ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަދަބު ދޭންޖެހޭ- ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަދަބު ދޭންޖެހޭ- ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން
ގަަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު މިހާރު ރާއްޖޭގައި އިންތިހާއަށް ގިނަވެފައިވާއިރު، މިމީހުންގެ އެކި މައްސަލަތައް ވެސް ދަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. ދިވެހިންގެ ތެރޭގައި ގިނަވެގެން މިއުޅޭ، ގިނަ ބިދޭސީންނަކީ ގަވާއިދާއި ޚިލާފަށް މިގައުމުގައި އުޅެމުންދާ ބަޔަކަށް ވީއިރު މިމީހުންގެ ސަބަބުން ދިވެހިން މިދަނީ ނަފްސާނީ ވަމުންނެވެ.

ފާއިތުވެދިޔަ ހަފުތާއަށް ބަލާއިރު، މިފަދަ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އެތައް މައްސަލައެއް މިވަނީ ފެންމަތިވެފައެވެ. އަދި މިމީހުންގެ ސަބަބުން ދިވެހިން މިވަނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. މި ހަފްތާގައި މުޅި މީސްމީޑިއާ ގުގުމާލާފައިވަނީ ބިދޭސީންގެ ނުތާހިރުކަމުގެ ވާހަަކަތަކުންނެވެ.

އެގޮތުން ބަލާއިރު ބުޅާ މަރައި، ބުޅަލުގެ މަސް ބޭނުން ކޮށްގެން ބަރގަރ އާއި ސަބްމެރިން ފަދަ ކާއެއްޗެހި ތައްޔާރުކުރާ ކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެ ބިދޭސީ މީހާ ދިރިއުޅޭ ގެ ކައިރިންނާއި އެގޭތެރެއިން މަރުވެފައިވާ ބުޅަލުގެ ގުނަވަންތައް ފެނިފައިވާކަމަށްވެސް ބަައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. މިޚަބަރުގެ ސަބަބުން އެތައް ދިވެހިންނެއް ނަފްސާނީ ވެފައިވާއިރު، މިކަމުގެ ސަބަބުން ފިހާރަތަކާއި ހޮޓާތަކުން ވިޔަފާރި ކުރުމަށްވެސް ރައްޔިތުން މިވަނީ ޖެހިލުން ވެފައެެވެ.

މިމައްސަލަ ފެންމަތިވީ ފަހުން ފިހާރަތަކުގައި ހުންނަ ހެދިކާ ފަދަ ތަކެތި ގަންނަ މިންވަރު ދަށްވެފައިވުމުގެ ސަބަބުން، ދިވެހި އަންހެނަކު ކުރަމުން އައި މިފަދަ ވިޔަފާރިއަކަށްވެސް މިވަނީ ގޮންޖެހުން ލިބިފައެވެ. އެގޮތުން ދުވަސްވީ މި ދައްތަ ލާރި ހޯދުމަށް އެތައް ދުވަހެއް ވަންދެން ކުރަމުން އައި ވިޔަފާރިކަމަށްވާ ސަބްމެރިން އާއި ބާގާ ވިޔަފާރިއަށް މި މައްސަލައިގެ ސަބަބުން ވަނީ ބުރޫ އަރާފައެެވެ.

މީސް މީޑިއާގައި ހިއްސަަ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ދޮށީ އުމުރުގެ މި ދައްތައަކީ އޭނާގެ މުޅި އުމުރު ދުވަހު ބާގާ އާއި ސަބްމެރިން ވިއްކައިގެން ލާރި ހޯދާފައިވާ ފަރާތެއް ކަމަށާއި، މިމައްސަލަ ފެންމަތިވިފަހުން ދައްތަގެ ބާގާއާއި ސަބްމެރިންވެސް ނުވިކޭ ކަމަށެވެ. އެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ މި މަސައްކަތް ކޮށްގެން ދައްތަ އެއްކުރި ލާރިން އުމްރާއެއް ކޮށްފައިވާ ކަމަށާއި، މިހާރު އެ ދައްތަ މަސައްކަތް ކުރަނީ އެ ދައްތަގެ މަންމަގެ މައްޗަށް އުމްރާއެއް ކުރުމަށް ފައިސާ އެއް ކުރުމަށް ކަމަށެވެ. ނަމަވެސް ބިދޭސީންގެ މި މައްސަލަ ފެންމަތިވުމާއެކު މިކަމަށްވެސް މިއޮތީ ބުރޫ އަރާފައެވެ. ބިދޭސީންގެ ސަބަބުން ދިވެހިންނަށް މިފަދަ ގެއްލުން ލިބުމަކީ ވަރަށްވެސް ހިތާމަހުރި ކަމެކެވެ.

މީގެ އިތުރުން މިިދިޔަ ހޯމަ ދުވަހުވެސް ވަނީ މިފަދަ އެހެން މައްސަލައެއް ފެންމަތިވެފައެވެ. އެގޮތުން ގަވާއިދާ ހިލާފަތް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގަމުން އަންނަ އޮޕަރޭޝަންގެ ދަށުން ހޯމަ ދުވަހު ހެދިކާ ހަދާ ތަނެއް ރެއިޑު ކޮށްފައިވާކަމަަށާއި އެތަނުގައި މަސައްކަތް ކުރަމުން ދިޔަ 10 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެތަނުގައި ބިދޭސީން ތައްޔާރު ކުރަމުން ދިޔަ ތަކެތީގެ ތެރޭގައި ފިހާރަތަކުން އާންމުކޮށް ގަންނަން ލިބޭ ތަކެތި ހިމެނޭއިރު، ފުލުހުން އާންމު ކޮށްފައިވާ ފޮޓޯތަކުން އެތަނުގެ ނަޖިސްކަން ފެނިގެންދެއެވެ.

އެތަނުން ތައްޔާރު ކުރާ ބައެެއް ތަކެތީގެ ލިސްޓެއް އާންމު ކޮށްފައިވާއިރު އޭގެ ތެރޭގައި ތެލުލިފަތާއި މަސްމިރުހާއި، ހިކިމަސް އަދި ތަފާތު އެކި ލުއިކާނާގެ ބާވަތްތައް ހިމެނެއެވެ. މުޑުދާރު ތަންތަނުގައި ތައްޔާރު ކުރާ މިފަދަ ތަކެތި ކެއުމުގެ ސަބަބުން ތަފާތު އެކި ބަލިތަކަށް މީހުން ހުށަހެޅިގެން ދެއެވެ. މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ.

ދިވެހިންނަކީ ޒަމާނުއްސުރެ ދުފުމަށް ލޯބި ކުރާ ބައެއް ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ނަމަވެސް މިދިޔަ އާދީއްތަ ދުވަހު މީސް މީޑިއާގައި ދައުރުވަމުން ދިޔަ ފޮޓޯތަކަށްފަހު ދިވެހިން މިހާރު ފިހާރަތަކުގައި ވިއްކަން ހުންނަ ފޯއް ގަތުމަށް ޖެހިލުންވެއެވެ. ނުވާންވީ ސަބަބެއްވެސް ނެތެވެ. މިދިޔަ އާދީއްތަ ދުވަހު އިމިގްރޭޝަނުން ވަނީ މުޑުދާރުކޮށް ފޯއް ތައްޔާރު ކުރަމުން ދިޔަ ތަނެއް ރެއިޑު ކޮށްފައެވެ. އެގޮތުން މިކަމާ ގުޅުވައިގެން އިމިގްރޭޝަމުން އާންމު ކުރި ފޮޓޯތައް މީސް މީޑިއާގައި ދައުރުވެފައިވާއިރު އެ ފޮޓޯތަކުން ފެންނަން ހުރި ގޮތުގައި އެމީހުން އެ މަސައްކަތް ކުރަމުން ދިޔަ ތަނުގެ ތަޅުންމަތީގައި ކޮށާފައިހުރި ފޯއްފުންޏެއް ހުރިއިރު، އެތަނުގައި އެމީހުން ލައިއުޅޭ އަންނައުނު ހުރިކަންވެސް ފާހަގަ ކުރެވެއެވެެ. އަދި ގިނަ އަދަދެއްގެ ފޯއް ފެން ޓައްޕަކަށް އަޅާފައި ހުރިއިރު، ފާހާނާއެއްގެ ކުރިމަތީގައި ފޯއް ގޯންޏެއް ބަހައްޓާފައި ހުރިތަންވެސް އެ ފޮޓޯތަކުން ފެނެއެވެ.

މިއީ ވަރަށް ގިނަ ފިހާރަތަކުގައި ވިއްކަން ހުންނަ އެއްޗަކަށް ވީއިރު މި ތަކެތި ތައްޔާރު ކުރަމުން ގޮސްފައިވަނީ ކެއިން ބުއިމަށް ތަކެތި ތައްޔާރު ކުރާވަރަށްވުރެ ހަޑިކޮށް ހުރިތަނަކުން ކަމަށް ފޮޓޯތަކުން ފެނެއެވެ. މި ފޮޓޯ ތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު އެތައް ބަޔަކު ވަނީ މީސް މީޑިއާގައި ނުރުހުން ފާޅު ކޮށްފައެވެ.

މީގެ އިތުރުން ބިދޭސީން ހިންގާ ހޮޓަލަކުން ބިލެތް ހުނީގެ ބަދަލުގައި ކޯނިސް ޕައުޑަރު ދޭ މައްސަލައެއްވެސް މި ހަފްތާގައި ވަނީ ފެންމަތިވެފައެވެ. އެގޮތުން މީސް މީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ބިދޭސީން ހިންގާ ބައެއް ހޮޓާފަދަ ތަންތަނުގައި ދުފާއެއްޗިއްސާއެކު ބިލަތް ހުނީގެ ބަދަލުގައި ވިއްކަމުންދަނީ ކޯނިސް ޕައުޑަރު ކަމަށެވެ. އަދި މި ބޭނުން ކުރާ ބައެއްް މީހުންނަށް ފިޓު ޖެހުމާއި، ހިތުގެ ވިންދު އަވަސްވުން ފަދަ ސިއްހީ އެތައް މައްސަލައެއް ކުރިމަތިވާ ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ. މިފަދަ ތަފާތު އެތައް މައްސަލައެއް މިހާރު ފެންމަތި ވަމުން ދާއިރު، މި ހުރިހާ ކަމެއްގެ ފަހަތުގައިވެސް ވަނީ މި ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުން އަންނަ ބިދޭސީންނެވެ.

މިފަދަ މައްސަލަަތައް ފެންމަތިވަމުންދާތީ ދިވެހިން ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅު ކުރަމުންނެވެ. އަދި ދިވެހިންގެ ތެރެއިން ބަޔަކު މިވަނީ މިފަދަ ހަޑި މުޑުދާރު ތަންތަނާއި، ގަވާއިދާ ހިލާފަށް ބިދޭސީން އުޅެމުންދާ ތަންތަން ހޯދާ ބަލައި، އެތަންތަން ވީޑިއޯކޮށް ޓިކްޓޮކު ފަދަ މީސް މީޑިއާ ޕްލެޓުޕޯމުތަކުގައި ހިއްސާ ކުރަން ފަށާފައެވެ. ޓިކްޓޮކުގައި "ވާކަރު" ގެ ނަން ޖަހައިގެން ހިންގަމުން އަންނަ އެކައުންޓަކުން ދަނީ މިފަދަ އެތައް ވީޑިއޯއެއް ހިއްސާ ކުރަމުންނެވެ. މި ފެންމަތިވަމުން އަންނަ މައްސަލަތަކުގެ ސަބަބުން ދިވެހިން އަންނަނީ މިފަދަ ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތަކާއިމެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބުނެ އަޑު އުފުލަމުންނެވެ. އަދި ހަމަ އެހެންމެ މި ފެންނަމުންދާ ކަންތައްތައްކުގެ ސަބަބުން ނަފްސާނީ ގޮތުން އަސަރު ކުރަމުންދާ ކަމަށާއި ކެއިން ބުއިމަށްވެސް އަސަރު ކުރަމުންދާކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ މީސް މީޑިއާ ޕްލެޓުފޯމުތަކުގައި އަޑުއުފުލަމުންނެވެ.

އާންމުންގެ ކަންބޮޑުވުމާއެކު މިހާރު ގަވާއިދާއި ހިލާފަށް އުޅޭ އެތައް ބިދޭސީންނެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެެ. އަދި އިމިގްރޭޝަނުން މިހާރު ހިންގަމުން އަންނަ އޮޕަރޭޝަނުގައި އެހެން އިދާރާތައްވެސް ބައިވެރިކޮށް އިތުރަށް މި އޮޕަރޭޝަން ފުޅާކުރުމަށް އިމިގްރޭޝަނުން ނިންމާފައިވާ ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ބުނެފައެވެ. އަދި އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިފަދަ ފަރާތްތައް ހޯދައި ޑީޕޯޓު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ބުނެފައިވާއިރު، ކާބޯތަކެއްޗާބެހޭ އެތައް މައްސަލަތަކެއް ފެންމަތިވެފައިވުމާ ގުޅިގެން މި އޮޕަރޭޝަންގެ ދަށުން ހިންގާ ރެއިޑު ތަކުގައި މީގެފަހުން އެޗްޕީއޭ އާއި އެމްއެފްޑީއޭ އަދި އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލުން ބައިވެރިވެ، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ.

މި މައްސަލަތައް ފެންމަތިވާން ފެށީއްސުރެން ރައްޔިތުން މިތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ކާން އިށީންނަ ކޮންމެ ވަގުތެއްގައި މިކަންތައް ހަނދާންވާތީ އަރުތެރެއަށް ކާއެއްޗެއް ނުލެވެއެވެ. ދިވެހިން މިދަނީ ދުވަހުން ދުވަހަށް ނަފްސާނީ ވަމުންނެވެ. މާދަމާ ފެންމަތިވާނީ މިފަދަ ކޮން ކަމެއްކަން ނޭނގޭތީއެވެ. މިއަދު އަޅުގަނޑުމެންނަށް މިވަނީ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލު ކުރުމަށް މަޖުބޫރު ވެފައެވެެ. ތައްޔާރީ ކާނާގެ ބަދަލުގައި އަމިއްލައަށް އެއްޗެހި ތައްޔާރު ކުރުމަށް މަޖުބޫރުވެފައެވެ. ބިދޭސީންނާމެދު އިތުރަށް ހޭލުންތެރިވާން ޖެހިފައެވެ. ސަރުކާރުގެ އިދާރާތަކުން ގުޅިގެން މަސައްކަތްކޮށް، މިފަދަ ހަޑިމުޑުދާރު ތަންތަން ބަންދުކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓު ކުރުމުން ނޫނީ ދިވެހިންގެ ހިތްތަކަށް ލުޔެއް ނުލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން