މަރްޔަމް ނަހްދާ ވަޙީދު   13 ސެޕްޓެމްބަރު 2024 - 0:20
ހެޔޮނޭދޭ ރައްޓެހިން ހަޔާތާ ދުރުކުރުމަކީ ވަރަށޤ މުހިންމު ކަމެއް- ގޫގުލް އިމޭޖެސް
ހެޔޮނޭދޭ ރައްޓެހިން ހަޔާތާ ދުރުކުރުމަކީ ވަރަށޤ މުހިންމު ކަމެއް- ގޫގުލް އިމޭޖެސް
ދިރިއުޅުމުގައި އިތުބާރު ހިފޭ ރަނގަޅު ރަހްމަތްތެރިން ތިބުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ އަޅުގަނޑުމެން އުސްމިންތަކާއި އަޑިގުޑަންތައް ގިރާކުރާއިރު އެންމެ ކައިރީގައި ތިބޭނީ އެމީހުން ކަމަށް ވާތީއެވެ. ނަމަވެސް ބައެއް ފަހަރު އަޅުގަނޑުމެންނަށް ހިޔާރު ކުރެވޭ ރައްޓެހިންނަކީ އެކުވެރިންގެ ސިފައިގައި ތިބޭ ދުޝްމަނުން ކަމަށްވެސް ވެދާނެއެވެ.

މޫނުމަތިން މާ ހެޔޮ ކަމަށް ހެދިގެން ތިއްބަސް މިފަދަ މީހުންނަކީ އަޅުގަނޑުމެންނަށް ހެޔޮއެދޭ މީހުންނެއް ނޫނެވެ. މިއީ އަޅުގަނޑުމެންނާ މެދު ހަސަދަވެރިވާ މީހުންނެވެ. މިފަދަ މީހުން މާ ގާތް ކޮށްގެން އުޅޭނަމަ އޭގެ ނަތީޖާ އެހާ ރަނގަޅެއް ނުވާނެއެވެ. ސަބަބަކީ އެމީހުންނަކީ ދުވަހަކުވެސް އަޅުގަނޑުމެންނަށް އުފާ ލިބުމަށް އެދޭނެ ބަޔަކަށް ނުވާތީއެވެ. އެހެންކަމުން މިފަދަ މީހުން ދެނެގަނެ ދުރުކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ.

އަޅުގަނޑުމެން ގާތްކޮށްގެން އުޅޭ ރައްޓެހިންނަކީ އަޅުގަނޑުމެންގެ ހަޔާތުގައި އެހާ ބޮޑަށް ޝާމިލުވާ ބަޔަކަށް ނުވާނަމަ އެއީ ފޭކު ރައްޓެހިންނެވެ. އެފަދަ މީހުންނަށް އަޅުގަނޑުމެން ފެންނާނީ ކޮންމެވެސް ބޭނުމެއް ޖެހުނީމައެވެ. ނަމަވެސް އަޅުގަނޑުމެންނަށް އެމީހުންގެ ބޭނުން ޖެހޭ ދުވަހު އެމީހުންނެއް ނުތިބޭނެއެވެ. މިފަދަ މީހުން ހަޔާތުގައި ތިބޭނަމަ ވީހާވެސް އަވަހަކަށް ދުރުކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ އެންމެ ގާތުގައި މިފަދަ މީހުން އުޅޭނަމަ އޭގެ ސަބަބުން އަޅުގަނޑުމެން ފަހުން ހިތާމަ ކުރަން ޖެހިދާނެތީއެވެ.

އަދި އަޅުގަނޑުމެންގެ އެންމެ ގާތް ރައްޓެހިންނަކީ އަޅުގަނޑުމެންގެ ސިއްރުތައް އެހެން މީހުންނާ ހިއްސާ ކުރާ ބައެއް ނަމަ އެއީވެސް ފޭކު ރައްޓެހިންނެވެ. އެމީހުން އަޅުގަނޑުމެންގެ ހަޔާތުގައު ދިމާވާ އެކި ކަންކަމާއި ސިއްރުތައް އެހެން މީހުންނާ ހިއްސާ ކުރަނީ އަޅުގަނޑުމެންނަށް ހެޔޮ ނޭދޭތީއެވެ. އެހެންކަމުން މިފަދަ މީހުންނަށް އިތުބާރު ކޮށް ހަޔާތުގެ އެކި ކަންކަމުގެ ވާހަަކަތައް ހިއްސާ ކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ އެފަދަ މީހުންގެ މަގުސަދަކީ އަޅުގަނޑުމެންގެ ސިއްރުތައް އެހެން މީހުންނަށް ހާމަކޮށް އަޅުގަނޑުމެން ބޭޒާރު ކުރުން ކަމަށްވާތީއެވެ.

މީގެ އިތުރުން އަޅުގަނޑުމެންގެ ރައްޓެހިންނަކީ އަޅުގަނޑުމެންނަށް ލިބޭ އުފާތަކާ މެދު ހަސަދަވެރިވާ ބައެއް ނަމަ އެއީވެސް ފޭކު ރައްޓެހިންނެވެ. އެގަދަ މީހުންނަކީ އަޅުގަނޑުމެންނަށް އެއްވެސް ކަހަލަ ކުރިއެރުމެއް ލިބެން ބޭނުން ނުވާ މީހުންނެވެ. މިމީހުންނަކީ އަޅުގަނޑުމެންނަށް ލިބޭ ކާމިޔާބީތައް ފާހަގަ ކުރުމުގެ ބަދަލުގައި، އެކަމާމެދު ހަސަދަވެރިވެ ރުޅި އަންނަ މީހުންނެވެ.

ހަޔާތުގައި މިފަދަ ރައްޓެހިން އުޅޭނަމަ ވީހާވެސް އަވަހަށް އެމީހުން ދުރުކޮށްލަން ޖެހެއެވެ. ސަބަބަކީ މިފަދަ މީހުން ގާތް ކޮށްގެން އުޅޭނަމަ ދިރިއުޅުމުގައި ކުރިއަރައި ދާން އުނދަގޫވާނެތީއެވެ. އަދި މިމީހުން ދުރުކޮށްގެން ނޫނީ ކުރިއެރުން ނުލިބޭނެތީވެސް މެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން