ޓެލެގްރާމް ޗެނަލްތަކެއްގައި ގިނަ ބައެއްގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކުރި މައްސަލައާއި ގުޅިގެން ފުލުހުން މިއަދު ވަނީ ބަރަހަނާ މަންޒަރު ބަލަން ފައިސާ ދައްކާ މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

މީސް މީޑިޔާ ޕްލެޓްފޯމް، ޓެލެގްރާމްގެ ޗެނަލްތަކެއްގައި ގިނަ ބައެއްގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކުރަމުން ދަނިކޮށް ހުއްޓުވައި އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާއިރު އެ މަންޒަރުތައް ބަލަން ފައިސާ ދައްކާ މީހުންނާއި ފައިސާ ދައްކާފައިވާ މީހުންނަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

އެތައް ހާސް ބަޔަކު ތިބި ޓެލެގްރާމް ގްރޫޕެއްގައި ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ވިއްކައި އޭގެ ވިޔަފާރިތައް ކުރާ މައްސަލައިގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް އިންސްޕެކްޓަރު އަޒީފް އައްބާސް ވަނީ ބަރަހަނާ ޗެނަލްތަކަށް ވަނުމަކީ ޤާނޫނީ ކުށެއްކަން ހަނދާންކޮށްދީ އެފަދަ މައްސަލަތަކުގެ ފިޔަވަޅު އަޅަން ގާނޫނުން ތަންދޭ ކަމަށް ވިދާޅުވިއެވެ.

އަޒީފް ވިދާޅުވީ މިފަދަ މައްސަލަތަކުގައި ހިމެނޭ މީހުންނަށް ފިޔަވަޅު އަޅަން ފުލުހުން ފަސް ނުޖެހޭނެ ކަމަށާއި އެމަސައްކަތް ފުލުހުން ކުރަމުން އަންނަނީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއި ވާހަކަ ދައްކައިގެން ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ވާހަކަ ދައްކަވަމުން އަޒީފް ވިދާޅުވީ ފުލުހުން މަސައްކަތް ކުރަނީ ޕީޖީއާ ވާހަކަ ދައްކައިގެން ކަމަށާއި ޗެނަލްތައް ސަބްސްކްރައިބް ކޮށްފައި ތިބި ފަރާތްތަކަށް އަދި އިތުރު ފަރާތްތަކަށް، އެ ފޮޓޯ ހޯދުމަށް މަސައްކަތް ކުރި ފަރާތްތަކަށް ވެސް ގާނޫނުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު ޢަލީ (45އ)، ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ (46އ) އަދި ކ. ކާށިދޫ، ސިލިންކޯ، އިސްމާޢީލް ޒަބީޙް (29އ)އެވެ.

"އިނިޝިއަލް ސްޓޭޖުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވުނު މި ޗެނަލްގައި 535 ސަބްސްކްރައިބަރސްގެ އިތުރުން ބަރަހަނާ މަންޒަރު ދައްކުވައިދޭ 350 ފޮޓޯ އާއި 2400 ވީޑިޔޯ މި ޗެނަލްގައި ޕޯސްޓުކޮށްފައިވާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ތަހުޤީގުން." އަޒީފް ވިދާޅުވިއެވެ.

މި ތަހުގީގުން ފާހަގަކުރެވުނު ގޮތުގައި ބަރަހަނާ މަންޒަރު ދައްކުވައިދޭ 86618 ވީޑިއޯއާއި 241651 ފޮޓޯ ހުރި އިރު 34680 މީހުން ވަނީ މި ޗެނަލްތައް ސަބްސްކްރައިބް ކޮށްފައެވެ. އަދި ސަބްސްކްރައިބްކުރި ފަރާތްތަކުން ވަނީ މި މަންޒަރުތައް ބެލުމަށް ދެ މިލިއަނަށްވުރެ ގިނަ ފައިސާ ހަރަދުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން