ރާއްޖެއިން ބޭރަށް ދަތުރުކުރާ ބިދޭސީންނަށް ‘ޓްރެވަލާ ޑެކްލެރޭޝަން’ ފޯމް ފުރިހަމަ ނުކޮށް ފުރޭނެ ގޮތް އިމިގްރޭޝަނުން ހަދައިފިއެވެ.

އިމިގްރޭޝަނުން ބުނީ ރައީސް ޑރ. މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، ރާއްޖެ އަންނަ އަދި ރާއްޖެއިން ފުރާ ހުރިހާ ފަރާތްތަކަށް ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ސިޔާސަތުގެ ދަށުން، 15 އޮގަސްޓުން ފެށިގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ބިދޭސީންނަށް ‘ޓްރެވަލާ ޑެކްލެރޭޝަން’ ފޯމު ފުރިހަމަ ކުރަން ނުޖެހޭ ގޮތަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުހައްމަދު ޝަމްޢާން ވަޙީދު ނިންމަވާފައިވާ ކަމަށެވެ.

ޓްރެވެލާ ޑެކްލްރޭޝަން ފޯމަކީ 2021 ވަނަ އަހަރުގެ މާރިޗް 14 ވަނަ ދުވަހުން ފެށިގެން އޮންލައިންކޮށް އެމްބާކޭޝަން/ޑިސްއެމްބާކޭޝަން ކާޑެއްގެ ގޮތުގައި ފުރިހަމަކުރަމުން އަންނަ ފޯމެކެވެ. އަދި މި ފޯމު ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ ހުރިހާ ފަރާތްތަކަކުންވެސް މީގެ ކުރިން ފުރިހަމަކުރަން ޖެހެއެވެ. ނަމަވެސް ކޮންޓްރޯލަރ ޖެނެރަލް ވަނީ 20 ނޮވެމްބަރު 2023 ގައި ރާއްޖެއިން ބޭރަށް ފުރާ އަދި ރާއްޖެއަށް އަނބުރާ އަންނަ ދިވެހިންނަށް މި ފޯމް ފުރިހަމަ ކުރަން ނުޖެހޭ ގޮތަށް ނިންމަވާފައެވެ.

މިއާއެކު ރާއްޖެއިން ބޭރަށް ދަތުރުކުރާ އެއްވެސް ފަރާތަކަށް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ‘ޓްރެވަލާ ޑެކްލެރޭޝަން’ ފޯމު ފުރިހަމަ ކުރަން ނުޖެހޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން