އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު
އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު
އައްޑުއަކީ ފަތުރުވެރިކަމުގެ ވަކި މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް ޕްރޮމޯޓު ކުރެވޭނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.

ޢަލީ ނިޒާރު މިމޭރުމުން ވިދާޅުވީ ޑެސްޓިނޭޝަން އައްޑޫ 2024 ސަމިޓު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ޢަލީ ނިޒާރު ވިދާޅުވީ ބްރޭންޑެއްގެ ގޮތުގައި އައްޑޫ ފަތުރުވެރިކަމަށް ތައާރަފުކޮށް ފަތުރުވެރިކަމުގެ ސިނާއަތް އައްޑުއަށް ގެނައުމަށް ކުރެވޭ މަސައްކަތްތަކުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

ޢަލީ ނިޒާރު މިއަދު ވިދާޅުވީ އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ އައްޑޫއަކީ ފަތުރުވެރިކަމުގެ ވަކި މަންޒިލެއްގެ ގޮތުގައި ރާއްޖެއަށާއި ދުނިޔެއަށް ޕްރޮމޯޓު ކުރެވޭނެ ކަމަށެވެ. އަދި މިހާރު ތަސުއްވުރު ކުރާ މަންޒަރުތަކާ އެއްގޮތަށް ކުރިއަށް ދިއުމަށް އެންމެންގެ އެއްބާރުލުމާ އެހީތެރިކަމަށް ޢަލީ ނިޒާރު ވަނީ ގޮވާލައްވާފައެވެ.

ޢަލީ ނިޒާރު ވަނީ މާލެއަށް ބަރޯސާވެ އައްޑޫގެ ޓޫރިޒަމް ކުރިއަކަށް ނުދާނެ ކަމަށްވެސް މިއަދު ވިދާޅުވެފައެވެ. އެހެންކަމުން އައްޑޫ އެއާޕޯޓަށް ބޭރުން ފްލައިޓުތައް ގެނެވޭނެ ގޮތްތައް ހޯދައި އައްޑުއަށް ފަތުރުވެރިކަމުގެ އެނދުތައް އިތުރު ކުރުން މުހިންމުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު ޢަލީ ނިޒާރު ވަނީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި ފަތުރުވެރިކަމަށް ސަރުކާރުން ބޮޑު އިންވެސްޓެއް ކޮށްފައިނުވާ ކަމަށާއި ނަމަވެސް އައްޑޫގައި ސަރުކާރުގެ ކުންފުންޏަކުން އެފަދަ އިންވެސްޓެއް ކޮށްފައިވާކަމަށްވެސް ވިދާޅުވެއެވެ.

އަދި އައްޑޫގައި ފަތުރުވެރިކަން ރަނގަޅަށް ހިނގަން ފަށައިފިނަމަ އައްޑޫ ވެެގެން ދާނީ ފަތުރުވެރިކަމުގެ ދާއިރާއިން ސަރުކާރަށް އެންމެ ބޮޑު މަންފާއެއް ހޯދައިދޭނެ އެއްތަނަށް ކަމަށްވެސް އަލީ ނިޒާރު މިއަދު ވަނީ ވިދާޅުވެފައެވެ.

ޑެސްޓިނޭޝަން އައްޑޫ 2024 ސަމިޓަކީ ޕްރިމިއާ ބްރޭންޑެއްގެ ގޮތުގައި އައްޑޫ ޕްރޮމޯޓު ކުރުމަށް ބާއްވާ ސަމިޓެއްކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން