މާލާގައި އަންހެނަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރު ކުރި އަތުހަރަށް އައިސީޔޫގައި ފަރުވާ ދޭން ނުޖެހޭ ކަމަށާއި އޭނާއަށް ފިޓު ޖެހުނު ކަމަށްބުނެ ފަތުރާ ވާހަކައަކީ ދޮގެއް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައި ވަނީ، އަތުހަރުގެ އާއިލާ އާ ހަވާލަދީ ކަމަށްބުނެ ރާއްޖޭގެ ބައެއް ނޫސްތަކުން އަތުހަރަށް ފިޓު ޖެހިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދީފައިވާ ކަމަށް ހަބަރުފަތުރާފައިވާތީއެވެ.

މިމަހުގެ 29 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މާލޭގައި އަންހެނަކު ރަހީނުކުރި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ށ. މިލަންދޫ/ ހެޕީ ލޭންޑް، އާދަމް އަތުހަރު (32އ) އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ އަތުހަރު ޑޮކްޓަރަށް ދައްކައި އަދި މިހާތަނަށް ހަދާފައިވާ މެޑިކަލް ޓެސްޓްތަކާއި ސީޓީ ސްކޭންގެ ނަތީޖާއަށް ބަލާއިރު، އޭނާގެ ޓެސްޓްތައް ނޯމަލް ކަމަށެވެ. ސައިކެޓްރިސްޓް އަދި ނާރުގެ ހާއްސަ ޑޮކްޓަރަށް ދެއްކުމުން ވެސް މައްސަލައެއް ނެތް ކަމާއި، އޭނާގެ ހާލު ރަނގަޅު ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަތުހަރަށް އައިސީޔޫގައި ފަރުވާ ދިނުމަށް މިހާތަނަށް އެއްވެސް ޑޮކްޓަރަކު ލަފާދީފައި ނުވާ ކަމަށާއި އޭނާއަށް ފިޓު ޖެހުނުކަން ވެސް މިހާތަނަށް ޑޮކްޓަރުގެ އެއްވެސް ލިޔުމެއްގައި ބަޔާން ކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން