މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ޗައިނާ މާކެޓުގައި ރާއްޖޭގެ އިތުރުކުރުމަށް އެގައުމުގެ އެންމެ މަޝްހޫރު އެއް އޮންލައިން ޓްރެވަލް ޕްލެޓްފޯމް ކަމަށްވާ ފްލިގީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އެމްއެމްޕީއާރުސީއިން ޗައިނާ މާކެޓުގައި ރާއްޖޭގެ އިތުރުކުރުމަށް އެގައުމުގެ އެންމެ މަޝްހޫރު އެއް އޮންލައިން ޓްރެވަލް ޕްލެޓްފޯމް ކަމަށްވާ ފްލިގީއާއެކު އެއްބަސްވުމެއްގައި ސޮއިކުރީ ވިލާ ނޯޓިކާ ރިސޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެެވެ. މި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީއެވެ. ފްލިގީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ނައިބު ރައީސް ޓޮންގް ޓެންގްއެވެ.

އެމްއެމްޕީއާރުސީން ބުނީ، ފްލިގީއާއެކު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން ޗައިނާގެ މާކެޓުގައި ރާއްޖެއަކީ އެންމެ މަޝްހޫރު މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް ދެމެހެއްޓުމަށް މަގުފަހިވާނެ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި އުފެއްދުންތައް އިޝްތިހާރު ކުރެވުމުގެ އިތުރުން، ޗުއްޓީ ހޭދަކުރަން ހިތްގައިމު ގުދުރަތީ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކޮށް، މުހިންމު މާކެޓެއްގެ ގޮތުގައި ރާއްޖޭގެ މާކެޓް ޕޮޒިޝަން ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެެވެ. މިއަހަރުގެ މިހާތަނަށް އެގައުމުން 184،632 ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން