ނިރުބަވެރި އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އަޑުއުފުލަމުންދިޔަ ޝާދިޔާއާއި ޝަޒުރާގެ ބަންދަށް ތިން ދުވަސް ޖަހައިފިއެވެ.

ސަފީރަކަށް އުނދަގޫކުރުމާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ މައްސަލައިގައި އިއްޔެ ހައްޔަރުކޮށްފައި ވަނީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޑރ. މުޙައްމަދު އިޔާޒުގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމްއެވެ.

ފުލުހުން ބުނީ، އެ ދެ މީހުން ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލަވައި، ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށްފައިވާ ކަމަށެވެ. އެ މީހުން އިއްޔެ އަޑުގަދަ ކުރަމުން ދިޔަ ސަރަހައްދުން ސުލްހަވެރިކަމާއެކު ދިޔުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ވެސް ފުލުހުން ބުނާއިރު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އެ ދެމީހުން ހައްޔަރު ކޮށްފައެވެ.

އިޒްރޭލާ ދެކޮޅަށް މި ދެމީހުން އަޑުއުފުލާތާ ގިނަ ދުވަސްތަކެއްވެފައިވާއިރު، ޝާދިޔާ އާއި ޝަޒުރާ ދޫކޮށްލުމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ގޮވާލަމުންދާކަންވެސް ފާހަގަ ކުރެވެއެވެ.

އެ މައްސަލައިގައި މިއަދު އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ އެތައް ދުވަހެއް ވަންދެން ވަކި ސަފީރެއްގެ ގޭދޮށުގައި އަޑުގަދަކޮށް، ރާއްޖެއިން ފައިބަން ގޮވާލައި، އެ ސަފީރުގެ އާއިލާއަށް ބިރު ދެއްކުމަކީ އިންސާފެއް ނޫން ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން