ޞާދިރު ޢަލީދީދީ   21 އޯގަސްޓު 2020 - 13:29
ހުވާކޮށްފާ ބުނަން
ހުވާކޮށްފާ ބުނަން
އެޕިސޯޑް 23

...............

[ދަރިފުޅާ...ދެރަނުވޭ، އިރާދަކުރެއްވިއްޔާ، މިހާރު އޭތީގެ ކިބައިން ދަރިފުޅު ތިޔަވަނީ މުޅިން ސަލާމަތްވެފައި. މިހާރު ދަރިފުޅުގެ އުނަގަނޑުގައި ތިޔައޮތް ތަވީދު އޮތްހާ ހިނދަކު، އޭގެ އެއްވެސް ނުރައްކަލެއް ދިމައެއްނުވާނެ.] މިފަހަރު ރަނާއަށް ހިތްވަރުދިނީ އަމަރްގެ ބައްޕަ ނިޔާޒެވެ. އެއީ ވާސިލް އައިސް އެގެޔަށް ވަން ވަގުތެވެ.

[ތިހެން ނުބުނޭ ބައްޕާ...މިހާރު ވާސިލްވެސް އަހަރެންދެކެ ޖެހިލުންވާނެ. އަހަރެންދެކެ ނިކަން ލޯބިވި މީހެއް އަމަރަކީ. އަމަރްވެސް އަހަންނާ ވަކިވީ....] ރަނާ ރޮއިރޮއިފައި ވާހަކަ ދެއްކިއެވެ.

[ރަނާ ތިހެން ނުބުނޭ، ރަނާ ކޮންމެ ޙާލެއްގައިވިޔަސް، އަހަރެން މިހުރީ ރަނާއަށް އެހީވާން ތައްޔާރަށް. އާނ....އަހަރެން ރަނާދެކެވަނީ ތެދުވެރި ޙަޤީޤީ ލޯބި. އަހަރެން ހުވާކޮށްފައި ބުނާ ތެދު ވާހަކައެއްމީ....އަހަރެން ރަނާއަށް އެހީވާނަން. އަހަރެންގެ ފުރާނަ ދަންދެންވެސް އެހީވާނަން.] ވާސިލް ބުންޏެވެ.



ތެދެކެވެ. ރަނާ ނުރައްކަލުގެ ތެރެއިން ސަލާމަތް ކުރަން މަސައްކަތް ކުރީވެސް ވާސިލެވެ. އެއީވެސް އޭނާ ރަނާގެ ލޯބި ޙާޞިލް ކުރުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ހިނގާފައިވާ ކަމެކެވެ. ކޮންމެ ގޮތެއްވެސް ރަނާ އެބުނާ ފަދައިން މިހާރު ރަނާވަނީ ޖިންނި އަވަލާފައިވާ މީހެއްގެ ގޮތުގައި ލޭބަލްވެފައެވެ. އޭނާގެ ފޮޓޯތައް ގިނަ ނޫސްތަކުގައި ޝާއިޢުކޮށްފައި ވުމުގެ ސަބަބުން މިހާރު ގިނަބަޔަކަށް އޭނާ ފާހަގަކުރަން އެނގޭނެއެވެ.

[މަންމާ، ޙުސޭންކަލޯބެ ގާތު އަހާބަލަ، ދެން އަލުން އޭތީގެ ނުރައްކަލެއް ނާންނާނެހޭ. އެހެން ނޫނީ ދެން އޭތި ދިމާކުރާނީ ވާސިލާ.] އަދިވެސް ރަނާ ބިރުގަންނަނީއެވެ.

[އެއްވެސް ކަމެއް ނުކުރެވޭނެ. ވާސިލް ރަނާއާ ވީހާވެސް އަވަހަކަށް ކައިވެނި ކުރަން އުޅޭ. މިބައްޕަ ހުރިހާ ޚަރަދެއް ކުރާނަން. މިގެޔަކީ ބައްޕަގެ ފަރާތުން ރަނާއަށް ދީފައިވާ ހަދިޔާއެއް. އަމަރް ދުނިޔޭގައި ނެތަސް، ބައްޕަގެ އަންހެން ދަރިފުޅު ދުނިޔޭގައި އެބަހުރި ކަމަށް ބައްޕަ ދެކެނީ. އެކުއްޖަކީ ރަނާ....] ނިޔާޒް ވާސިލްގެ އަތުގައި ހިފައިގެން ގޮސް، ރަނާ އޮތް އެނދުގެ މަގަތުގައި ބޭންދިއެވެ. ވާސިލް ނުހަނު ޢިޝްޤީ އަސަރުގައި ރަނާގެ މޫނަށް ބަލައިލިއެވެ.

އެހިނދު ރަނާގެ ހަނދާނަށްވެސް، މާޒީގެ ދުވަސްތައް ތަޞްވީރުވަމުން ދިޔައެވެ. އެއީ ވާސިލާއި އޭނާ އެކުގައި އުޅުނު ލޯބިވެތި ދުވަސްތަކެވެ. އެކަކު އަނެކަކަށް ވެފައިވާ ވަޢުދާއި ހުވާތަކުގެ ހަނދާންތަކެވެ.

އެހުރިހާ ހަނދާންތަކެއް އާވާންފެށީ ކުއްލިއަކަށެވެ. އެއާއެކު ރަނާއަށް ވާސިލްގެ ހަށިގަނޑުގައި އޮޅުލައިގަނެވިއްޖެއެވެ.

[ވާސިލް، ދެން އަހަރެން ދޫކޮށްފައިނުދާތި.....ނުދާތި....] ރޮމުން ރަނާ ވާހަކަ ދެއްކިއެވެ.

[ވާސިލް ހަމަ މިހާރު ތިތަނުން ނުކުމެގެން އާދޭ.....] ކުއްލިއަކަށް އެންމެންގެ ސަމާލުކަން ލިބުނީ ދޮރުމަތިން އިވުނު އަޑަށެވެ. އެ އަޑަށް ރަނާއަށް ވާސިލްގެ ގައިން ދޫކޮށްލެވުނެވެ.

ކޮޓަރި ދޮރުމަތީގައި ތިބީ ވާސިލްގެ މަންމައާއި ބައްޕައެވެ. ވާސިލްގެ މަންމައާއި ބައްޕަމެން ތިބީ، ކުރިން ރަނާ ކަންތައްކުރި ގޮތާމެދުވެސް ހިތްހަމަނުޖެހިފައެވެ. ޢަމުދުން މިހާރު ރަނާއަކީ މާބޮޑަށްވެސް ޖިންނި އަވަލައި، އާދަޔާ ޚިލާފް އެތައް ކަމެއް ގުޅިފައިވާ އަންހެނަކަށް ވުމާއެކު، ވާސިލްގެ މައިންބަފައިންވެސް ވާސިލް ރަނާއާ ގުޅޭކަށް ނުރުހޭނެއެވެ. އެމީހުން ވިސްނަނީ، ރަނާއާ ގުޅޭ ކޮންމެ މީހަކަށްވެސް ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ޖިންނީގެ އުނދަގުލާ ކުރިމަތިލާން ޖެހޭނޭ ކަމަށެވެ.

[މަންމާ....ބައްޕާ....ކިހިނެއްވީ؟] ވާސިލް އޭނާގެ މަންމަމެނާ ދިމާއަށް ހިނގައިގަތެވެ.

[ދަރިފުޅާ، ވާސިލް ކޮންމެ ކަމެއް ކުރިޔަސް، މިހާރު ވަރަށް ބޮޑަށް ވިސްނަންޖެހޭނެ. މިހާރު ތިކަން ކުރާކަށް ރައްކާތެރިއެއް ނޫން. ބައްޕަމެން ބޭނުމެއް ނޫން، އަމަރަށް ދިމާވިފަދަ ގޮތެއް، ދަރިފުޅަށް މެދުވެރިވާކަށް. ތިކަން ކުރިޔަސް، ދަރިފުޅަށް ކުރެވޭނީ ދެތިން އަހަރަށް ބެލުމަށްފަހު....] ވާސިލްގެ ބައްޕަ ބުންޏެވެ. އެވާހަކައަށް ވާސިލްގެ މަންމަވެސް ވަރަށް ބޮޑަށް ތާއީދުކުރިއެވެ.

[އެކަމަކު މަންމާ....އަހަރެން އެންމެ ލޯބިވާ މީހާ، ޙާލުގައި ޖެހުނު ދުވަހު، އެކަނިކޮށްލުމަކީ އަހަރެން ކުރާނޭ ކަމެއް ނޫން. މަންމައާއި ބައްޕައަށް ރަނގަޅަށް އެނގޭނެ، އަހަރެން ރަނާދެކެ ލޯބިވާ މިންވަރު. އަހަރެން ބޭނުންވަނީ، މިހާރުން މިހާރަށްވެސް ރަނާ އަހަރެންގެ ޙަޔާތަށް ގެންނަން.] ވާސިލް ބުންޏެވެ. އޭނާ ވާހަކަ ދެއްކީ، އޭނާގެ މައިންބަފައިންގެ ވިސްނުމާ ދެކޮޅަށެވެ.

[އެކަމަކު.....ދަރިފުޅާ.....މަންމަ ވަރަށް ބިރުގަނޭ. ދަރިފުޅަށް އެފަދަ ގޮތެއް މެދުވެރިވެއްޖެއްޔާ، މިމަންމަ މަރުވެދާނެ. ވަރަށް ވިސްނާފައި ނޫނީ، ކަމެއް ނިންމައިގެން ނުވާނެ. ދަރިފުޅުގެ ބައްޕަވެސް އެދެއްކީ، ވަރަށް ރަނގަޅު ވާހަކައެއް. ދަރިފުޅުވެސް ދެއްކީ ރަނގަޅު ވާހަކައެއްކަން މަންމައަށްވެސް އެނގޭ. ދަރިފުޅު ރަނާދެކެ ލޯބިވާ މިންވަރު....އެކަމަކު ދަރިފުޅުގެ ފުރާނައަށް ކުރިމަތިވެދާނޭ ނުރައްކަލަކަށްވެސް ވިސްނަންވާނެއެއްނު.] ވާސިލްގެ މަންމައާއި ބައްޕަގެ ވާހަކަތަކުން ރަނާއަށް ވަރަށް ބޮޑަށް އަސަރު ކުރިއެވެ.

[ވާސިލް....ވާސިލްގެ މައިންބަފައިން އެދައްކާ ވާހަކަ އަޑުއަހައިގެންދޭ. އެއީ ތެދެއް، އަހަރެންގެ ސަބަބުން ވާސިލްގެ ދިރިއުޅުން ހަލާކުވެދާނެ. އެއީ ތެދެއް ވާސިލަށް ނުރައްކަލެއް އަތުވެދާނެ.] ރޮމުން ގިސްލަމުން ރަނާ އެނދުމައްޗަށް ވެއްޓިގަތެވެ.

[ނޫން....ރަނާ...އަހަރެންގެ ފުރާނައަށް ވުރެންވެސް އަހަރެން ރަނާދެކެ ލޯބިވަން.] ވާސިލް އައިސް، އެނދުގެ މަގަތުގައި އިށީނެވެ. އޭރު ރަނާ ގިސްލަ ގިސްލާފައި ރޮނީއެވެ.

ރަނާއަށް ފަންޑިތަ ހެދި ޙުސޭންކަލޯ އެތަނަށް އައިސް ވަނީ އެވަގުތުއެވެ.

[ނުރޮއޭ ރަނާ، ދެން އޭތީގެ އެއްވެސް ނުރައްކަލެއް ތި ޢާއިލާއަކަށް ކުރިމައްޗެއް ނުވާނެ. ރަނާއާއި ވާސިލަށް އުފާވެރި ދުވަސްތަކެއް ހޭދަކުރެވިދާނެ. އެއްވެސް ޝައްކެއްނެތް....] ޙުސޭންކަލޯ ބުންޏެވެ.

އެއަށްފަހު، ޙުސޭން ކަލޯ އޭނާގެ އަތުގައި އޮތް ކޮތަޅަކުން ތަވީދެއް ނެގިއެވެ. އެއީ ވާސިލްގެ އުނަގަނޑުގައި އަޅުވަން ޙުސޭން ކަލޯ ގެނައި ތަވީދެކެވެ. އެ ތަވީދަކީ ދާއިމަށް ވާސިލްގެ އުނަގަނޑުގައި އޮންނަންޖެހޭ އެއްޗެކެވެ. އެހެންނޫނީ ކޮންމެވެސް ގޮތަކުން އޭތީގެ ޢާއިލާއިން ދިމާކޮށްފާނެ ކަމަށް ޙުސޭންކަލޯ ބުނެއެވެ. މިހާރު ޙުސޭންކަލޯ ވަނީ ރަނާގެ އުނަގަނޑުގައިވެސް އެފަދަ ބާރުގަދަ ތަވީދެއް އަޅުވާފައެވެ.

[ހަމަގައިމުވެސް ދެން އޭއްޗެއް، ރަނާގެ ޙަޔާތަކަށް ނާންނާނެ. އާދެވޭނެ ގޮތެއްވެސް ނެތް.] ޙުސޭންކަލޯ، ނިޔާޒްގެ އަތުގައި ހިފައިގެން އެއްފަރާތަކަށް ޖެހިލީ މިހެން ބުނެފައެވެ. އެއަށްފަހު، އޭނާ ނިޔާޒް ގާތު ބުނީ، ރަނާގެ ބަނޑުން އުފަންވީ ކަމަށް ބުނާ އޭލިއަންގެ ސިފައިގައިވާ އެތި ދުނިޔޭގައި ހުއްޓަސް، ރަނާގެ ޙަޔާތަށް އަރައިގެންފާނޭ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.

[ޙުސޭން ކަލޯ ތިގޮތަށް ވިސްނާކަށް ނުވާނެ. އޭތި ކޮންމެފަދަ ގެއްލުމެއްވެސް ދީފާނެ. އޭއްޗަށް ރަނާމެނާ ކައިރިވެވިގެން ނުވާނެ.] ނިޔާޒް ބުންޏެވެ. އޭގެފަހުން ރޫޙާނީ އެއްވެސް ބާރަކަށް ރަނާމެން އުޅޭ ގެޔާ ކައިރިނުވެވޭ ގޮތަށް، ޙުސޭން ކަލޯ އެ ގެ ޙިމާޔަތް ކުރިއެވެ. މީގެއިތުރުން ރަނާގެ މުޅި ޢާއިލާވެސް އޭތީގެ ކިބައިން ސަލާމަތް ކުރުމަށްޓަކައި ޙިމާޔަތުގެ ތަވީދު އެޅުވިއެވެ.

ފަހުން ވާސިލްގެ މައިންބަފައިންވެސް ރަނާއާއި ވާސިލްގެ ކައިވެންޏާ ރުހުނެވެ. ދަރިފުޅުގެ އުފަލަށް ހުރަސްއަޅަން އެމީހުން ބޭނުންނުވީއެވެ. ދެފަރާތުގެ ޢާއިލާއިން އެއްބަސްވީ، ރަނާއާއި ވާސިލްގެ ކައިވެނި، ހައެއްކަ މަސްފަހުން ކުރާށެވެ. ރަނާއާއި ވާސިލްވެސް އެގޮތަށް އެއްބަސްވިއެވެ.

ހަމަ އެދުވަހު އަމަރް ނެތްތަން ފޫބެއްދުމަށް ނިޔާޒްމެންގެ ކުންފުންޏާ ގުޅުމަށް ވާސިލަށް ނިޔާޒް ހުށަހެޅިއެވެ. އެކަން ވާސިލް ޤަބޫލުވެސް ކުރިއެވެ.

އެމީހުން މިހާރު ދެކެނީ، ރަނާއަކީ އެމީހުންގެ އުފަން ދަރިއެއްގެ ގޮތުގައެވެ. ވުމާއެކު، ރަނާއާ އިންނަ މީހަކުވެސް ވާނީ، އެމީހުންގެ ދަރިއަކަށް ކަމަށް އެމީހުން ޤަބޫލުކުރެއެވެ.

އޭގެފަހުން ފާއިތުވި ދުވަސްތަކުގައި ވާސިލް ނިޔާޒް އެދުނު ފަދައިން، އެކުންފުނީގެ ހިންގުމާ ޙަވާލުވިއެވެ. މިހާރު ރަނާވެސް އުޅެމުންދަނީ، ހިތްހަމަޖެހުމާ އެކުގައެވެ. މިހާރު އޭނާ އިންތިޒާރު ކުރަމުން ދަނީ، ކައިވެންޏަށްޓަކައި ކަނޑައަޅާފައިވާ ތާރީޚަށެވެ. އޭނާގެ އަނދިރިވެފައިވާ ޙަޔާތުގައި އުއްމީދީ އަލިވިލުމެއް އަންނާނޭ ދުވަހަކީ އޭނާއާ ވާސިލްގެ ކައިވެނި ކުރެވޭނޭ ދުވަހެވެ. ވާސިލްވެސް އެދުވަހަށް އިންތިޒާރު ކުރެއެވެ. މިހާރު ކަނޑައެޅިފައިވާ ތާރީޚް މިވަނީ ބޯމަތިވެފައެވެ. މާތްރަސްކަލާނގެ އިރާދަކުރެއްވީތީ، ފާއިތުވެދިޔަ ފަސްމަހެއްހާ ދުވަސްތެރޭ ރަނާއާއި ވާސިލްގެ ޢާއިލާއަކަށް އެއްވެސް ނުރައްކަލެއް ކުރިމައްޗެއް ނުވެއެވެ. ވުމާއެކު، އެމީހުން މިހާރު ނިންމާފައިވަނީ އަލުން އެބިރުވެރި ހުވަފެން ނުވަތަ ޙަޤީޤީ ކުރިމަތިލުން، ރަނާ ކުރިމަތިލާން ނުޖެހޭނޭ ކަމަށެވެ. ވުމާއެކު، ރަނާއަށް އަލަށް ލިބުނު މަންމައާއި ބައްޕަ ކަމުގައިވާ ނިޔާޒާއި ފަރީޝާ ޙުސޭންކަލޯއަށް އަގުކުރަން ދަތިވާވަރުގެ ހަދިޔާއާއި ފައިސާ ދިނެވެ.

އެކަމަކު ޙުސޭންކަލޯ ފަންޑިތަ ނެހެދި ކަމުގައިވިޔަސް، ރަނާދެކެ ލޯބިވާތީ ރަނާއާ އަވަލައި، ރަނާގެ ފިރިމީހާ މަރާލުމަށްފަހު ރަނާއާއެކު އުޅުނު ޖިންނި ރަނާގެ ފުރާނައަށް ގެއްލުމެއް ނުދޭނެއެވެ. އޭތި ބަލާނީ ރަނާގެ ލޯބި ޙާޞިލް ކުރާނޭ މަގު ހޯދާށެވެ. ވުމާއެކު، ދެން ނުރައްކަލެއް ކުރިމަތިވިޔަސް ވާނީ ވާސިލަށެވެ. ވާސިލް ހުންނަންޖެހޭނީ އެކަމަށް ރައްކާތެރިވެގެންނެވެ.

[އަހަރެން ހުންނާނީ ރައްކާތެރިވެގެން. އޭއްޗަކަށް އަހަންނާ ވައިވެސް ނޭޅެވޭނެ.] އަހަރެން ރަނާއާއެކު އުފާވެރި ދިރިއުޅުމެއް ހޯދާނަން.] ވާސިލް ވާހަކަ ދެއްކީ، އޭނާއާއެކު ހުރިހާ މަސައްކަތެއްގައި އޭނާ ގާތުގައި ހުރި ރަޙްމަތްތެރިޔާ އީވާނާއެވެ. އެމީހުން ވާހަކަ ދައްކަން ތިބީ ވާސިލްގެ ނިދާ ކޮޓަރީގައެވެ.

[ވާސިލް، ޙަޤީޤަތުގައިވެސް ބުނަންތަ، އަހަރެން ވަރަށް ބިރުގަނޭ. ވާސިލް ނުރުހޭނޭ ގޮތަކަށް އެއްޗެކޭ ބުނަން އަހަރެން ބޭނުންނުވާތީ، އަހަރެން ހިމޭނުން މިހުންނަނީވެސް. ވާސިލްވާނެ، ތި ތަވީދަށް ވަރަށް ރައްކާތެރިވާން.] އީވާން ބުންޏެވެ.

ތެދެކެވެ. ވާސިލް އެއަށް ފަރުވާތެރި ނުވެއްޖެނަމަ، ހުރިހާ ނުރައްކަލެއް ކުރިމަތިވާނީ އޭނާއަށެވެ. އަލުން ޖިންނި އަޔަސް ޙަމަލަދޭނީ ސީދާ ވާސިލަށެވެ.

[އަލުން އޭއްޗެއް ނާންނާނެ. ޙުސޭންކަލޯބެ އޭތި ކަނޑު ފައްތާލައިފި. އެއަކަށް ސަލާމަތެއް ނުވެވޭނެ. ދެން ހުރީ އެބުނާ އޭލިއަންގެ ސިފައިގައިވާ އެތި. އޭތިވެސް ފެންނާނެނަމަ، ފާއިތުވެދިޔަ ފަސްމަސްދުވަސްތެރޭ ފެނުނީހެއްނު.] ވާސިލް މިހާރަކު އެއްވެސްވަރަކަށް ބިރެއްނުގަނެއެވެ. އެހެންކަމުން، ބައެއްފަހަރު އީވާން އޭނާއާ ދިމާވެސް ކުރެއެވެ.

[ކަމަކާ އަދި ކުރިމަތިނުވާތީ، ތިހެން ތިބުނަނީ. އަހަރެންދަނީ.....އަވަހަށް ނިދާލާ....] އީވާން އެގެއިން ނުކުތެވެ. އީވާން ދިޔުމާއެކު، ފާޚާނާއަށް ވަދެލުމަށްފަހު، ކުޑަކޮށް ތާޒާވެލައިގެން ވާސިލް ނިދަން އޮށޯތެވެ. އެއަށްފަހު، އެނދުގައި އޮވެ އޭނާ ނިދާބޮކި ދިއްލިއެވެ. ނިދާބޮކީގެ ފަނޑުއަލީގައި އޭނާ ދެލޯ މަރާލިއެވެ.

އެއާއެކު، ކުރިން ދުވަހަކުވެސް އެކޮޓަރިތެރެއިން ނީވޭފަދަ ނާމާން އަޑެއް، އޭނާގެ ކަންފަތުގައި ޖެހުނެވެ. މަޑުމަޑުން އޭނާ ދެލޯ ހުޅުވާލިއެވެ. ނަމަވެސް، ފަނޑުއަލީގެ ތެރެއިން އެއްވެސް އެއްޗެއް އޭނާއަށް ފެންނާކަށް ނެތެވެ. ވުމާއެކު، އޭނާ އަނެއްކާވެސް ދެލޯ މަރާލިއެވެ. އެއާއެކު، ދެން އިވުނީ ކުރިއަށްވުރެންވެސް ނާމާން އަޑެކެވެ. ވާސިލް ދެލޯ ހުޅުވަމުން ފުންމައިގެން ތެދުވެއްޖެއެވެ. އެއާއެކު އޭނާގަތީ އަމަށަކު ބިރެއް ނޫނެވެ. އެނދާ ދިމާ މަތިން އޭލިއަނެއްގެ ސިފައިގައިވާ ބިރުވެރި އެއްޗެއް އޭނައާ ދިމާއަށް ތިރިވަނީއެވެ. އެއިން ސިފަވަނީ އެކިފަހަރު އެކިއެއްޗިއްސެވެ. ސިފަވަނީ އެކިއެކި ނާމާން ސޫރައެވެ. މާބޮޑަށް ބިރުގަތީކަންނޭނގެއެވެ. އެވަގުތު ވާސިލަށް ހަޅޭއްލަވައިގަންނާކަށްވެސް ނޭނގުނެވެ. އެ ނާމާން ސިފަސިފައަށް ބަދަލުވަމުންދިޔަ އޭލިއަނަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އޭރު އޭތި ވާސިލާ ކައިރިވަމުންދަނީއެވެ. މިހާރު އެ ނާމާން އެތީގައި ދިގު ދެއަތެއްވެސް އެބަހުއްޓެވެ. ތޫނު ވަކިތަކަކާ އެކުގައެވެ. ދެން ފެނުނީ ބިރުވެރިކަމުން ފުރިގެންވާ ރަޙުމްކުޑަ މަންޒަރެކެވެ. އޭތީގެ ދެއަތް އެ ވަށާލީ، ވާސިލްގެ ކަރުގައެވެ. ވާސިލް ނޭވާނުލެވިގެން ތެޅިފޮޅެނީއެވެ.

[އަހަރެން ސަލާމަތްކުރޭ....ސަލާމަތްކުރޭ....] ސަލާމަތަށް އެދި ގޮވަމުން ވާސިލަށް ތެދުވެވުނީ އެހާހިސާބުންނެވެ. ނާމާން ބިރުވެރި ހުވަފެނެއްގައި އޮވެފައެވެ. ހޭލެވުމާއެކު، އޭނާ ވަށައިގެން ހޯދަން ފެށިއެވެ. ނިކަން ބިރުގެންފައި ހުރެއެވެ. އެއަށްފަހު އޭނާ ބެލީ، އޭނާގެ އުނަގަނޑުގައި ޙުސޭން ކަލޯ އަޅުވައިދިން ތަވީދު އޮތްތޯއެވެ. ތަވީދު އޮތެވެ. އެހާހިސާބުން އޭނާއަށް ހިސާބެއްގެ ހަމަޖެހުމެއް ލިބިއްޖެއެވެ. ފުން ނޭވާއެއްލުމަށްފަހު، ހިތަށް އައިހާ ހެޔޮ އެއްޗެއް ކިޔެވުމަށްފަހު، އޭނާ އޮށޯވެއްޖެއެވެ.

އެރޭ ފަހުން އެއްވެސް ގޮތަކަށް އޭނާގެ ލޮލަކަށް ނިންޖެއް ނައެވެ. ވެދާނެއެވެ. އުނަގަނޑުގައި ތަވީދު އޮތަސް، އެފަދަ ނާމާން ހުވަފެނެއް ފެނުނީތީ، އޭނާ ބިރުގަނެ ހާސްވަނީއެވެ. ނުރައްކަލެއް ކުރިމަތިވެދާނެހެން ހީވަނީއެވެ. ވުމާއެކު، އެރޭގެ ބާކީބައި އޭނާ ހޭދަކުރީ ޤުރްއާން ކިޔެވުމުގައެވެ. ފަތިސް ނަމާދަށް ގޮވަންދެން އޭނާ އިނީ ޤުރްއާން ކިޔަވާށެވެ. ފަތިސް ނަމާދަށް ގޮވީމާ، ނަމާދުކޮށްލައިގެން އޭނާ ނުކުތީ ބޭރަށެވެ.

ހެނދުނު އޭނާ އެ ހުވަފެނުގެ ވާހަކަ އީވާނަށާއި ރަނާއަށްވެސް ކިޔައިދިނެވެ. ވާސިލް އެހުވަފެން ކިޔައިދިނުމުން، ފަސްމަހެއްހާ ދުވަސް ކުރީގެ ހަނދާންތައް އަލުން ރަނާގެ ހިތުގައި އާވާން ފެށިއެވެ. އެހެން ނަމަވެސް، ދެން އަލުން އެކަންތައްގަނޑާ ލައިގެންފާނޭ ކަމަށް ދެކޭކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ އުއްމީދު ކުރެއެވެ. ދެން އެފަދަ ބަދުނަޞީބު ދުވަސްތަކެއް އޭނާގެ ދިރިއުޅުމަކަށް ނާންނާނެއެވެ. ކުރިއަށް އޮތީ އޭނާއާއި ވާސިލްގެ އުފާވެރި ޒަވާޖީ ހަޔާތުގެ ދުވަސްވަރެވެ. އޭނާ މިހާރުވެސް އެންމެ ކަންބޮޑުވަނީ، އަމަރަށް ދިމާވިފަދަ ގޮތެއް ވާސިލަށް ދިމާވެދާނެތީއެވެ.

އެ ނާމާން ރަޙުމްކުޑަ ޖިންނި ޢާއިލާއާޖެހި، މިދުނިޔެ ދޫކޮށްދިޔަ އަމަރަކީ ޢިޝްޤީ ލޯބީގެ ނަމޫނާއެކެވެ. ރަނާދެކެ އަމަރް އިންތިހާއަށް ލޯބިވިއެވެ. އެލޯބީގައި އޭނާ ރަނާގެ ޙައްޤުގައި ކޮންމެފަދަ ޤުރްބާނީއެއްވާންވެސް ތައްޔާރަށް ހުއްޓެވެ. އަމަރާއި ރަނާގެ ޒަވާޖީ ގުޅުމަކީވެސް އަމަރްގެ އޯގާތެރި ކަމާއި އަޅާލުމާއެކު، އޭނާއަށް އަމަރްދިން މަތިވެރި ލޯބީގެ ސަބަބުން ފެށުނު ގުޅުމެކެވެ.

ރަނާގެ ފުރަތަމަ ލޯބި ދޫކޮށް، އަމަރާއެކު ދިރުއުޅުމުގެ މައިދާނުގައި ކުރިއަށް ދާން ނިންމީ، ފަހަރެއްގައިވެސް އަމަރްގެ ފައިސާވެރިކަން ފެނިގެނެއް ނޫނެވެ. އޭނާ ރަނާއަށް ޙަޤީޤީ ލޯތްބަކީ ކޮބައިކަން ސާބިތުކޮށްދިނެވެ.

އެދުވަހު ވާސިލަށް އަމަރް ސާބިތުކޮށްދިން ވަރަކަށް، ރަނާދެކެ ޙަޤީޤީ ލޯބިވާ ކަމަކަށް ސާބިތުކޮށެއް ނުދެވުނެވެ. އޭނާއަށް ރަނާއަށް އިތުބާރުވެސް ނުކުރެވުނެވެ.

އެދުވަހު އޭނާ ރަނާ ކުށްވެރި ކުރީ، ރަނާ ހުވާކޮށްފައި ބުނެ، އާދޭސް ކުރަމުން ދަނިކޮށެވެ.

[ތި ހުވަފެނެއް ތިފެނުނީ، ރޭގައި އަހަރެން އެވާހަކަ ދައްކާފައި ދިޔައީމަ ވާސިލް މާބޮޑަށް އެކަމާ ވިސްނީމަ. އެކަމަކު ބުނަން، ރަނާވެސް، ވާސިލްވެސް، ޙުސޭންކަލޯ އެޅުވި ތަވީދަށް ސަމާލުވާތި.] އީވާން ރަނާއަށާއި ވާސިލަށް ހަނދާންކޮށްދިނެވެ.

[އަހަންނަށް މިހާރުވެސް ދޭތެރެ ދޭތެރެއިން އުނަގަނޑުގައި އަތްލައި، ތަވީދު އޮތްތޯ ބަލައިލެވޭ.] ރަނާ ބުންޏެވެ.

އޭގެ މަހެއްހާ ދުވަސް ފަހެވެ. އާދައިގެ ރަސްމިއްޔާތަކަށްފަހު، ރަނާއާއި ވާސިލްގެ ކައިވެނި ކުރެވިއްޖެއެވެ. މިހާރު ވާސިލާއި ރަނާވެސް އެތިބީ މާޒީއާ ވަރަށް ދުރުގައެވެ. މިހާރު އެދެމަފިރިންގެ ވިސްނުން ހުރީ އެއް އަމާޒަކަށެވެ. އަވަހަށް ޢާއިލާއެއް އުފައްދައި، ކައިވެނީގެ ގުޅުން ބަދަހިކުރުމަކީ، ރަނާވެސް އަދި ވާސިލްވެސް އެންމެ އެދޭ ގޮތެވެ.

[އަހަރެންވެސް ބޭނުންވަނީ، ވީހާވެސް އަވަހަކަށް ޢާއިލާއެއް އުފައްދަން. އެކަމަކު ދެތިންމަސްފަހުން އޭރުން ހަށިގަނޑުވެސް ހަމައަކަށް އެޅޭނީ.] ވާސިލް ބުންޏެވެ.

ކައިވެންޏަށްފަހު، ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ކުރުމަށްފަހު، ޝެހެނާއާއި އޭނާގެ ފިރިމީހާވެސް ރަނާގެ ކައިވެންޏަށް މާލެ އައެވެ. އޭގެކުރިން ރަނާ އެންމެ ޙާލުގައި ޖެހުނު ކަންތައްގަނޑުތެރޭވެސް ޝެހެނާ މާލެ އަންނަން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެދުވަސްވަރަކީ ރަނާގެ ފިރިމީހާގެ ޗުއްޓީ ދުވަސްވަރަކަށް ނުވާތީ، ނާދެވުނީއެވެ. ރަނާއަށް ދިމާވާ ކޮންމެ ކަމެއްގައިވެސް، އެންމެ ގާތުގައި ހުރުމަކީ ޝެހެނާ ބޭނުންވާ ގޮތެވެ.

[ރަނާ ދެންވެސް ވަރަށް ސަމާލުވެގެން އުޅޭތި. ރަނާ އެނގޭތަ، ރަނާގެ ޙާލު އަހާފަ އަހަރެން ހާދަ ރުއީމޭ....އަހަރެން ބޭނުންވި ކިތަންމެ ވަރަކަށްވެސް އަންނަން. އެކަމަކު ކިހިނެއް އަންނާނީ. ނަވާމެންނަށް އެންމެ ބުރަ ދުވަސްކޮޅު. އަހަރެން އުޅުނިން، އެކަނި އަންނަންވެސް. އެކަމަކު ނަވާ އެއްބަހެއްނުވި....] ޝެހެނާއާއި ރަނާ ވާހަކަ ދައްކަން ތިބީ، ރަނާއަށް އަމަރްގެ ޢާއިލާއިން ރަނާއަށް ހަދިޔާކޮށްފައިވާ ގޭގައެވެ.

މިހާރު އެ ގެވަނީ ރަނާއަށް ރަޖިސްޓްރީވެސް ކޮށްދީފައެވެ. އެއީ އަމަރްގެ ހަނދާނުގައި، އޭނާގެ ބައްޕަ ނިޔާޒް ނިންމި ނިންމުމެކެވެ. މިހާރު އަމަރްގެ ބައްޕަ ވަނީ އެގޭގެ ނަންވެސް ބަދަލުކުރަން ހުށަހަޅާފައެވެ. އެގެޔަށް މިހާރު އޭނާ ދީފައިވާ ނަމަކީ [އަމަރް] އެވެ. އޭރުން ދަރިފުޅުގެ ހަނދާންތަކެއް ދުވަހަކުވެސް ފުހެވިގެނެއް ނުދާނެއެވެ. މިހާރު ނިޔާޒްވަނީ އޭނާގެ ހުރިހާ އިންވެސްޓްމަންޓްތަކުގެ ނަމުގެ ކުރިއަށްވެސް އަމަރްގެ ނަން ގެނެސްފައެވެ.

އާދައިގެ މަތިން ދުވަސްތައް ފާއިތުވަމުން ގޮސް، ރަނާއާއި ވާސިލްގެ ކައިވެންޏަށް އެއްމަސް ފުރި، ދެވަނަ މަހަކާ ކުރިމަތިވިއެވެ. މާތްރަސްކަލާނގެ ރަޙްމަތްފުޅުން އެއްވެސް ނުރައްކަލެއް، އެދެމަފިރިންގެ ދެމެދަކަށް ކުރިމައްޗެއް ނުވެއެވެ.

ކައިވެންޏަށްފަހު ރަނާއަށް ނާމާންކަމުގެ އިޝާރާތެއްވީ، އެއްދުވަހު ހަވީރު އޭނާ އެކަނި ބޭރަށް ނުކުމެ އުޅުމަށްފަހު، ގެޔަށްދިޔަ މަގުމަތީގައެވެ. ކުޑަކުޑަ ފިރިހެން ކުއްޖަކު އޭނާއަށް ގެނެސްދިނީ، ބަންދުކޮށްފައި އޮތް ސިޓީއުރައެކެވެ. އެކުއްޖާ އެ ސިޓީ ދިއްކޮށްލުމަށްފަހު، އަނގައިންވެސް ނުބުނެ ދުވެފައި ހިނގައްޖެއެވެ. ރަނާ ވަގުތުން ސިޓީ ކަނޑައިގެން ކިޔަން ފަށައިފިއެވެ. އޭގައި ލިޔެފައިވަނީ، ކުރު ނޯޓެކެވެ. ހީވަނީ ރަނގަޅަށް ލިޔަން ނުދަންނަ ކުޑަ ކުއްޖަކު ލިޔެފައިވާ ލިޔުމެއްހެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން