image ގައްދޫ ރަޝީދު   21 އޯގަސްޓު 2020 - 6:25
ތަރުތީބުން އެއްޗެހިި އަތުރާފައިވާ ކޮޓަރީގައި ހުރިއްޔާހުރި ބޮތްކެއް އޭނާ ދިއްލައިފިއެވެ. އެކަމަކުވެސް ޖަލާލީ ހަމަ ހާސްވަނީއެވެ. ހިތެއް ހަމައެއް ނުޖެހުނެވެ.

އޭނާ އިރުކޮޅެއް ވަންދެން ކެތްމަދުވެފައިވާ ގޮތަކަށް ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގިއެވެ. ދެން މޫނުބަލާ ލޯގަނޑު ކައިރިއަށް ހުއްޓިއްޖެއެވެ. އަދި ޝައްކުގެ ނަޒަރަކުން ވަށައިގެން ހޯދާލިއެވެ. މީހަކު ބަލަން ހުރެދާނެ ކަމުގައި އޭނާއަށް ހީވީއެވެ. ލޯގަނޑުން އަމިއްލަ ހިޔަންޏަށް ބަލާލާހާ ހިތްވަރެއްވެސް އޭނާގެ ނެތެވެ.

ކޮޓަރީގައި ހުރީ އޭނާ އެކަނި ކަމުގައި ޔަޤީން ކުރެވުމާއިއެކު ހިތްހަމަޖެހުމުގެ ނޭވާއެއް ލައިފިއެވެ. ދެން އަނެއްކާވެސް ލޯގަނޑާ ކުރިމަތިލައިފިއެވެ...... ލޯގަނޑުން ފުރޭތައެއް ފެނުނު ކަހަލައެވެ. އެވަގުތު އޭނާ ހުރީ ކްރީމް ކުލައިގެ ޤަމީހަކާއެކު ވަރަށް ރީތި ފަޓުލޫނެއް ގައެވެ. އަދި އެހެދުމާގުޅޭ ކަހަލަ ޓައީއެއް އަޅާފައިވެއެވެ. އެކަމަކު މިހެދުންވެސް އޭނާއަކަށް ކަމަކު ނުދިޔައެވެ.

އޭނާ ފަރުވާތެރި ކަމާއެކު މޫނަށް ބަލަމުން ގެންދިޔައެވެ. އޭނާގެ ހަށިގަނޑު މަސްފަލަވެފައި ރީއްޗެވެ. ބައިމަތި އެންމެ ރީތި ވަރަށް ފުޅަލެވެ. ހަށިގަނޑާ އެކަށީގެންވާ އިސްކޮޅެއް ލިބިފާވެއެވެ. އެކަމަކު މޫނު.......؟

އޭނާއަށް މިސްޓަރ ތާބުޝްއާ މަންސޫރު ދެއްކި ވާހަކަތައް އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރެވެއެވެ. އެމީހުން ވަރަށް ގިނައިން ބުނެއެވެ. [ޖަލާލީއެވެ. އަމިއްލަ ސިފައާމެދު ތިޔަކުރެވެނީ ކުށް ހީއެކެވެ. އެއްގޮތަކަށްވެސް ޖަލާލީގެ ސިފަ ތިޔަހީކުރާހާ ހުތުރެއް ނޫނެވެ. ތިޔައީ ކުޑައިރުއްސުރެ ކުރެވެމުން އަންނަ އިޙްސާސެކެވެ. އެހެންކަމުން މިހާރު ތިމާއަކީ ޢާންމު އިންސާނެއްގެ ސިފައިގައިވާ މީހެއް ކަމަކަށް ސިކުނޑި ޤަބޫލު ނުކުރަނީއެވެ.]

އޭނާ މޫނަށް ބަލާލާފައި ބާރަށް ހީނގަތެވެ.

[އެހާ ހުތުރެއް ނޫނެވެ.]

[ޢާންމު އިންސާނެކެވެ.]

[އޭނާ އެވާހަކަތައް ތަކްރާރު ކުރަމުން ހިނިތުންވާން ފަށައިފިއެވެ. ދެން އަނެއްކާވެސް ފުންނޭވާއެއް ދޫކޮށްލައިފިއެވެ. އަދި ގޮނޑީގައި އިށީންނަމުން ލޯމަރާލިއެވެ. ރަޙްމަތްތެރިންގެ އިޚްލާޞްތެރި ވާހަކަތަކުގެ އަޑުތައް އޭނާގެ ކަންފަތުގައި ގުގުމަން ފަށައިފިއެވެ. އޭނާގެ ޝައްކު ފިލުވާލުމަށްޓަކައި އެމީހުން ދައްކާފައި ނުދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ. އެއަޑުތަކުގެ ތެރެއިން ޝަވާލީގެ އަޑު ޚާއްޞަ ކުރެވެއެވެ.

[ޖަލާލީއެވެ. ޖަލާލީއަށް ތިޔަހާވަރަށް ޝައްކު ކުރެއެވެންޏާ ތިޔަކަމަށް ބޭސްކުރުވަން ވީނޫން ހެއްޔެވެ. ޕްލާސްޓިކް ސަރޖަރީ ކުރުވަންވީ ނޫން ހެއްޔެވެ. މިއީ އުނދަގޫކަމެއް ނޫނެވެ. ހަމަގައިމުވެސް ޖަލާލީގެ އަތުގައި ފައިސާ މަދެއްނުވާނެއެވެ.]

އޭނާ އަބަދުވެސް މިކަހަލަ ތަފާތު ވައްތަރު ވައްތަރުގެ މަޝްވަރާ ކުރެއެވެ.

މީހަކާއިނުމަށްވެސް އޭނާ މަޖުބޫރު ކުރުވިއެވެ. އެންމެފަހުން މި މަޝްވަރާތަކުގެ ސިހުރުގައި އޭނާ ރަނގަޅަށް ޖެހިއްޖެއެވެ.... ޖަލާލީ ތުރުތުރު އަޅައިގަތެވެ. އެއްގޮތަކަށްވެސް ހާސްކަން ކުޑަވާގޮތެއް ނުވިއެވެ. މިއަދު ފައުޒިއްޔާގެ ފޯނެއް އަންނާނެއެވެ. ކޮންމެ ދުވަހަކުވެސް އޭނާ ފޯނުކުރެއެވެ. ކާވެންޏާބެހޭ ވާހަކަތައް އޭނާއަށް ކިޔާދެއެވެ. އަންހެން ކުއްޖާއާއި އޭނާގެ މައިންބަފައިންގެ މާލީ ޙައިޘިއްޔަތާބެހޭ ހުރިހާ ތަފްޞީލެއް ކިޔާދިނެވެ.

މިއަދަކީ އެންމެފަހުގެ ނިންމުން އަންގާނެ ދުވަހެވެ.

ރޭގައި ފައުޒިއްޔާ ފޯނުކުރިއެވެ.

[އިރާދަ ކުރެއްވިއްޔާ މިކާވެނި ވާނެއެވެ.] މިއީ ފައުޒިއްޔާގެ އަޑެވެ.

މިވާހަކައާމެދު ޖަލާލީއަށް ހިތްހަމަނުޖެހުމެއް އިޙްސާސް ކުރެވުނެވެ. [ފައުޒިއްޔާ އެމީހުންނަށް ހުރިހާ ވާހަކައެއް ކިޔާދިނީ ހެއްޔެވެ؟]

[އާއެކެވެ..... ޖަލާލީއެވެ. އެއްގޮތަކަށްވެސް ފިކުރު ނުކުރާށެވެ.]

[އަހަރެންގެ ހުރިހާ އުނިކަމެއް ކިޔާދިނީ ދޯއެވެ.]

[ހުރިހާ ވާހަކައެއް ކިޔާދީފީމެވެ.....]

[އެކަމަކުވެސް އެމީހުން ޤަބޫލުވެއްޖެ ހެއްޔެވެ؟]

[ޖަލާލީއެވެ. ކޮންމެ ކަމެއްގައިވެސް ޙައްދެއް އޮންނާނެއެވެ. ކަލާނގެ ރަސްކަންފުޅަށްޓަކައި ތިޔަ ވަހުމުތައް ހިތުން ފޮހެލާށެވެ. އަމިއްލަ އުނި ކަންތައްތަކުގެ މަތިން ހަނދާން ނައްތާލާށެވެ..... އަންހެން ކުއްޖާވެސް ރުހިއްޖެއެވެ. ޢާއިލާއަކީ ވަރަށް ރަނގަޅު ޢާއިލާއެކެވެ. އަމިއްލަ ޙާލަތު ވަރަށް ރަނގަޅަށް ވަޒަންކުރަން ދަންނަ ބައެކެވެ. އެހެންކަމުން އެގޭގެ އެންމެންވެސް ރުހޭކަން ފާޅުކޮށްފިއެވެ.]

[ހަމަ ރަނގަޅަށް ހެއްޔެވެ.]

[އާނއެކެވެ.] ފައުޒިއްޔާ ހީނގަތެވެ. [ނާޖިޔާ ހިތުން ރުހުމުން މިކާވެންޏާ ޤަބޫލުކަން ފާޅުކުރެއެވެ. މުޅިން ހަމަޖެހިއްޖެއެވެ.]

[އަހަނަންނަކަށް ޔަޤީނެއް ނުކުރެވުނެވެ. ފައުޒިއްޔާ އަހަރެންގެ ފޮޓޯއެއް ގެންދިޔައިން ހެއްޔެވެ. އެހާ ފަސޭހައިން އެއަންހެން ކުއްޖާ ޤަބޫލުވީ ކިހިނެއް ހެއްޔެވެ؟]

[ތިޔަ ހުރިހާކަމެއް ބަލަން ނޫޅޭށެވެ. ގާތްގަނޑަކަށް ހުރިހާކަމެއް މުޅިން ނިމިއްޖެއެވެ. މާދަމާ އަހަރެން ފޯނު ކުރާނަމެވެ. އޭނާ ގެއްދިއުމުގެ ކަންތަކާ ކާވެނީގެ ކަންތައް ހަމަޖައްސަންވީއެވެ.]

[އެންމެ ރަނގަޅެވެ.]

[ކާވެނީގެ ރަނާ ބެހޭގޮތުން އަހަރެން އިއްޔެ ސުވާލު ކުރީމެއްނޫން ހެއްޔެވެ؟]

[ފައުޒިއްޔާއަށް ފެންނަގޮތަކަށް ނިންމާށެވެ. އިތުރަށް ފައިސާ ބޭނުންކަމުގައި ވަންޏާ އެކަންވެސް ހަމަޖެހޭނެއެވެ.]

[އަހަންނަށް ހީވާގޮތުގައި ކާވެނީގެ ރަނަކަށް ފަންސާސްހާސް ރަނގަޅު ވާނެއެވެ. އެވަރު އަންހެން ކުއްޖާގެ ނަމުގައި ބޭންކަށް ޖަމާކުރާނީއެވެ.]

ފެންނަ ގޮތަކަށް ހަދާށެވެ. އެއްލައަކް ކަމުގައި ވިޔަސް ރަނގަޅު ވާނެއެވެ.

ފައުޒިއްޔާގެ ހުނުމުގެ އަޑިއުވުމުން އޭނާ ބުންޏެވެ... [އަހަރެންގެ ޚިޔާލުގައި ތިޔަވަރު މަދެވެ. އަހަރެން ކަހަލަ މީހަކު ޤަބޫލުކުރުމުގެ އަގު ތިޔައަށްވުރެ މާބޮޑުވާން ޖެހޭނެއެވެ.]

[ޖަލާލީގެ ނަސީބު ވަރަށް ރަނގަޅެވެ. އަދި އިރާދަކުރެއްވިއްޔާ މިއަށްވުރެވެސް ރަނގަޅުވާނެއެވެ. މި އަންހެން ކުއްޖާ ލިބުނީ އިއްތިފާޤުންނެވެ. އެގޭގެ މާލީ ޙާލަތު މާކަރަނގަޅެއް ނޫނެވެ. އަނެއްކޮޅުން ބަލާއިރު އަންހެން ކުއްޖާއާމެދު ވިސްނުމަކީ އިތުރަށް ލިބިފައިވާ ހާސްކަމެކެވެ. އެންމެ އަންހެން ކުއްޖެއްވެސް ނޫނެވެ. ހަ އަންހެން ކުދިންނެވެ. ތަފްޞީލު މިހާރު އޮންނާނީ ކިޔާދެވިފެއެވެ. ދެވަނަ ތިންވަނަ ކުއްޖާވެސް ބޮޑުވެއްޖެއެވެ. މިކާވެނި ކުރެވިއްޖެއްޔާ ދެންތިބި ކުދިންގެ ނަސީބުވެސް ރަނގަޅު ވެދާނެތޯ އެމީހުން ވިސްނަން ޖެހެއެވެ.]

[އާއެކެވެ. އެހެންވިއްޔާ ނާޖިޔާ ތިޔަވަނީ ޤުރްބާނީއެއްތާއެވެ.] ޖަލާލީ ހީނލާފައި ބުންޏެވެ.

[ނޫނެކެވެ. އެއްވެސް މަޖްބޫރުކަމެއް ނެތެވެ. ހުރިހާ ވާހަކައެއް ސާފުކޮށް އޭނާއަށް އެނގިއްޖެއެވެ. ޖަލާލީއެވެ. މިތާނގައި އަންހެން ކުދިންގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ. އާދަކާދައިގެ ކަންތައް ވަރަށްބޮޑެވެ. ޣަރީބުން ދޫކޮށްލާފައި މެދުފަންތީގެ މީހުންނަށްވެސް ކާވެއްޏެއް ކުރުވަން ވެއްޖެއްޔާ އެކަން އޮންނަނީ ޢަޒާބަކަށް ވެފައެވެ......] ދެމީހުން އިރުކޮޅަކު ފޯނުން ވާހަކަ ދެއްކިއެވެ. ދެން ފޯނު ބާއްވައިފިއެވެ.

މިއަދު.........

މިއަދު ޖަލާލީ ފައުޒިއްޔާގެ ފޯނަށް އިންތިޒާރު ކުރަމުން މިގެންދަނީ ނުލާހިކު ކެތްތެރިކަން މަދު ޙާލަތެއްގައެވެ. އޭނާ ހިތްހަމަ ޖައްސަން އުޅުނު ވަރަކަށް ހާސްކަން އިތުރުވަމުން ދިޔައެވެ. އެއްވެސް އަންހެން ކުއްޖަކު އޭނާ ޤަބޫލުކޮށްފާނޭ ކަމަކަށް ފަހަރެއްގައިވެސް ޤަބޫލެއް ނުކުރެވެއެވެ.

ރޭ ހަތަރުދަމުވެސް އޭނާ މި މައްސަލާގައި ވިސްނަނީއެވެ. ތެދުވެގެން އައިސް ލޯގަނޑު ކުރިމައްޗަށް ހުއްޓި އަމިއްލަ ސިފަ ބެލިއެވެ. ފައުޒިއްޔާގެ ވާހަކަތައް އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރެވެއެވެ.

އެއްފަހަރު މިގޮތަށް ލޯގަނޑުން ބަލަން ފެށުމުން ލޮލުން ކަރުނަވެސްއައެވެ. އެފަކީރު ފިސާރި ހިތްދަތި ކަމާއެކު ކަލާނގެ ޙަޟްރަތުގައި ޝަކްވާ ދެންނެވިއެވެ...... މުޅި ދުނިޔޭގައިވާ ބިރުވެރިކަމާ ހުތުރު ސިފައެއް އަޅުގަނޑުގެ ކިބައިގައި ލެއްވެވީ ކީއްވެގެންތޯއެވެ. އަދި ސިފަ އެހާ ހުތުރުވީއިރު ސިކުނޑި ރީތި ކުރެއްވީ ކީއްވެގެންތޯއެވެ.

ބައެއް ފަހަރު އޭނާގެ ހިތަށް އަރައެވެ.

[ސިފަހުތުރެއްކަމަކު ވާނީކީއްހެއްޔެވެ. މަދީ ކޮން އެއްޗެއް ހެއްޔެވެ. ފައުޒިއްޔާ އެބުނީ ތެދެކެވެ. ބަލަންވީ ހަމައެކަނި މީހާގެ ސިފައަކަށް ނޫނެވެ. އެހެން ކިތަންމެ ކަމަކަށްވެސް ބަލަން ޖެހެއެވެ. ޤަބޫލު ކުރަމެވެ. އަހަންނަކީ ހުތުރު މީހެކެވެ. އެކަމަކު ހިތެއް ހުތުރެއް ނުވާނެއެވެ. އަހަންނަކީ އިންސާނުންނަށް ޤަދަރުކުރާ މީހަކީމެވެ. އަހަންނަކީ ރީތިކަމަށް ދަޢުވާކުރާ މީހަކީމެވެ. އަހަރެން ކަންބޮޑުވެގެންގޮސް އަމިއްލައަށް މަރުވުމުގެ ޚިޔާލެއް ނުކުރަމެވެ. އެތައް އަނިޔާއެއް ލިބެމުން ދާއިރުވެސް ދުނިޔެ ދެކެ އަހަރެން ލޯބިވެއެވެ. މިހާރު ލިބުނީ ކޮން އެއްޗެއް ހެއްޔެވެ. އަހަރެން ގެނބެނީއެވެ. އަހަރެން ހިތްވަރު އާކުރަންވީއެވެ. އަހަރެން ޖަޔާއަށް ލޯބިދޭނަމެވެ. އަހަރެންގެ ހުތުރު ސިފަ ލޯބީގެ ރީތިކަމުގެ ދަށުގައިވެ ފޮރުވިގެންދާ ވަރަށް އަހަރެން އޭނާއަށް ލޯބިދޭނަމެވެ.]

މިފަދަ ވިސްނުންތައް އޭނާއަށް އެހީތެރި ވެދީފައިވެއެވެ. އޭނާ އަމިއްލަ ހިތް އިމްތިޙާނު ކުރިއެވެ. މިހާރުއްސުރެން ފެށިގެން އޭނާގެ ހިތުގައި ޖަޔާގެ ލޯބި މޯޅިއަށް ދެމެންފަށައިފިއެވެ. އޭނާގެ އެކި ނާރު ވަކިވަކިން އިންތިޒާރު ކުރަމުން ދާކަމުގައި އިޙްސާސް ކުރެވުނެވެ. ހިތުގައި އަދަމުންދާ ޒަމާންވީ އުންމީދުތައް ފުރިހަމަވުމުގެ ވަގުތު އަތުވެއްޖެއެވެ.

އޭނާއަކީ ހަމަ އިންސާނެކެވެ. ކަށްޓާއި މަހުން ހައްދަވާފައިވާ އިންސާނެކެވެ. އޭނާގެ މޭގައިވެސް ވިންދުޖަހާ ހިތެއް އޮވެއެވެ. ޖަޒުބާތުތައް އުފެދެއެވެ. އުންމީދުތަކުގެ ރާޅުބާނީ އުފެދެއެވެ. އޭނާއަކީ ފުރިހަމަ ފިރިހެންވަންތަކަން ހުރި ފިރިހެނެކެވެ.

އެކަމަކު..........

ފައުޒިއްޔާގެ ފޯނުގެ ވަގުތު ކައިރިވަމުން އައިވަރަކަށް އޭނާގެ ހާސްކަން އިތުރުވަމުން ދިޔައެވެ. އަޖައިބެއްފަދަ ކަމެކެވެ...... ފޯނު ރަނގަބީލު ވެއްޖެއެވެ.

ރިސީވަރު އުފުލުމާއެކު އޭނާގެ ހިތް ތުރުތުރު އަޅައިގަތެވެ.

އެކަމަކު މިއީ ފައުޒިއްޔާގެ ފޯނެއް ނޫނެވެ. ވަހަކަ ދައްކަނީ ތާބުޝްއެވެ.

[މައްސަލަ ނިމިއްޖެ ހެއްޔެވެ؟ ޚަބަރު ކިހިނެއް ހެއްޔެވެ؟]

[މިއިންނަނީ ފައުޒިއްޔާގެ ފޯނުގެ އިންތިޒާރުގައެވެ.]

[މިހާރު ޖަޒްބާތުގައި ޖެހުނީތާއެވެ.] ތާބުޝް ހިނިތުންވެލާފައި ބުންޏެވެ.

[މިވަނީ ކިހިނެއްކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ.] ޖަލާލީ ފުން ނޭވާއެއްލާފައި ބުންޏެވެ.

[ވިސްނިދާނެއެވެ. ބޭގަމް ސާހިބާ އަޔަދޭށެވެ. އޭގެ ފަހުގައި ކަންވާގޮތް ދެކެން ހުންނާށެވެ.]

މިގޮތަށް ތާބުޝް އިރުކޮޅެއް ވަންދެން ޖަލާލީއާ ސަމާސާ ކުރިއެވެ. ދެން ޚަބަރެއް ލިބުނުހާ އަވަހަކަށް އަންގާށޭ ބުނެފައި ފޯނު ބާއްވައިފިއެވެ.

ގިނައިރެއްނުވެ އަނެއްކާވެސް ފޯނުގެ ރަނގަބީލުވާން ފަށައިފިއެވެ. މިފަހަރު ޝަވާލީއެވެ.

ޖަލާލީގެ ހާސްކަން އިތުރުވަމުން ދިޔައެވެ.

އަނެއްކާވެސް ފޯނުގެ ރަނގަބީލުވާން ފަށައިފިއެވެ. ހަމަ ޔަޤީނުންވެސް އޭރު ގަޑިން ހަތެއްޖަހާ ތިންމިނިޓް ހިނގީއެވެ. އެއީ ފައުޒިއްޔާގެ ފޯނެކެވެ. ޖަލާލީގެ ހިތް ތެޅިގަތެވެ.

[ހަލޯ............]

[ޚަބަރު ކިހިނެއް ހެއްޔެވެ؟]

[ވަރަށް ރަނގަޅެވެ. އުފާވެރިކަން ހުއްޓެވެ.] ފައުޒިއްޔާ ބުންޏެވެ.

[ކީކޭ ހެއްޔެވެ؟]

[އަހަރެންގެ މަސައްކަތް ކާމިޔާބު ވެއްޖެއެވެ. ކާވެނީގެ ކަންތައް މުޅިން ނިމިއްޖެއެވެ. ކަލާނގެ ކިބަފުޅަށް ޝުކުރު ހުއްޓެވެ.]

ޖަލާލީއަށް ޝުކުރިއްޔާއޭވެސް ނުބުނެވުނެެވެ. އޭނާ ހުރީ އަޖައިބެއް ފަދަ ޙާލަތެއްގައެވެ.

ފައުޒިއްޔާ ހުރިހާ ތަފްޞީލެއް ފޯނުން އޭނާއަށް ކިޔާދިނެވެ. ކާވެނީގެ ތާރީޚާ ވަގުތު އޮޅުންފިލުވާ ދިނެވެ. މުހިންމު ކަންތައްތަކުގެ ވާހަކަ ބުނެދިނެވެ.

[ޖަޔާގެ ޕާސްޕޯޓް ވަރަށް އަވަހަށް ނިމިދާނެއެވެ. ނިމުމާއެކު ނަންބަރު ފޮނުވާނަމެވެ. ތިޔަކޮޅުން ވިސާގެ ކަންތައް ހަމަޖައްސާށެވެ......... އޭރުން ނިމުނީއެވެ.]

ޖަލާލީ ސިހުރުވެރިއެއްގެ ސިހުރުގައި ޖެހިފައިވާ ކަހަލައެވެ. ފައުޒިއްޔާ ބުނި ކޮންމެ އެއްޗަކަށް އާނހޫނ ކިޔާލަ ކިޔާލާ ހުރީއެވެ....... ފައުޒިއްޔާ ފޯނު ބޭއްވުމުގެ ކުރީގައި ބުންޏެވެ.

ޖަޔާގެ ފޮޓޯތަކެއް ޕޯސްޓް ކޮށްފީމެވެ. ބުނެފިއްޔާ ކޮންމެވެސް ދުވަހަކުން ފޯނުންވާހަކަވެސް ދައްކުވާފާނަމެވެ.]

[ކީ........ ކީކޭ ހެއްޔެވެ؟]

ފައުޒިއްޔާ ހީގަތެވެ. ދެން ބުންޏެވެ. [ޖަލާލީއެވެ. ދެންވެސް އަމިއްލަ ހާލި އާބަދު ކުރެވޭތޯ ބަލާށެވެ.]

[އާއެކެވެ. ވަރަށް ރަނގަޅެވެ.] ޖަލާލީ މެޝިނަކުން އަޑު އަންނަ ކަހަލަ ގޮތަކަށް ބުންޏެވެ.

އިރުކޮޅެއް ވަންދެން ދެކޮޅުން ވާހަކަ ދެކެވުނެވެ. ފައުޒިއްޔާ ފައިސާގެ ތަފްޞީލް ކިޔާދޭން އުޅުމުން ބުންޏެވެ. [ފައުޒިއްޔާއެވެ. އަހަރެންގެ ގާތު އެހުމުގެ ބޭނުމެއްނެތެވެ. ފެންނަގޮތަކަށް ޚަރަދުކުރާށެވެ. ހުރިހާ ޝައުޤެއް ފުރިހަމަކުރާށެވެ. އޭނާ ބޭނުން ކޮންމެކަމެއް ކޮށްދޭށެވެ.]

[ޝުކުރިއްޔާއެވެ.]

ފޯނު ކަނޑާލުމަށްފަހު ހިނދުކޮޅެއް ވަންދެން ޖަލާލީ ރިސީވަރު ހިފަހައްޓައިގެން ހުއްޓެވެ. ދެން މަޑުމަޑުން ބާއްވައިފިއެވެ. މިހާރުވެސް އޭނާ ހުރީ އަޖައިބެއްފަދަ ޙާލަތެއްގައެވެ. އުފާވެފައެވެ. ނުވަތަ ފިކުރު ބޮޑުވެފައެވެ. ވާގޮތެއް ޚުދް އޭނާއަކަށްވެސް ނޭގެއެވެ.

މިސިޒް ހެރަލްޑް ބަދިގޭގައި އުޅެއެވެ. އޭނާވެސް ހުރީ ފައުޒިއްޔާގެ ފޯނުގެ އިންތިޒާރުގައެވެ. ޖަލާލީ ފޯނުން ވާހަކަދެއްކީ އުރުދޫ ބަހުންނެވެ. އެހެންކަމުން މިނިމެމުންދަނީ ކޮންކަމެއްކަން އޭނާއަކަށް ނޭގުނެވެ. ޖަލާލީ ފޯނު ބާއްވާފައި ގޮނޑީގައި އިށީނުމުން އޭނާ ކޮޓަރިއަށް ވަދެއްޖެއެވެ.

[މިސްޓަރ ޖަލާލީއެވެ.]

[ކީކޭ ހެއްޔެވެ؟]

[ޚަބަރު ކިހިނެއްތޯއެވެ؟]

[ކާކުގެ ޚަބަރެއް ހެއްޔެވެ؟]

[ފައުޒިއްޔާ ރަފީޤުގެ ޚަބަރެވެ.]

ޖަލާލީ ގޮނޑީގެ އަތްގަނޑުގައި އަތުން ޖަހައިފިއެވެ. އަދި ކޮޅަށް ތެދުވަމުން ބުންޏެވެ.

[މިސިޓް ހެރަލްޑެވެ. އަހަންނަކަށް އެކައްޗެއްވެސް ނުވިސްނުނެވެ. އެންމެން އެއްބަސްވެގެން ގަދަކަމުން ކާވެންޏެއް ކުރަން ނިންމައިފިއެވެ.]

[އަސްތާއެވެ....... ވަރަށް ރަނގަޅެވެ.] މިސިޒް ހެރަލްޑް އުފަލުން އަތްތިލަބަޑި ތަޅައިގަތެވެ. ދެންވަރަށް ލޯތްބާއެކު ޖަލާލީއަށް މުބާރިކްބާދު ކިޔަން ފަށައިފިއެވެ.

**********************

[މުޝްތާޤު ޖަލާލީއެވެ. ޖަލާލީއަކީ ރަޙްމަތުގެ މަލާއިކަތެކޭ ބުނުމަކުން އެބުނެވުނީ ކުށްބަހަކަށް ނުވާނެއެވެ. ކަލާއަކީ ކޮންފަދަ މީހެއްކަމުގައި ވިޔަސް އަޅުގަނޑުގެ ހިތުގެ އަޑިން ތިޔަ އިޙްސާންތެރިކަން ޤަބޫލުކުރާނަމެވެ. ކަލާ އަޅުގަނޑުގެ މުޅިޢާއިލާއަށް އުފާވެރިކަން ދެއްވައިފީމުއެވެ. މުޅިގޭގެ ފަޟާ ކިލަނބުކުރަމުން އައި މާޔޫސްކަމާއި ނާއުއްމީދުތައް ފިލާ ހިނގައްޖެއެވެ. އަޅުގަނޑުގެ އުފަލާމެދު ކަންބޮޑުވެފައިތިބި މައިންބަފައިންގެ މޫނު އުފާވެރިކަމުން ވިދާ ބަބުޅަން ފަށައިފިއެވެ. ހީވަނީ ގޭގެފަޟާވެސް ހެނީހެންނެވެ. މިއީ ހައްތާވެސް ކަލާނގެ އިޙްސާންތެރިކަމެވެ. އެންމެބޮޑު އިޙްސާންތެރި ކަމަކީ އަޅުގަނޑުގެ ބޮޑުބޭބެ ދެމަފިރިންގެ ކުރިމަތީގައި އަޅުގަނޑުގެ ޤަރަދުއުފުލުމެވެ. މިހާރު އެމީހުންނަށް އިސްއުފުލާލާފައި، އަޅުގަނޑާ ދިމާއަށް ބެލުން މަޖްބޫރު ވެއްޖެއެވެ. އެމީހުން އަޅުގަނޑު ދޫކޮށްލީ ކަނޑައެޅިގެން ފަޤީރު ނިކަމެއްޗަކަށް ވާތީއެވެ. ޖަލާލީއެވެ! އެކަމަކު އެމީހުން ޙައިރާންވެގެން ތެޅިފޮޅޭވަރަށް ކަލާ އަޅުގަނޑުގެ ފައިދޮށުގައި މުދާތައް ފުނިފުންޏަށް ޖައްސަވައިފީމުއެވެ. އެމީހުން މިހާރު ތިބީ ހާސްވެފައެވެ..... އަދި ...... ނަވީދު ...........]

ޖަޔާ މޫނުބަލާ ލޯގަނޑު ކައިރީގައި ހުރެގެން ހިތާހިތުން ވާހަކަ ދައްކަމުން ދިޔައެވެ. މިހާރު އޭނާގެ ކާވެނީގެ ކަންތައްތައް ފިސާރި ފޯރިއާއެކު ހިނގަމުން ދަނީއެވެ. ފައުޒިއްޔާއާއި ސޯފިޔާ ކޮންމެ ދުވަހަކުވެސް އާދެއެވެ. އަދި އޭނާއާއި ތާނިޔާ ގޮވައިގެން ބާޒާރަށް ދެއެވެ. ކޮންމެ ދުވަހަކު ގަންނަ ބައިވަރުގަނޑު ފެނިފައި ހިސާބުގަނޑުގެ މީހުން ޙައިރާންވަމުން ދިޔައެވެ. ޖަޔާގެ ވާހަކަ ދޫދޫމަތީގައި ދެކެވެން ފަށައިފިއެވެ. ޖަޔާއަށް ނަސީބު ލައްވައިފިކަމުގެ ވާހަކައެވެ. ގޭގެ އެންމެން ތިބެނީ އުފަލުންގޮސް ގޮތްހުސްވެފައެވެ........... ތާއަބަދު އިވެނީ ހުނުމުގެ އަޑެވެ. ރޭގަނޑުގެ އެތައްދަމެއް ވަންދެން ވާހަކަ މަޖަލުގައި ހޭލާ ތިއްބެވެ. ބައްޕަވެސް ހުންނަނީ ވަރަށް އުފާވެފައެވެ.

[އިއްޔެ މީހަކު އަހަންނާ ސުވާލުކުރިއެވެ.]

[މިއަދުވެސް އަހަރެން ގާތުގައި މީހަކު އެހިއެވެ.]

[ކަރުގިލައިގެ ވާހަކަ ވަރަށް މައްޗަށް ހިނގައްޖެއެވެ.]

[ޖަޔާގެ އެމެރިކާގެ ގޭގެ މީހުން ބާޒާރުކުރާ ވާހަކައެވެ.]

[ޖަޔާގެ ނަސީބާމެދު މީހުންގެ މެދުގައި މިހާއަވަހަށް ވާހަކަ ދެކެވެން ފަށާފާނެ ކަމަކަށް އަހަރެން ފަހަރެއްގައިވެސް ހިއެއް ނުކުރަމެވެ........ މީހުންގެ ގާތުގައި މާގަދައަށް މިވާހަކަ ނުދައްކާށެވެ. އެސްފީނާ ޖެހިދާނެއެވެ.]

ރިޔާޒް އަޙްމަދު މިވާހަކަތައް ޙާމިދާ ގާތުގައި ދައްކަމުން ދާއިރު އޭނާގެ ލޮލުންނާ ތުންފަތުން ހިނިތުންވުން ފާޅުވެގެން ދެއެވެ. މިކުޑަ ދުވަސްކޮޅުގެ ތެރޭގައި އޭނާގެ ގައިގެ ކުލައަށްވެސް ބަދަލު އަތުވެއްޖެއެވެ. މޫނު ދޮންވެއްޖެއެވެ. ޢުމުރުވެސް ހަގުވެއްޖެ ކަމުގައި ހީކުރެވެއެވެ.

ހުރިހާ ކުދިންވެސް ތިބީ ވަރަށް އުފާވެފައެވެ. ރައިޙާނު މިހާރުއްސުރެ ބޭރަށް ދިއުމުގެ ޕްރޮގްރާމް ތައްޔާރުކުރަން ފަށައިފިއެވެ. އޭނާ ހީނހީނފައި ބުނެއެވެ.

[ޖަޔާއެވެ. އެމެރިކާއަށް ނޫނަސް އެންމެ ރަނގަޅެވެ. އިންގްލެންޑާ ހަމައަށް ފޮނުވާދެނިކޮށް އެންމެ ރަނގަޅެވެ. އެތާގައިވެސް ޖަލާލީގެ ވިޔަފާރި ހިނގާކަމުގެ ޚަބަރު ލިބެއެވެ. އަހަންނަށް މެނޭޖަރެއްގެ ވަޒީފާ ހޯދާ ދެއްޗެވެ.]

[ޖަޔާއެވެ. އަހަރެން ޑުބާއީއަށް ފޮނުވާދޭން ވާނެއެވެ........] އަމްޖަދު ބުނެއެވެ. [މިއީ ޖަޔާއަށް މާކަ އުނދަގޫ ކަމަކަށް ނުވާނެއެވެ. އޭރުން އަހަރެމެންނަށްވެސް ދިރިއުޅުން ފެނިދާނެއެވެ.]

އެއީ ސަމާސާއެއް ކަމުގައި ޖަޔާ ނުދެކެއެވެ. އޭނާ ހިތާހިތުން ދެބޭބެއިންނަން ވަޒީފާ ހޯދާދޭން ނިންމައިފިއެވެ. އޭރުން ގޭގެ ޙާލަތު ހަމައަކަށް އެޅިދާނެއެވެ. އޭނާ ހަގަށްތިބި އަންހެން ކުދިންނާބެހޭ ގޮތުންވެސް ވިސްނިއެވެ. ޖަލާލީއާ ގާތްމީހުންގެ ތެރޭގައި އެކުދިންނާ ގުޅޭ މީހުންވެސް އުޅޭނެ ކަންނޭގެއެވެ. އެހެން ވެއްޖެނަމަ އެކުދިންގެ ކާވެންޏާ ބެހޭގޮތުން އޭނާ މަސައްކަތް ކުރާނެއެވެ. ޖަޔާއަކީ މިހާރު ކުޑަކުއްޖެއްނޫނެވެ. ގެއަށް އަންނަން އުޅޭ އުފާވެރި އިންޤިލާބު އޭނާއަށް ފެނެއެވެ. އިޙްސާސް ކުރެވެއެވެ. އަދި މިއީ ހައްތާވެސް ޖަލާލީގެ ސަބަބުން ވަމުންދާ ކަންތައްތަކެއްކަން އޭނާއަށް އެނގެއެވެ.

ނަވީދަކީ އޭނާގެ ކުޑައިރުގެ އެކުވެރިޔާއެވެ. އޭނާއާ ވަކިވުމުން ހިތަށް ދަތިކަމެއް ލިބުނުކަމީ ޝައްކެއްހުރި ކަމެއްނޫނެވެ...... އެހެން ނަމަވެސް މިކަން އޮންނަނީ ހަމައެކަނި އޭނާގެ ހިތުގައެވެ. މިގޮތުގައި މާގިނަ ދުވަސްތަކެއް ދިޔަނަމަ މިހިތާމަ އަބަދުގެ އަބަދަށް އޭނާގެ ހިތުގައި އާލާވީސް ކަންނޭގެއެވެ. އެކަމަކު މިހާރު އޭނާ ދެކެ ނަފްރަތުވެސް ކުރެވެން ފަށައިފިއެވެ....... ކުޑަދުވަސްކޮޅެއްގެ ޙާދިސާއެކެވެ.

އޭނާ އެއްދުވަހު ބޮޑުދައިތަގެ ގެއަށް ދިޔައެވެ.

ނަވީދުވެސް ހިނގައްޖެއެވެ.

[ޖަޔާއެވެ..........]

[ކީކޭ ހެއްޔެވެ؟]

[ތިހިރީ ކިހިނެއްވެފާ ހެއްޔެވެ؟]

[އެއްވެސް ކަމެއް ނުވެއެވެ.]

[ހީވަނީ ކަމަކާ މާބޮޑަށް ހާސްވެފައި ހުންނަ ހެންނެވެ.] އޭނާ ހީނލާފައި ބުންޏެވެ.

ޖަޔާ ފުން ނަޒަރަކުން ބަލާލިއެވެ. ދެން ތެދުވެގެން އެތެރެއަށްގޮސް ބޮޑުދައިތަ ކައިރީގައި އިށީދެއްޖެއެވެ. ނަވީދުވެސް އޭނާގެފަހަތުން އަތުވެއްޖެއެވެ. އެކިއެކި ވާހަކަދެކެވެން ފަށައިފިއެވެ. އެންމެފަހުން ނާދިރާގެ ފައިސާވެރިކަމުގެ މައްޗަށް ވާހަކަ ދެކެވެން ފަށައިފިއެވެ. ޢުޘްމާނާއި ޘަމީނާވެސް ތިއްބެވެ.

[ނަވީދަށް ދުނިޔެ ފެނިއްޖެއެވެ.] ބޮޑުދައިތަގެ ދަރިފުޅު ޢުޘްމާނު ހީނލާފައި ބުންޏެވެ. [އަނގޮޓި ދައްކާލަ ބަލާށެވެ.]

ނަވީދު ޢުޘްމާނަށްވުރެ ބޮޑަށް ނާޖިޔާއަށް ފެންނަގޮތަށް ދައްކާލަމުން ބުންޏެވެ. [ރަނގަޅެވެ. ބަލާށެވެ. ވަރަށް އަގުބޮޑު އަނގޮޓިއެކެވެ.]

[ނާދިރާއަކީ އެކަނިހުރި ދަރިއެކެވެ.] ބޮޑުދައިތަ ލޯތްބާއެކު ބުންޏެވެ. [ހުރިހާކަމެއް ހުރީ ނަވީދަށް ނޫން ހެއްޔެވެ؟]

[ތިޔޮތީ ހުރިހާކަމެއް ނިމިފައި ނޫން ހެއްޔެވެ؟] ޘަމީނާ ބުންޏެވެ.

ނަވީދު ހިތްހަލާކު ކުރުވާފަދަ ގޮތަކަށް ޖަޔާއާ ދިމާއަށް ބަލަހައްޓައިގެން އިނދެ ހެމުން ގެންދިޔައެވެ. އެއާއެކު ޖަޔާ ވިސްނަމުން ދިޔައެވެ. ޙަޤީޤަތުގައިވެސް ފައިސާގެ ތަނަވަސްކަން ލިބުމުން އޭނާ އެހާބޮޑަށް އުފާވޭބާވައެވެ.

ދެން.............

އަނެއްކާވެސް އެހެން ދުވަހެކެވެ.

ޖަޔާއާއި މާނޫ ބާޒާރަށް ދިޔައެވެ. މާނޫގެ ބޭނުމަކީ ފޮތިގަނޑެއް ގަތުމެވެ. ދެމީހުން ވާތްފަރާތުގައި ހުރި ފިހާރައަށް ވަދެއްޖެއެވެ. ފިހާރައިގައި ފުދޭވަރަކަށް މީހުން ތިއްބެވެ. ތަފާތު ކައުންޓަރުތައް ހުއްޓެވެ. އެއްޗެހި ގަންނަން އައިސްތިބި މީހުން ކައުންޓަރުތައް ވަށާލާފައިވެއެވެ.

ޖެހިގެންހުރި ކައުންޓަރުގައި ވިއްކަންހުރީ ބަނާރަސީ ސާޅީއެވެ. ހަސީނާއާއި ރުޤިއްޔާ އަދި ނަވީދު އެތާނގައި ސާޅީތައް ބަލަން ތިއްބެވެ.

ނަވީދަށް ފެނުމުގެ ކުރީގައި ފިހާރައިން ނުކުމުގެން ދިއުމަށް ޖަޔާގެ ހިތަށްއެރިއެވެ. އެކަމަކު އޭގެ ކުރީގައި ނަވީދު އޭނާ ދެކެފިއެވެ. އަދި ހަމަފެނުމާއެކު ބުންޏެވެ. [ޖަޔާއެވެ. އަންނާށެވެ. ކަލޭވެސް ޚިޔާލެއްދޭށެވެ. މިތަނުން އެންމެ ރީތީ ކޮންސާޅިއެއް ހެއްޔެވެ؟]

ޙަސީނާ ތުން އަނބުރާލިއެވެ.

ރުޤިއްޔާ ނިކްތުރިއަށް ރޫއަރުވާލިއެވެ.

އެކަމަކު.........

ނަވީދު ހުއްޓާނުލާ ކިޔަންފަށައިފިއެވެ. [ޖަޔާއެވެ. ނާދިރާއަށް ގަންނާނީ ކަލެއަށް ރީތިސާޅީއެކެވެ. ފެންވަރުމަތީ ސާޅީއެއް ނަގާށެވެ. އަގަކަށް ބަލާނެކަމެއް ނެތެވެ.]

ޖަޔާ ހިތާދެކޮޅަށް ކައުންޓަރު ކައިރިއަށް އަތުވެއްޖެއެވެ.

ޙަސީނާ ބައިވަރު ކިޔައިގަތެވެ. ]ޖަޔާ އެންމެ ގިނައިން ގަންނަނީ މިކަހަލަ ސާޅީވިއްޔާއެވެ. އޭނާއަށް އެނގެނީ ކޮންއެއްޗެއް ހެއްޔެވެ؟..........] ރުޤިއްޔާވެސް މަލާމަތުގެ ގޮތަކަށް ހީލިއެވެ.

[ޖަޔާއެވެ. އެނގިދާނެއެވެ. ޖަޔާއަށް ފެންނަ ސާޅީއެއް ނަގާބަލާށެވެ. އޭރުން ތަޖްރިބާވެސް ކުރެވިދާނެއެވެ.] ނަވީދު ސަމާސާ ކޮށްލިއެވެ.

[ޖަޔާގެ ލޯތެމިއްޖެއެވެ. ހިތުން އާހެއްނުކުތެވެ. އަދި ކަތިލެވިފައިވާ ހިތަކާއިގެން އަވަސް އަވަހަށް ފިހާރައިން ބޭރަށް ނުކުމެއްޖެއެވެ........... ނަވީދުގެ މިޒާޖާމެދު އޭނާ ރުޅިވެސް އަތުވެއްޖެއެވެ. އަމިއްލަ ނިކަމެތިކަމާ ފަޤީރުކަން ހިތަށް އަރާފައި ފުން އަސަރުތަކެއް ކުރިއެވެ.

އޭނާ ވިސްނަމުން ދިޔައެވެ.

ނަވީދު މިގޮތަށް އޭނާގެ ފަރާތުން ބަދަލު ހިފަނީ ހެއްޔެވެ. ނުވަތަ ޙަޤީޤަތުގައިވެސް އޭނާގެ ލޮލަށް ފައިސާގެ އަނދިރި އެޅުނީ ބާވައެވެ.

[ޖަލާލީއެވެ. ކޮންމެ ގޮތެއްވިޔަސް ވަރިހަމައެވެ.... މިހާރު އަޅުގަނޑުމެންނަކީ އެކަކު އަނެކެއްގެ މިލްކެކެވެ. ޖަޔާ ފޮޓޯގަނޑު ނަގައިފިއެވެ. [އަޅުގަނޑުމެން ބުއްދީގެ ވިޔަފާރި ކޮށްފީމުއެވެ. ހިތުގެ ވިޔަފާރި ޖަޒްބާތުގެ އޮއިވަރުގައި ބެހިގެންދެއެވެ. އަދި ބައެއް ފަހަރަށް އައްސޭރިއާ ކައިރިވެ ގެނބިވެސް ދެއެވެ.]

[ޖަޔާއެވެ...........] ތާނިޔާ ގޮވާލިއެވެ. ޖަޔާ އަވަސް އަވަހަށް ފޮޓޯގަނޑު ބާލީސް ދަށަށްލާ ފޮރުވައިފިއެވެ.

[ޖަޔާއެވެ..........] އަނެއްކާވެސް ތާނިޔާ ގޮވާލިއެވެ.

[ދައްތާއެވެ. ކިހިނެއްވީ ހެއްޔެވެ؟]

[ނުދާނަން ހެއްޔެވެ؟]

[އަނެއްކާ ކޮންތާކަށް ހެއްޔެވެ؟]

[ސޯފިޔާގެ ގެއަށެވެ.]

[ކީއްކުރަން ހެއްޔެވެ؟]

[އެގެއަށްގޮސްފައި ބާޒާރަށް ދާން އެބަޖެހެއެވެ. ނުގަނެވިހުރި އެއްޗެހި ގަންނަންވެސް އެބަޖެހެއެވެ. ގަހަނާވެސް ގަންނަން ޖެހޭނެއެވެ.]

ޖަޔާގެ ތުންފަތުގައި ހިނިތުންވުން ކުޅެލައިފިއެވެ. އެންމެފަހު ޖުމްލަ ތާނޫ ބުނީ ވަރަށް ބާރަށެވެ. ޖަޔާއަށް ވިސްނިއްޖެއެވެ. އެހާބާރަށް އެބުނީ ޖެހިގެންހުރި ބޮޑުބޭބެގެ ގެއަށް އިއްވަން ވެގެންނެވެ.

[މިދަނީއެވެ. ދައްތާއެވެ.............] ޖަޔާ އެނދުން ތެދުވެއްޖެއެވެ. އަނެއްކާވެސް ފޮޓޯގަނޑު ނަގައިފިއެވެ. އިޙްސާންތެރިކަމާއެކު ބަލާލިއެވެ. ދެން އެނދުގެ ބޯލާކޮޅުގައިހުރި އޭނާގެ ފޮއްޓަށް ލައިފިއެވެ. ކާވެނިކުރަން ހަމަޖެހުނީއްސުރެ ޖަޔާ އެކަނި އިނދެގެން މިފޮޓޯއާ ވާހަކަ ދައްކާ ހަދައެވެ. ގޭތެރޭގައި އުފާވެރިކަމުގެ ތުނި ވާރޭވެހެމުން ދިޔަވަރަކަށް ޖަޔާގެ ޖަޒްބާތުތައް ފޮޓޯއިން ފުރިހަމަވަމުން ދިޔައެވެ. އުފާވެރިކަން އިތުރުވަމުން ދިޔަވަރުން އެފޮޓޯގަނޑާމެދު ގޭގެ އެއްވެސް ފަރުދަކު ސުވާލެއް ނުކުރުއެވެ. އެއްވެސް ވާހަކައެއް ނުދައްކައެވެ. ފޮޓޯއާބެހޭގޮތުން ހަމައެކަނި ފައުޒިއްޔާ ތާނޫއާ ސުވާލުކުރިއެވެ. އެފޮޓޯގަނޑު ޖަހައިގަތީ ރަބޫއާއި ޘާނޫއެވެ. ޖަޔާގެ އަތަށް ދިނީ އެދެކުދިންނެވެ. އެއީ ޖަލާލީގެ ފޮޓޯއެއް ނޫންކަމެއް ޖަޔާއަކަށްވެސް ނޭނގެއެވެ.

[ޖަޔާއެވެ. އަވަސް ކުރާށެވެ. ލަސްވެދާނެއެވެ. އަދި ވަރަށް މުހިންމު ކަންތައްތައް ކުރަންވެފާ އެބައޮތެވެ.] ތާނިޔާ ގޭގެ ދޮރުމަތީގައި ހުރެގެން ބުންޏެވެ.

[ހަމަ މިހާރު މިދަނީއެވެ.] ޖަޔާ އަވަސްއަވަހަށް އިސްތަށިގަނޑު ރަނގަޅުކޮށްލިއެވެ. ކުޑަކޮށް މޭކަޕްކޮށްލިއެވެ. ހެދުން ހެޔޮވަރު ކޮށްލިއެވެ. އަދި ދަބަސް ހިފައިގެން ބޭރަށް ނުކުމެއްޖެއެވެ.

މަންމަ ގޯތިތެރޭގައި ހުރި ގޮނޑިއެއްގައި އިށީދެލައިގެން އިނެވެ. އޭނާ ވަރަށް ލޯތްބާއެކު ޖަޔާއަށް ބަލާލިއެވެ. އޭނާގެ ބެލުމުގައި ކިހާބޮޑު ޔަޤީންކަމެއް އެބަހުރި ހެއްޔެވެ. ޖަޔާ ވަރަށް އުފާވެއްޖެއެވެ. އޭނާ ދުނިޔެއަށް ހޭލައި ގަތީއްސުރެ މަންމަ މިހާވަރަށް އުފާވެފައި އިންތަނެއް ދުވަހަކުވެސް ނުދެކެއެވެ.

[ގަހަނާތައް ގެންނާނީ ވަރަށް ބޮޑަށް ފަރުވާތެރި ކަމާއެކު ވިސްނައި ގެންނެވެ.] އޭނާތާނިޔާ ގާތު ބުންޏެވެ.

[އަހަރެން ދާނީ ސޯފިޔާގެ ކާރުގައެވެ. އޭނާވެސް ދުރުވާނެއެވެ. މަންމަ ކަންބޮޑު ނުވާށެވެ.]

[އެންމެ ރަނގަޅެވެ. އަވަހަށް ދާށެވެ.]

ތާނިޔާ ބޮލާއެކު ދޯޕައްޓާ އަޅާލިއެވެ. ޖަޔާ ވަރަށް ރަނގަޅަށް ތާނިޔާއަށް ބަލާލިއެވެ. އޭނާ އެހުންނަނީ ކިހާ އުފާވެފައި ހެއްޔެވެ. ދުވެދުވެފައި މަސައްކަތް ކުރާއިރު ހީވަނީ އޭނާގެ ހިތާމަތައްވެސް ހަނދާން ނެތިފައިވާ ހެންނެވެ. ތާނޫ ދައްތައަށް ވަރަށް ގިނަކަންތައް ކޮށްދިނުމަށް ޖަޔާ ހިތާހިތުން އަޙްދު ވެއްޖެއެވެ. އެންމެ ކުޑަވެގެންވެސް ފައިސާއަށް ދަތިނުވާ ވަރަށް އެހީތެރިވާން އޭނާ ނިންމައިފިއެވެ.

ދެބޭން މަންމައަށް ސަލާންކޮށްފައި ބޭރަށް ނުކުމެއްޖެއެވެ.

އެމީހުން ސޯފިޔާގެ ގެއަށް ދިޔައިރު ފައުޒިއްޔާ ގަންނަންވާ ތަކެތި ލިސްޓަށް އިތުރުކުރަނީއެވެ. އަދި އެކަންތައް ތަކުން ނިމިގެން ހަތަރު މީހުން ކާރުގައި ބާޒާރާ ދިމާއަށް ދުއްވާލައިފިއެވެ.

[ފުރަތަމަ ގަހަނާ ހަދާމީހާ ކައިރައަށް ދިއުން ކިހިނެއް ހެއްޔެވެ؟] ފައުޒިއްޔާ އެހިއެވެ.

[ކުރިން ދާނީ ހެދުންތަކުގެ ޚަބަރު ބަލާށެވެ.] ސޯފިޔާ ބުންޏެވެ. ]ވަގުތަށް ތައްޔާރު ވެވޭނެ ބާވައޭ ހިތަށް އަރައެވެ.]

[ތައްޔާރު ވެވޭނެއެވެ.] ތާނިޔާ ބުންޏެވެ.

[ވަރަށް މޮޅަށް ހެދުން ތައްޔާރުކުރަން ވާނެއެވެ.] ސޯފިޔާ ބުންޏެވެ. [މާތްރަސްކަލާނގެ އެންމެހާ ނުބައި ބެލުންތަކުން ޖަޔާ ސަލާމަތް ކުރައްވާށިއެވެ. ހުރިހާ އެއްޗެއްވެސް އެހާރީއްޗެވެ. ގަހަނާ ސެޓްވެސް ވަރަށް މޮޅެވެ.]

[އޭގެ އަގުވެސް އެހާމޮޅެއް ނޫންތޯއެވެ.] ތާނިޔާ ހީނިލިއެވެ.

[ކޮއިފުޅާއެވެ. މިއީ އަދި އެކައްޗެއްވެސް ނޫނެވެ. ޖަޔާ އެތަނަށް ދިއުމުން ހުރިހާކަމެއް ފެނިދާނެއެވެ. އިވްނިންގޑްރެސް ދަންނަން ހެއްޔެވެ....... ހަމައެކަނި ......... ބުނެދޭނީ ކިހިނެއް ހެއްޔެވެ...... އިރާދަކުރެއްވިއްޔާ ފައިސާގެ އެއްވެސް ދަތިކަމެއް ނުޖެހޭނެއެވެ. ހިތަށް އެރި އެއްޗެއް ގަނެލެވޭނެއެވެ.] ފައުޒިއްޔާ ބުންޏެވެ. ދެން އިވްނިންގ ޑްރެސްއާ ބެހޭގޮތުން އޭނާއަށް ބުނެދޭން ފަށައިފިއެވެ.

[އެމެރިކާއަށް ގޮސްލާންވާނީ ސްކާރޓާއި ފަޓްލޫނު އަދި ޖީންސެވެ.] ސޯފިޔާ ހިނިތުންވަމުން ޖަޔާއަށް ބަލާލިއެވެ. [ދުވަސް ދުވަސްކޮޅުން އަހަރެމެންގެ ކައިރިއަށްވެސް އަންނަންވާނެއެވެ. ދެންވާނީ މެހްމާނަކަށެވެ.]

ޖަޔާގެ މޫނަށް ފިނިފެންމާ ކުލަ އަރައިފިއެވެ.

ވާހަކަ ދައްކަމުން ހަތަރު މީހުން ފަހާމީހާ ކައިރިއަށް ހިނގައްޖެއެވެ. ބަނާރަސީ ސާޅީގެ ތިންސާޅީ ތައްޔާރު ކޮށްފައި އޮތެވެ........ ބްލައުޒްވެސް ފަހައިފިއެވެ. ޕާއިޖާމާވެސް ތައްޔާރު ވެއްޖެއެވެ. އާދައިގެ ހެދުންކޮޅެއްވެސް ފަހާފައި ހުއްޓެވެ. އެކަމަކު ކާވެނި ހެދުން އަދިވެސް ނުނިމެއެވެ. ނިދާހެދުމާއި ކުރުތާ ނިމިފާވެއެވެ. ދޯޕައްޓާތަކުގެ މަސައްކަތްވެސް ނިމިއްޖެއެވެ.

އެމީހުން ނިމިފާހުރި ހެދުންތައް ހިފައިގެން ކާރަށް އަރައިފިއެވެ. އަދި ސީދާ ގަހަނާ ހަދާމީހާއާ ދިމާއަށް ހިގައްޖެއެވެ. އިއްތިފާޤުން ދިމާވި ގޮތެވެ. ނާވީދާއި އޭނާގެ އެއްބަޑު މީހުން އެވަގުތު އެފިހާރައިގައި ތިއްބެވެ. ނާދިރާއަށް ގަހަނާ ސެޓެއް އިންތިހާބު ކުރަނީއެވެ. މެދުފަންތީގެ ސެޓްތައް އޭނާގެ ކުރިމަތީގައި ބަހައްޓާލެވިފައި ހުއްޓެވެ.

ނަވީދު ޖަޔާއަށް ބަލާލިއެވެ. ޖަޔާ ހިނިތުން ވެލަމުން ހަލޯއޭ ބުންޏެވެ. ތާނިޔާއާވެސް އެމީހުން ކުޑަކޮށް ވާހަކަ ދެއްކިއެވެ. މިއަދު ނަވީދު ހުންނަނީ ގޮތަކަށް ޖެހިލުންވެފައެވެ.

[ހުރިހާ ގަހަނާތަކެއް ނިމިއްޖެ ހެއްޔެވެ؟] ފައުޒިއްޔާ ސުވާލުކުރިއެވެ.

[ލައްބައެވެ! ބޭގަމް ސާހިބާއެވެ!] ސޭޓްވަރަށް އަދަބުވެރި ކަމާއެކު ބުންޏެވެ.

ސޭލްސްމަނުން ހަސީނާއަށާއި އެހެން މީހުންނަށް ގަހަނާ ދައްކަމުން ދިޔައެވެ. ސޭޓްހުރީ ފައުޒިއްޔާ ކައިރީގައެވެ. ސޭޓު، އެމީހުން އޯޑަރުދިން ސެޓްނަގާ ކައުންޓަރު މަތީގައި ބާއްވައިފިއެވެ. ރީތިކަމުގެ ހައްދެއްނެތް މިސެޓަކީ ވަރަށް އަގުބޮޑު ސެޓެކެވެ. ޙަސީނާއާއި ނަވީދު ކަތިނަޒަރަކުން އެސެޓަށް ބަލާލިއެވެ. އެމީހުންގެ މޫނުމަތިން ފެންނަމުންދާ އަސަރުތައް ފެނިފައި ޖަޔާ ހިނިތުންވެލިއެވެ. ބޭއިޚްތިޔާރުގައި ނަވީދާ ސުވާލުކޮށްލާނަމޭ އޭނާގެ ހިތަށްއެރިއެވެ. [ސެޓް ކަމުދޭ ހެއްޔެވެ؟]

ޖަޔާގެ ކާވަންޏާބެހޭ ޚަބަރުތައް ލިބުނު ދުވަހުން ފެށިގެން ނަވީދު ހުންނަނީ އުފާވެރިކަން ގެއްލިފައެވެ. ޖަޔާއަށް މަލާމާތްކުރުމާ ރުޅިއެރުވުން މުޅިން ހަނދާން ނެތިއްޖެއެވެ.

ފައުޒިއްޔާ، ސެޓްގެ އަގު އަދާކޮށްފިއެވެ. އަތުގައި އަޅާ ތަނޑުތައްހުރީ ނިމިފައެވެ. އެކަމަކު އަދި ޕޮލިޝްކުރަން ޖެހެއެވެ.

[ރަނުގެ ސެޓްވެސް ދެދުވަހެއްގެ ތެރޭގައި ލިބިދާނެއެވެ.] ސޭޓް ބުންޏެވެ.

[ދެން އަދުނޫން މާދަމާއަށް ނަހަދާށެވެ. ސައްބީސްވަނަ ދުވަހަށް ހުރިހާ އެއްޗެއް ލިބެންޖެހޭނެއެވެ. ސެޓްވެސް ތަނޑުސެޓްވެސް އަދި ހާރުވެސް ލިބެން ޖެހޭނެއެވެ.]

ހާސްވެނުލައްވާށެވެ. ބޭގަމް ސާހިބާއެވެ. ހުރިހާ އެއްޗެއް ނިމޭނެއެވެ.]

[ކާވެނި އޮތީ އަށާވީހުގައި ދޮގެއްތޯއެވެ.] އޭނާ ސުވާލުކުރިއެވެ. ނަވީދު ސިހިފައި ޖަޔާއާ ދިމާއަށް ބަލާލިއެވެ.

[ދެދުވަސް ކުރިން ގަހަނާ ހަމަކޮށް ދޭންވާނެއެވެ.] ސޯފިޔާ ބުންޏެވެ.

[ހާސްވެ ނުލައްވާށެވެ. މާދަމާ ހަވީރަށްވެސް ހީވާގޮތުން ނިމިދާނެއެވެ.]

ފައުޒިއްޔާ ނިމިފައިއޮތް ހާރުސެޓް ނަގައިފިއެވެ. އަދި ބާކީހުރި އެއްޗެހި ނިންމާނެ ވަގުތެއް ހަމަޖެއްސުމަށްފަހު އެންމެން ގޮނޑިން ތެދުވެއްޖެއެވެ.

ޙަސީނާއާއި ނަވީދު ކުޑަކޮށް ދެރަވާގޮތް ވެއްޖެހެން ހީވާން ފަށައިފިއެވެ.

ޖަޔާއާއި އެހެންމީހުން ދިއުމުން ޙަސީނާ ސޭޓްގެ ބޮލަށް ވަދެގެން އެމީހުން ގަންނަ ގަހަނާގެ ތަފްޞީލް އޮޅުން ފިލުވިއެވެ. ޖަޔާއަށް މިގަންނަނީ ހާދަހާ ގިނަ ގަހަނާއެކެވެ. މިކަމާމެދު އޭނާ ޙައިރާންވެ އަންތަރީސް ވެއްޖެއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު


17

އައިންތު

21-Aug-2020

ވަރަށް ކިޔާލަން ބޭނުންވެފާ އޮތްވާހަކައެއް މީ.އެހާމެ ރީތި އަސަރުގަދަ ވާހަކައެއް. ގައްދޫ ރަޝީދުގެ ތަރުޖަމާ ވާހަކަތަކުގެ ވަރަށްބޮޑު ފޭނެއް އަޅުގަނޑަކީ.ވަރަށްބޮޑަށް ޝުުކުރިއްޔާ އޮންލައިން ކޮށް ވާހަކަތަށް ގެނެސްދޭން ފެށީތީ. އުންމީދުކުރަން މިވާހަކަ ނިމުމާ އެކު އިތުރު ވާހަކަތައް ގެނެސްދޭނެކަމަށް.



ޓްރެންޑިން