ބޮލީވުޑުގެ މަޝްހޫރު ތަރި ޕްރީތީ ޒިންތާ- ގޫގުލް އިމޭޖެސް
ބޮލީވުޑުގެ މަޝްހޫރު ތަރި ޕްރީތީ ޒިންތާ- ގޫގުލް އިމޭޖެސް
ދަރިއަކު ހޯދުމަށް އައިވީއެފް ޓްރީޓުމެންޓު ނެގިއިރު އުފާވެރި މޫނެއް ދައްކައިގެން ހުންނަން އުނދަގޫވި ކަމަށް ބޮލީވުޑުގެ ތަރި ޕްރީތީ ޒިންތާ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ދާދި ފަހުން ވޯގު އަށް ދިން އިންޓަވިއުއެއްގައި އަބަދުވެސް އުފާވެރިކަންމަތީ ހިނިއައިސް ހުންނަ މީހެއްގެ ގޮތުގައި މަޝްހޫރުވި ނަމަވެސް އޭނާގެ ހަޔާތުގައި ކުރިމަތިވި ދަތި ދުވަސްތަކެއްގައި އެހެން ހުރުމަށް އުބދަގޫވިކަމަށް ބުނެ ވާހަކަ ދައްކަމުންނެވެ. އެގޮތުން އޭނާ ބުނެފައިވަނީ މާބަނޑުވުމަށް އުނދަގޫވުމުން އައިވީއެފް ޓްރީޓުމެންޓު ނަގަން ޖެހުނު ކަމަށާއި، އެދުވަސްވަރު އަބަދުވެސް އުފަލުން ހެވިފަ ހުންނަން އުނދަގޫވީ ކަމަށެވެ. އަދި އެ ދުވަސްވަރު އެއްވެސް މީހަކާ މުއާމަލާތު ކުރަން ބޭނުން ނުވިކަމަށްވެސް އޭނާ ވަނީ ބުނެފައެެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ކޮންމެ މީހަކުވެސް އެމީހެއްގެ ކެރިއަރު ތަރައްގީ ކުރުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި، ނަމަވެސް އަންހެނަކަށްވެހުރެ ވަގުތު ފާއިތު ނުވަނީސް އާއިލާއެއް ބިނާކުރުމުގެ މަސައްކަތް ފަށަން ވެސް މުހިންމު ކަމަށެވެ. އަދި ވަޒީފާ މުހިންމުވީނަމަވެސް އާއިލާއެއް ބިނާކުރުމަކީވެސް ހަމަ އެހާ މުހިންމު ކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އާއިލާއެއް ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު ޕްރީތީއާއި އޭނާގެ ފިރިމީހާއަށް ސަރޮގެސީގެ ޒަރިއްޔާއިން ޓުވިންސް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ލިބިފައިވަނީ 2021 ގެ ނޮވެމްބަރުގައެވެ.

މަންމައަކަށް ވުމަށް ފަހު ފިލްމީ ދާއިރާއާއި ކުޑަކޮށް ދުރަށް ޖެހިލި ޕްރީތީ މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ލާހޯރު 1947" ނެރުމުގެ ތައްޔާރީތައް ވަމުންނެވެ. މި ފިލްމުގެ މުހިންމު ރޯލުތަކުން ޝަބާނާ އަޒްމީ އާއި، އަލީ ފާޒަލް އާއި، ސަނީ ޑިއޯލް އަދި ކަރަން ޑިއޯލު ފެންނާނެ ކަމަަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން