ފެން ބޭނުންކުރާ މިންވަރު ބަލަން ވެސް ސްމާޓް މީޓަރު ހަރުކުރަން ފަށަން ނިންމައިފި އެވެ.

ދ. ކުޑަހުވަދޫގެ ގޭބިސީތަކުގައި ކަރަންޓް ސްމާޓް މީޓަރު ހަރުކޮށް ނިންމުމުގެ ގޮތުން ރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ފެނަކަ އެމްޑީ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ ކަރަންޓު ބިލު ބޮޑުުމުގެ ޝަކުވާއަކީ ނިމުމެއް ނެތް ޝަކުވާއެއް ކަމަށެވެ.

އެހެން ނަމަވެސް ސްމާޓް މީޓަރުތަކާއެކު ރައްޔިތުންގެ އެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން މިހާރު ކަރަންޓު ބިލަށް އަރާވަރު އެނގެނީ މަސް ނިމި ބިލު އައުމުން ކަމަށްވާއިރު ސްމާޓު މީޓަރުތަކުން ދެން ކޮންމެ ދުވަހަކު ކަރަންޓު މީޓަރުން އަރާވަރާއި ކަރަންޓު ބޭނުންކުރެވޭ އަދަދު ފޯނުންވެސް ބަލާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއާޒް އިތުރަށް ވިދާޅުވީ ކަރަންޓް ސްމާޓް މީޓަރެކޭ އެއްގޮތަށް ފެން މީޓަރުތައް ވެސް ސްމާޓް މީޓަރުތަކަށް ހެދުމުގެ ވިސްނުން އެބަހުރި ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ އުއްމީދަކީ ފެނަކައިގެ ފެނުގެ މީޓަރުތައް ވެސް ސްމާޓްކުރުން. ފެން ބޭނުންކުރާ މިންވަރުވެސް ރައްޔިތުންގެ ފޯނުތަކުން ދުވަހުން ދުވަހަށް ބެލޭނެ އިންތިޒާމްތައް ހަމަޖެހިގެން ދިއުން. އިރާދަ ކުރެއްވިއްޔާ އެ ޕްރޮޖެކްޓްވެސް ވަރަށް އަވަހަށް ފެށޭތޯ އަޅުގަނޑުމެން މި ބަލަނީ. އެކަމުގެ މަޝްވަރާތައް ކުންފުނީގެ މެނޭޖްމަންޓުން އެބަ ކުރިއަށް އެބަދޭ. މި މަޝްވަރާތައް ނިމުމުން މި ޕްރޮޖެކްޓްވެސް އަޅުގަނޑުމެން ކުރިއަށް ގެންދާނަން." މުއާޒް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން