ތެޔޮ ރައްކާކުރުން މާގިރިފަޅަށް ބަދަލުކުރުމުން ތެލުގެ އަގު ހެޔޮވާނެ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

އެސްޓީއޯއިން ބުނީ ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ނިޒާމު މާލެ އަތޮޅު މާގިރިފަޅަށް ބަދަލުކުރުމުން، ތެޔޮ ރައްކާކުރުމުގެ މަސައްކަތަށް ކުރަންޖެހޭ ހޭދަ ކުޑަކުރެވިގެންދާނެ ކަމަށެވެ.

މިކަމުގެ ސަބަބުން ރާއްޖޭގައި ތެލުގެ އަގު ހެޔޮވެގެންދާނެކަމަށާއި ތެޔޮ ރައްކާކުރާ ނިމާޒު މާގިރިފަޅަށް ބަދަލުކުރުމަކީ އެސްޓީއޯއިން ހާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދާ މަޝްރޫއެއްކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

މާގިރިފަޅަށް ތެޔޮ ރައްކާކުރުން ބަދަލުކުރުމުގެ މަސައްކަތަށް ބޭރުގު ދެ ކޮންސަލްޓަންޓުން ހަމަޖައްސާފައިވާކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ. އެގޮތުން ޑެންމާކުގައި ކޮންސަލްޓަންސީ ދިނުމުގައި އެންމެ މަޝްހޫރު އެއް ކޮންސަލްޓަންސީ ފާމް މީގެ ތެރޭގައި ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ފުނަދޫގައި މިހާރު ތެޔޮ ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރެވެން ނެތް ކަމަށާއި އަދި ފުނަދޫއަކީ ތެޔޮ ރައްކާކުރުމަށް އެންމެ ރައްކާތެރި ރަށެއް ނޫންކަންވެސް އެސްޓީއޯއިން ފާހަގަކުރިއެވެ.

މާގިރިފަޅަށް ތެޔޮ ރައްކާކުރުމުގެ ފެސިލިޓީ ބަދަލުކުރެވިގެން ދިޔުމުން ތެޔޮ އުފުލާ ބޮޑެތި ބޯޓު ފަހަރު ގާތްކުރެވޭނެ ކަމަށާއި، މިއާއެކު ހަރަދުތައް ކުޑަކުރެވި އަގުތައް ކުޑަކުރެވިގެންދާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

މާލެއަތޮޅު ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ސްޓޯރޭޖު އެހެންތަނަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށްޓަވާނެކަމަށް ރައީސް ޑރ. މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ގިނަވެގެން 18 މަހާއި 24 މަސްދުވަހުގެތެރޭގައި އެ މަސައްކަތް ނިންމަވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން