ހަރަދުތައް ކުޑަކޮށްގެން 28 މިލިއަން ރުފިޔާ ސަލާމަތް ކުރެވިއްޖެ ކަމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މުޖުތަބާ ވިދާޅުވީ ވެމްކޯއާ މި ސަރުކާރުން ހަވާލުވީ ބޮޑު ދަރަންޏަކާ އެކު ކަމަށެވެ.

ހަމަ އެހެންމެ މަސައްކަތެއް ކުރަން ހަވާލުނުކޮށް ގދ. ތިނަދޫއާއި ކ. މާފުށި އަދި ކުޅުދުއްދުއްފުށި ސިޓީއިން މުވައްޒަފުން ނަގާފައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ހަރަދުތަކެއް ދިޔައީ ހިނގަމުން ކަމަށް އެމްޑީ ވިދާޅުވި އެވެ.

އެކަމަކު މިހާރު ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ވެމްކޯގެ ހިދުމަތްތައް ފުރިހަމައަށް ދޭން ފަށައިފައިވާ ކަމަށް ވެސް އެމްޑީ ވިދާޅުވި އެވެ.

އެއާއެކު ކުންފުނި ދަރަނިން ސަލާމަތް ކުރުމަށް ވަރަށް ބޮޑަށް އިސްކަން ދެމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެގޮތުން ކުންފުނީގެ އޮޕަރޭޝަންތައް ހިންގުމަށް ހިނގާ ހަރަދުތައް މި އަހަރުގެ ދެވަނަ ކުއާޓާއާ ހަމައަށް އައިއިރު 46 ޕަސެންޓް ކުޑަކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭގެ މާނައަކީ ކުރިން ގާތްގަނޑަކަށް 40 މިލިއަނުން ކުރި ޚަރަދު 12 މިލިއަނަށް ތިރިކުރެވުނީއޭ. އެހެންވީމާ މިހާ ބޮޑު ކުރިއެރުމެއް ގެނެވިފައި މިވަނީ އެކިއެކި ސާވިސްތައް އިންޓްރޮޑިއުސްކޮށް ރިސޯސްތަކެއް ޔުޓިލައިޒްކޮށް ކުރިއަށް ގެންދިއުމުން." މުޖުތަބާ ވިދާޅުވި އެވެ.

ވެމްކޯ ހިންގުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތި ވެފައިވީ ނަމަވެސް އެ ކުންފުނި އެއް ދުވަހަށް ވެސް ހުއްޓާލެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން