ޒަކިއްޔާގެ އޮޓޮޕްސީ ނެހެދީ އޮޓޮޕްސީ ހަދަން ޖެހޭ ސަބަބެއް އޮތް ކަމަށް ތަހުގީގަށް ނުފެންނާތީ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

މި މަހުގެ ދިހަ ވަނަ ދުވަހު އުމުރުން 50 އަހަރުގެ ޒަކިއްޔާ ޒަހަމްތަކަކާ އެކީގައި ނިޔާވެފައި އޮއްވާ ފެނުނީ ނ. ހޮޅުދޫގައި އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ.

ޒަކިއްޔާ ނިޔާވެފައި އޮތް ތަނުގައި ވަޅިއެއް އޮތް އިރު، އޭނާގެ ކަރުގައި ޒަހަމްތަކެއް ވެސް ހުރި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ވަނީ ކިޔައި ދީފައެވެ.

ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު މިއަދު ވިދާޅުވީ ޒަކިއްޔާގެ ހަށިގަނޑު ރާއްޖެ އިން ބޭރަށް ގެންގޮސްގެން އޮޓޮޕްސީ ނުހެދީ ހަށިގަނޑުން ނަގަން ޖެހޭ ސާމްޕަލްތަކާއި ތަހުލީލްތައްކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ފަރާތުން ހޯދަން ބޭނުންވި ރައުޔުތައް ހޯދުމަށް ފަހު އޮޓޮޕްސީ ހަދަން ޖެހޭ ސަބަބެއް އޮތް ކަމަށް ތަހުގީގަށް ނުފެންނާތީ ކަމަށެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާއު ވިދާޅުވި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި ތަހުގީގު ޓީމެއް މިހާރު ވެސް ހޮޅުދޫގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ފުލުހުން މިއަދު ބުނީ މިކަމާ ގުޅޭ ތަހުގީގު ކުރުމަށްފަހު އިތުރު މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން