ޞާދިރު ޢަލީދީދީ   20 އޯގަސްޓު 2020 - 16:27
ހުވާކޮށްފާ ބުނަން
ހުވާކޮށްފާ ބުނަން
އެޕިސޯޑް 22

...............

[މިހާރު ކަލެއާއި ކަލޭގެ ޢާއިލާގެ ހުރިހާ ބާރެއްވެސް މިވަނީ އަހަންނަށް ލިބިފައި. އަހަރެންގެ ދަރިފުޅަކު މަރާލާފައިވާ ޢާއިލާއަކަށް، އަހަރެން މަޢާފްކުރާނޭހެން ކަލެއަށް ހީވޭތަ؟ މިރެއިން މިރެޔަށް އަހަރެން ބޭނުންވަނީ ކަލޭމެންގެ ވަސްވެސް މިދުނިޔެއިން ފޮހެލަން.] ޙުސޭން ކަލޯ އޭނާއަށް ފުރްޞަތު ލިބުމާއެކު، އަލުން މަސައްކަތް ފަށައިފިއެވެ. މިހާރު އެތަނުގައި ތިބި މީހުން ޙުސޭން ކަލޯގެ އިޝާރާތާއެކު ކިޔެވެލިވެސް ކިޔަވަން ފަށައިފިއެވެ.

އެއާއެކު ބާދާގެ ސިފައިގައި ހުރި ރަނާގެ ބަނޑުން އުފަންވި ޖިންނި ސަލާމަތަށް އެދި ގޮވަމުން ރޯން ފެށިއެވެ.

[މަންމާ....އަހަރެން ސަލާމަތްކުރޭ....ހެޔޮނުވާނެ މަންމާ...ތިމަންމަގެ ބަނޑުން ފުރަތަމަ އުފަންވި މިދަރިފުޅު ސަލާމަތްކޮށްދީ....އެ ބޭބެ ގާތު ބުނޭ، އަހަންނާ އަހަރެންގެ ބައްޕަ ސަލާމަތްކުރާށޭ....] ބާދާގެ ސިފައިގައި ހުރި ކުޑަ ޖިންނި، ރޮއި އާދޭސް ކުރަމުންދިޔައެވެ.

[ތިޔައީ އަހަރެންގެ ދަރިއެއް ނޫން. އަހަރެންގެ ބަނޑުން ޖިންނިއަކު އުފަނެއްނުވާނެ. ތިޔައީ އެހެރަ ނުލަފާ ޖިންނި ހަދައިގެން އުޅޭ ވާހަކަތަކެއް. ޙުސޭން ކަލޯބޭ، ތި އެތީގެ ޢާއިލާގެ ވަސްވެސް ފޮހެލާ. އަހަރެންގެ ދިރިއުޅުން ހަލާކުކުރީ ތިއެތި....] ރަނާ ނިކަން ރުޅިވެރިކަމާއެކު، މިހެން ބުނެފައި، އޭނާގެ މަންމަގެ ކޮނޑުގައި ބޯއަޅާލިއެވެ. އޭރު މައި ޖިންނިވެސް ސަލާމަތްވެވޭތޯ ތެޅިފޮޅެމުން ދަނީއެވެ.

[އަހަރެމެން ސަލާމަތްކުރޭ. އަހަރެމެންގެ ފަރާތުން ދެން އެއްވެސް އިންސާނަކަށް ތުރާލެއް ނުވާނެ. އާދޭސް ކުރަން، ރަނާ! ޙުސޭން ކަލޯ ގާތު ބުނޭ، ރަނާ ބަނޑުއަޅާ ވިހޭ ދަރިފުޅުގެ ޙައްޤުގައިވެސް، އަހަރެމެން ސަލާމަތްކުރާށޭ.] މައި ޖިންނި އާދޭސް ކުރަން ފެށިއެވެ. ނަމަވެސް، ރަނާ އެދިމާއަށް ބަލައިވެސްނުލައެވެ. ހީވާކަހަލައެވެ. އޭނާ ބޭނުންވަނީ، ދާއިމަށް ޖިންނީގެ ކިބައިން ސަލާމަތްވުމުގެ ޔަޤީންކަން ލިބިގަންނާށެވެ.

[ނޫން....ކަލޭމެނަށް އެއްވެސް އެހީއެއްވާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލީ ކަލޭމެން. ޙުސޭނުބޭ އެ އެތީގެ އާދޭހުގެ އަޑުނާހާތި...] ރަނާ ވާހަކަ ދެއްކީ، ފިސާރި ރުޅި އައިސްފައި ހުރެއެވެ.

[ތިހެން ނުބުނޭ....ރަނާ ވިހޭ ދަރިއެކޭ މިހުރީ....ބާދާއަކީ އަހަންނާ ރަނާގެ ދަރިފުޅު. އަހަރެން މަރާލިޔަސް، އެދަރިފުޅަށް ގޯނާ ނުކުރުމަށް އޭނާ ގާތު ބުނޭ. އެދަރިފުޅު އެއްވެސް އިންސާނަކަށް ގެއްލުމެއް ނުދޭނެ.] ޖިންނި އާދޭސް ކުރަމުން ދިޔައެވެ. މިހާރު އޭތި ފެންނަމުންދަނީ، ސީދާ އޭތީގެ އަޞްލު ސިފައިގައެވެ.

ވުމާއެކު، އޭތި ފެންނަމުން ދަނީ، ނިކަން ނާމާން ބިރުވެރި ސިފައެއްގައެވެ. އޭރު އަދި ހުސޭންކަލޯ، ޖިންނިތައް އަންދާލުމުގެ މަސައްކަތެއް ނުފަށައެވެ.

ޖިންނި ސަލާމަތަށް އެދި ބޮޑަށް ތެޅިގަންނާނީ، ކުރިމަތީގައި ހުރި އަލިފާންގަނޑު ޙުސޭން ކަލޯ އަންދަން ފެށީމައެވެ.

ޙުސޭން ކަލޯއާއި އޭނާގެ ބައިވެރިން އަދި ކުރަމުންދާ މަސައްކަތަކީ، ޖިންނީގެ ބާރު ކުޑަކޮށް، ވަރުބަލިކޮށްލުމުގެ މަސައްކަތެކެވެ. ޖިންނީގެ ބާރުތައް މިހާރު އެދަނީ މަޑުމަޑުން ނެތެމުންނެވެ.

[ކަލޭމެންގެ ފަހުވަގުތު ޖެހެނީ. ކަލޭމެން ރަނާ ގާތު ބުނަން ބޭނުން ވާހަކައެއް ބުނޭ. އެކަމަކު ދަންނާތި، ކަލޭމެން ކިތަންމެ އާދޭސް ކުރިޔަސް، އަހަރެން މިކުރާ މަސައްކަތް އަހަރެން ހުއްޓައެއްނުލާނަން. އެއްވެސް ކުށެއްނެތް ދެ އިންސާނެއްގެ ފުރާނަ ދުއްވާލައި، ޢާއިލާތަކެއްގެ އުފާތަކަށް އަރައިގެންފައިވާ ބަޔަކަށް، އަހަރެން މަޢާފެއް ނުކުރާނަން.] ހުސޭން ކަލޯ އޭނާގެ ކުރިމަތީގައި ހުރި އަލިފާންގަނޑު ރޯކޮށްލައިފިއެވެ. އެއާއެކު އަމަރް ޖިންނިއާއި ބާދާ ތެޅިފޮޅެން ފަށައިފިއެވެ. ޤަބޫލުކުރެވޭ ގޮތުގައި، އެ އެއްޗިއްސަށް ހޫނުވާން ފެށީއެވެ. މިހާރު ސޫރަ ކުރަހާ ލިޔެފައިވާ ކަރުދާސްތަކެއް، ޙުސޭން ކަލޯ އެދަނީ އެ އަލިފާންގަނޑުގެ ތެރެއަށް ލަމުންނެވެ.

[ނޫން...ނޫން..........މަންމާ...ކޮއްކޮ ސަލާމަތް ކުރޭ....ކޮއްކޮ އަނދަނީއޭ.....މަންމާ....] ބާދާ ރޮއިރޮއިފައި ސަލާމަތަށް އެދި ގޮވަމުންދިޔައެވެ. ނަމަވެސް، ރަނާ އެ އަޑެއް ނާހައެވެ.

[ރަނާ....ރަނާގެ ކުރިމަތީގައި ފުރާނަ ސަލާމަތްކޮށްދިނުމަށް އެދި އެގޮވަނީ، ރަނާގެ ބަނޑުން އުފަންވި ރަނާގެ ދަރިފުޅޭ.] މިހެން ބުނެވުނުއިރު، އޭތިވެސް ސަލާމަތްވެވޭތޯ ތެޅިފޮޅެނީއެވެ.

[އަހަރެންގެ ދަރިއެއް ނުހުންނާނެ. އަހަރެން ކަލެއަށް ދަރިއަކު ނުވެސް ވިހާނެ. ޙުސޭންކަލޯބޭ، އޭތީގެ އަޑުނާހާތި.] ރަނާގެ ހިތުގައި ހަމްދަރުދީއެއް ނުއުފެދެއެވެ.

[ރަނާ! ކަލޭ އަހަރެމެންނާމެދު ރަޙުމް ނުއުފެދުނަސް، އަހަންނަށް ހަމްދަރުދީވާނެ ދަރިއަކު ކަލޭގެ ބަނޑުން އަދި އުފަންވާނެ. އެކުއްޖަކު އަހަރެމެން ތަޙައްމަލް ކުރަމުންމިދާ އަނިޔާތަކުގެ ބަދަލުހިފާނެ. އާނ ބަދަލު ހިފާނެ.] މިހާރު ޖިންނީގެ ބައެއް ގުނަވަންތަކުގައި ވަނީ އަލިފާން ހިފާފައެވެ.

[ތިހެން ކިޔައިގެން، ކަލޭ އަހަންނަށް ކިތަންމެ ބިރު ދެއްކިޔަސް، ފަރުވާލެއް ނެތް. އަހަރެން ކަލެއަށް އެހީއެއް ނުވާނަން.] ރަނާ ކުޑަވެސް ބިރެއް ނުގަންނަކަހަލައެވެ.

[ކަލޭ ބިރުނުގަތަސް، މިހާރުވެސް ކަލޭ ތިއިނީ އަހަރެންގެ ދަރިއަކަށް ބަލިވެ. މިވަގުތުން ފެށިގެންވެސް އެ ދަރިފުޅުގެ އިޙްސާސް ކުރެވޭނެ.] އަނދަމުންދިޔަ ޖިންނީގެ މި ޖުމްލައާއެކު، އެންމެންނަށް އެއްފަހަރާހެން ރަނާއާ ދިމާއަށް ބަލައިލެވުނެވެ. އެއާއެކު އެންމެންގެ ލޯވެސް ބޮޑުވެ، މޫނުމައްޗަށް ޙައިރާންކަންވެރިވިއެވެ. ރަނާގެ ބަނޑު އުފުލެމުން ދަނީއެވެ. އެއާއެކު، މަންމަގެ ހަށިގަނޑުގައި އޮޅުލައިގަތުމަށްފަހު، ރަނާ ބާރުބާރަށް ރޯން ފަށައިފިއެވެ. ޙުސޭންކަލޯ ހިސާބަކަށް އޭނާގެ މަސައްކަތް މެދުކަނޑާލިއެވެ. ރަނާގެ ފުރާނައަށް ގެއްލުމެއް ވެދާނެތީއެވެ.

[މަންމާ....ބައްޕާ.....އަހަރެން ސަލާމަތްކުރޭ. އަހަރެން ސަލާމަތްކުރޭ....އަހަރެންގެ ބަނޑަށް ވަރަށް ބޮޑަށް އުނދަގޫވޭ.....] ރަނާ ބަނޑުގައި އަތުން ހިފަހައްޓައިގެން ހުރެ ހަމަ ރޮނީއެވެ.

ވުމާއެކު، ދެން ޙުސޭން ކަލޯ މަސައްކަތް ކުރީ، ޖިންނި އެމީހުންގެ ބާރުގެ ދަށުގައި، ރަނާ ވިހަންދެން ބަހައްޓާށެވެ. ވުމާއެކު، އޭނާގެ އަތް ގާތްކޮށްދޭން ތިބި މީހުންގެ ތެރެއިން މީހެއް ގާތުގައި ދެގޯނި ގެނެސްދިނުމަށް އެދުނެވެ.

[ވަރަށް އަވަހަށް ހުސް ދެގޯނި ގެނެސްދީ. މިހާރު ދެން އޮތްގޮތަކީ، މިދޭތި ގޯންޏަށްލާ ތުން ބަނދެފައި، ރަނާ ވިހަންދެން ބޭތިއްބުން. އެހެން ނޫނީ ރަނާގެ ފުރާނައަށް ގެއްލުމެއްވެދާނެ.] ޙުސޭންކަލޯ އޭނާގެ މަސައްކަތް ކުރިއަށް ރޭވިފައިވާގޮތް ކިޔައިދިނެވެ. ޙަޤީޤަތުގައި އޭނާގެ ވިސްނުމަކީ، ގޯންޏަށްލައި، ނޭވާ ނުލެވޭގޮތަށް ބަންދުކޮށް އެދޭތި މަރާލުމެވެ. އެދޭތި އެނޫން ގޮތަކަށް ނައްތާލަން މަސައްކަތް ކޮށްފިއްޔާ، ރަނާއަށް އުނދަގޫތަކެއް އިޙްސާސް ކުރެވޭނެއެވެ. މާގިނައިރުތަކެއްނުވެ، ކޮންމެވެސް ދެމީހަކު ދެގޯނި ގެނެސްދީފިއެވެ.

[އަހަރެން މިހާރު މިއުޅެނީ، ކަލޭމެނަށް އަނިޔާވެރިނުވެ ކަލޭމެން ހައްޔަރުކޮށްފައި ބައިތިއްބަން. އަވަހަށް މިގޯންޏާ އެކަށީގެންވާ ވަރަށް، ކަލޭމެން ކުޑަވޭ. އެއަށްފަހު، މިގޯންޏަށް އެރޭ.] ޙުސޭން ކަލޯ ގޯނިތަކުގެ ތުން ހުޅުވާލުމަށްފަހު، ވާހަކަ ދެއްކިއެވެ. އެއާއެކު، އެންމެންގެ ޙާޒިރުގައި ޖިންނި އެގޯންޏާ އެކަށީގެންވާ ވަރަށް ކުޑަވިއެވެ.

[ކަލޭމެންގެ ސަލާމަތް ބޭނުމިއްޔާ، އަވަހަށް މިއަށް އެރޭ.] ޙުސޭން ކަލޯ ބުންޏެވެ. އެއާއެކު، ކުޑަ ޖިންނިއާއި ބޮޑު ޖިންނި ދެގޯންޏަށް އެރުނެވެ.

ވަގުތުން ޙުސޭންކަލޯ ދެގޯނީގެ ތުންބަނދެލިއެވެ.

[ދެން ކަލޭމެނަކަށް ސަލާމަތެއް ނުވެވޭނެ.] ޙުސޭން ކަލޯ މިހެން ބުނެފައި، އެގޯނިތައް ކަނޑަށް އެއްލާލާނޭ ގޮތެއް ހަމަޖެއްސުމަށް ނިޔާޒް ގާތު ބުންޏެވެ. ނިޔާޒް ވަގުތުން އޭނާގެ ލޯންޗެއް ހަމަޖެއްސިއެވެ.

އެމީހުން އެދެގޯނި އެއްލާލީ މާލެ ގެއްލޭ ހިސާބަށެވެ. އެހެން ނަމަވެސް، އެމީހުންނަށް އެގޯނިތައް ކަނޑަށް އެއްލާލެވުނީ، އެންމެ ރައްކާތެރި ގޮތުގައި ކަމަކަށް ނުބެލެވެއެވެ. ސަބަބަކީ އެމީހުން ގޯނިތައް ދޫކޮށްފައިވަނީ، ޢާންމުކޮށް ފަންޑިތަވެރިން އެފަދަ ކަންތައް ކުރަމުން އައިސްފައިވާގޮތާ ޚިލާފަށެވެ. އެމީހުން އެގޯނިތައް ދޫކުރި ސަރަޙައްދަކީ، ޢާންމުކޮށް އުޅަނދުތައް ދަތުރުކުރަމުންދާ ސަރަޙަދަކަށްވުމުން، ގޯނިތައް ބަރެއްނުޖަހާ ދޫކޮށްލުމީ، އެއެއްޗެއްސަށް ހުރި ރައްކަލެއް ކަމަށް ވަރަށް ބޮޑަށް ޤަބޫލުކުރެވެއެވެ.

ޖިންނިތައް ކަނޑަށް އެއްލާލުމަށްފަހު، ޙުސޭންކަލޯ ރަނާގެ ޢާއިލާއަށް ލަފާދިނީ ހޮސްޕިޓަލާ ވާހަކަ ދައްކައިގެން ރަނާ އެބޯޝަން ހެދުމަށެވެ. ނޫނީ ރާއްޖެއިން ބޭރަށް ގެންގޮސްގެން ނަމަވެސް، ރަނާގެ ބަނޑު ދޮވެލުމަށް އޭނާ ލަފާދިނެވެ.

[ނުރައްކަލެއް ނުވާނެތަ؟] ޙުސޭންކަލޯ ގާތު ނިޔާޒް އެއްސެވެ. އަމަރް ދުނިޔެދޫކޮށް ދިޔަޔަސް، ރަނާ ދޫކޮށްލާކަށް އަމަރްގެ ބައްޕަމެން ބޭނުމެއް ނޫނެވެ.

[ނުވާނެ، އޭތީގެ ކިބައިން ތިޢާއިލާ އެކަށް ސަލާމަތްވާނީވެސް އޭރުން. އަވަހަށް އެކަމާ އުޅޭ. އަހަރެން ދޭނަން ތަވީދެއްވެސް. ތަވީދުވާނެ އަބަދުވެސް ރަނާގެ އުނަގަނޑުގައި ބާއްވަން. އަޞްލު މިކަހަލަ ޙާދިޘާތައް މިދިމާވަނީ، އަހަރެމެން ޢާންމުންނަށް، އިންސާނުންނަށް ޖިންނިން ވަކިކޮށް ފާހަގަކުރަން ނޭނގުން. ޙަޤީޤަތުގައި ރަނާއަށް ވަސްނުދުވިޔަސް، އެމީހުންނަށް އެ އެއްޗެހީގައި ނުބައިވަހެއް ދުވާނެ. ރަނާއަށް އޭތި އަމަރާ ތަފާތެއް ނެތް ގޮތުގައި ފެނުނަސް، ވަސްވެސް ތަފާތުވާނެ.] ޖިންނިން ދެނެގަންނާނޭ ގޮތް ޙުސޭން ކަލޯ ކިޔައިދިނެވެ.

[ތިހެން ބުނީމައޭ މިއެނގުނީ. ޙަޤީޤަތުގައި އަމަރް ރަނާއާ އިންތާ މާގިނަ ދުވަސްތަކެއް ނުވަނީސް، އަމަރްގެ އުޅުން ވަރަށް ބޮޑަށް ތަފާތުވި. އެދުވަހު ފަރީޝާ އޭނާގެ ގައިން ފާޑެއްގެ ވަހެއް ދުވާތީވެސް އުޅުނު. ކުރާނެ ކަމެއްނެތް. މީގެފަހުން އަހަރެމެން ވަހުން ދެނެގަންނާނަން.] ނިޔާޒް ބުންޏެވެ.

ޖެހިގެން އައި ދުވަހު ނިޔާޒާއި ފަރީޝާ ނިންމީ، ރަނާ މާލޭގެ ހޮސްޕިޓަލަކަށް ގެންގޮސް އެބޯޝަން ހެދުމަށެވެ.

އެއީ ރަނާގެ ފުރާނައަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވާނަމަ، ހޮސްޕިޓަލުން އެކަން ކުރާނެކަން އެމީހުންނަށް އެނގެއެވެ. ނިޔާޒް އެދުނީ ރަނާގެ އޮޕަރޭޝަން ކުރެވެމުންދާ ވަގުތު، ތިއޭޓަރުގެ ބޭރުގައި ޙުސޭންކަލޯވެސް ހުރުމަށެވެ. ޙުސޭން ކަލޯ އެކަމަށް އެއްބަސްވިވެސްމެއެވެ.

[މާބޮޑު ނުރައްކަލެއް ދިމައެއްނުވާނެ. ރަނާގެ ބަނޑު ސާފުކޮށްލެވުމާއެކު، ހުރިހާ ބިރެއް ފިލައިގެން ހިނގައިދާނެ.] ޙުސޭން ކަލޯ ބުންޏެވެ. ޙުސޭންކަލޯގެ މިފަދަ ވާހަކަތަކުގެ ސަބަބުން، ޙުސޭން ކަލޯއަކީ މިފަދަ ކަމަކަށް އެންމެ އެކަށީގެންވާ މީހާއޭވެސް ހިތަށްއަރައެވެ.

އޭނާ ގޯންޏަށްލާފައި ކަނޑަށް އެއްލާލި މައި ޖިންނި ސަލާމަތުގެ އައްސޭރިއަކަށް ދަތުރު ނުކުރާކަން އޭނާއަށް އެނގެނީ ކިހިނެއް ހެއްޔެވެ؟ ނުވަތަ އެ ޖިންނީގެ މިހާރުގެ ޙާލަތު އެނގެނީ ކޮން ބަޔަކަށް ހެއްޔެވެ؟

ހަމަގައިމުވެސް ޔަޤީންވާ ކަމަކީ އޭއްޗަށް ސަލާމަތްގެ އައްސޭރިއަކަށް އާދެވިއްޖެނަމަ، އޭތު ވަރުގަދަ ބަދަލުހިފުމެއް ހިފާނެއެވެ.

ވާސިލާއި ޙުސޭންކަލޯއަށް އޭތީގެ ނުރައްކަލާ ވަރަށް ބޮޑަށް ކުރިމަތިލާން ޖެހޭނެއެވެ.

ޖެހިގެން އައި ދުވަހު ހޮސްޕިޓަލާ ވާހަކަ ދައްކައި، ރަނާގެ ޙާލަތު ކިޔައިދިނުމަށްފަހު، ރަނާ އެބޯޝަން ހެދުމުގެ ކަންތައް ނިޔާޒް ކުރިއަށް ގެންދިޔައެވެ.

އެބޯޝަން ހެދުމަށްޓަކައި، އަމިއްލަ ބަޔަކު ހިންގާ ހޮސްޕިޓަލެއްގައި ރަނާ އެޑްމިޓްކުރީ، އެދުވަހުގެ ހެނދުނު ނުވައެއްޖަހާ އެހާކަންހާއިރެވެ.

އިންޖެކްޝަން ޖެހުމަށްފަހު، ރަނާ އޮޕަރޭޝަން ތިއޭޓަރަށް ވެއްދީ، މެންދުރުވާން އުޅެނިކޮށެވެ. އޭރު އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކަށް އެތަނުގައި ހުރީ ޕާކިސްތާނުގެ ފިރިހެން ޑޮކްޓަރެއް ކަމުގައިވާ ޑޮކްޓަރ ސާޖިދުއެވެ.

ރަނާގެ އޮޕަރޭޝަންގެ ކަންތަކުގައި އިސްކޮށް ހުރީވެސް ސީދާ ޑޮކްޓަރ ސާޖިދެވެ. ދެން ތިބީ ތިން ނަރުހުންނެވެ.

ޑޮކްޓަރާއި ނަރުހުންގެ މަސައްކަތް ފެށިތާ، މާގިނައިރެއް ނުވަނީސް ނިދާ އިންޖެކްޝަންގެ އެހީގައި ނިންދަވާފައި އޮތް ރަނާ ނިކަން ބާރަށް ތެޅިފޮޅެން ފަށައިފިއެވެ. އެއާއެކު ޑޮކްޓަރާއި ނަރުހުން ރަނާ ހިފަހައްޓަން މަސައްކަތް ކުރަމުންދިޔައެވެ. ޤަބޫލުކުރެވޭ ގޮތުގައި، ރަނާގެ ބަނޑުގައި އާދަޔާ ޚިލާފަށް ވޭން އަޅަނީއެވެ. ނޫނީ ޑޮކްޓަރުގެ މަސައްކަތުން ރަނާގެ ބަނޑުގައި އޮތް ދަރިފުޅު މަރުން ސަލާމަތްވުމަށް ތެޅިފޮޅެނީއެވެ.

ދެން ފެނުނީ ޢަޖައިބުން ފުރިގެންވީ ޙައިރާންކުރުވަނިވި މަންޒަރެކެވެ. ޑޮކްޓަރާއި ނަރުހުން ރަނާ ހިފެހެއްޓޭތޯ މަސައްކަތް ކުރަމުންދަނިކޮށް، ރަނާގެ ބަނޑުން އުފަންވެގެން އެދިޔައީ، އާދަޔާ ޚިލާފް ސިފަތަކެއްހުރި ނާމާން އެއްޗެކެވެ. އޭތި ބޮޑަށް ވައްތަރުވަނީ އޭލިޔަންއަކާއެވެ. އުފަންވުމާއެކު، އޭތީގެ ކުޑަކުޑަ ދެއަތުން ޑޮކްޓަރ ސާޖިދުގެ ކަރުގައި ހިފައިފިއެވެ. އިސާހިތު ސާޖިދު ތެޅިފޮޅެމުން ބިންމައްޗަށް ވެއްޓިއްޖެއެވެ.

ނަރުސް ކުދިންތައް ގަންނާކުރެއްވި ބިރުން، ސަލާމަތަށް އެދި ގޮވަމުން ތިއޭޓަރުން ނުކުތެވެ. އިސާހިތު ތިއޭޓަރާ ދިމާއަށް މީހުންތައް ޖަމާވާން ފަށައިފިއެވެ.

ވެގެންއުޅޭގޮތް ނަރުސް ކުދިން ކިޔައިދިނުމާއެކުހެން ތިއޭޓަރު ކުރިމަތީގައި ހުރި ޙުސޭންކަލޯ ތިއޭޓަރުތެރެއަށް ވަނެވެ. އެއްވެސް މީހެއްގެ ހުއްދައަކާ ނުލައެވެ. އޭނާގެ ފަހަތުން ރަނާގެ ޢާއިލާގެ މެމްބަރުންނާއި ވާސިލްވެސް ވަދެއްޖެއެވެ. އެމީހުން ވަންއިރު، ރަނާ އެނދުމަތީގައި އޮތެވެ. އޭރު އަދި އޭނާ ހެއެއްނާރައެވެ. އެމީހުންގެ ފަހަތުން ބިރުގެންފައި ތިބި ނަރުސް ކުދިންތައްވެސް ވަނެވެ.

[ޑޮކްޓަރ ސާޖިދު ކޮބާ.....ޑޮކްޓަރ....] އެވަގުތު އެތަނަށް ވަން ހޮސްޕިޓަލްގެ މެނޭޖަރު، ޑޮކްޓަރަށް ގޮވަން ފެށިއެވެ. އެތަނުގައި ހުރި މީހަކަށް އެއްފަރާތެއްގައި އަނގަވަތަށް އޮތް މީހަކު ފެނި ހަޅޭއްލަވައިގަނެވުނީ އެވަގުތުއެވެ.

އެއީ ޑޮކްޓަރ ސާޖިދެވެ. ހޮސްޕިޓަލްގެ މެނޭޖަރ ރިޒާ، ސާޖިދު އަނގަމަތިކޮށްލިއެވެ. އެއާއެކު ހަޅޭއްލަވައިގަނެވުނީ، އެންމެންނަށް އެއްފަހަރާ ކަހަލަ ގޮތަކަށެވެ.

ޑޮކްޓަރުގެ މޫނުމައްޗަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ޑޮކްޓަރުގެ ދެލޮލެއްވެސް ނެތެވެ. އެހެން ނަމަވެސް، ރަނާގެ ބަނޑުން އުފަންވި ކަމަށް ނަރުސްކުދިން ބުނާ އެއްވެސް އެއްޗެއް އެތާނު ފެންނާކަށް ނެތެވެ.

މާގިނައިރުތަކެއްނުވެ އެތަނަށް ފުލުހުންވެސް އަތުވެއްޖެއެވެ. އޭރު އެކިގޮތްގޮތުން ޚަބަރު ފެތުރި މަޢުލޫމާތު ލިބެމުންދާވަރަކަށް، ހޮސްޕިޓަލް ތެރެއަށް މީހުން ޖަމާވަމުންދިޔައެވެ. އޭގެތެރޭގައި، ބައެއް ނޫސްވެރިންނާއި ފޮޓޯގްރާފަރުންވެސް ތިއްބެވެ. ކޮންމެ ބަޔަކުވެސް ބޭނުންވަނީ، ޤަބޫލުކުރަން ދަތި އާދަޔާ ޚިލާފު ޙާދިޘާ، ހަމަލޮލުން ދެކެލާށެވެ. ނަމަވެސް، މާގިނައިރުތަކެއްނުވެ، ފުލުހުން ހޮސްޕިޓަލަށް މީހުނަށް އިތުރަށް ނުވަދެވޭގޮތަށް ބަންދުކުރިއެވެ.

އޭލިއަނެއްގެ ސިފަހުރި ކުއްޖަކު ރަނާގެ ބަނޑުން އުފަންވެ، ޑޮކްޓަރ ސާޖިދު ޕަޓޭލްއަށް ޙަމަލަދިން މަންޒަރު، ހަމަ ލޮލުން ފެނުނު ބަޔަކަށް އެތަނުގައި ތިބީ، ތިން ނަރުހުންނެވެ.

ވުމާއެކު، މިހާރު ހުރިހާ ނޫސްވެރިންވެސް މަސައްކަތް ކުރަމުން އެދަނީ، އެ ބިދޭސީ ތިން ނަރުހުންނާ ބައްދަލުކުރުމަށެވެ.

މާގިނައިރުތަކެއްނުވެ، އިތުރު ފުލުހުންގެ ޓީމެއް އައިސް އިތުރަށް އެސަރަޙައްދު ބަލަހައްޓަން ފެށިއެވެ. މިހާރު ރަނާ ކޮޓަރިއަކަށް ވައްދައިފިއެވެ. އެއީ އަމަރްގެ ބައްޕަ ހޮސްޕިޓަލުން ހިފާފައިވާ ކޮޓަރިއެކެވެ.

[ރަނާ ހޭއަރާއިރަށް، އެއްވެސް ބަޔަކު ރަނާއާ ސުވާލުކުރާކަށް ފުރްޞަތެއް ނުދެވޭނެ. އަޅުގަނޑު އެދެން، މިކޮޓަރިއަށް ޢާންމުންގެ އެއްވެސް މީހަކަށް ވަނުމުގެ ފުރްޞަތު ނުދިނުމަށް.] ނިޔާޒް ވާހަކަ ދެއްކީ، އެވަގުތު އެތަނުގައި ހުރި ފުލުހުންގެ އިސް އޮފިޝަލަކާއެވެ.

އޭރު ރަނާއާއެކު ރަނާގެ މައިންބަފައިންގެ އިތުރުން، ޙުސޭންކަލޯވެސް ކޮޓަރީގައި ހުއްޓެވެ. ވާސިލް ހުރީ ކޮޓަރި ދޮރުމަތީގައެވެ. ވާސިލްވެސް މިހާރު ހުންނަނީ ވަރަށް ބޮޑަށް ބިރުގެންފައެވެ.

އޭނާއަށް ހީވަނީއެވެ. އެ ޖިންނީގެ ފަރާތުން ޙަމަލައެއް އޭނާއާވެސް ކުރިމަތިވެދާނެއެވެ. ވުމާއެކު، އޭނާއަށް ހުރެވެނީ، ދޭތެރެ ދޭތެރެއިން ވަށައިގެން ހޯދާލަ ހޯދާލައެވެ.

ޑޮކްޓަރ ސާޖިދު ޕަޓޭލްގެ ހަށިގަނޑު ގެންދެވުނީ، ގަލޮޅު ސަހަރާގެ މޯޗަރީއަށެވެ. ބެލެވޭގޮތުގައި، އެހަށިގަނޑު ޑޮކްޓަރުގެ ޤައުމު ކަމުގައިވާ ޕާކިސްތާނަށް ފޮނުވަން ހަމަޖެހިފައިވަނީއެވެ.

ސާޖިދުގެ ހަށިގަނޑު ހޮސްޕިޓަލުން ބޭރު ކުރުމުންވެސް، އެސަރަޙައްދުން މީހުން މަދެއްނުވެއެވެ. މިހާރު އެއްވެފައިތިބި މީހުން ބޭނުންވަނީ ރަނާ ދެކެލާށެވެ. ނަމަވެސް، އެފުރްޞަތު އެއްވެސް ބަޔަކަށް ދޭކަށް، ރަނާގެ ޢާއިލާ ބޭނުމެއް ނުވެއެވެ.

އެދުވަހާއި އެރޭ މުޅި ރާއްޖޭގައި ފެތުރިފައިވާ ޚަބަރަކީ، ހުވަދުއަތޮޅު އަންހެން ކުއްޖަކު އޭލިއަންއެއް ވިހޭ ޚަބަރާއި، އޭލިޔަންގެ ޙަމަލާގައި، ޑޮކްޓަރު މަރުވި ޚަބަރެވެ.

ނޫސްވެރިންވެސް ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ. އެއްބަޔަކަށްވުރެން މޮޅަށް، އެޙާދިޘާ ކަވަރު ކުރެވޭތޯ، އަނެއްބަޔަކު މަސައްކަތް ކުރަމުންދިޔައީ، މިފަދަ ޙާދިޘާތައް އެންމެ ރަނގަޅަށް ކަވަރު ކުރެވޭ ނޫސް މަޖައްލާއަކީ، އެދުވަސްވަރެއްގައި ވިޔަފާރީގެ ގޮތުންނާއި، މަޤްބޫލު ކަމުގެ ގޮތުންވެސް އެންމެ ކުރި ލިބޭނޭ މަޖައްލާއަކަށްވާނެތީއެވެ.

މަރުވެފައި އޮތް ޑޮކްޓަރުގެ ފޮޓޯތައް ބައެއް ނޫސްތަކުގައި ޝާއިޢު ކުރިއިރު، އަނެއްބަޔަކު ކޮންމެވެސް ގޮތަކުން ރަނާގެ ފޮޓޯ ހޯދައިގެން ރަނާގެ ފޮޓޯވެސް ޝާއިޢުކޮށްފައިވެއެވެ.

އެޙާދިޘާގެ ޚަބަރު، ޖެހިގެން އައި ދުވަހު ނުކުތް ރާއްޖޭން ބޭރުގެ މަޝްހޫރު ނޫސްތަކުގައިވެސް ވަރަށް ރަނގަޅަށް ލިޔެފައި ހުއްޓެވެ. އެކަމާ ރަނާ ވަރަށް ދެރަވެ ހިތާމަކުރިއެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި، އޭނާގެ އަގު ވެއްޓި، މުޅި ދުނިޔެއަށް އޭނާ ގިނަވީއެވެ. ކޮންމެ ބަޔަކުވެސް މިހާރު އޭނާ ފާހަގަކުރާނީ، ޖިންނި އަވަލާފައިވާ މީހެއްގެ ގޮތުގައި ކަމަށް ބުނެ، އޭނާ ވަރަށް ރުޔެވެ.

[މަންމާ...އަހަރެންނަކީ ކިހާ ބަދުނަޞީބު އިންސާނެއް. އަހަރެންގެ މުޅި ދިރިއުޅުން ހަލާކުވެއްޖެ. ދެން އަހަރެންގެ ޙަޔާތަށް އަންނާނެ މީހަކުވެސް ނުވާނެ.] ރަނާ ވާހަކަ ދެއްކީ އޭނާގެ މަންމައާއެވެ. އެއީ ރަނާ ހޮސްޕިޓަލުން ދޫކޮށްލުމުގެ ގަޑިއެއްހާއިރު ފަހުންނެވެ.

[ދަރިފުޅާ...ދެރަނުވޭ، އިރާދަކުރެއްވިއްޔާ، މިހާރު އޭތީގެ ކިބައިން ދަރިފުޅު ތިޔަވަނީ މުޅިން ސަލާމަތްވެފައި. މިހާރު ދަރިފުޅުގެ އުނަގަނޑުގައި ތިޔައޮތް ތަވީދު އޮތްހާ ހިނދަކު، އޭގެ އެއްވެސް ނުރައްކަލެއް ދިމައެއްނުވާނެ.] މިފަހަރު ރަނާއަށް ހިތްވަރުދިނީ އަމަރްގެ ބައްޕަ ނިޔާޒެވެ. އެއީ ވާސިލް އައިސް އެގެޔަށް ވަން ވަގުތެވެ.

[ތިހެން ނުބުނޭ ބައްޕާ...މިހާރު ވާސިލްވެސް އަހަރެންދެކެ ޖެހިލުންވާނެ. އަހަރެންދެކެ ނިކަން ލޯބިވި މީހެއް އަމަރަކީ. އަމަރްވެސް އަހަންނާ ވަކިވީ....] ރަނާ ރޮއިރޮއިފައި ވާހަކަ ދެއްކިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން