ސަރުކާރުގެ ޚަރަދުގައި ޢުމްރާއަށް ފޮނުވާ ފުރަތަމަ ހާފިޒަށް އެކަމުގެ ލިޔުން ދީފިއެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތައް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫއު މިއަދު އިފްތިތާހްކޮށްފައިވާއިރު މި މަޝްރޫއުގެ ދަށުން ޢުމްރާ ދަތުރުގެ ފުރަތަމަ ފުރުސަތު ދީފައިވަނީ އަލްހާޒިފް ޢަލީ ރައީފުއަށެވެ. އޭނާއަށް ލިޔުން ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މި މަޝްރޫއު އިފްތިތާހްކޮށް ޢުމްރާ ދަތުރު ދެވިފައި މިވަނީ ވަރަށް ޚާއްޞަ ހާފިޒަކަށް ކަމަށާއި، އޭނާއަކީ އެއްވަނަ ދަރަޖައިގައި ގުރުއާނުގެ އާޔަތްތަކުގެ ނަމްބަރާއެކު ހިތުދަސްކޮށްފައިވާ ހާފިޒެއްް ކަމަށެވެ.

ވަޒީރު ޝަހީމް ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދީލަތި ފަރާތްތަކުގެ އެހީތެރިކަމާއެކު ކަމަށާއި މިކަމަކީ ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ކުރައްވާކަމެއް ކަމަށެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތައް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫއުއެއް ފެށުމަށް ހަމަޖެހިފައިވާކަން ވަޒީރު ޝަހީމް އިއުލާން ކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމިކް މިނިސްޓްރީން އަންނަނީ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ އިތުރުން ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންކަން ފާހަގަ ކުރެވެއެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުގައި މީގެ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ރާއްޖެއިން ބޭރުންވެސް ދިވެހި އިމާމުންނަށް ބޭނުންވާ ތަމްރީނު ހޯއްދަވައި ދެއްވުމަށް ސަރުކާރުން ގިނަ ކަންކަން ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން