image ގައްދޫ ރަޝީދު   20 އޯގަސްޓު 2020 - 5:23
[ރާފިޔާ ކޮއްކޯއެވެ. ޖަޔާއަކީ ވަރަށް ރަނގަޅު ކުއްޖެކެވެ. އަޚްލާޤުވެސް ވަރަށް ފުރިހަމައެވެ. އަދި ސިފަގަނޑަކަށް ބަލާއިރު އެވާހަކަ ހެވީ ނުދެއްކިއްޔާއެވެ. ކޮންފަދަ ރީތިކަމެއް ހެއްޔެވެ؟]

[ދައްތައަށް ފެންނަ ގޮތެކެވެ.]

[އަޙްމަދުގެ ދެބޭންގެ ދެދަރި އަންހެން ކުއްޖާއަށް ކިޔަނީ ކޮންނަމެއް ހެއްޔެވެ؟]

[ސަމީނާއެވެ.........]

[ރަނގަޅު ކުއްޖެކެވެ. އެކަމަކު ރުޅިގަދަ ގޮތެއް ހުންނަހެން ހީވެއެވެ.]

[އާނއެކެވެ. އޭނާ އުޅެނީ އަދިވެސް ވަރަށް ޅަގޮތަކަށެވެ.]

[އެކަހަލަ އަންހެން ކުއްޖަކަށް ޖަލާލީ ކަހަލަ މީހެއްގެ ދިރިއުޅުން ހިފަހައްޓައެއް ނުލެވޭނެއެވެ.]

[ތިޔަކަން ބޮޑަށް އެނގެނީ ދައްތައަށެވެ.]

ދެބޭން ވާހަކަ ދައްކަމުން ދިޔައެވެ. ފައުޒިއްޔާ ސާޅީ އިސްތިރި ކުރަނީއެވެ. ރާފިޔާ ކުޑަމީހާގެ އެއްޗެހި ބަދަލު ކުރުވަނީއެވެ.

[ސޯފިޔާއެވެ.] ފައުޒިއްޔާ ކޮރިޑޯގައި ހުރި ސޯފިޔާއަށް ގޮވާލިއެވެ.

[ދައްތާއެވެ. ކިހިނެންވީ ހެއްޔެވެ؟]

[މިއަދު ދާނަން ހެއްޔެވެ؟]

[ކޮންތާކަށް ހެއްޔެވެ؟]

[މިހާރު ހަދާން ނެތުނީ ހެއްޔެވެ. ޖަޔާގެ ގެއަށް ދާވާހަކަ ދެއްކީމެއް ނޫން ހެއްޔެވެ؟]

]މިހާރު އެގޮތަށް ނިންމީ ހެއްޔެވެ؟]

[ވަރަށް ރަނގަޅު އަންހެން ކުއްޖެކެވެ. އަދި އެމީހުންގެ ޙާލަތަށް ބަލާއިރު ޖަލާލީއަކީ ވަރަށް އެކަށީގެންވާ މީހެކެވެ. އެއީ ހަމަ ޖަވާހިރެކެވެ. ނެތީ ހަމަ އެންމެ ކަމެކެވެ.] ފައުޒިއްޔާ ބުންޏެވެ.

[އެއީ ކޮންކަމެއް ހެއްޔެވެ؟] ރާފިޔާއާއި ސޯފިޔާ ސިހިފައި ފައުޒިއްޔާއާއި ދިމާއަށް ބަލާލިއެވެ. ފައުޒިއްޔާ ސާޅީގައި އިސްތިރި ކާއްތާލަމުން ބުންޏެވެ. [ސިފަ ރީއްޗެއް ނޫނެވެ.]

[ވަރަށް ހުތުރު ހެއްޔެވެ؟] ސޯފިޔާ ސުވާލު ކުރިއެވެ.

[ހަމަ ހުތުރު މީހެކެވެ. ދެރަކަމަކީ ހަމައެކަނި މިއެވެ..... އެހެން ނޫންނަމަ އަޚްލާޤުގެ ވާހަކަ ހެވީ ނުދެއްކިއްޔާއެވެ. އަންހެނުންނަށް ނުލާހިކު ޤަދަރުކުރެއެވެ. އޭނާގެ ޚިޔާލުތައް މޮޅުވެފައި ތަނަވަހެވެ. މީގެ އިތުރުން ހިސާބު ނުކުރެވޭހާ ގިނަ މުދާތަކެކެވެ. ފެއަރީލޭންޑުން ގެއެއް ގަތުމަކީ އާދައިގެ ކަމެއްނޫނެވެ. ކަލޭމެންނަށް އެގޭގެ މޮޅުކަން ހިތަށްވެސް ނުގެނެވޭނެއެވެ. އެހާވެސް އެގެ ފުރިހަމަވެފައި ރީއްޗެވެ.]

[ހަމަ ރަނގަޅަށް ހެއްޔެވެ؟]

[އޭނާއަކީ ހުތުރު މީހަކަށްވިޔަސް ކިތަންމެ އަންހެން ކުދިންނެއް އޭނާއާއި އިންނަން އިދެފާނެއެވެ.]

[އެހެންވީއިރު މީހަކާނީނދެ އެހުންނަނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ބޭނުންވަނީ ޕާކިސްތާނު ކުއްޖެއް ހެއްޔެވެ؟]

[ކޮންމެހެން ޕާކިސްތާނު އަންހެން ކުއްޖަކު ބޭނުންވަނީއެއް ނޫނެވެ.] ފައުޒިއްޔާ އެދެބޭންގެ މޫނަށް ބަލާލިއެވެ. [ޖަލާލީއަށް އެހުރިހާ ކުދިންގެ ބޭނުންވެސް އެނގެއެވެ. އެއިން ކޮންމެ ކުއްޖަކުވެސް އޭނާއާއި އިންނަން ބޭނުންވަނީ ފައިސާއަށް ޓަކައެވެ. އެކަމަކު ޖަލާލީއަކީ ލޯތްބާ ހަމްދަރުދީއަށް ބޭނުންވެފައިވާ މީހެކެވެ.]

ތިންބޭން މިވާހަކަތައް ދައްކަމުން ދިޔައިރު ސޯފިޔާ ފެންނަނީ ވިސްނުމެއްގެ ތެރޭގައި އިންނަކަހަލަ ގޮތަކަށެވެ.

[ކިހިނެއްވީ ހެއްޔެވެ؟] ފައުޒިއްޔާ ސުވާލުކުރިއެވެ.

[ދައްތާއެވެ. ޖަޔާއަކީ ރީތި އަންހެން ކުއްޖެކެވެ.........] ސޯފިޔާ ބުންޏެވެ.

[ތިޔަކަން އެނގެއެވެ.]

[އޭނާ ސިފަހުތުރު މީހަކާ އިންނަން ޤަބޫލުވެދާނެ ހެއްޔެވެ؟]

[ތިޔައީ އެމީހުންގެ އަމިއްލަ ކަމެކެވެ.]

[ދައްތަ އެވާހަކަ ބުނަން ޖެހޭނެއެވެ.]

[ބުނަންވެސް ޖެހޭނެއެވެ.]

[އިންކާރު ނުކުރާނެ ބާވައެވެ.]

]ނުކުރާނެއެވެ.] ރާފިޔާ ބުންޏެވެ. [އެމީހުން އުޅޭޙާލު ނިކަންދެކެބަލާށެވެ. އެއްބަސް ނުވެއްޖެއްޔާ އެމީހުންނަކީ މޮޔަބައެކެވެ.]

[ތިޔަބުނީވެސް ތެދެކެވެ.] ސޯފިޔާ ވިސްނާލަމުން ބުންޏެވެ.

[ފުރަތަމަ ވާހަކަދައްކާލަން ހިނގާށެވެ.] ފައުޒިއްޔާ ބުންޏެވެ. [ޤަބޫލުނުވެއްޖެއްޔާ އެހެން ކުއްޖަކު ހޯދާނީއެވެ. ޖަބީންގެ ކާވެންޏަށް ވަރަށްގިނަ އަންހެން ކުދިން ދާނެއެވެ.]

[އާއެކެވެ.]

[މިއަދު ކޮންމެހެންވެސް އެގެއަށް ދާންވާނެއެވެ.]

]ދެން ތައްޔާރުވާށެވެ.]

[ސޯފިޔާ ތައްޔާރުވާންގޮސް ބަލާށެވެ.]

[ދާނީ ކައިގެން ނޫން ހެއްޔެވެ.] ސޯފިޔާ ބުންޏެވެ.

[އަދި ވަރަށްގިނަ ވަގުތު އެބައޮތެވެ. ދޮޅުގަޑިއެއްހާއިރުން އާދެވޭނެއެވެ.]

[އެންމެ ރަނގަޅެވެ. ދައްތަ ތައްޔާރުވާށެވެ.]

ތިންބޭން ތައްޔާރުވެގެން ނިކުމެއްޖެއެވެ. ވަރަށް ކައިރީގައި ހުރިގެއެކެވެ. އެކަމަކު ސޯފިޔާ ކާރުނެރެފިއެވެ.

ކާރު މަގުގެ އެއްފަރާތުން ގޯޅި ނިމޭ ހިސާބަށް ހުއްޓާލައިފިއެވެ. ކާރު ގޯޅިއަށް ވެއްދޭނެއެވެ. އެކަމަކު އަނބުރާލަން ދަތިވާނެތީ އެހިސާބުން ތިންމީހުން ފައިމަގުގައި ހިނގާފައި ޖަޔާގެ ގެއާހަމައަށް ހިގައްޖެއެވެ. އެހިސާބަށް ބޭރުމީހުން އައިސްގޮސް އުޅެނީ ވަރަށް މަދުންނެވެ. އެހެންކަމުން އަންހެން ވެރިން ކުޑަދޮރުތަކުން ބޯދިއްކޮށް ބަލަމުން ދިޔައެވެ. ގޯޅިތެރޭގައި ކުޅެންތިބި ކުދިންތައްވެސް ކުޅުން ހަނދާން ނައްތާލާފައި ތިއްބެވެ.

މިއަދު އެހިސާބަށް ބީރައްޓެހި ތިން އަންހެނުން އެއްފަހަރާ އަތުވެއްޖެއެވެ. އެމީހުންގެ މޫނުމަތީގައި ފައިސާ ވެރިކަމުގެ ކުލަވަރު ވިދަވިދާ ހުއްޓެވެ. ލައިގެން ތިބި ހެދުންތައް އެހާމެ ރީއްޗެވެ. ފައިގައި ފުންނާބު އުސްކުރި ފައިވާނެވެ. ފްރާންސްގެ ހަންދަބަސް ހިފާލާފައިވާ އަތުގައި ރަންއުޅާތައް ވިދާ ބަބުޅަމުން ދިޔައެވެ. އިނގިލިތަކުގައި ޖަވާހިރު ހަރުކުރި އަނގޮޓިއެވެ.

މިކަހަލަ ހިސާބުގަނޑުގައި އުޅޭމީހުން ކިތަންމެ މުއްސަނދިކަމުގައި ވިޔަސް އަދި ރަނުގެ ވެރިން ކަމުގައި ވިޔަސް މިކަހަލަ އަންހެނަކު ނޫޅެއެވެ. އެހެންކަމުން މިތިންބޭން އަންނަތަން ފެނިފައި ގޭގޭގައި މަސައްކަތުގައި ތިބި އަންހެނުންތައް މަސައްކަތް ހުއްޓާލާފައި ނުކުންނަން ފަށައިފިއެވެ. ބައެއްމީހުން ތެލިދޮންނަން ތިބެފައި ހަޑިމުޑުދާރު އަތާއިގެން އައިސް ދޮރުކައިރީގައި ހުއްޓިގެން ތިއްބެވެ. ބައެއްމީހުން ކުނިކަހަން ތިބެފައި އިލޮށިފަތި ހިފައިގެން ނުކުމެ ތިއްބެވެ. އެއްބަޔަކު ކުޑަދޮރުން ބަލަން ތިއްބެވެ. އަނެއްބަޔަކު ފާރުމަތިންނެވެ. ބޭރުބަޔަކު އަންނަކަން އެމީހުނަށް އެނގުނު ގޮތެއްވެސް ނޭނގެއެވެ. ކުދިންވެސް އަނގަމައްޗަށް ޖަހައިގެން ކަޅިހުއްޓިފައި ތިއްބެވެ. ބައެއް ކުދިން އެމީހުންގެ ފަހަތުން ހިނގައިގަތެވެ.

މިކުދިންތައް ފެނިފައި ފައުޒިއްޔާއަށް އެމެރިކާގެ މަތިން ހަނދާންވިއެވެ. އޭނާއުޅޭ ހިސާބުގަނޑުގެ ހަދާންވިއެވެ. މިކަހަލަ ކުދިން ހެދިބޮޑުވަނީ މިހެން ހިރަފުހާ ތަތްތެޅި ކުނިބުނީގެ ތެރޭގައި ތިބެގެންނެވެ. އަވަށް ގަނޑުގައި ސާފު ތާހިރު މީހުންގެ ގެވެސް ހުންނާނެއެވެ. މިވަގުތު އެގޭގެ ކުދިން ތިބޭނީ ސްކޫލްގައިކަން ޔަޤީނެވެ. ސާފު ތާހިރު އަދި ތަހްޒީބު ކުއްޖަކު މަގުމަތިން ނުފެންނަނީ އެހެން ވެގެންނެވެ.

ތިން އަންހެނުން ވާހަކަ ދައްކަމުން ކުރިޔަށް ދިޔައެވެ. ހިސާބުގަނޑުގައި އަންހެންވެރިން ބަލަހައްޓައިގެން ތިއްބެވެ. ސޯފިޔާ ކުރިއަށް ޖެހިލާފައި ނާޖިޔާގެ ގޭގެ ދޮރުގައި ޓަކިޖަހައިފިއވެ. އެވަގުތު މިތަންދެކެން ތިބިމީހުން ފާޑުފާޑުގެ ޚިޔާލުތައް ފާޅުކުރަން ފަށައިފިއެވެ. އެކަކު އަނެކަކަށް ބުނަން ފަށައިފިއެވެ.

[އެއީ ކާކު ހެއްޔެވެ؟]

[ކޮންތާކުން އައި ބައެއް ހެއްޔެވެ؟]

[ކީއްކުރާ ބައެއް ހެއްޔެވެ؟]

[ކޮންމެވެސް ކަމެއްކަން ޔަޤީނެވެ.]

[ވަރަށް މުއްސަނދި ބައެކެވެ.]

[އެމީހުން އައީވެސް ކާރެއްގައޭ ޖޮނީ ބުންޏެވެ. ކާރު މިދިމާއިން މަގުގާ އެބައޮތެވެ.]

[ތިޔަވާނީ ކޮންމެވެސް މީހަކާ ބައްދަލުކޮށްލަން އައި ބަޔަކަށެވެ.]

[ތިމާގެ ބައެއްހެނެއް ހިއެއްނުވެއެވެ.]

އަންހެނުންތައް މިކަހަލަ ވާހަކަތަކެއް ދައްކަމުން ދިޔައެވެ. އަދި އެތިންބޭން ޖަޔާގެ ގެއަށް ވަދެއްޖެއެވެ.

މިއަދަކީ ޗުއްޓީ ދުވަހެކެވެ. އެހެންކަމުން ތާނިޔާއާއި މާނޫ ރަބީޢާއާއި ޢަތީޤާ ބޯދޮވެގެން ފެންވެރުމަށްޓަކައި ތައްޔާރު ވޭވެތިއްބެވެ. މިއަދު ޖަޔާ އުޅެނީ ގޭތެރެ ސާފުކުރުމުގައެވެ. ހެދުންތައް އެފެށުން މިފުށަށް ޖަހާފައި ހުއްޓެވެ. މަންމަ އާދައިގެ މަތިން ގޯތިތެރޭގައި ތަރުކާރީ ކޮށަން އިނެވެ. އަދި ތާނޫ ބަދިގޭގައި ތެލިތަށި ދޮވުމުގައި އަވަދިނެތި އުޅެއެވެ. ރައިހާނާއާއި އަމްޖަދާއި އަދި ބައްޕަވެސްވީ ބޭރުގައެވެ. ރައިޙާނު މިދުވަސްކޮޅު އުޅެނީ އޭނާ މަސައްކަތްކުރާ ފެކްޓްރީގެ ބޮޑުމީހާއާއި ދެބަސްވެގެންނެވެ. ބައްޕަ ފަކީރު އުޅެނީ އެކަން މަސަލަސްކުރަން ވެގެންނެވެ. އެވަޒީފާ އޮންނާތީ ކޮންމެފަދަ ސިފައެއްގައި ނަމަވެސް ގެއަށް ފައިސާކޮޅެއް ވަދެއެވެ. ވަޒީފާގަނޑު އަތްދަށުން ދަމާލައިފިއްޔާ އެފައިސާކޮޅުވެސް ނުލިބޭގޮތް ވެދާނެއެވެ.

ދޮރުހުޅުވީ ޘާނޫއެވެ. އޭނާ ދެދުވަހެއްގެ މަތިން ސޯފިޔާ ދެކެފައިވެއެވެ. އެކަމަކު ދެންތިބީ ނުވެސްދެކޭ ބީރައްޓެހި ދެއަންހެނެކެވެ. މިހާވަރަށް ނަލަ ހެދިލައިގެން ތިބިމީހުންތަކެއް ފެނިފާ ޘާނޫ ސިހިއްޖެއެވެ. އަދި ކަންބޮޑުވެފައި ދުއްވައިގަތެވެ.

[ތާނޫ ދައްތާއެވެ...... މަންމާއެވެ...... ޖަޔާ ދައްތާއެވެ.....] އޭނާގެ ނޭވާ މޭގައި އަޅައިގެންފައިވާ ކަހަލައެވެ.

[ކިހިނެއްވީ ހެއްޔެވެ؟] މަންމަ ހަރުއަޑުން މިހެން ބުނުމުން ޘާނޫ ތުންފަތުގައި އިނގިލިޖައްސާލާފައި ދޮރާއްޓާ ދިމާއަށް އިޝާރާތް ކޮށްލިއެވެ.

]ކާކު ހެއްޔެވެ؟] ތާނޫ ބޭރަށް ނުކުމެއްޖެއެވެ.

]އެއީ..... އެއީ ސޯފިޔާ ދައްތައެވެ. އަދި އެހެން ދެއަންހެނުންވެސް އެބަތިއްބެވެ.] ޘާނޫ ބުންޏެވެ. އަދި ތާނޫ އިތުރު އެއްޗެކޭ ބުނމުގެ ކުރީގައި ސޯފިޔާ އެތެރެއަށް ވަދެގެން އަތުވެއްޖެއެވެ.

ސަލާންގަލާމަށްފަހު ސޯފިޔާ ބުންޏެވެ. [އަހަރެންގެ ދައްތަ ފައުޒިއްޔާއާއި ކޮއްކޮ ރާފިޔާ އައިސް އެބަތިއްބެވެ.]

[އަޅުގަނޑު މިހާރު މިއަންނަނީއެވެ.] މިހެން ބުނެފައި އޭނާ އެނބުރިލައިފިއެވެ. އަތުގައި ހުރި އެއްޗެހިތައް އެއްފަރާތެއްގައި ބަހައްޓާފައި އަވަސް އަވަހަށް އިސްކުރުން އަތްދޮވެލައިފިއެވެ. އަދި ދޯޕައްޓާއިން އަތް ފޮހެމުން ގޯތި ތެރެއަށް ނުކުމެއްޖެއެވެ. ސޯފިޔާ މަންމައާއި ވާހަކަ ދައްކަން ހުއްޓެވެ.

[ދުރުވާށެވެ.] ތާނިޔާ ފެންޑާއާ ދިމާއަށް ހިނގައިގަތެވެ. އަދި ގޯޅިތެރެއަށް ހުޅުވެންހުރި ދޮރު ހުޅުވާލާފައި ވަރަށް އުފަލާއެކު ފައުޒިއްޔާއާއި ރާފިޔާ ގެނެސް ބައިތިއްބައިފިއެވެ. ފައުޒިއްޔާ ބުންޏެވެ. [އަހަރެމެން އަންނާނެކަން ކުރީގައި އަންގާލާށޭ އަހަރެން ސޯފިޔާ ގާތު ބުނީމެވެ.]

[އެއީ އެއްވެސް ކަމެއް ނޫނެވެ.] ތާނިޔާ ބުންޏެވެ.

[އިށީންނަވާށެވެ.] ތާނިޔާ ޢިއްޒަތްތެރިންނަށް ޤަދަރުކުރުމުގެ ރާގުގައި ބުންޏެވެ. ކަންދިމާކުރި ގޮތުން މިއަދު ޖަޔާ އޮތީ މިތަން ވަރަށް ރަނގަޅަށް ސާފުކޮށްފައެވެ. އެކަމަކު އަގުބޮޑު ޑްރޯއިންގ ރޫމްތަކުގައި ތިބުމަށް އާދަވެފައިވާ އަންހެނުންނަށް މިތަން ކަމުދާނެ ބާވައެވެ.

ފައުޒިއްޔާއާއި ރާފިޔާ މެދުގައިހުރި ސޯފާގައި، އަދި އަރިމަތީގައި ހުރި ސޯފާގައި ސޯފިޔާ އިށީދެއްޖެއެވެ.

[ޖަޔާ ކޮބައި ހެއްޔެވެ؟] ސޯފިޔާ އެހިއެވެ.

[ޗުއްޓީ ދުވަހަކީ އޭނާ ގޭތެރެ ސާފުކުރުމުގެ މޫޑުގައި އުޅޭ ދުވަހެވެ.] ތާނިޔާ ބުންޏެވެ.

[މަންމަ ކޮބައި ހެއްޔެވެ؟] ފައުޒިއްޔާ ސުވާލުކުރިއެވެ.

[އުޅަގނޑު މަންމައަށް ގޮވާލާނަމެވެ.] ތާނިޔާ ދޮރާދިމާއަށް ހިނގައިގަތެވެ.

ފައުޒިއްޔާ އައީ މިއަދު ޖަޔާގެ ކާވެނީގެ ވާހަކައާއިގެންކަން ތާނިޔާގެ ހިތްދެނެގަތީ ކީއްވެގެން ކަމެއްނޭގެއެވެ. މިކާވެންޏާއި ބޭހޭގޮތުން އޭނާ މަންމަ ގާތުގައި ވާހަކަދައްކާތާ ކިތަންމެ ދުވަހެކެވެ. މަންމަ ފިނި ނޭވާއެއްލާފައި ބުންޏެވެ. [ތިޔަފަދަ ނަސީބެއް އަހަރެމެންނަށް ލިބޭނެ ބާވައެވެ.]

ތާނިޔާ މަންމަ ގާތުގައި ބުންޏެވެ. [ތިޔަ ތަރުކާރީތައް ބަހައްޓާފައި އެތެރެއަށް ހިނގާބަލާށެވެ.]

މަންމަ ތަރުކާރީ ޓުކުރިއާއި ވަޅި އެއްފަރާތެއްގައި ބާއްވައިފިއެވެ.

[މަންމަ ހެދުން ބަދަލުކޮށްލިއްޔާ ރަނގަޅުވާނެއެވެ.] ރަބީޢާބުންޏެވެ. މުޅި ގޭގައި ހަލަބޮލިކަން އުފެދުނު ކަހަލައެވެ. ހަތަރު އަންހެންކުދިން ގޭތެރޭގެ އެއްޗެހިތައް ރަމަތަކުރަން ފަށައިފިއެވެ.

[އާއެކެވެ. މަންމާއެވެ. ރަބީޢާ އެބުނީތެދެކެވެ. ހެދުން ބަދަލުކޮށްލާށެވެ. މިހާރު ޖަޔާ ކޮބައި ހެއްޔެވެ. އޭނާއަށް ގޮވާބަލާށެވެ.]

[އަހަރެން މިހިރީއެވެ. ދައްތާއެވެ. ކިހިނެއްވީ ހެއްޔެވެ؟] ކޮޓަރި ތެރޭގައި ހުރެފައި ޖަޔާ ބުންޏެވެ.

[ނިކަން ބޭރަށް ނުކުމެ ބަލާށެވެ.] ތާނިޔާ މަޑުމަޑުން ބުންޏެވެ.

]ކީއްކުރަން ހެއްޔެވެ؟] އޭނާ ސުވާލުކުރިއެވެ.

[ސޯފިޔާ އާއި އޭނާގެ ދައްތަ ދުރުވެއްޖެއެވެ. ކަލޭ ކޮބައިހެއްޔޭ ސުވާލުކުރަނީއެވެ.]

[ޖަޔާ ދުވެފައި ގޯތި ތެރެއަށް ނުކުމެއްޖެއެވެ. [މާތްކަލާކޯއެވެ. އަހަރެން މީހިރީ ކޮންފަދަ ސިފައަކަށް ހެއްޔެވެ. އަހަރެން އެމީހުންގެ ކުރިމައްޗަށް ނުކުންނާނީ ފެންވަރައި ގެންނެވެ. މިހިރީ ހިރަފުހާ ތަތްތެޅިފައެވެ. ގައިގާ މިއޮތް ހެދުމަށް ބަލާލަ ބަލާށެވެ.]

ތާނޫ ހިމޭން ހިންތުން ވުމަކާއިއެކު ބުންޏެވެ. [އަހަރެމެން އެންމެންވެސް މިތިބީ ތިޔަކަހަލަ ގޮތަކަށެވެ. އެމީހުން ބުނާނީ ކީކޭ ހެއްޔެވެ. ފެންޑާ ތާހިރު ކޮށްލެވުނުކަން ހަމަ ނަސީބެވެ.] ހުރިހާ ކުދިން ހޭންފަށައިފިއެވެ.

[ދައްތަ އެމީހުން ކައިރިއަށްދާށެވެ. އަހަރެން ހެދުން ބަދަލޮށްލައިގެން މިއަންނަނީއެވެ. މަންމާއެވެ. މަންމަވެސް އަވަހަށް ހެދުން ބަދަލުކުރާށެވެ.]

[ކޮންމެވެސް ކަހަލަ ބުއިމެއް ތައްޔާރު ކުރަންވާނެ ނޫން ހެއްޔެވެ؟] ތާނިޔާ ބުންޏެވެ.

[ތިޔަކަންތައް އަހަރެން ކޮށްފާނަމެވެ. ދައްތަ އެމީހުން ކައިރިއަށް ދާށެވެ. ނާޖިޔާ ފެންޑާއާ ދިމާއަށް ތާނޫ ކޮށްޕާލައިފިއެވެ.

[ގުއްޑޫ ހެދުންވެސް ބަދަލު ކުރުވާށެވެ. އަދި ކުޑަމީހާވެސް އަތްފައި ދޮއްވާށެވެ. އެގޮތަށް ހިރަފުހާއި ތަތްތެޅިގެން ހުރެ މިކޮޅަށް އަޔަ ނުދެއްޗެވެ.] ތާނިޔާ ބުންޏެވެ.

[އާއެކެވެ. ދެން ދައްތަ ގޮސްބަލާށެވެ. އަހަރެން މަންމައަތުން ލާރިކޮޅެއް އަތުލައިގެން ސައިގެ ކަންތައް ހަމަޖައްސަފާނަމެވެ.]

ސުލައިމާނު އެތެރޭގައި އެބައުޅެއެވެ. ދެތިން ވައްތަރެއް ގަންނަން ވާނެއެވެ. ސައިގެންނާނީ ރީތިކޮށް ތައްޔާރު ކޮށްލައިގެންނެވެ.]

[އެނގިއްޖެއެވެ. އެކަމާ ފިކުރު ނުކުރާށެވެ. މީގެ ކުރީގައި އަހަރެން ރީތިކޮށް ތާހިރުކޮށް ކަންތައް ނުކުރަނީ ހެއްޔެވެ؟]

[އެހެން ދުވަހާއި މިއަދާ ވަރަށް ތަފާތެވެ.] ތާނިޔާ ހިނިތުންވެލިއެވެ.

[އެއީ ވަރަށް މުއްސަނދި މެހްމާނުން ކޮޅެކެވެ. ދައްތަ އެބުނަނީ ތެދެކެވެ.] ޢަތީޤާ ބުންޏެވެ. ރަބީޢާއާއި ތާނޫ ކުއްލިއަކަށް ހީނގަތެވެ. ދެން ތާނޫ ފެންޑާއާއި ދިމާއަށް ހިނގައިގަތެވެ.

**********************

މިމީހުން އައީ ނާޖިޔާގެ ކާވެންޏާ ބެހޭގޮތުން ވާހަކަދެއްކުމަށް ކަމުގައި ތާނިޔާގެ ހިތްކިޔަމުން ދިޔައެވެ. މަންމަ އަތްފައި ދޮވެލައިގެން ހެދުން ބަދަލުކުރުމަށްފަހު އެތެރެއަށް އަތުވެއްޖެއެވެ. އެއާއެކު އެތިންބޭން ވަރަށް މާތްކޮށް ހިތުމާއެކު ސަލާމްކުރިއެވެ. މަންމަ މިގޮތަށް ތައްޔާރުވެލައިގެން އައިސް އިންއިރު ވަރަށް މާތްގޮތެއް މޫނުމަތިން ފެންނަން ހުއްޓެވެ.

ޙާލުގެ ވާހަކައާއިއެކު އެކަކު އަނެކަކަށް ތަޢާރަފްވުމަށްފަހު އިރުކޮޅެއް ވަންދެން މޫސުމާބެހޭ ވާހަކަ ދެކެވެމުން ދިޔައެވެ. ދެން މައުޟޫޢު ބަދަލުވެއްޖެއެވެ. އަދި ހަމައެއާއިއެކު ކާވެނީގެ ވާހަކަދެކެވެން ފަށައިފިއެވެ...... ވާހަކަ ދައްކަމުންގޮސް ޙާމިދާ ބޭގަމްއަށް ވަރަށް އަސަރުކޮށްފިއެވެ...... ތާނިޔާގެ ބޭކާރު ކާވެންޏާ ބެހޭގޮތުން ވާހަކަ ދައްކަން ފަށައިފިއެވެ.

[އަޅުގަނޑުމެން ކަހަލަ މީހުންވެސް ދުނިޔޭގައި އެބައުޅެއެވެ. މިފަދަ ޙާލުގައި އުޅޭއިރު ގެފުރެންދެން މިއޮތީ ހުސް އަންހެން ކުދިންނެވެ. މާތްކަލާނގެއާ ވަކީލެވެ. އެއްވެސް ކަހަލަ އުއްމީދެއް އަޅުގަނޑުމެންގެ ނެތެވެ.]

[އާންޓީއެވެ. މާޔޫސްވެ ނުލައްވާނެއެވެ.] ސޯފިޔާއަށް އަސަރުކޮށްގެން ބުނެފިއެވެ. ތާނިޔާ އިސްޖަހާލައިގެން ކަންބޮޑުވެފައި އިނެވެ.

[މިއީ މާޔޫސްވާންވީ ކަމެއްވެސް ނޫނެވެ. އެކަމަކުވެސް ފިކުރު ބޮޑުވާންޖެހޭ ކަމެކެވެ.] އޭނާ ވަރަށް ލޯތްބާއެކު ބުންޏެވެ. [ނާޖިޔާއާއި އިންނަން އުޅުނު ކުއްޖާވެސް މުއްސަނދި އަންހެން ކުއްޖަކާ އިންނަން ހަމަޖެހިއްޖެއެވެ.]

[މަންމާއެވެ. ތިޔަވާހަކަ ދެން ހުއްޓާލާށެވެ. އަހަރެމެންގެ ޖަޔާއަށްވެސް ކޮންމެވެސް ގޮތެއް ފެނިދާނެ ކަންނޭގެ ނޫން ހެއްޔެވެ.] ތާނިޔާ ބުންޏެވެ.

[ތިޔަކަމުން ޖަޔާއަށްވެސް ވަރަށް އަސަރު ކުރާނެއެވެ.] ރާފިޔާ މަޑުމަޑުން ތާނިޔާ ގާތު ބުންޏެވެ.

[ލައްބައެވެ.] ތާނިޔާ ބުންޏެވެ. [އެދެކުދިން އުޅެބޮޑުވީ އެއްގެއެއްގެ ތެރޭގައެވެ. ދެބޭންގެދެދަރި ދެކުދިންނެވެ. އެކަމަކު ނަވީދު ކަންތައް ކުރިގޮތުން ޖަޔާ ވަރަށްބޮޑަށް ނަފްރަތުކުރަން ފަށައިފިއެވެ.]

ރާފިޔާ ފޯރިއާއެކު ތާނިޔާއާ ސުވާލުކުރަމުން ދިޔައެވެ. ތާނިޔާ ކިޔާދެމުން ދިޔައެވެ. ސޯފިޔާއާއި ފައުޒިއްޔާ އަދި މަންމަ ވާހަކަ ދައްކަމުން ދިޔައެވެ.

ވާހަކައިގެ ތެރޭގައި ފައުޒިއްޔާ ޖަލީލާގެ ވާހަކަ ކުރިޔަށްނެރެފިއެވެ. އެވާހަކަ ރަނގަޅަށް ހަލުވާލައިފިއެވެ.

]ތާނިޔާ ބުނަނީ ކީކޭ ހެއްޔެވެ؟] ސޯފިޔާ ސުވާލުކުރިއެވެ.

[ކީކޭތޯއެވެ.]

[ތާނިޔާ މިވާހަ އަޑެއް ނާހަމު ހެއްޔެވެ؟]

[ނާހަމެވެ. އަޅުގަނޑާއި ރާފިޔާ މިތިބީ އެހެން ވާހައެއްގައެވެ.]

[އެއްކަލަ ދުވަހު ފައުޒިއްޔާ ދައްތަ ޖަލާލީއާއި ބެހޭގޮތުން ވާހަކަދެއްކި ނޫން ހެއްޔެވެ؟]

[ލައްބައެވެ.]

[ޖަލާލީގެ ކާވެނީގެ ކަންތައްއޮތީ ދައްތަގެ އަތްމައްޗަށް ދޫކޮށްލާފައެވެ. ދައްތަ މިތާނގައި ހުންނަ ދުވަސްކޮޅު އެކާވެންޏަށް އަންހެން ކުއްޖަކު ހޯދުމަށް ހަމަޖެހިފައިވެއެވެ.]

[އެހެންވީމާ............] ތާނިޔާގެ ތުންފަތުގައި އުފާވެރި ހިނިތުންވުމެއް ކުޅެން ފަށައިފިއެވެ.

[ފައުޒިއްޔާ ދައްތައަށް ނާޖިޔާ ވަރަށް ރަނގަޅު ވެއްޖެއެވެ. މިއީ ކަލޭމެން ޤަބޫލުކަމެއް ކަމުގައިވާނަމަ މިކަންތައް ނިންމަންވީއެވެ.]

[މަންމައާއި ސުވާލު ކުރައްވާށެވެ.] ތާނިޔާ ހިނިތުންވެލަމުން ބުންޏެވެ.

މަންމަ ހާސްވެލާފައި ބުންޏެވެ. ]ދަރިފުޅުމެން ނިކަން ވިސްނާލަ ބަލާށެވެ. އަހަރެމެންނަކީ އަމިއްލަ ރަށުގައިވެސް ކާވެންޏެއްގެ ކަންތައް ހިންގާލެވޭފަދަ ތަނަވަސްކަމެއް ހުރިބައެއް ނޫނެވެ. ވީއިރު އެމެރިކާގައި ތިޔަފަދަކަމެއް ކުރެވޭނީ ކިހިނެއް ހެއްޔެވެ؟]

[އާންޓީއެވެ. އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހޭނެއެވެ.] ފައުޒިއްޔާ ހަމައަވަހަށް ބުންޏެވެ.

[ބޭނުންވަނީ ހަމައެކަނި ކިޔަވައިގެންއިން ރަނގަޅު އަންހެން ކުއްޖެކެވެ. ފައިސާއަކީ ޖަލާލީގެ ކުރިމަތީގައި އެއްވެސް އެއްޗެއް ނޫނެވެ. އޭނާގެ މުއްސަނދިކަމުގެ ވާހަކަ ދައްތަ ދައްކާއަޑު އަހަމުންގޮސް އަޅުގަނޑުވެސް ޙައިރާން ވެއްޖެއެވެ.] ސޯފިޔާ ބުންޏެވެ.

މަންމަ ހިމޭން ވެއްޖެއެވެ. ތަނިޔާގެ ހިތުގައި އުފާވެރިކަމުގެ ވިންދު އަވަސްވެގަތެވެ. އުފަލުންގޮސް ލޮލުގެ ވިދުވަރު ގަދަވެއްޖެއެވެ.

ފައުޒިއްޔާ ޖަލާލީއާއި ބެހޭގޮތުން ތަފްޞީލުކޮށް އެމީހުންނަށް ކިޔައިދޭން ފަށައިފިއެވެ. ކޮންމެވެސް ވަރަކަށް އޭނާގެ ސިފައާއި ބެގޭތޮންވެސް ކިޔާދީފިއެވެ.

މަންމަ މިވާހަކަތައް އަހާފައި ގަނޑުވެފައި އިނެވެ. ފެއަރީލޭންޑްގައި ހުންނަ ޖަލާލީގެ ޖާދޫގެ ގޭގެވާހަކަ އިވުމުން އޭނާގެ ލޯބޮޑުވެއްޖެއެވެ. އޭނާގެ ހިތަށްއެރިއެވެ. ފިރިހެން ކުއްޖާ ހުތުރުކަމުގައި ވިޔަސް އެކަމުންއޮތީ ކޮންގެއްލުމެއް ހެއްޔެވެ.

[ދައްތަމެން ރަނގަޅަށް ވިސްނާފައި މަޝްވަރާ ކުރައްވާށެވެ. ނިންމުން އޮތީ އަޅުގަނޑުގެ އަތްމަތީގައެވެ. އަދި މިހުންނަނީ ޕާކިސްތާނުގައެވެ. ތިން ހަތަރު ދުވަހަކު ސޯފިޔާގެ ގޭގައި ހުންނާނަމެވެ. އަވަހަށް ގޮތެއް ނިންމަވާށެވެ.]

ރަބީޢާއާއި ނާޖިޔާ ސައިހިފައިގެން އަތުވެއްޖެއެވެ. ފައުޒިއްޔާ ޖަޔާގެނެސް ކައިރީގައި ބައިންދައިފިއެވެ. އޭނާގެ ސިކުނޑީގައި ދެޔޯއާއި ޕަރީގެ ވާހަކަގަނޑު އެނބުރިގަތެވެ. އެކަމަކު އޭނާ ބޯހޫރާލިއެވެ. ޖަޔާއާއި ގޭގެ ޙާލަތަށް ބަލާއިރު މިކާވެންޏަކީ މާތްރަސްކަލާނގެ މިމީހުންނަށް ލެއްވި ރަޙްމަތެކެވެ.

މާދަމާވެސް އަންނާނޭ ކަމުގައި ބުނެފައި ތިންބޭން ދާން ތައްޔާރު ވެއްޖެއެވެ. އެމީހުން ދިއުމުން ތާނިޔާ ބުންޏެވެ.

[މިކާވެނި ކުރެވިއްޖެއްޔާ އަހަރެންވެސް މޭފުއްޕާލާފައި ބޮޑުބޭބެގެ ދެމަފިރިންނާ ދިމާއަށް އެއްޗެއް ބުނެލާނަމެވެ.]

މަންމަ ކޮންމެވެސް އެއްޗެއް ވިސްނާލަމުން ބުންޏެވެ. [އަހަރެމެންގެ ނަސީބު މިގޮތަށް ދިމާވެދާނެ ކަމުގައި އަހަންނަށް ޔަޤީނެއް ނުކުރެވެއެވެ.]

ޖަޔާ ހިމޭނުން އަޑުއަހަން އިނެވެ. ކުރީ ދުވަހު ތާނިޔާ، ސޯފިޔާގެ ގެއިން އައިސް ޖަލާލީގެ ކާވެންޏާބެހޭ ވާހަކަ ދެއްކިއެވެ. އަދި ޖަޔާއާއި ދިމާއަށް ތީރުއުކަން ފެށިއެވެ. އަދި ޖަޔާމިކަމާ އިންކާރުކޮށް ރުޅި ދައްކަން ފެށުމުން އޭނާ ބުންޏެވެ. [ޖަޔާއެވެ. ޚިޔާލުތަކުގެ ދުނިޔެއިން ބޭރަށް ނުކުންނާށެވެ. ސިކުނޑީގައި ކުރީގެ ކަންތަކުގެ ކުޑަވެސްކަމެއް ނުބާއްވާ ފުނޑު ފުނޑުކޮށްލާށެވެ. އެފަދަ ގޮތްދޫނުކުރާ ބައެއްގެ އަތްދަށުން ސަލާމަތްވެވުނު ކަމަށްޓަކައި ކަލާނގެ ކިބަފުޅަށް ޝުކުރުކުރާށެވެ.]

ޖަޔާ ހިމޭންވެފައި އިނދެއްޖެއެވެ. ތާނިޔާގެ ވާހަކަތަކަކީ ޙަޤީޤަތް ހާމަކޮށްދޭ ތެދުވާހަކަ ތަކެކެވެ. ނަމަވެސް މިޙަޤީޤަތްތަކާ ދެކޮޅަށް މުޒާހަރާކުރާނެ ހިތްވަރެއް އޭނާގެ ކިބައަކު ނުވެއެވެ.

އަދިވެސް އޭނާ އިނީ ހިމޭންވެފައެވެ. ގާވެފައެވެ.

ޖެހިގެން އައިރޭ ބައްޕައާއި ތާނޫ ރައިޙާނާއާއި އަމްޖަދު މަންމަގެ ކޮޓަރީގައި ތިބެގެން ޚިޔާލު ފާޅުކުރަމުން ދިޔައެވެ.

މިކާވެނި ކުރުވުމުގައި ތާނޫ މިހުންނަނީ ގަދައަށް ފައިވިދެފައެވެ. އެކަމަކު ބައްޕައަކަށް އެކައްޗެއްވެސް ނުވިސްނެއެވެ. އެމެރިކާގައި ހުންނަ މީހަކާއި ބެހޭގޮތުން މަޢުލޫމާތު އޮޅުން ފިލުވާނީ ކިހިނެއް ހެއްޔެވެ.

[ފިރިހެން ކުއްޖާއަކީ ކޮންކަހަލަ މީހެއްކަން އެނގެނީ ކިހިނެއް ހެއްޔެވެ. އޭނާއާއިބެހޭ މަޢުލޫމާތު އޮޅުން ފިލުވާދޭނީ ކާކު ހެއްޔެވެ؟] އޭނާ ވިސްނާލަމުން ބުންޏެވެ. އެއާއެކު މަންމަގެ މަގަތުގައި އެނދުގައި އިށީނދެގެން އިން ތާނޫ ދެރަވެފާލައި ބުންޏެވެ.

[ބައްޕާއެވެ. ފައުޒިއްޔާ ދެއްކެވި ވާހަކަތައް އަޅުގަނޑުމެން ޔަޤީން ކުރަންވީއެވެ. އޭނާއަކީ ވަރަށް ހިންގުންތެރި އަންހެނެކެވެ. ހުރިހާ ޒިންމާއެއް އޮތީ އޭނާގެ ބޮލުގައެވެ. އަނެއްކޮޅުން ބަލާއިރު ކާވެނީގެ ކުރީގައި އެއްވެސް މީހަކަށް އެކައްޗެއްވެސް ނޭނގޭނެއެވެ. ކޮންމެ މީހަކުވެސް ތިމާގެ ދަރިފުޅު މީހަކާދެވާފައި ދޫކޮށްލަނީ ތަޤްދީރާ ޙަވާލުކުރަމުންނެވެ. އަޅުގަނޑަށް ބައްލަވާށެވެ. ބައްޕަމެން އޭނާއާމެދު ނުބައްލަވަނީ ކޮންގޮތަކުން ތޯއެވެ. އެއީ އެތައް ޒަމާނުއްސުރެ ދެކެމުންއަންނަ ބައްޕަމެން ދަންނަ ގާތްބައެކެވެ.]

[މިދަނޑިވަޅު އެއްގޮތަކަށްވެސް ގެއްލި ދިޔަދީގެން ނުވާނެއެވެ.] މަންމަ ބުންޏެވެ. [ސޯފިޔާއަކީވެސް އެތައް ދުވަހަކުއްސުރެ ދަންނަ ރައްޓެހި އަންހެނެކެވެ. ވަރަށް ރަނގަޅު ބައެކެވެ. ފައުޒިއްޔާއަކީ ވަރަށް ހަރުދަނާ އަޚްލާޤު ރަނގަޅު އަންހެނެކެވެ. ދެންއޮތީ ނަސީބެވެ.]

[އޭނާ މިކަންތައް ނިންމަން އުޅޭލެއް ތަންކޮޅެއް އަވަސް ވަނީއެވެ.] ބައްޕަ ބުންޏެވެ.

[އެމީހުން ވާހަކަ ދައްކާފައިވާ އެހެން ޢާއިލާތައްވެސް އެބަހުއްޓެވެ.] ތާނިޔާ ބުންޏެވެ.

[ތިޔައީ ރަނގަޅު ވާހަކައެކެވެ. އެމެރިކާއަށް ދިއުމަށް އެންމެންވެސް މަރުދެނީއެވެ. އަހަރެމެންގެ ބޮސްގެ ދަރިފުޅު މީހަކާ އިންތާވެސް މާގިނަ ދުވަހެއް ނުވެއެވެ. ކާވެނިކުރީ ފޯނުންނެވެ. އަންހެން ކުއްޖާ ދިޔައީ އެކަނި މަތިންދާ ބޯޓުގައެވެ. އެއީ މުއްސަނދި މީހުންނެވެ. އަންހެން ކުއްޖާއަކީ އެމް. އޭއިން ފާސްވެގެން އިން ކުއްޖެކެވެ. އެހެންކަމުން ހަމަވަގުތުން ހުރިހާކަމެއް ހަމަޖެހިގެން ދިޔައީއެވެ.]

[ފައުޒިއްޔާގެ ކާވެނިވެސް ކުރެވުނީ ފުރިހަމަ އެއްހަފާތްގެ ތެރޭގައި ކަމުގައި ސޯފިޔާ ބުނުއްވިއެވެ. ކާވެނިކުރީ ފޯނުންނެވެ. އެމެރިކާއަށް ދިޔައީ އެކަންޏެވެ. އެމީހުން ދިރިއުޅޭލެއް ކިހާ އަރާމުތޯއެވެ. ހަމަކޮންމެ އަހަރަކު އެއްފަހަރު ޕާކިސްތާނަށްވެސް ބުރެއް އަޅާލައެވެ.]

ރޭގަނޑުގެ އެތައް ދަމެއް ވަންދެން ބަޙުޘްކުރެވެމުން ދިޔައެވެ. ބައްޕަ ހުންނަނީ ތާނޫގެ ކާވެންޏަށް ވީގޮތާމެދު ފިލާވަޅުލިބި ބިރުގެންފައެވެ. ވަސްވާސް އުފެދިފައެވެ.

ދެވަނައަށްވީ ދުވަހު ހަވީރު އަނެއްކާވެސް ސޯފިޔާއާއި ފައުޒިއްޔާ އަތުވެއްޖެއެވެ.

މިއަދުގެ ސައިގައި ވަރަށް ޚާއްޞަގޮތެއް އެކުލެވިގެންވާ ކަމުގައި ފާހަގަ ކުރެވުނެވެ. ފައުޒިއްޔާ ލޮލުން އިޝާރާތް ކޮށްލުމާއެކު ހިނިތުން ވެލަމުން ބުންޏެވެ. [ހީވަނީ މިކަން ހަމަޖެހިއްޖެ ހެންނެވެ.]

[ހަމަޖެހޭނެކަން ގައިމެވެ.] އޭނާ ވައި އަޑުން ބުންޏެވެ.

މިއަދު ގޭގައި ރައިޙާނާއި ބައްޕަވެސް އުޅެއެވެ. ބައްޕަ ޖަލާލީގެ ވިޔަފާރިއާއި ބެހޭގޮތުން ތަފްޞީލު އޮޅުން ފިލުވިއެވެ. ހިތާހިތުން ޙައިރާންވެސް ވިއެވެ. އަދި މިފަދަ މާތް އަޚްލާޤެއްގެ ވެރި މުއްސަނދި އިންސާނަކު އޭނާގެ ދަރިފުޅު ފަދަ ނިކަމެތި ކުއްޖަކާ ކާވެނީގެ ގުޅުމަކުން ގުޅިދާނެ ކަމުގައި ޔަޤީން ނުކުރެވޭކަން ހާމަކޮށްދިނެވެ.

[ބޭބޭއެވެ!] ފައުޒިއްޔާ ވާހަކައިގެ ތެރޭގައި ބުންޏެވެ. [ޖަލާލީ ބޭނުންވަނީ އަޚްލާޤު ރަނގަޅު އަންހެން ކުއްޖެކެވެ. އޭނާއަށް އިންނާނެ މީހަކު ނުލިބިގެނެއް ނޫޅެއެވެ. އެހެން ޤައުމެއްގެ އަންހެން ކުއްޖަކާ އިންނާކަށް އޭނާ ފަހަރެއްގައިވެސް ޤަބޫލެއްނޫނެވެ. އެހެނަސް އޭނާގެ ފައިސާގަނޑާމެދު ދަހިވެތިވެގެން މެހިތަކެއް ފަދައިން އޭނާ ވަށައިގެން އެތައް އަންހެން ކުދިންނެއް އެނބުރުނެވެ. އޭނާ ބޭނުންވަނީ ތެދުވެރިކަމާއި އުފާވެރި ކަމާއެކު އުފާވެރި ދިރިއުޅުމެއް އުޅެލެވޭފަދަ މާތް އަންހެން ކުއްޖެކެވެ. އޭނާއަށް އިތުބާރު ކުރެވޭފަދަ ކުއްޖެކެވެ. އަމާނާތްތެރި ކުއްޖެކެވެ. އޭނާ ބޭނުމީ ލޯތްބެވެ. ހަމްދަރްދީއެވެ. އޯގާތެރިކަމެވެ. އޭނާ ފައިސާއެއް ބޭނުމެއް ނޫނެވެ. އޭނާ ދުނިޔޭން ބޭނުންވަނީ ފުރިހަމަ ލޯތްބެކެވެ. އިޚްލާޞްތެރި ކަމެވެ. މާތްރަސްކަލާނގެ އޭނާއަށް ރީތި ސިފަ ނުދެއްވިކަމުގައި ވިޔަސް މިކަން ފުރިހަމަ ވާވަރަށް އަޚްލާޤާއި މާތްސިފަ ދެއްވާފައި ވެއެވެ.

[އޭނާގެ ފޮޓޯއެއް ފައުޒިއްޔާ ނުގެންނަވަން ތޯއެވެ.[ ތާނިޔާ ސުވާލުކުރިއެވެ.

ފައުޒިއްޔާ ހިނދުކޮޅަކު ހިމޭނުން އިނެވެ. ދެން ދަބަހުން ޝަވާލީ ދިން ފޮޓޯނަގާފައި އޭނާއާއި ދިމާއަށް ދިއްކޮށްލަމުން ބުންޏެވެ. [އޭނާގެ ފޮޓޯއެއް ފޮށީގައި ވާނެ ކަންނޭގެއެވެ. މިފޮޓޯ ބައްލަވާށެވެ. މިއީ ޖަލާލީއާ ވަރަށް ވައްތަރު މީހެކެވެ.

ތާނިޔާ ފޮޓޯއަށް ބަލާލިއެވެ. ބޯތުންފަތަކާއި ކުރުގެޅިފައިވާ ނޭފަތެކެވެ. ބަލާބެލުމަށް އެހާ ހުތުރެއްވެސް ނޫނެވެ. މާކަ ކަޅެއްވެސް ނޫނެވެ.

މަންމަ ހީނލާފައި ބުންޏެވެ. [އަނެއްކާ ކޮރު މީހެއްނޫން ހެއްޔެވެ. ދެލޯ ހަމައަށް އެބަހުރި ހެއްޔެވެ؟]

[ތިޔަކަހަލަ އެއްވެސް ގޯހެއްނެތެވެ.] ފައުޒިއްޔާ ހަމައަވަހަށް ބުންޏެވެ. [މާކަރީތި މީހެއް ނޫނެވެ. މިވާހަކަ ކުރީގައިވެސް އަޅުގަނޑު ނަންގަތީމެއް ނޫންތޯއެވެ. މާތްކަމާއި ފަސޭހަކަން އަދި ދިރިއުޅުމުގެ ތަނަވަސްކަން ބޭނުންކަމުގައި ވާނަމަ ދެލޯމަރުއްވާފައި އާނބަސް ބުނުއްވާށެވެ.]

މިއަދު ފައުޒިއްޔާއައީ ޖަލާލީ ގަނެފާދިން ސެޓް ހިފައިގެންނެވެ. އަދި ކައިވެންޏަށް ޚަރަދުކުރަން ދިން ފައިސާގެ ވާހަކަވެސް ދައްކައިފިއެވެ..... އެންމެން ޙަރިއާން ވެއްޖެއެވެ. ޖަވާހިރުތަކުން ވިދާ ބަބުޅަމުންދާ ސެޓްގެ އަގަކީ މިތަނުގެ އަގަށް ބަލާއިރުވެސް ދެލައްކަ ފަންސާސް ހާސް ރުފިޔާއެވެ. މިސެޓް ބަލާލާފައި އެންމެންގެ ލޯތަރަތަރަ ޖަހައިގަތެވެ.

[ސިފައަކީ ކޮންއެއްޗެއް ހެއްޔެވެ. [ތާނިޔާ މޭޒުމަތީގައި ފޮޓޯގަނޑު ބާއްވާފައި ބުންޏެވެ.] ޙަޤީޤީ ރީތިސިފައަކީ މާތް އަޚްލާޤެވެ. ރީތި އުޅުމެވެ.]

[ރީތި އުޅުމާއިމެދު އަހަރެން ވަރަށް ރަނގަޅަށް ދަންނަމެވެ. އޭނާގެ އުޅުން ހުންނަގޮތް އެނގިއްޖެއްޔާ ތާނިޔާ ހަމަ ޙައިރާން ވާނެއެވެ. އެހާގިނަ ފައިސާ އޭނާގެ އަތްމަތީގައި އޮންނައިރު ރާތައްޓެއްގައި އަތްވެސް ނުލައެވެ. އެމެރިކާގައި ރަލަކީ ފެނަށްވުރެވެސް ގިނަ އެއްޗެކެވެ. ޢާއްމުންވެސް ބޭނުން ވަރަކަށް ބޮއި ހަދައެވެ.]

[ތިޔައީ ވަރަށްބޮޑު ކަމެކެވެ.] ރައިޙާން ބޯހަލުވާލަމުން ބުންޏެވެ.

[ކަލޭމެން ވިސްނާށެވެ. މިކަމުގައި އެއްވެސް ކަހަލަ ކެހިވެރިކަމެއް އޮތްކަމުގައި ނުދެކޭށެވެ.....] ފައުޒިއްޔާ ދަބަހަށް ހާރުސެޓް ލަމުން ބުންޏެވެ. [އަހަރެން އެދެނީ މިކާވެނި މިގޮތަށް ހަމަޖެހުމެވެ. ދެން އޮތީ ކަލޭމެންނަށް ފެންނަ ގޮތެކެވެ.]

ވާހަކަ ދެކެވެމުން ދިޔައެވެ. ފައުޒިއްޔާ އެނބުރި ގެއަށް ދިޔައީ އެމީހުން ވިސްނުމަށްޓަކައި ފުރިހަމަ ދެދުވަހުގެ މުހުލަތު ދީފައެވެ..... އެމީހުން ދޮރާށިން ނިކުތުމާއެކު ރަބޫއާއި ޘާނިޔާ ދުވެފައި އެތެރެއަށް ވަދެއްޖެއެވެ. އެމީހުން މިހުރިހާ އިރުވަންދެން ތިބީ ކޮޓަރީގެ ބޭރުގައެވެ. އެތެރޭން ދައްކާ ވާހަކަތަކުން އަޑުއިވޭ ވާހަކަކޮޅުކޮޅު ޖަޔާއާއި ހަމައަށް ގެންގޮސްދެއެވެ. ޖަޔާ ވިސްނުމުގެ ތެރޭގައި ގެއްލިހުރެގެން ބަދިގޭގެ މަސައްކަތުގައި އުޅެއެވެ. ބައެއް ފަހަރު ތެޔޮ އުނދުނުގެ ހުޅުގަނޑު ބޮޑުކޮށްލައެވެ. އަނެއްބައި ފަހަރު ހުޅުގަނޑު ކުޑަކޮށްލައެވެ. ދެފަހަރު އުނދުން ނިވުނުވެސް މެއެވެ.

[މިއީ ކޮންފޮޓޯއެއް ހެއްޔެވެ.] ރަބޫ މޭޒުމަތީގައި އޮތް ފޮޓޯ ނަގައިފިއެވެ.

ޘާނޫ ކުއްލިއަކަށް އޭނާގެ އަތުން ޖަހައިގެންފިއެވެ.

ރަބޫ އޭނާގެ ފަހަތުން ދުއްވައި ގެންފިއެވެ.

[ޖަޔާ ދައްތާއެވެ.......... ޖަޔާ ދައްތާއެވެ...... މިފޮޓޯ.........] އޭނާ ބަލާވެސްނުލާ ޖަޔާއާއި ދިމާއަށް ފޮޓޯގަނޑު އެއްލާލައިފިއެވެ. ޘާނޫ އޭނާގެ އިސްތަށިގަނޑުގައި ހިފަހައްޓައިފިއެވެ. ޖަވާބުގައި ރަބޫވެސް ހިފައިގަތެވެ. ދެކުދިން ހެމުން ސަކަރާތް ގަންނަން ފަށައިފިއެވެ.

ޖަޔާ ފޮޓޯގަނޑު ނަގައިފިއެވެ. އެކަމަކު ހިތް ޑަންޑާލާފައި ތެޅެއެވެ. ސިއްރު ސިއްރުން ފޮޓޯގަނޑަށް ބަލާލައިފިއެވެ. ދެން އެފޮޓޯގަނޑު ފޮރުވައިފިއެވެ. އޭނާއަށް ކުރީ ކޮންކަހަލަ އަސަރުތަކެއް ކަމެއް މޫނު މައްޗަކުން ފާޅެއް ނުވިއެވެ. އަވަސް އަވަހަށް ތެދުވެގެން ކޮޓަރިއަށް އަތުވެއްޖެއެވެ. ފޮޓޯގަނޑު ފޮށްޓަށްލާ ފޮރުވައިފިއެވެ. ހިނދުކޮޅަކަށްފަހު ރަބޫއާއި ޘާނޫ ދުވެފައި އެތެރެއަށް އަތުވެއްޖެއެވެ. [ޖަޔާ ދައްތާއެވެ. ފޮޓޯގަނޑު ދައްކާލަ ބަލާށެވެ.]

[ކޮން ފޮޓޯގަނޑެއް ހެއްޔެވެ.] ޖަޔާ ހިނިތުން ވެލިއެވެ.

[އެމުއްސަނދި ސޭޓްސާހަބްގެ ފޮޓޯއެވެ. އަހަރެމެންގެ ވާންއުޅޭ ޅިޔަނުގެ ފޮޓޯއެވެ.] ރަބީޢާ ސަމާސާކޮށްލިއެވެ.

[މީނާވެސް ހާދަހާ ސިޔާސަ ވެއްޖެއެވެ.] ޖަޔާ ހާސްވެފައި ބުންޏެވެ.

[ދައްތާއެވެ. ދައްތަގެ ނަސީބު އަތުގައި ހިފައިފިއެވެ. ރަބޫ އެނދުގައި އިށީނދެއްޖެއެވެ. [އަހަރެން ހާދަ އުފަލެއްވެއެވެ.

[ކަލޭ މިހާރު ތިޔަގޮތަށް ނިންމީދޯއެވެ. މަންމައާއި ބައްޕަ ބުނުއްވަނީ ކީކޭކަމެއްވެސް އަދި ނޭގޭނޫން ހެއްޔެވެ؟]

[އެމީހުން ބުނާނީ ވަކި ކީކޭ ހެއްޔެވެ. ކާވެނި ކުރުވާނީ ނޫން ހެއްޔެވެ. ދެން ދައްތަ އުދުހިފައި އެމެރިކާއަށް ހިނގައި ދާނެއެވެ. އަދި ފެއަރީލޭންޑްގެ ޖާދޫގެ ގަނޑުވަރުގައި ދިރިއުޅެން ފަށާފާނެއެވެ.]

[ކަލޭމެން ސިއްރުން އެމީހުންދެއްކި ވާހަކަތައް އަޑުއެހީދޯއެވެ.] ޖަޔާ އޭނާގެ ކަންފަތުގައި ހިފާ އަނބުރާލިއެވެ.

[އަހަރެން އަޑުނޭހިނަމަ ޖަޔާ ދައްތަ ގާތުގައި އެވާހަކަ ދައްކާނީ ކާކު ހެއްޔެވެ. އަހަރެން މިގެނެސްދިނީ ކިހާ މުހިންމު ޚަބަރެއް ހެއްޔެވެ.]

އޭނާގެ ވާހަކައާމެދު ޖަޔާ ހިނިތުން ވެލިއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން