ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. ބައެއް ކުދިންނަކީ ގޭގައި ހުރި ކޮންމެ އެއްޗެއްވެސް ކައިފާނެ ކުދިންނެވެ. ނަމަވެސް ބައެއް ކުދިންނަށް ވަކި ކަހަލަ ހާއްސަ ކާނާއެއް ނޫނީ ނުކެވެއެވެ. މިފަދަ ކުދިންގެ މައިންބަފައިން މިކަމާ ވަރަށް ކަންބޮޑުވެ، ހާސްވެއެވެެ. ސަބަބަކީ މިފަދަ ކުދިންނަކީ ހަށިގަނޑަށް ފައިދާހުރި، ސިއްހަތަށް ރަނގަޅު ކާނާ ކެއުމަށް އިންކާރު ކުރާ ކުދިންނަށް ވާތީއެވެެ.

ތިރީގައި މި ހިމަނާލަނީ ދަރިފުޅަށް ކާންދިނުމަށް އުނދަގޫވާނަމަ ކުރެވިދާނެ ބައެއް ކަންކަމެވެ.

އެއްފަހަރާ މާ ގިނައިން ކާންނުދިނުން:

ދަރިފުޅު ކާން ނޫޅޭނަމަ، ނުވަތަ ދަރިފުޅަށް ކާން ދިނުމުގައި ދަތިތަކެއް ވާނަމަ އެފަދަ ކުދިންނަށް ކާންދޭއިރު، އެއްފަހަރާ މާގިނައިން ކާން ނުދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ މާގިނައިން އެއްފަހަރާ ކާންދޭން އުޅޭނަމަ، ކުއްޖާ ކާއެއްޗެހި މަތިން ފޫހިވެ، ކާން ބޭނުން ނުވާނެތީވެއެވެ. އަދި މާގިނައިން ކާތަށިން ކާއެއްޗެހި ފެންނަ ނަމަ، ނުވަތަ އާވައްތަރެއްގެ ކާއެއްޗެއް ފެނިއްޖެނަމަ ކުއްޖާ އެއެއްޗެެއް އެއްގޮތަކަށްވެސް ނުކައިފާނެތީއެވެެ. ވީމާ ކުޑަކުދިންނަށް ކާންދޭއިރު، މަދުމަދުން ކާން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އާ އެއްޗެއް ތައާރަފު ކުރާނަމަވެސް މިހެން އަމަލު ކުރަން ޖެހެއެެވެ.

އުމުރާ ގުޅޭ ފަދަ ކާއެއްޗެހި ދިނުން:

ދަރިފުޅަށް ކާންދިނުމުގައި ދަތިތަކެއް ވާނަމަ އެއީ ތިބާ އެކުއްޖާއަށް ކާންދޭ ކާނާގެ ސަބަބުން ދިމާވާ ކަމަކަށްވެސް ވެދާނެއެެވެ. އެހެންކަމުން ކުޑަކުދިންނަށް ކާންދޭއިރު، އެކުދިންނަށް ކަމުދާ ކަހަލަ، އަދި އެކުދިންގެ އުމުރާ ގުޅޭ ކަހަލަ ކާނާ ކާންދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އެކުދިންގެ އުމުރާ ގުޅޭ ގޮތަށް ކާން ދިނުމުން ކުދިންގެ ކެއުމަށް ބޮޑެތި ބަދަލު އައިސް އެކުދިން އަމިއްލައަށްވެސް ކެއުމަށް ޝައުގުވެރިވެ، ކާން ބޭނުން ވާނެއެވެ.

ގަދަ ކަމުން ކާން ނުދިނުން:

ކުއްޖާއަށް ގަދަކަމުން ކާންދޭނަމަ އެކަމުގެ ސަބަބުން ކުއްޖާއަށް ވަރަށް ގިނަ ނޭދެވޭ އަސަރުތަކެއް ކުރެއެވެެ. އެގޮތުން ބައެއް ހާލަތްތަކުގައި ކުއްޖާއަށް ނަފްސާނީ ގޮތުން އަސަރުކޮށް، ކާން ދޭ ވަގުތަކީ އެކުއްޖާއަށް ލިބޭ އަދަބެއް ކަމަށް ގަބޫލު ކުރެވި، ދަރިފުޅު ކެއުން މަތިން އެއްކޮށް ފޫހިވެ ކެއުން ހުއްޓާލާ ގޮތްވެސް ވެއެވެ. އެހެންކަމުން ކުއްޖާއަށް ގަދަ ކަމުން ކާން ނުދީ، އެކުއްޖާ ބޭނުންވާ ވަރަކަށް ކާން ދިނުމަށް ސަމާލުވުމަކީ ވަރަށް މުހިންމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން