ފެނަކައާއި ހަވާލުކޮށްފައިވާ ފެނާއި ނަރުދަމާގެ ހުރިހާ މަޝްރޫއުތަކެއް އެމްޑަބްލިއުއެސްސީއާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުކުރީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު މިނިސްޓަރާ ސުވާލުކުރަން ހުށަހަޅުއްވާފައި ވާތީއެވެ.

މައުރޫފް ސުވާލު ކުރެއްވީ ކެންދޫ ދާއިރާގައި ހިމެނޭ ބ. ދޮންފަނުގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަސައްކަތުގެ އާރުއޯ ޕްލާންޓް، އެޑްމިން ބިލްޑިން އަދި ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތް ހުއްޓިފައިވާ ސަބަބު އޮޅުން ފިލުވުމަށެވެ. އަދި އަލުން މަސައްކަތް ފަށައި ހިދުމަތް ދެވޭނީ ކޮން ދުވަހަކުންތޯ އޭނާ އެއްސެވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ އެ މަސައްކަތުގެ މަޝްރޫއު ފެނަކައާ ހަވާލުކުރި ނަމަވެސް 2023ގެ ޖުލައި މަހުން ފެށިގެން ކުރިއަށް ނުދާތީ އެ ކޮންޓްރެކްޓް މިދިޔަ ޖޫން މަހު ބާތިލުކޮށްފައިވާ ކަމަށެވެ.

އެއާއެކު އެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދަން ޓެންޑާ ބޯޑަށް މިހާރު ފޮނުވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހަމަ އެހެންމެ ފެނަކައާއި ހަވާލުކޮށްފައި ހުރި ހުރިހާ މަޝްރޫއެއް އެމްޑަބްލިއުއެސްސީއާ ހަވާލުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ފެނަކައަކީ މިކަހަލަ ޕްރޮޖެކްޓްތައް ހިންގާނެ ކޮންޓްރެކްޓަރަކަށް ނުވާނެތީއާއި ހިދުމަތް ފޯރުކޮށްދޭ ސާވިސް ޕްރޮވައިޑާއަކަށް ވާތީ ސަރުކާުރުން ނިންމީ މި ޕްރޮޖެކްޓް މަސައްކަތް އެގޮތަށް ފެނަކައާއި ހަވާލުކޮށްފައި ހުރިހާ މަޝްރޫއުތަކެއް ކޮންޓްރެކްޓް ބާތިލުކުރުމަށް ފަހުގައި އެމްޑަބްލިއުއެސްްސީއާ ވާހަކަ ދައްކައިގެން ޑައިރެކްޓް ނެގޯޝިއޭޝަނެއްގެ ތެރެއިން އެމްޑަބްލިއުއެސްސީއާ ހަވާލުކުރުން." މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން