ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން
ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން
ޖޭއެސްސީ އަކީ ސިޔާސީ ބޭފުޅުން ކުޅުއްވާ ސިޔާސީ ކުޅިބައެއް ކަމަށް ވިދާޅުވެ، ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު، ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.

ޝުޖާއު އުސްމާން ފަަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިމިވަނީ، އޭނާ އާ ގުޅޭ ގޮތުން ދެ މައްސަލައެއް ބަލައި އޭނާ މަގާމުން ވަކިކުރުމަށް ޖޭއެސްސީ އިން މި މަހުގެ 12 ވަނަ ދުވަހު މަޖިލީހަށް ފޮނުވާފައި ވަނިކޮށެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ އެ މައްސަލަ މިހާރު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވިކަން އިއުލާން ކުރައްވައިފައެވެ.

ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައި ޝުޖާއު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާއަކީ 1996 ވަނަ އަހަރުގެ ޑިސެމްބަރު މަހު 19 ވަނަ ދުވަހުން ފެށިގެން ޝަރުއީ ދާއިރާއަށް ފަނޑިޔާރެއްގެ ގޮތުގައި ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ހިދުމަތް ކުރަމުން އަންނަ ފަނޑިޔާރެއް ކަމަށެވެ.

އެހެން ނަމަވެސް ޝަރުއީ ދާއިރާއިން ރިޓަޔާ ކުރުމުގެ ފުރުސަތުވެސް ދިނުމަކާނުލާ ފަނޑިޔާރުކަމުގެ މަގާމުން މިއަދު ދުރަށްދާން ޖެހުނީ އެއްވެސް އަސާސެއް ނެތްކަމެއްގެ މައްޗަށް ބިނާކޮށް ބަދަލުހިފުމާއި ޒާތީ ހަސަދުވެރިކަމާއި ވަކި ސިޔާސީ ފިކުރެއް ކުރިއެރުވުމައްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި އަނިޔާވެރި ނިންމުމުގެ ސަބަބުން ކަމަށް ޝުޖާއު ވަނީ ވިދާޅު ވެފައެވެ.

ޖޭއެސްސީން އޭނާއަށް ކުރާ ތުހުމަތުތަކަށް އިންކާރުކުރައްވައި ޝުޖާއު ވިދާޅުވީ، ޖޭއެސްސީގެ މެމްބަރުންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތަކީ އާދައިގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި، އެއީ ސިޔާސީ ފިކުރާއި ޒާތީ ހަސަދަވެރިކަމާއި އަނިޔާވެރިކަމުގެ އިތުރުން އަމިއްލަ މަސްލަހަތު ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރުމަށްވުރެ ހެޔޮ ނިޔަތުގައި ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު އަދާކުރަން ޖެހޭ މުހިއްމު މަސްއޫލިއްޔަތެއް ކަމަށެވެ.

އަދި އެފަދަ ބޮޑު މަސްއޫލިއްޔަތެއް ޖޭއެސްސީއަށް މަތިކޮށްފައިވާ އެންމެ ބޮޑު ސަބަބަކީ ދިވެހި ރައްޔިތުންގެ މެދުގައްޔާއި މުޅި ގައުމުގެ އަދުލު އިންސާފު ގާއިމު ކުރަންތިބޭ ފަނޑިޔާރުން އައްޔަން ކުރުމާއި ވަކި ކުރުމުގެ މުހިއްމު މަސްއޫލިއްޔަތު އަދާ ކުރަންޖެހޭ ބަޔަކަށް ވާތީ ކަމަށް ވެސް ޝުޖާއު ނެރުއްވި ބަޔާނުގައިވެއެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދަނީ ސިޔާސީ ބޭފުޅުން ބޭނުންކުރާ ސިޔާސީ ކުޅިބައެއްގެ ގޮތުގައިކަމަށްވެފައި އަދި ޝަރުއީ ދާއިރާގައި ވަކި ފިކުރެއް ކުރިއެރުވުމަށްޓަކައި ކުރަމުންދާ ހީލަތްތެރި މަކަރުވެރި މަސައްކަތުގެ ސަބަބުން ފަނޑިޔާރުގެ އަދުލު އިންސާފުން ބޭރުވެ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ބާރުކަނޑުވާލައި ދައުލަތުގެ މުޅި ނިޒާމު ގަޑުބަޑު ވެގެންދާކަމީ ހިތާމަހުރި ކަމެކެވެ." ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މިއަދު ދިވެހި ފަނޑިޔާރު ގޭގެ ހާލަތަކީ ހަތަރު މުއްގަނޑު ބަނދެ ގުރުބާން ކުރަން ތައްޔާރުކޮށްފައިވާ ބަކަރިއެއްގެ މިސާލު ކަމަށެވެ. އެގޮތުން ދިވެހި ފަނޑިޔާރު ގޭގެ އެއްވެސް ފަނޑިޔާރަކަށް މާދަމާ ފަނޑިޔާރުގޭގައި ހުރުމުގެ އެއްވެސް ޔަގީންކަމެއް ނެތްކަމީ މިއަދު ފެންނާން އޮތް ހަގީގަތެއް ކަމަށެވެ. އަދި މިހާރު އޮތް ރައްޔިތުންގެ މަޖިލީހުންވެސް އިންސާފު ނުލިބޭނެކަން ގަބޫލު ކުރެވޭތީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން މިއަދުން ފެށިގެން އިސްތިޢުފާ ދެއްވާކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއުއާ ގުޅޭ ގޮތުން ޖޭއެސްސީން ތަހުގީގު ކުރި ފުރަތަމަ މައްސަލަ އަކީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކުރަށްވައި ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރެއްވި މައްސަލައެކެވެ.

ދެވަނަ މައްސަލަ އަކީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި ގެމަނަފުށީ މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެކަމުގައިވާ ނަމަ ބަންދުގައި ހުރި މީހާ މިނިވަންކުރާނެ ކަމުގެ މަޝްވަރާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ތާއީދު ހޯދުމަށް ފާޅުކަންބޮޑުގޮތެއްގައި ހުވަދުއަތޮޅުގެ ރަށްތަކަށް ވަޑައިގެން ކެމްޕެއިން ކުރެއްވި ކަމުގެ ތުހުމަތު ޝުޖާއުއަށް ކުރެވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން