މަރްޔަމް ނަހްދާ ވަޙީދު   24 ސެޕްޓެމްބަރު 2024 - 0:21
ރީނދޫ ކިރަކީ ސިއްހަތައް ފައިދާހުރި އެތައް މާއްދާއެއް އެކުލެވޭ އެއްޗެއް- ގޫގުލް އިމޭޖެސް
ރީނދޫ ކިރަކީ ސިއްހަތައް ފައިދާހުރި އެތައް މާއްދާއެއް އެކުލެވޭ އެއްޗެއް- ގޫގުލް އިމޭޖެސް
ރީނދުލާއި ކިރަކީ އަޅުގަނޑުމެންގެ ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކެއް ހިމެނޭ އެއްޗިއްސެވެ. އަދި މި ދެ މާއްދާ އެއްކޮށްލުމުން ހެދޭ ރީނދޫ ކިރަކީވެސް ހަމަ އެހާމެ ފައިދާހުރި އެއްޗެކެވެ. މިއީ ޒަމާނުއްސުރެ މީހުން އެކިކަހަލަ ބަލިތަކަށް ފަރުވާ ހޯދުމުގެ ގޮތުން ބޭނުން ކުރަމުން އައިސްފައިވާ އެއްޗެކެވެ. ތިރީގައި މި ހިމަނާލަނީ ރީނދޫ ކިރު ބުއިމުން ލިބޭ ބައެއް ފައިދާތަކެވެ.

ރަނގަޅަށް ނިދުން

ނިދަން އުނދަގޫވެ އޭގެ ސަބަބުން މީހަގެ ހަށިގަނޑަށާއި ސިއްހަތަށް ގެއްލުންވާނަމަ އެކަމަށް ފަރުވާ ހޯދުމުގެ ގޮތުން ބުއިން އެންމެ ރަނގަޅު ބުއިމަކީ ރީނދޫ ކިރެވެ. ރީނދުލަކީ އޭގައި ސާކިއުމިން ނަމަކަށް ކިޔާ މާއްދާއެއް އެކުލެވޭ އެއްޗަކަށްވީއިރު، މި މާއްދާއަކީ މީހާގެ ހިއްސުތައް ހަމަޖައްސާލަދޭ މާއްދާއެކެވެެ. ކިރުގައި އެކުލެވިގެންވާ އެމިނޯ އެސިޑެއްކަމަށްވާ ޓްރައިޕްޓޯފަން އާއި ސާކިއުމިން އާ އެކުވެލުމުން މީހާގެ ހިއްސުތައް ހަމަޖެހި، ހިޔާލުތަކާ ދުރަށްގޮސް ފަސޭހައިން މީހާއަށް ނިދޭނެއެވެ.

ދިފާއީ ނިޒާމު ވަރުގަދަ ކޮށްދިނުން

ރީނދުލަކީ އޭގައި ގިނަގުނަ އެންޓި-އިންފްލެމޭޓަރީ މާއްދާތަކާއި އަދި އެންޓި-އޮކްސިޑެންޓުތައް ހިމެނޭ އެއްޗެކެވެ. އެހެންކަމުން ގަވާއިދުން މި ބޭނުން ކުރާނަމަ މީހާގެ ދިފާއީ ނިޒާމު ވަރުގަދަވެ، އެކިކަހަލަ އިންފެކްޝަންތަކުންނާއި، އަރިދަފުސް ރޯގާ ފަދަ ބަލިތަކުން މީހާ ދުރުކޮށްދެއެވެ.

ހަޖަމުގެ މައްސަލަތަކަށް ލުއިލިބުން

ރީނދޫ ކިރަކީ ހަޖަމުގެ މައްސަލަތައް ހައްލު ކުރުމުގައިވެސް އެހީވެދޭ އެއްޗެކެވެ. ރީނދުލަކީ ހަށިގަނޑުގައި ބައިލް އުފައްދައިދިމަށް އެހީވެދޭ އެއްޗެކެވެ. ބައިލް އަކީ އަޅުގަނޑުމެންގެ ހަށިގަނޑުގައި ހުންނަ ކާއެއްޗެހި ހަޖަމު ކުރުމުގައި ކޮންމެހެން ބޭނުންވާ އެއްޗެކެވެ. އެހެންކަމުން ކޮންމެ ރެއަކު ނިދުމުގެ ކުރިން ރީނދޫ ކިރު ބުއިމުން ހަޖަމުގެ މައްސަލަތައް ހައްލުވެ، ބަނޑު ފުއްޕުން ނިވަތަ ބްލޯޓްވުން ފަދަ ކަންކަމުން މީހާ ދުރުވެއެވެ.

ހަންގަނޑު ރީތިކޮށްދިނުން

ރީނދުލަކީ ޒަމާނުއްސުރެ ހަންގަނޑު ރީތިކުރުމަށްޓަކައި އެކި ގޮތްގޮތަށް މީހުން ބޭނުން ކުރަމުން އައިސްފައިވާ އެއްޗެކެެވެ. މިއީ މޫނުގައި ނަގާ ބިހިތައް ރަނގަޅު ކުރުމުގައި އާއި، ހަންގަނޑުގެ ކުލަ އަލި ކުރުމުގައި އެހީވެދޭ އެއްޗެކެވެ. އެހެެންކަމުން ހަންގަނޑަށް ދިމާވާ އެކި މައްސަލަތައް ހައްލު ކުރަން ބޭނުންނަމަ ކޮންމެ ރެއަކު ނިދުމުގެ ކުރިން ރީނދޫ ކިރުތައްޓެއް ބުއިމުން، މޫނުގައި ހުންނަ ބިހިތައް ފިލައި، ހަންގަނޑު ތާޒާވެ، މީހާގެ މޫނުމަތި ރީތިވާން އެހީވެދެ އެވެ. އަދި މި ބޭނުން ކުރާނަމަ ހަންގަނޑުގެ ކުލަވެސް އަލިވުން އެކަށީގެންވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން