ދިވެހިރާއްޖެއަށް މާލީ އަދި އިޤްތިސާދީ ކުރިއެރުން ލިބޭނީ އދ. ގެ އެއްބާރުލުން މިހާރަށްވުރެ ބޮޑަށް ލިބިގެން ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް، ނުވަތަ އެކުވެރި ދައުލަތްތަކުގެ މެމްބަރު ގައުމަކަށް ރާއްޖެ ވީތާ 59 އަހަރު ފުރުނު، މުނާސަބާގައި ފޮނުއްވި މެސެޖެއްގައެވެ.

މި މެސެޖުގައި މިނިސްޓަރ ޒަމީރު ވަނީ ރާއްޖެެއަށް ކުރިމަތިވަމުން އަންނަ ތަފާތު އެކި ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ ގެއްލުންތަކާއި، މާލީ އަދި އިޤްތިސާދީ ގޮތުން ދިމާވާ ގޮންޖެހުންތައް ޒަމީރު ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި މިފަދަ ގޮންޖެހުންތަކުން އަރައިގަނެ، ރާއްޖެއަށް ކުރިއެރޭނީ އދ. އިން މިހާރަށްވުރެ ބޮޑަށް އެއްބާރުލުން ދީ، މި މައްސަލަތައް ހައްލު ކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅައި އެހީވެގެން ކަމަށް ޒަމީރު ވަނީ ފާހަގަ ކޮށްފައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އދ. ގެ މެމްބަރަކަށް ރާއްޖެ ފަދަ ކުޑަ ދައުލަތެއް ވުމަކީ މި ގައުމަށް ލިބިފައިވާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، އަދި ކުދި ދައުލަތްތަކަށްވެސް އދ ގެ ވާޖިބުތައް އަދާކުރެވޭނެކަން ރާއްޖެއިން ސާބިތު ކޮށްދީފައިވާ ކަމަށެވެ.

އަދި އދ. ގެ މެމްބަރެއްގެ ގޮތުގައި 59 އަހަރު ފާހަކުރަމުންދާއިރު، ރާއްޖޭގެ ރައްޔިތުންނާއި، ސްމޯލް އައިލެންޑު ޑިވެލޮޕްމެންޓު ސްޓޭޓްސް (ސިޑްސް) އަދި މުޅި ދުނިޔެ ހިމެނޭހެން މިއަށްވުރެ ސުލްހަވެރި، އަދި ދެމެހެއްޓެނިވި ވައުދުތަކެއް ފުއްދުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށްވެސް ޒަމީރު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން