ކިހާ ނަސީބުގަދަ ހެއްޔެވެ. ފައުޒިއްޔާ މިއަހަރުވެސް ޕާކިސްތާނަށް ދަނީއެވެ.]
މިސިޒް ތާބުޝް ގޮނޑިދަމާލާފައި ބިއްލޫރި ކުޑަދޮރުން އެތެރެއަށް އެޅިފައިވާ އަވިރޮނގުގައި އިށީންނަމުން ބުންޏެވެ...........
[ހަމަތެދެއް ހެއްޔެވެ؟] ޝަވާލީ ބުންޏެވެ. [މިތަނަށް އައިސް ކޮންމެ އަހަރަކު އެއްފަހަރު އަމިއްލަ ވަޒަނަށް ދިއުމުގެ ފުރުޞަތު ލިބެންޏާ އެއީ ވަރަށްބޮޑު ނަސީބެކެވެ.]
[މިތަނުން ދުނިޔޭގެ ހުރިހާ އުފަލެއް ލިބެއެވެ. ހުރިހާ ފަސޭތަކެއް ލިބެއެވެ.] ނީތޫ ބުންޏެވެ.
[އެކަމަކު ޢާއިލާގެ މަތިން ވަރަށް ބޮޑަށް ހަނދާންވެއެވެ. ބައެއް ފަހަރު އުދުހިލާފައި އަމިއްލަ ރަށަށް ދެވޭނެ ނަމައޭ ހިތަށް އަރައެވެ.
[ފައުޒިއްޔާއެވެ. ދަނީ ކޮންއިރަކުން ހެއްޔެވެ؟] ޖައްގޫ ސުވާލުކުރިއެވެ.
ކޮކާލެއްހެން އުފަލުން އެނބުރި އެނބުރި ހުރި ފައުޒިއްޔާ ގޮނޑީގެ ފުރަގަހުގައި ހުރެފައި ޖައްގޫގެ ކޮނޑުގައި އަތްއަޅާ އޮބާލަމުން ބުންޏެވެ.
[ސައުވީހުގައެވެ..........]
[މިހަފްތާގައި ދޯއެވެ.]
[އާއެކެވެ..........] ފައުޒިއްޔާ ޝަވާލީގެ ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން ބުންޏެވެ.
މިއީ ފައުޒިއްޔާ ރަފީޤުގެ ގޭގައިއޮތް ކޮފީ ޕާޓީއެކެވެ. ހުރިހާ އަންހެނުންވެސް ކަންތައްތަކުން ނިމިގެން އަވަސް އަވަހަށް އައީއެވެ. ކޮފީ ޕާޓީ ބޭއްވުމަކީ އެމީހުންގެ އާދައެކެވެ. ވަގުތު ހޭދަކޮށްލުމަށްޓަކައި މިއަށްވުރެ ރަނގަޅު ގޮތެއްނެތެވެ. ހަފްތާއަކު އެއްފަހަރު ދެފަހަރު ބައްދަލުވުމުން ވަރަށްބޮޑު ހަމަޖެހުމެއް ލިބެއެވެ. ފައުޒިއްޔާ ޕާކިސްތާނަށް މިދަނީ އޭނާގެ އަންހެން ކޮއްކޮއާ ފަހަރީގެ ކާވެންޏަށެވެ. ވޭތުވެދިޔަ އަހަރު އޭނާ މައިދައިތަ މަރުވުމާ ގުޅިގެން ޕާކިސްތާނަށް ދިޔައެވެ. ކޮންމެ އަހަރަކުވެސް ކޮންމެވެސް ކަމަކު އޭނާ ޕާކިސްތަނަށް ދެއެވެ. ފިރިމީހާއަށް އެހާވަރަށް ޚަދަރުކުރާނެ ފައިސާވެސް ލިބެއެވެ. އޭނާއަކީވެސް ވަރަށް ޚަރަދަށް ބަލާ އަންހެނެކެވެ. ކޮންމެ އަހަރަކު އެކިގޮތްގޮތުން ފައިސާ ޖަމާކޮށްގެން ޓިކެޓް ގަންނާނެ ފައިސާ ހޯދައެވެ. އޭނާގެ ރަޙްމަތްތެރިން އޭނާގެ ކުޅަދާނަ ކަމާމެދު އުފާކުރެއެވެ. މިސިޒް ތާބުޝް މިތާނގައި ހުންނަތާ ފަނަރަ އަހަރުވެއްޖެއެވެ. އޭނާ ޕާކިސްތާނަށް ދިޔައީ ތިން ފަހަރުއެވެ. އަނެއްކޮޅުން ބަލާއިރު ޕާކިސްތާނުގައި އޭނާގެ އެއްވެސް މީހަކު ނެތެވެ. އަމައެއް ބަފައެއް ނެތެވެ. ތިމާގެ މީހަކުވެސް ނެތެވެ.
އެމީހުންގެ އަތުގައި އެގޮތަށް ޚަރަދުކުރާނެ ފައިސާއެއް ނުހުރެއެވެ. ޖައްގޫއާއި ނީތޫގެ ޙާލަކީވެސް މިއެވެ. ޕްރާން އަދިވެސް ކިޔަވަނީއެވެ. ނީތޫ ފައިސާ ހޯދުމަށްޓަކައި ހަވީރުގަނޑީގައި ފިހާރައަކަށް މަސައްކަތު ދެއެވެ.
ފައުޒިއްޔާ ކޮފީ ތައްޔާރުކޮށްފިއެވެ. އެއާއެކު އޭނާ ތައްޔާރުކޮށްފައިހުރި ހަލްވާވެސް ނެރެފިއެވެ. ޝާމީކަވާބުވެސް ހުއްޓެވެ......... ވާހަކައާއެކު ކެއުމާ ބުއިން ކުރިޔަށް ހިނގައިގަތެވެ.
[އާނ ހަނދާން ވެއްޖެއެވެ.] ޝަވާލީ ކަވާބު ތަށްޓަށް ސޯސް އަޅާލަމުން ބުންޏެވެ.
[ކޮންކަމެއް ހެއްޔެވެ؟]
[ޖަލާލީގެ ވާހަކައެވެ.]
[ތިޔަކަމާމެދު ވަރަށް ފުރިހަމައަށް މަސައްކަތް ކުރާނަމެވެ.] ފައުޒިއްޔާ ބުންޏެވެ. [ޖަލާލީ މީހަކާ އިންނަން ޤަބޫލުވި ކަމަށްޓަކައި ޝުކުރު ކުރަމެވެ.]
[އަހަރެމެން ދެމަފިރިން ވަރަށްބޮޑަށް ތިޔަކަމާމެދު އެބަ ވިސްނަމެވެ.] މިސިޒް ތާބުޝް ބުންޏެވެ.
[ޖަލާލީ ހަމައަކަށް އެޅުވުމުގައި އަހަރެންގެ ބައެއްވެސް ހިމެނެއެވެ.] ޝަވާލީ ހީނގަތެވެ.
[ދެން މިކަން ކާމިޔާބު ވެއްޖެއްޔާ ކޮންފަދަ ހެއްޔެވެ؟] ފައުޒިއްޔާ ދުޢާކުރުމުގެ ރާގުގައި ބުންޏެވެ.
]ނުވާންވީ ކީއްވެގެން ހެއްޔެވެ........ ޕާކިސްތާނު އަންހެން ކުދިން އެމެރިކާއަށް އައުމަށްޓަކައި ތިބެނީ ފެން ބޮވައިގެންފައެވެ. އެކޮޅަށްގޮސް ނިކަން މަސައްކަތް ކޮށްލަބަލާށެވެ. އެކެއް ކީއްކުރަން ހެއްޔެވެ. ދިހަ ކުދިންވެސް މިކާވެންޏާމެދު އާނބަސް ބުނެފާނެއެވެ.]
[ޝަވާލީ އެބުނީ ރަނގަޅު ވާހަކައެކެވެ.] ޖައްގޫ ބުންޏެވެ. [މިދިޔަ އަހަރު އަހަރެން ޕާކިސްތާނަށް ދިޔައީމެވެ. އެދިޔަ ދިއުމުގައި އަހަރެންގެ ތިމާގެ ތިން އަންހެން ކުއްޖަކު އެމެރިކާއަށް އަންނަ ހިތުން އަހަންނާ ވާހަކަ ދެއްކިއެވެ. ވަޒީފާ އެއްގައި އަހަރެމެން އެމެރިކާއަށް ގެންގޮސްދޭށޭ އަހަރެންގެ ގާތު އެމީހުން ބުންޏެވެ.]
[އެމީހުންގެ އެޑްރެސްވެސްދޭށެވެ.] ފައުޒިއްޔާ ބުންޏެވެ. [އޭގެތެރޭން އެއްކުއްޖަކު ޖަލާލީއާ އިންނަން އެއްބަސް ވެދާނެ ކަންނޭގެއެވެ.]
[ތިޔަބުނީ ރަނގަޅު ވާހަކައެކެވެ. ކޮންމެހެންވެސް އެކުދިންނާ ބައްދަލުކުރަން ޖެހޭނެއެވެ. އެކަމަކު ފައުޒިއްޔާ ފައިޞަލު އާބާދަށް ދާން ޖެހޭނެއެވެ.]
[އަހަރެންގެ ފަހަރީގެ ކާވަނި ކުރެވެނީ ފައިސަލް އާބާދުގައެވެ.]
[އެހެންވީއިރު ތިޔަކަން ތިއޮތީ ނިމިފާ ނޫން ހެއްޔެވެ؟]
[އެކަމަކު.......]
[ކިހިނެއްވީ ހެއްޔެވެ؟]
[ވާހަކައެއް ބުނެފާނަމެވެ. އެންމެންވެސް ޚިޔާލުދޭށެވެ.] ފައުޒިއްޔާ އެންމެންނާ މުޚާތަބު ކުރިއެވެ. މިސިޒް ތާބުޝް މޭޒުމަތީގައި ތަށި ބަހައްޓައިފިއެވެ. ޝަވާލީވެސް އޭނާއާ ކުރިމަތި ލައިފިއެވެ. ނީތޫ އޭނާގެ ކޮށާލައިފައިވާ އިސްތަށިގަނޑު ކުއްލި ޙަރަކާތަކާއިއެކު ފުރަގަހަށް ލާފައި ހަމަޖެހިލިއެވެ. ޖައްގޫ ކައިރީގައި ހުރި ހުސްގޮނޑީގައި އިށީނދެފައި ބުންޏެވެ........ [އަވަހަށް ބުނާށެވެ]
[ޖަލާލީ ކާވެންޏާމެދު އެއްބަސް ކުރުވާފައި އަހަރެމެން މިތިބެނީ ވަރަށްބޮޑު ޒިންމާއެއް ބޮލުގާ އަޅައިގެންނެވެ.] ފައުޒިއްޔާ ބުންޏެވެ.
[ރަނގަޅެވެ........]
[ޖަލާލީ އަހަރެން ގާތު ބުނެފާއޮތީ އޭނާއާ ބެހޭގޮތުން ތެދުވެރިކަމާއެކު ހުރިހާ ވާހަކައެއް އަންހެން ކުއްޖާއަށާއި އެގޭގެ އެހެން މީހުންނަށް ކިޔާދިނުމަށެވެ. ކާވެނީގެ މުޢާމަލާގައި އެއްވެސް ކަމެއް އެމީހުނަށް ފޮރުވާފައި ބާއްވާކަށް އޭނާ ނޭދެއެވެ.]
[އަމިއްލަ ސިފަނޫން އެހެން ކަންތައްތައް ފޮރުވުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟]
[ތިޔަ ހުރިހާ ކަމެއްވެސް ސާފުކޮށް ތިޔާދިނުމަށް އޭނާ އެދެއެވެ.] ފައުޒިއްޔާ ބުންޏެވެ.
[އާނއެކެވެ. އަހަރެން ގާތުގައިވެސް ޖަލާލީ ތިޔަ ވާހަކަ ބުންޏެވެ.]
[އެންމެބޮޑު މައްސަލައަކީ ތިޔައީއެވެ.] ޝަވާލީ ވިސްނާލަމުން ބުންޏެވެ. [އަހަރެން ވިސްނާ ގޮތުގައި ފައުޒިއްޔާ ޖަލާލީގެ ފޮޓޯ ދައްކައިފިއްޔާ.............]
ޝަވާލީ މާޔޫސްކަމުގެ ދުނިޔޭގައި އިނދެ ބޯހޫރާލިއެވެ.
[އަންހެން ކުދިންނަކީ ތިޔަކަހަލަ ކަންތައްތަކާ މާބޮޑަށް ފިކުރުކުރާ ބައެކެވެ. ޚާއްޞަކޮށް ޕާކިސްތާނު އަންހެން ކުދިންނަކީ ރީއްޗަށް ލޯބިކުރާ ބައެކެވެ.]
[ބޮޑު މައްސަލައެކެވެ.] ފައުޒިއްޔާ އެހެން ތައްޓަކަށް ކޮފީ އަޅަމުން ބޯހޫރާލިއެވެ.
[ކަމަކީ ވަރަށްބޮޑު ކަމެކެވެ. އުނގަދޫ ކަމެކެވެ.] މިސިޒް ތާބުޝް ބުންޏެވެ.
ކޮންމެ މީހަކުވެސް އެމީހެއްގެ ޚިޔާލު ދޭން ފަށައިފިއެވެ. ކޮފީގެ ދައުރު ހިނގަމުން ދިޔައެވެ. ވާހަކަ ދެކެވެމުން ދިޔައެވެ. އެހެން ނަމަވެސް ޤަބޫލުކުރެވޭ ކަހަލަ އެއްވެސް ޚިޔާލެއް ނުލިބުނެވެ. އެންމެން ދެކޭގޮތުގައިވެސް ޖަލާލީގެ ހުތުރު ސިފައާމެދު ފުރިހަމައަށް އެއްބަސް ވެއްޖެއްޔާ އެއްވެސް އަންހެން ކުއްޖަކު ތިމާގެ ޒަވާޖީ ޙަޔާތުގެ ބައިވެރިއަކަށް ޖަލާލީ ނުހޮވާނެއެވެ.
[ދެންއޮތީ ކޮންގޮތެއް ހެއްޔެވެ؟] ފައުޒިއްޔާ ވިސްނާލަމުން ބުންޏެވެ.
[ފައުޒިއްޔާ ޖަލާލީގެ ފޮޓޯއެއް ނުގެންދާށެވެ.......] މިސިޒޒް ތާބުޝް ބުންޏެވެ.
]އަންހެން ކުއްޖާގެ މައިންބަފައިން ރުއްސާނީ ކިހިނެތް ހެއްޔެވެ؟ ފޮޓޯ ދައްކަން ޖެހޭނެއެވެ.] ފައުޒިއްޔާ ބުންޏެވެ.
[ކޮންމެވެސް ކަހަލަ ޢަމަލީ ޙިކްމަތެއް ބޭނުންކުރާށެވެ..........]
[ޝަވާލީ ބުނެބަލާށެވެ.]
[ހަމައެކަނި ވާހަކައިން ފިރިހެން ކުއްޖާއަކީ ރީތިމީހެއް ނޫންކަން ބަޔާންކޮށްދޭނީއެވެ. އޭނާއަކީ މުދާވެރިއެއްކަމާ ދުނިޔޭގެ ހުރިހާ އަރާމެއް އޭނާއަށް ލިބިފައިވާކަން ހާމަކޮށްދޭށެވެ.]
[އެމީހުން ތިޔަހާ ފަސޭހައިން އެހާބޮޑު މައްސަލައެއް ނުނިންމާނެއެވެ.]
[ދެން އެންމެ ރަނގަޅެވެ. ޖަލާލީގެ އަޚްލާޤާ މުދާވެރިކަމުގެ ވާހަކައިން އެމީހުންނަށް ކިޔާދޭށެވެ. ކޮންމެވެސް ކުއްޖަކު ރުހިދާނެ ކަންނޭގެއެވެ. އަނެއްކޮޅުން ބަލާއިރު މީހާގެ ސިފައަކީވެސް ﷲ ދެއްވާ އެއްޗެކެވެ. މިފަދަ މޭރުމަކުން ވާހަކަ ދައްކާށެވެ.]
ޝަވާލީގެ ވާހަކައަށް އެންމެން ހީގަތެވެ. އެކަމަކު މިއީ ރަނގަޅު ޚިޔާލެއް ކަމުގައި ހަމަޖެހިއްޖެއެވެ. އެންމެންވެސް މިގޮތާ އެއްބަސް ވެއްޖެއެވެ.
[އަދި އެހެންގޮތެއް އެބަވިސްނެއެވެ.] ހިނދުކޮޅަކަށްފަހު ޝަވާލީ ފުންމައިގެން ބުންޏެވެ.
[ކޮބާ ހެއްޔެވެ؟] އެންމެން ސުވާލުކުރިއެވެ.
[ފައުޒިއްޔާއެވެ. ކޮންމެވެސް އެހެން މީހެއްގެ ފޮޓޯއެއް ގެންދާށެވެ.]
[މާނައަކީ ކޮބައި ހެއްޔެވެ؟]
[ކޮންމެވެސް އާދައިގެ މީހެއްގެ ފޮޓޯ ހިފައިގެން ދާށެވެ.]
[އެއިން ކުރާނީ ކޮންކަމެއް ހެއްޔެވެ؟]
[އަންހެން ކުއްޖާގެ ޢާއިލާ ގޮތްދޫނުކޮށް ހިފަހައްޓައިފިއްޔާ ފޮޓޯ ގެއްލިއްޖެއޭ ބުނާށެވެ. ދެން ހިފައިގެންދާ ފޮޓޯ ދައްކާފައި މިކަހަލަ ސިފައެކޭ ބުނެ ހަމަޖައްސާލާށެވެ.]
[ނޫނެކެވެ. ތިޔައީ ކެހިވެރި ގޮތެކެވެ.]
[ނޫނެކެވެ. އެއްގޮތަކަށްވެސް ކެއްސަކަށް ނުވާނެއެވެ. އެއީ ހަމަ ޖަލާލީއޭ ނުބުނުމުން އެކަން ނިމުނީ ނޫން ހެއްޔެވެ. އެއީ ހަމަ ޖަލާލީއާ ދާދި އެއްވައްތަރެއްގެ މީހެކޭބުނެވިދާނެ ނޫން ހެއްޔެވެ. މިއީ ކެއްސަކަށްވަނީ ކިހިނެތް ހެއްޔެވެ. އަހަރެން ފޮޓޯގަނޑެއް ދޭނަމެވެ. މަންސޫރުގެ އަލްބަމުގައި ސިފަހުތުރު ރަޙްމަތްތެރިއެއްގެ ފޮޓޯ ހުންނާނެއެވެ.]
[ސިފަހުތުރު ރަޙްމަތްތެރިއެކޭ ހެއްޔެވެ؟] އެންމެން ހޭން ފަށައިފިއެވެ.
[އަނެއްކާ ޖަލާލީއަށްވުރެ ވަކި ހުތުރެއް ނުވާނެއެވެ.] ޝަވާލީ ބުންޏެވެ. [ބޭނުންވަނީ އަންހެން ކުއްޖާގެ މައިންބަފައިންނަށް އަންދާޒާ މީހެއް ދެއްކުން ނޫން ހެއްޔެވެ. އޭނާ ޖަލާލީއާ ކޮންމެވެސް ވަރަކަށް ގުޅެއެވެ.] އެންމެންވެސް ޝަވާލީގެ ޚިޔާލާމެދު އެމީހެއްގެ ޚިޔާލު ފަޅާކުރަން ފަށައިފިއެވެ. ފުރަތަމަ އެންމެންވެސް ބުނީ ތިޔަހެން ހަދައިގެން ނުވާނެ ކަމުގައެވެ. އެހެން ނަމަވެސް ޝަވާލީ އެކަމާމެދު ދިގު ތަޤްރީރެއް ދެމުން ބުންޏެވެ.
[މިގޮތަށް ކަންތައް ނުކުރެވިއްޖެއްޔާ ޖަލާލީގެ ކާވެންޏެއްވެސް ނުކުރެވޭނެއެވެ. ދެން އެންމެ ރަނގަޅުވާނީ މިހިސާބަށް މިކަން ހުއްޓާލުމެވެ.]
[ޖަލާލީ ގާތުގައި މިވާހަކަ ދައްކާނެ ހެއްޔެވެ؟] މިސިޒް ތާބުޝް ސުވާލުކުރިއެވެ.
[އޭނާ ގާތުގައި ބުނުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ...... މަޤްޞަދަކީ އޭނާ މީހަކާ ދެވުމެވެ. މިތަނަށް ކުއްޖަކު ގެނެސް ކާވެނި ކުރުވުމެވެ....... އޭރުން ޖަލާލީގެ ގެއާ މުދަލާ އަޚްލާޤު ފެނުމުން ހުރިހާކަމެއް އަންހެން ކުއްޖާވެސް ޤަބޫލު ކޮށްފާނެއެވެ. އަމިއްލަ ނަސީބާމެދު ފަޚުރުވެރި ވާނެއެވެ.]
[ތިޔަބުނީ ރަނގަޅު ވާހަކައެކެވެ.]
[ބައެއް ފަހަރު ގޯސްވާހަކަވެސް އަހަރެން ދައްކަމެވެ.] އެންމެން ހޭންފަށައިފިއެވެ.
ވާހަކަ މިހިސާބަށް ނިމިއްޖެއެވެ. މިގޮތަށް ނިމި ކަނޑައެޅިއްޖެއެވެ. ޝަވާލީ ފައުޒިއްޔާއަށް ފޮޓޯއެއް ދޭން އެއްބަސް ވެއްޖެއެވެ. އެންމެންވެސް ޖަލާލީގެ ގެ އާބާދުކުރެވިދާނެ ކަމުގައި އުފާ ފާޅުކުރަން ފަށައިފިއެވެ.
ދެވަނައަށްވީ ދުވަހު އެންމެން ތިބީ ޖަލާލީގެ ގޭގައެވެ. މިއަދު ޖެކްޝަންގެ ދެމަފިރިންވެސް އައިސް ތިއްބެވެ. މިއަދަކީ ޖަލާލީގެ ކާވެނީގެ ހުރިހާ މުޢާމަލާއެއް ނިންމާ ދުވަހެވެ. ފައުޒިއްޔާ ފުރަން ތިންދުވަހަށް ވެއްޖެއެވެ.
[އިންނާނެ ކުއްޖަކު ލިބިއްޖެއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟] ވާހަކައިގެ ތެރޭގައި ފައުޒިއްޔާ ސުވާލުކުރިއެވެ.
ޖަލާލީ އިނީ އަޖައިބެއްފަދަ ޙާލެއްގައެވެ. ބައެއް ފަހަރު ހިނިތުންވެސް ވެލައެވެ. އަދި ބައެއް ފަހަރު އިންނަނީ މުޅިން ސީރިއަސް ވެފައެވެ.
[ފޯނުކުރާނީއެވެ.] ޝަވާލީ ކުއްލިއަކަށް ބުންޏެވެ.
[ފޯނު ކުރެވިދާނެއެވެ. އޭގެ ފަހުގައި ޢަމަލުކުރަންވީ ކިހިނެއް ހެއްޔެވެ؟]
[ފޯނުން ކައިވެނި ކުރުވާނީއެވެ.] މަންސޫރު ބުންޏެވެ.
ޖަލާލީ ހާސްވެފައި ކަހަލަ ގޮތަކަށް ގޮނޑީގައި ހަމަޖެހިލިއެވެ.
[އޭގެ ފަހުގައި ހަދާނީ ކިހިނެއް ހެއްޔެވެ؟ ފައުޒިއްޔާ ބުންޏެވެ.
[ދެން އެނގޭނީ ޖަލާލީއަށެވެ. ވިސާ ފޮނުވާނީއެވެ. ޓިކެޓް ފޮނުވާނީއެވެ. އެކުއްޖާ މިތަނަށް ގެންނާނީއެވެ.] ތާބުޝް ހެމުން ބުންޏެވެ.
ޖަލާލީ ފިކުރު ބޮޑުވެފައިވާ ޙާލެއްގައި ތެދުވެ ދެކޮޅަށް ހިނގަން ފަށައިފިއެވެ. ދެއަތް ދެއަތަށް އުނގުޅާލާފައި ބުންޏެވެ. [ކޮންމެވެސް ޣަރީބު ކުއްޖެއްގެ ނަސީބު ފުނޑުފުނޑު ކޮށްލަން ކަލޭމެން މިހާރު ނިންމީދޯއެވެ.]
[މިއޮތީ މިކަންވެފައެވެ.] ޝަވާލީ ނިތްކުރީގައި ޖަހާލަމުން ބުންޏެވެ. ދެން ބުންޏެވެ. [ޖަލާލީއެވެ. ތިޔަހާ ބޮޑަށް ޔަޤީންކަން ކުޑަކުރަނީ ކީއްވެގެން ހެއްޔެވެ. ޖަލާލީގެ ސިފަ ހުތުރެއްކަމަކު ވާނީ ކޮންކަމެއް ހެއްޔެވެ. ޖަލާލީގެ އަތުގާ އިންތިހާއަށް ފައިސާ އެބަހުއްޓެވެ.]
ޖަލާލީ ފުންނޭވާއެއް ދޫކޮށްލަމުން ހިތްދަތި ނަޒަރަކުން ޝަވާލީއަށް ބަލާލިއެވެ.
[އާނއެކެވެ. މިބުނަނީ ތެދެކެވެ. އެއްކަމެއް އުނިވާއިރު އަނެއް ކަމެއްގައި ޢަދަދު ގިނަވެފާވެސް ވެއެވެ.]
ޖަލާލީ މާޔޫސް ކަމާއެކު ބޯހޫރާލުމުން މަންސޫރާއި ތާބުޝް އަދި ޖެކްޝަން، ޝަވާލީގެ ވާހަކައިގައި ދިރުން އުފައްދަމުން ދަލީލުތައް ނެރެން ފަށައިފިއެވެ.
ޖެހިގެން އައިދުވަހު ޖަލާލީ ވިހިހާސް ޑޮލަރުގެ އަގުބޮޑު އަނގޮޓިއަކާ ލޮކެޓެއް ގަތެވެ. މީގެ އިތުރުން ކާވެންޏާ ބެހޭގޮތުން ޕާކިސްތާނަށް ގޮސް ޚަރަދުކުރާނެ ފައިސާވެސް ގިނަ ޢަދަދަކަށް ފައުޒިއްޔާ އަތަށް ދިނެވެ. އެހެން ހުރިހާކަމެއް ފައުޒިއްޔާގެ އަތް މައްޗަށް ދޫކޮށްލައިފިއެވެ.
**********************
ތާނިޔާ އައީ މިސިޒް އަރުޝަދާ ބައްދަލު ކޮށްލުމަށެވެ. ޖަޔާ ދެދުވަހުގެ ޗުއްޓީއަކަށް އެދިފައިވުމާވެސް އެކުގައެވެ. ތާނިޔާ މިގެއަށް ފޮނުވީ ނާޖިޔާއެވެ. މިހާރު ސޯފިޔާ އަރްޝަދާއި ތާނިޔާއަކީ ޚާއްޞަ ދެރަޙްމަތްތެރިންނެވެ. އަމިއްލަ ޙާލާމެދު ޚިޔާލު ބަދަލުކޮށްލުމަށްޓަކައި ތާނިޔާއަށްވެސް ހެޔޮއެދޭ ރަޙްމަތްތެރިއަކު ބޭނުމެވެ. އެހެންކަމުން ވަގުތެއް ލިބޭއިރަށް އޭނާ މިގެއަށް އައިސް ވާހަކަ ދައްކާލަން އިނދެއެވެ.
މިއަދު ތާނިޔާ އައިއިރު މިސިޒް އަރްޝަދުގެ ގޭގައި މެހްމާނުން ކޮޅެއްވެސް ތިއްބެވެ.
[ސޯފިޔާ ގޭގައި އުޅުއްވާ ހެއްޔެވެ؟] ރަޙްމޫބާބާ ގާތުގައި ތާނިޔާ ސުވާލުކުރިއެވެ.
[އެބަ އުޅުއްވައެވެ.] ރަޙްމޫ ބުންޏެވެ.
[ހީވަނީ ބޭރުބަޔަކުވެސް އެބައުޅޭ ހެންނެވެ......] ތާނިޔާ އެތެރެން ވާހަކަ ދައްކާ އަޑުއަހާފައި ބުންޏެވެ.
[ލައްބައެވެ. ބޭގަމް ސާހިބާގެ އެއްބަނޑު އަންހެނަކު އެމެރިކާއިން ދުރުވެ އެބައުޅުއްވައެވެ. އަދި އެހެން ކޮއްކޮއަކު ކަރާޗީން ދުރުވެ އެބަ އުޅުއްވައެވެ. ކުދީންވެސް އެބަ އުޅެއެވެ.]
[އެހެންވިއްޔާ މިވަގުތު ސޯފިޔާ އުޅުއްވާނީ ވަރަށް އަވަދިނެތިއެވެ.] ތާނިޔާ ބުންޏެވެ.
[އެތެރެއަށް ވަންނަވާށެވެ.] ރަޙްމޫބާބާ ބައްދަލުކުރާ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.
ތާނިޔާ އެނބުރި ދިއުމަށް ހީކުރިއެވެ. އެކަމަކު އޭގެ ކުރީގައި ޖެހިގެން ހުރި ދޮރުން މިސިޒް އަރްޝަދު ނުކުމެއްޖެއެވެ. އޭނާގެ އަތުގައި ގުލްދަސްތާއެއް ހުއްޓެވެ.
[ހަލޯ ތާނިޔާއެވެ. ޙާލު ކިހިނެއް ހެއްޔެވެ. ތިޔައައީ ހާދަހާ ގިނަދުވަހެއް ކޮށްފައެވެ.] އޭނާ ވަރަށް ފޯރިއާއެކު ބުންޏެވެ.
[މިއަދުވެސް ވަގުތުކޮޅެއް ލިބުމުން މިއައީއެވެ. ސޯފިޔާގެ މެހްމާނުން ކޮޅެއް އައިސްތިބުމުން އަޅުގަނޑު މިވިސްނަނީ މިވަގުތު އެނބުރި ދިއުމަށެވެ. ރަނގަޅުވާނީ މިވަގުތު ދިއުމެވެ.]
[އަނެއްކާ ސިކުނޑި ރަނގަޅު ހެއްޔެވެ؟]
ތާނިޔާ ހީގަތެވެ.
[ހިނގާށެވެ. އެތެރެއަށް ހިނގާށެވެ. މިފަހަރު ތިޔައައީ މާގިނަދުވަސް ކޮށްފައެވެ. އެކަމަކު ތިޔަވިސްނަނީ އަވަހަށް މިތަނުން ފިލުމަށެވެ. ރަޙްމަތްތެރިކަމުގެ މާނައަކީ ތިޔައީ ހެއްޔެވެ؟ ހިނގާށެވެ. އަހަރެންގެ ދައްތަ އެމެރިކާއިން އައިސް އެބައިނެވެ. އަހަރެން ތާނިޔާ ތަޢާރަފް ކޮށްދޭނަމެވެ. އަހަރެންގެ ކޮއްކޮވެސް އެބައުޅެއެވެ.]
ސޯފިޔާ ތާނިޔާ ގޮވައިގެން އެތެރެއަށް ވަދެއްޖެއެވެ. އަތުގައިހުރި ގުލްދަސްތާ އެއްކަނެއްގައި ބަހައްޓައިފިއެވެ. އަދި ތާނިޔާއާއިއެކު ޓީވީ ލައުންޖަށް އަތުވެއްޖެއެވެ. އެތާނގައި ފައުޒިއްޔާ ރަފީޤު އިނެވެ. އަދި ރާފިޔާވެސް އޭނާގެ ތުއްތު ތުއްތު ހަމަސްވީ ދަރިފުޅަށް ފުޅިން ކިރުދޭން އިނެވެ.
[އަހަރެންގެ އެކުވެރި ތާނިޔާއެވެ.] ސޯފިޔާ އޭނާގެ ދެއުޚުތުން ގާތުބުންޏެވެ. ދެން ތާނިޔާއާ ދިމާއަށް ބަލާލާފައި ބުންޏެވެ. [ތާނިޔާއެވެ. މިއިނީ އަހަރެންގެ ހެޔޮ ދައްތަ ފައުޒިއްޔާ ރަފީޤެވެ. އޭނާ އެއައީ އެމެރިކާ އިންނެވެ.
ތާނިޔާ ކުޑަކޮށް ބޯގުދުކޮށްލާފައި އޭނާއަށް ސަލާންކުރިއެވެ.
[މިއީ އަހަރެންގެ އަންހެން ކޮއްކޮއެވެ. ރާފިޔާ އަޙްމަދެވެ. މީނާ އުޅެނީ ކަރާޗީގައެވެ.]
ރާފިޔާ ތާނިޔާއާ ސަލާން ކުރިއެވެ.
ތާނިޔާ މެދުގައި ހުރި ސޯފާގައި އިށީނދެއްޖެއެވެ.
[ސައި ހަދަން ހެއްޔެވެ؟ ނޫނީ ކޮފީއެއް ހެއްޔެވެ.........؟] ސޯފިޔާ އެންމެނާ ސުވާލުކުރިއެވެ.
[ކޮފީއެވެ.......] ރާފިޔާ ބުންޏެވެ. ދެން ފައުޒިއްޔާ ތާނިޔާއާ ދެމީހުންގާތު އެހިއެވެ. [ތިޔަ ކަނބަލުންނަށް ކޮފީ ރަނގަޅުތޯއެވެ؟]
އެދެމީހުން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
ސޯފިޔާ ތާނިޔާ ކައިރީގައި އިށީންނަމުން ބަދިގޭގައި އުޅޭ ނޯކަރަކަށް ގޮވާލިއެވެ.
އޭނާ ފޮތިގަނޑަކުން އަތް ފޮހެމުން އަތުވެއްޖެއެވެ.
[ކޮފީ ތައްޔާރު ކޮށްގެން ގެންނާށެވެ.] ސޯފިޔާ ބުންޏެވެ.
[ލައްބައެވެ........] އޭނާ ޖަވާބުދިނެވެ.
[އަވަސް ކުރާށެވެ.......]
[ހަމަމިހާރު މިގެންނަނީއެވެ.] އޭނާ ބަދިގެއަށް ހިނގައްޖެއެވެ.
[ކަލޭމެންގެ ކަންތައްތައް ވަރަށްކުރިޔަށް ޖެހިލައިފިއެވެ.] ފައުޒިއްޔާ ހިނިތުންވެލަމުން ބުންޏެވެ. [ތިބިތާނގައި ތިބެގެން އަމުރު މަޢުރޫފު ހިންގާލަމުން ހުރިހާކަމެއް ހަމަޖެހެނީއެވެ.]
[އެމެރިކާގައި ގޭތެރޭގެ ހުރިހާކަމެއް ފައުޒިއްޔާ ކުރައްވަނީ ހަމަ އަމިއްލައަށް ތޯއެވެ؟] ތާނިޔާ ސުވާލުކުރިއެވެ.
[އާނއެކެވެ. ހުރިހާކަމެއް ކުރަނީ އަމިއްލަ އަށެވެ.] ފައުޒިއްޔާ ބުންޏެވެ.
[ފަސޭހަތައްވެސް ލިބެން ހުންނަނީ އެތާގައެވެ. މިތާކު ނޫނެވެ. ހުރިހާ ކަމެއްވެސް އޮޓަމެޓިކުން ކުރެވޭ ތަނެކެވެ.......] ރާފިޔާ ބުންޏެވެ.
[އެކަމަކުވެސް މަސައްކަތް ކުރަން ޖެހޭނެއެވެ. ގޭތެރެ ސާފުކުރުމާ ތަށިތެލި ދޮވުން އަދި އެއްޗެތި ދޮވެ ކެއްކުމަކީވެސް އަމިއްލައަށް ކުރަންޖެހޭ ކަންތައްތަކެވެ.]
[ތަންތަން ސާފުކުރަނީ ބޭސްޖަހައި ގެންނެވެ. ތަށިތެލި ދޮންނަނީވެސް އެކަހަލަ ކޮންމެވެސް އެއްޗެއް ބޭނުން ކޮށްގެންނެވެ. އެއްޗެހި ދޮންނަ މެޝިނެއްވެސް ހުރެއެވެ. އަދި ކެއްކުމަށްވެސް...... ހުރިހާ ކަމަކަށްވެސް މެޝިނެވެ. އެއްޗެއް ފިހެލަން ބޭނުންވިޔަސް އަވަނެވެ. އެއޮތީ ހުރިހާކަމެއް ނިމިފައެވެ.]
[އަހަރެންގެ މަސައްކަތަކީ އަދި މުޅިން އެހެންގޮތަކަށް ހަމަޖެހިފައިވާ ކަންތައްތަކެކެވެ.] ރާފިޔާ ބުންޏެވެ. [ތެލިދޮވުމަކީ އެހާބޮޑު މައްސަލައެކެވެ. ގެންގުޅޭމީހަކު ނެތިއްޖެއްޔާ ދުވާލު ހަތަރުދަމު އުޅެންޖެހެނީ އެމަސައްކަތުގައެވެ.]
[މަސައްކަތުގެ ވައްތަރު ތަފާތުކަމުގައިވިޔަސް ކަލޭމެން ނޯކަރުންނާމެދު މާބޮޑަށް ފަރުވާ ކުޑަކުރަމުއެވެ. ހުރިހާކަމެއް އެމީހުންގެ ބޮލަށް ޖަހާފައި ކަލޭމެން ތިބެނީއެވެ. ކޮންމެވެސް އާރުލާ ކަހަލަ މަސައްކަތެއް ކުރެވޭތޯ ބެލިއްޔާ މާރަނގަޅު ވާނެއެވެ.] ފައުޒިއްޔާ ބުންޏެވެ.
[ދައްތާއެވެ. ވަގުތު ލިބެނީ ކޮންއިރަކުން ހެއްޔެވެ؟ ރޫބީ ލިބުނު ފަހުން ގޭތެރޭގެ މަސައްކަތުން އަވައްޖެއް ނުވެއެވެ. ގިނަވާނީ އަމިއްލަ ނަފްސާއިމެދުވެސް ޚިޔާލުކޮށްނުލެވޭ ވަގުތެވެ. ދެކުދިންގެ އިތުރުން ގޭތެރޭގެ ހުރިހާ ކަމެކެވެ.] ރާފިޔާ ޝަކްވާގެ ރާގުގައި ބުންޏެވެ.
[ކޮއްކޮ ނޯކަރަކު ނުގެންގުޅެން ހެއްޔެވެ؟] ފައުޒިއްޔާ ސުވާލުކުރިއެވެ.
[ނޯކަރުން އުޅެއެވެ.]
[ކިތަކެއް ހެއްޔެވެ؟]
[ދޮޅު ނޯކަރުންނެވެ.] ރާފިޔާ ހޭންފަށައިފިއެވެ. ތާނިޔާއާ ފައުޒިއްޔާވެސް ހިނިތުންވެލިއެވެ.
[ނޯކަރުންގެ ބައިކުޅަބައި އުޅޭ ހެއްޔެވެ؟]
[މިބުނަނީ ފުރިހަމަ ނޯކަރަކާ ކުޑަވަރެއްގެ އަންހެން ކުއްޖެއްގެ ވާހަކައެވެ. އެއަންހެން ކުއްޖާ ކުޑަމީހާގެ ހުރިހާކަމެއް ކޮށްދެއެވެ. ހެދުން ބަދަލުކުރުމާ ބުއްފުޅި ގިރާދިނުމާ މިކަހަލަ ކަންތައްތައް ކޮށްދެއެވެ.]
[ވަރަށް ރަނގަޅެވެ.] ފައުޒިއްޔާ ބުންޏެވެ. [ކަލޭމެން ތިޔައުޅެނީ ވަރަށް ފަސޭހައިގައެވެ. އެމެރިކާގައި އަހަރެމެންގެ ހުރިހާކަމެއް ކުރަންޖެހެނީ އަމިއްލައަށެވެ. މިހާރު އަހަންނަށް އެގޮތަށް އާދަވެސް ހިފިއްޖެއެވެ. ބޭކާރު ގޮތުގައި ވަގުތު ހޭދަކޮށްލުމަކީ އުނދަގުލަކަށް ވެއްޖެއެވެ. މިތަނަށް އައިފަހުން މިހާރު މިއުޅެނީ ފޫހިވެގެންނެވެ.]
ފައުޒިއްޔާ އެމެރިކާގެ ތަފާތު ދިރިއުޅުމާއި ބެހޭގޮތުން ވާހަކަދައްކަން ފަށައިފިއެވެ. އެންމެން ޝައުޤުވެރި ކަމާއެކު އަޑުއަހަން ތިއްބެވެ. އަކްރަމް ކޮފީ ހިފައިގެން އަތުވެއްޖެއެވެ. ސޯފިޔާ ސައިގާޑިޔާ ކައިރިއަށް ދަމާލާފައި ކޮފީ ހަދަން ފަށައިފިއެވެ........ ވާހަކައިގެ ތެރޭގައި ޖަލާލީގެ ރީތިގެއާއި ބެހޭގޮތުން އަލިއަޅުވާ ލެވިއްޖެއެވެ. އެގޭގެ ފަސޭހަތަކާއި އާވައްތަރު ވައްތަރުގެ މެޝިންތަކުގެ ފަސޭހަތަކާއި ބެހޭގޮތުން ދެކެވުނު ވާހަކަތައް އަޑުއަހާފައި އެންމެން ޙައިރާން ވެއްޖެއެވެ. ރިމޯޓް ކޮންޓްރޯލަކީ ޙަޤީޤަތުގައިވެސް އަޖައިބެއްފަދަ އެއްޗެކެވެ.
[އެގޭގައި އުޅެނީ އޭނާ އެކަނި ހެއްޔެވެ.] ރާފިޔާ ޙައިރާން ކަމާއެކު ސުވާލުކުރިއެވެ.
[އާއެކެވެ. މިހާރު އެގޭގައި އުޅެނީ އޭނާ އެކަންޏެވެ. އޭނާ މީހަކާދެވުމުގެ ކަންތައްއޮތީ އަހަރެންގެ އަތްމައްޗަށް ދޫކޮށްލެވިފައެވެ.]
[ދައްތަގެ އަތްމައްޗަށް ކީއްކުރަން ހެއްޔެވެ؟]
[އެއީ އަހަރެން ޕާކިސްތާނަށް އަންނާތީއެވެ. އެންމެންވެސްބުނަނީ ޕާކިސްތާނުން ޖަލާލީއަށް ރަނގަޅު އަންހެން ކުއްޖަކު ހޯދާ ދިނުމަށެވެ.]
[މިހާރު ލިބިއްޖެ ހެއްޔެވެ.]
[އަދި ނުލިބެއެވެ. ދެތިން އެޑްރެހެއް ލިބިފައިވެއެވެ. އެއްކުއްޖަކު އުޅެނީ ފައިސަލް އާބާދުގައެވެ. އަނެއްކުއްޖާ ރާވާލްޕަންޑީގައެވެ.]
[ތިޔަހާ ބޮޑު މީހަކަށް ހޯދަން ޖެހޭނީވެސް ތިމާއާ އެކަށީގެންވާ ރަނގަޅު ކުއްޖެކެވެ.]
[އެހާފެންވަރު މަތިނޫނަކަސް އެންމެ ރަނގަޅެވެ. ކިޔަވައިގެންހުރި ރަނގަޅު ކުއްޖަކު ލިބެނިކޮށް އެނިމުނީއެވެ.]
[އެހެންވިއްޔާ ދައްތައަށް ތިޔަފެންވަރުގެ ވަރަށްގިނަކުދިން ލިބިދާނެއެވެ. ކޮންމެވެސް ކޮލެޖަކުން ލިބިދާނެއެވެ.]
އެކަހަލަ ތަންތަނުން ވަރަށް ފަސޭހައިން ތިޔަފެންވަރުގެ ރީތިކުދިން ލިބިދާނެއެވެ. މިތާގައި ބީއޭ، އެމްއޭ ގެ ފެންވަރުހުރި ކުދިން މަދެއް ނުވާނެއެވެ.] ރާފިޔާ ބުންޏެވެ. ދެން އެހެން ޚިޔާލެއް ކުއްލިއަކަށް އައުމާއެކު ބުންޏެވެ. [ދައްތާއެވެ. އެއްކަލަ އަޙްމަދުގެ އަންހެން ކުއްޖަކު ހުރެއެވެ. އެއީ ވަރަށް ރަނގަޅު ކުއްޖެކެވެ.]
[ކަރާޗީގައި ހެއްޔެވެ؟]
[ނޫނެކެވެ. މިތާނގައެވެ. ކޮންމެވެސް ވަގުތަކުން ދައްތަ ގޮވައިގެން ދާނަމެވެ.]
[އާނއެކެވެ. ދާންވާނެއެވެ.]
ތިންބޭން މިކަމާބެހޭގޮތުން ވާހަކަދައްކަމުން ދިޔައެވެ. ޖަލާލީގެ ރީތިއަޚްލާޤާއި މުދާވެރިކަމާބެހޭ ހުރިހާ ތަފްޞީލެއް ފައުޒިއްޔާ ކިޔާދީފިއެވެ.]
ތާނިޔާ އެވާހަކަތައް އަޑުއަހަން ހިމޭނުން އިނެވެ. ބޭއިޚްތިޔާރުގައި ޖަޔާއާ ބެހޭގޮތުން ފައުޒިއްޔާ ގާތުގައި ވާހަކަ ދައްކާލުމަށް އޭނާގެ ހިތަށް އެރިއެވެ. އެކަމަކު ދުލަކަށް ނައެވެ. އޭނާ ހިތާހިތުން ޖަޔާއާ ދިމާއަށް އެއްޗެހި ގޮވިއެވެ. މިއަދު ހަމައެއްވެސް ކަމަކާނުލައި ޗުއްޓީގައި ގޭގައި ހުރީއެވެ. މިއަދު އޭނާއައިނަމަ ފައުޒިއްޔާ ގާތުގައި ޖަލާލީގެ ކާވެންޏާއި ބެހޭގޮތުން ވާހަކަ ދެކެވުނީހެވެ. އެގޮޅިއަށް ޖަޔާ އިންތިޚާބު ކުރެވުނީހެވެ.
މިދުވަސްކޮޅު ތާނިޔާއާ މަންމައާ ދެމައިން ތިބެނީ ނާޖިޔާގެ ކާވެންޏާއި ބެހޭގޮތުން ފިކުރު ބޮޑުވެފައެވެ. މީގެ ދެމަސް ދުވަސް ކުރީގައި ވަރަށް ފުރިހަމަ ގޮތެއްގައި ނަވީދު މީހަކާ އިންނަން ހަމަޖެހިއްޖެއެވެ. ގޭގެ އެންމެންވެސް ތިބީ ޖަޔާއަށްޓަކާ ނަވީދުގެ މައްޗަށް ކަޅި ހުއްޓާލައިގެންނެވެ. ދެބައިމީހުންގެ ދެމެދުގައި އަރާރުން އުފެދުނު ކަމުގައިވިޔަސް އެމީހުންގެ ޔަޤީންކަމަށް ބަދަލެއް ނާދެއެވެ. އެކަމަކު ނަވީދު މާޔޫސްވެގެން ހަތިޔާރު ބެހެއްޓުމުން ހުރިހާކަމެއް ފެނަށްވެގެން ދިޔައީއެވެ. އޭނާގެ މައިންބަފައިން ބޭނުންގޮތަށް ކަންތައްވެ ނިމުނީއެވެ. އަންހެން ކުއްޖާއަކީ ރަނގަޅު ކުއްޖެކެވެ. ރީތި ކުއްޖެކެވެ. ބީ.އޭގައި ކިޔަވަނީއެވެ. މުއްސަނދި ދެމަފިރިއެއްގެ ހުރި އެންމެ އަންހެން ދަރިއެކެވެ. ނަވީދު އުފާވުމާ ނުވުން އެއީ އެހެން ކަމެކެވެ. އާނއެކެވެ. ގޭގެ އެންމެންވެސް ތިބެނީ އުފަލުންނެވެ. ބޭނުންވާ ވަރަށްވުރެވެސް އިތުރަށް ކާވެނި އިޢުލާނުކުރި ރަސްމިއްޔާތަށް ޚަރަދުކުރިއެވެ. މިހާރު ކާވެންޏަށް އެއްޗެހި ހޯދަން މަސައްކަތް ކުރަނީއެވެ. އެންމެންވެސް އުންމީދު ކުރާގޮތުގައި މިއީ އާދައިގެ ކަމެއްނޫނެވެ. އެކަމަކު ހިތްތަކުގެ ކެކުޅުން ކުޑައެއް ނުވިއެވެ. ނަވީދާއި ޖަޔާގެ ހިތްވެސް އެކަކު އަނެކަކަށްޓަކައި ނަފްރަތުން ފުރިފާވެއެވެ. މިއީ ލޯބީގެ އިންތިހާ ނޫންކަމެއްވެސް ނޭގެއެވެ. އާއެކެވެ. ނާކާމިޔާބުވުމުން ސިފަ ބަދަލުވެފައިވާ ލޯބީގެ އިންތިހާއެވެ. މިހާރު ނަވީދުވެސް ޖަޔާދެކެ ވަރަށް ރުޅިއާދެއެވެ. ކާވެނި އިޢުލާނުކުރި ރަސްމިއްޔާތު އޮތްދުވަހު ހިތާދެކޮޅަށް ނަމަވެސް ނަވީދު އުފާފާޅު ކުރިއެވެ. ހީނސަމާސާކޮށް ހެދިއެވެ. މިގޮތަށް ޖަޔާ އާއި ތާނިޔާ އަދި ދެންތިބި މީހުންގެ ހިތްވެސް ކަތިލެވިގެން ދިޔައެވެ. އޭނާގެ މަންމަ ރަސްމިއްޔާތު ނިމުމުގެ މާކުރީގައި ގެއަށް އަތުވެއްޖެއެވެ. އަދި އެމީހުނަށް އަޑުއިވޭ ވަރަށް ވާހަކަ ދެއްކިއެވެ. ވިހަތީރުތަކެއް ފޮނުވަމުން ދިޔައެވެ. މަލާމާތް ކުރިއެވެ. އެހާގިނަ އަންހެން ކުދިންތަކެއްގެ މަންމައަކަށް ވުމަކީ ދުނިޔޭގައި ކުރެވޭ ވަރަށްބޮޑު ކުށެކޭ ބުނެ ހަރުއަޑުން ވާހަކަ ދެއްކިއެވެ.
ޖަޔާގެ މަންމަ ނަވީދުގެ މައިންބަފައިންނާމެދު ވަރަށް ގިނައިން ޝަކުވާކުރެއެވެ. ފިހިފައިވާ ހިތަށް ތަދުކުރަމުން ދިޔައެވެ. އަމިއްލަ ނަސީބާމެދު ހިތާމަކުރެއެވެ. އަދި ޖަޔާގެ ކާވެނި ނަވީދަށްވުރެވެސް މަތީ މީހަކާއެކު ކުރުވުމަށް ހިތާހިތުން ދުޢާކުރެއެވެ. މިގޮތުން އޭނާއަށްވެސް އެމީހުންގެ ކުރިމަތީގައި މޭފުއްޕާފައި ވާހަކަ ދެކެވިދާނެއެވެ. ކަލޭމެން ޤަބޫލު ނުކުރި އަންހެން ކުއްޖާ މިހާރު ދެކެބަލާށޭ ބުނެ އުފާ ފާޅުކުރެވޭނެއެވެ. އެކަމަކު މިއީ ހަމައެކަނި ކުރެވުނު ދުޢާތަކެކެވެ. މި ދުއާތައް މުސްތަޖާބު ވާނޭކަމުގެ އެއްވެސް އުއްމީދެއް އޭނާގެ ނެތެވެ. ޔަޤީންކަމުގެ ސުވާލެއްވެސް ނުއުފެދެއެވެ.
އެކަމަކު............ މިއަދު.............
ތާނިޔާގެ ހިތުގައި އުންމީދުގެ ކުޑަ އަލިކަންފުޅެއް އުފެދިއްޖެއެވެ.
ފަހަރެއްގައި .............. ފަހަރެއްގައި ................
ޖަޔާ ފެނިއްޖެއްޔާ ފައުޒިއްޔާ ރަފީޤު ޖަލާލީގެ ކާވެންޏަށް އޭނާ އިންތިޚާބު ކޮށްފާނެއެވެ.
އޭނާ ކޮފީގެ ފޮދުވަރުތައް ކަރުން އެތެރެކުރަމުން ވަރަށް ފޮނި ކަންތައްތަކެއް ވިސްނަން ފަށައިފިއެވެ. މިކަމާ ބެހޭގޮތުން ސޯފިޔާ އަރްޝަދާ ވާހަކަ ދައްކަން އޭނާ ނިންމައިފިއެވެ.
އަދި ފުރިހަމަ އެއްގަޑި އިރަށްފަހު އޭނާ ތެދުވުމުން ސޯފިޔާ ސުވާލުކުރިއެވެ. [ޖަޔާ މާދަމާ އަންނާނެ ހެއްޔެވެ؟]
[އަޅުގަނޑަކަށް މާރަނގަޅަށް ނޭގެއެވެ. އަޅުގަނޑު މިހާރު ގެއަށްގޮސް އޭނާ ފޮނުވާނަމެވެ. އޭރުން މާރަނގަޅު ވާނެއެވެ....... ސޯފިޔާ ބޭރަށް ދުރުވުމުގެ ޕްރޮގްރާމެއް އަނެއްކާ ނެތްތޯއެވެ؟]
[ނެތެވެ. ދިޔަޔަސް ދާނީ ކެއުމަށް ފަހުގައެވެ.......] ސޯފިޔާ ބުންޏެވެ.
ތާނިޔާ އެތިންބެއިންނާ ސަލާންކޮށްފައި ބޭރަށް އަތުވެއްޖެއެވެ. އޭނާއާއެކު ސޯފިޔާ ބޭރަށް ނުކުތެވެ. ތާނިޔާ ޖަޔާގެ ވާހަކަ ދައްކާލުމަށް ހިތަށް އެރިއެވެ. އެކަމަކު ޖެހިލުން ވެއްޖެއެވެ.
[ދެން އަންނާނީ ކޮންއިރަކުން ހެއްޔެވެ.] ސޯފިޔާ ސުވާލުކުރިއެވެ.
[ފަހަރެއްގައި މާދަމާވެސް އާދެވިދާނެއެވެ.] އޭނާ ހީނލާފައި ބުންޏެވެ.
[ތިޔައަށްވުރެ އުފާވެރިކަމެއް ވަކިން ކޮބައި ހެއްޔެވެ؟]
[ހަމަ މިހާރުގޮސް ޖަޔާ ފޮނުވާނަމެވެ؟]
[ޗުއްޓީވެސް ހަދަންޖެހޭނެ ނޫން ހެއްޔެވެ؟]
[ނޫނެކެވެ. އޭނާ އަމިއްލައަށް އައިސް ސޯފިޔާ ގާތުގައި ބުނެފާނެއެވެ. ފަހަރެއްގައި ކުދިންނާއި މަސައްކަތެއް ޙަވާލުކުރަން ވެފައިވެސް އޮވެދާނެއެވެ.] ތާނިޔާ އަވަސް އަވަހަށް ދޮރާއްޓާ ދިމާއަށް ހިނގައިގަތެވެ.
އޭނާގެ ސިކުނޑީގައި ޖަޔާއަށްޓަކައި މިފަދަ ނާދިރު ދަނޑިވަޅެއްގެ ފައިދާނެގުން ނޫން ޚިޔާލެއްނެތެވެ.
ސޯފިޔާ އޭނާއާ ވަކިވެގެން އެނބުރި ލައުޖަށް އައުމުން ފައުޒިއްޔާ ސުވާލުކުރިއެވެ.
]އެއީ ކޮންކުއްޖެއް ހެއްޔެވެ؟]
[އެއީ އަހަރެންގެ ރައްޓެއްސެކެވެ.]
[ކުޑަކޮށް ބަލިވެ އުޅޭފާޑު ޖަހައެވެ.]
[ދައްތާއެވެ. އެއީ ވަރަށް ބަދުނަސީބު ކުއްޖެކެވެ. އޭނާގެ ޙާލުގެ ވާހަކަ އަހައިފިއްޔާ ރޮވޭވަރު ވާނެއެވެ. ކިހާ ލޯބިވެތި ސިފައެއް ލިބިފައިވާ ކުއްޖެއް ހެއްޔެވެ. އެކަމަކު ޙާލުހުރީ ކިހިނެއްކަމެއް އެކަކަށްވެސް ނޭގެނެއެވެ.]
ފައުޒިއްޔާ އާއި ރާފިޔާ އަސަރާއެކު އަޑުއަހަން ތިއްބެވެ.
[ތާނިޔާގެ ކޮއްކޮ ނާޖިޔާ މިގޭދެކުދިންނަށް ކިޔަވައިދޭން އާދެއެވެ. ތާނިޔާ އަހަންނާ ރައްޓެހިވީ ނާޖިޔާގެ ފަރާތުންނެވެ.]
[ތިޔަބުނާ ކުއްޖާމީހަކާ އިނދެފި ހެއްޔެވެ؟] ރާފިޔާ ސުވާލުކުރިއެވެ.
[ނީދެއެވެ........... އޭނާއަށްވެސް ދިމާވީ ވަރަށްހިތްދަތި ގޮތްތަކެކެވެ.] ސޯފިޔާ ބުންޏެވެ.
[ކިހިނެއްވީ ހެއްޔެވެ؟]
ސޯފިޔާއަށް އެނގިހުރި މިންވަރަށް ނާޖިޔާއާއި ނަވީދާ ބެހޭގޮތުން ޚަބަރު ކިޔާދީފިއެވެ.
[ބޮޑުބޭބެވެސް ޤަބޫލު ނުވީދޯއެވެ.] ފައުޒިއްޔާ ބުންޏެވެ.
[އާއެކެވެ. އެއީ ހަމަ އެފަކީރުގެ ނިކަމެތިކަމެވެ. މިހާރު އަނެއްކާ ކޮންމެވެސް މުއްސަނދި ޢާއިލާއެއްގެ އަންހެން ކުއްޖަކު ނަވީދާ ދެވަންވެގެން އުޅޭވާހަކަވެސް އަހައިފީމެވެ.]
[ފިރިހެން ކުއްޖާވެސް ނުޤަބޫލުކަމެއް ނުދައްކާ ހެއްޔެވެ؟]
[މިޒަމާނުގައި ހެދިބޮޑުވާ ފިރިހެން ކުދިންނަކީ އަންހެނުންނަށް ވިކިގެން އުޅޭބައެކެވެ. ރޭގަނޑު ހަތަރުދަމު މުއްސަނދި މީހަކަށްވުމުގެ ހުވަފެންތައް ދެކެއެވެ. އަދި މިހުވަފެން ފުރިހަމަވަނީ މުއްސަނދި އަންހެން ކުއްޖަކާ އިދެވުމުންނެވެ..........] ސޯފިޔާ ބުންޏެވެ.
ފައުޒިއްޔާ މޮޅިވެރި ކަމާއެކު ބޯހަލުވާލަމުން ބުންޏެވެ.
[ޖަޔާއަކީ ކޮންކަހަލަ ކުއްޖެއް ހެއްޔެވެ]
[ވަރަށް ރަނގަޅު ކުއްޖެކެވެ. ވަރަށް ލޯބިވެތި ކުއްޖެކެވެ. އެކަމަކު ޣަރީބު އަމަޔަކާ ބަފައެއްގެ ދަރިއެކެވެ. މިހާރު އަންނާނެކަން ނޭގެއެވެ. ދައްތައަށްވެސް ފެނުނީމާ އެނގިދާނެއެވެ.] އެގޭ ހުރިހާ ކުދިންވެސް އަހަންނަށް ވަރަށް ރަނގަޅެވެ.
[ކިތައް ކުދިން އުޅޭ ހެއްޔެވެ؟]
[ހަ އަންހެން ކުދިން އުޅެއެވެ.]
[އަސްތާއެވެ! ކުދިން ފައްޗެއް ދޯއެވެ.]
[މިހާރު އެއްކުއްޖަކު މީހަކާ އިނދެފިއެވެ. އޭނާވެސް މިހާރު އެއިންނަނީ ގޭގައެވެ.]
[އެކުދިންގެ މައްޗަށް ރަޙުމްކުރަން ޙައްޤެވެ.]
[ވަރަށް އަޚްލާޤު ރަނގަޅު ބައެކެވެ. ހަމައެކަނި ދެރަކަމަކީ ފައިސާގެ ދަތިކަމެވެ.]
ސޯފިޔާ އިރުކޮޅެއް ވަންދެން އެމީހުންގެ އަޚްލާޤާ މާތްކަމާ ބެހޭގޮތުން ވާހަކަ ދެއްކިއެވެ....... ފައުޒިއްޔާ ކޮންމެވެސް އެއްޗެއް ވިސްނާލާފައި ބުންޏެވެ. [ޖަލާލީއާ އެކުއްޖާއާ ގުޅުވުން ކޮންކަހަލަ ހެއްޔެވެ؟]
[އަސްތާ! ދައްތާއެވެ. ތިޔަވިސްނުނީ ވަރަށް މޮޅަށެވެ. މިބުނީ ހަމަ ރަނގަޅަށެވެ. އެއީ ވަރަށް ރަނގަޅު އަންހެން ކުއްޖެކެވެ. މިހާރު އަންނާނެއެވެ........]
[އެންމެ ރަނގަޅެވެ.......]
[ދެން އަޙްމަދުގެ ދެބޭންގެ ދެދަރި ކުއްޖާއަށް ހަދާނީ ކިހިނެއްހެއްޔެވެ.] ރާފިޔާ ޝަކްވާގެ ރާގުގައި ފައުޒިއްޔާ ގާތުގައި އެހިއެވެ.
[އެކުއްޖާއާވެސް ބައްދަލުކުރާނީއެވެ. ފުރަތަމަ ޖަޔާ ދެކެލާނީއެވެ. ގޮތެއް ނިންމާނީ ފަހުންނެވެ. އެކަމަކު ސޯފިޔާ ތިޔަދެއްކި ވާހަކަތަކުން ދޭހަވާގޮތުގައި ޖަޔާއަކީ ޖަލާލީއާ ވަރަށް ގުޅޭނެ ކުއްޖެކެވެ.] ފައުޒިއްޔާ ތެދުވަމުން ބުންޏެވެ.
ސޯފިޔާ އަކްރަމް ގާތުގައި ތަށިތައް ނަގަންބުނެފިއެވެ. ރާފިޔާ ދަރިފުޅު ގޮވައިގެން ކޮޓަރިއަށް ވަދެއްޖެއެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު