސަކީ މުސާރައެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއިއެކު މިއަދު ބޭއްވެވި ބައްދަލުވުމުގައި އެ ކޮމެޓީގެ ފަރާތުން ވެސް ވަނީ މުސާރައިގެ މައްސަލާގައި ކޮމެޓީގެ ކަންބޮޑުވުން ރައީސާ ހިއްސާ ކޮށްފައެވެ.

އެކަމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ, ރަށްރަށަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުތަކުގައި ހަމަ ކޮންމެ ރަށެއްގެ ކައުންސިލް އަދި ޑަބްލިއުޑީސީ އާ ބައްދަލުވިއިރު އެ ރަށްތަކުގެ ކަންބޮޑުވުމަކީ ލިބޭ އިނާޔާތް މުސާރައިގެ ގޮތުގައި ނުލިބޭ މައްސަލަ ކަމަށެވެ.

އަދި އޭގެ ސަބަބުން ލޯނަކަށް އެދި ހުށަހެޅިޔަސް ބެންކުން އެކަން ހަމަނުޖެހޭ މައްސަލައާއި ރޯދަމަހުގެ އިނާޔަތް ވެސް ނުލިބޭ މައްސަލަ ވަރަށް ގިނައިން ފާހަގަ ކުރާކަމަށް ރައީސް ވިދާޅުވިއެވެ.

“ތިމަންނަމެންނަށް ލިބެނީ އެލަވަންސްއެކޭ، އެލަވަސެއް ގޮތުގައި ލިބޭތީ ވަރަށް ގިނަ ދަތިތައް އެބަ ދިމާވޭ، މުވައްޒަފުންނަށް. ލިބޭ އެކި ކަހަލަ އެއްވެސް ކަހަލަ އިނާޔާތެއް ނޯވޭ، ޗުއްޓީ ވިހެއުމުގެ ޗުއްޓީ، ދެން ރޯދަމަހުގެ އިނާޔަތް، އެއްވެސް ކަމެއް ބޭންކަކުން، ލޯނެއް ނަގަން ޖެހުނަސް މުސާރައެއް ގޮތުގައި ނުލިބޭ ވާހަކައާ މިކަހަލަ ވާހަކަތައް ހަމަ ކޮމަންކޮށް ހުރިހާ ކައުންސިލްތަކުގެ ޑަބްލިއު ޑީސީންވެސް އައީ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެކަމަށް ހައްލެއް ގެނެވެން އަންނަނީ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ހައިސިއްޔަތު އޮންނަގޮތް ބަދަލުކޮށްގެން ކަމަށެވެ.

އަދި ކުރިން އެ މަސައްކަތް ކުރަން ދަތިފުޅުވީ ސަރުކާރަށް އެއްބާރުލުންދޭނެ މަޖިލީހެއް ނެތުމުންކަމަށާއި ނަމަވެސް މިހާރު މަޖިލީހުގެ މެޖޯރިޓީ ލިބިފައިވާތީ ފުރިހަމަ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބޭ ކަންކަން ޑަބްލިއުޑީސީތަކުގެ މެންބަރުންނަށް ހަމަޖައްސަވައި ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެއިރުން އިނާޔަތް މުސާރައަކަށްވެ މަހުރޫމްވެފައިވާ ހުރިހާ ކަންކަމެއް ހަމަޖެހިގެން އަންނަވަރުގެ އިސްލާހެއް ގާނޫނަށް ގެންނާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން