މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އާންމު ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އެކަންކަމަށް އަވަސް ހައްލު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ޓާސްކްފޯހެއް އުފައްދަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ އެކްސްގައި ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ބުރޫ އަރާފައިވާތީ، ވިއްސާރައާއި ގުޅިގެން ކުރިމަތިވަމުންދާ ކަންކަން މޮނިޓަރކޮށް ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އަވަސް ހައްލު ހޯދައިދިނުމަށްޓަކައި ރައީސް ޚާއްޞަ ޓާސްކްފޯހެއް އުފައްދަވާފައި ވާކަމަށެވެ.

ހީނާ ވިދާޅުވީ މި ޓާސްކްފޯހުގެ ފުރަތަމަ ބައްދަލުވުން މިރޭ ބާއްވާފައިވާ ކަމަށާއި ޗެއަރ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުކަމަށެވެ.

އަދި މިޓާސްކްފޯހުގައި ދެން ހިމެނި ވަޑައިގަންނަވަނީ މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު، މިނިސްޓަރ އޮފް ހެލްތް ޑރ. ޢަބްދުﷲ ޚަލީލު، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް ޢުމަރު، ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޟް، ޗީޕް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އަދި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ކަމަށް ހީނާ ވިދާޅުވިއެވެ.

ވިއްސާރަ އާއި ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ވަރަށް ގިނައިން ހިނގަމުން ދާއިރު އާންމު ގިނަ ޚިދުމަތްތަކަށް ވެސް ވަނީ ބުރޫއަރާފައެވެ. އެހެންކަމުން މާދަމައަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް މިހާރު ވަނީ ހަމަޖައްސަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން