ޞާދިރު ޢަލީދީދީ   22 އޯގަސްޓު 2020 - 14:25
ހުވާކޮށްފާ ބުނަން
ހުވާކޮށްފާ ބުނަން
އެޕިސޯޑް 24

...............

ކައިވެންޏަށްފަހު ރަނާއަށް ނާމާންކަމުގެ އިޝާރާތެއްވީ، އެއްދުވަހު ހަވީރު އޭނާ އެކަނި ބޭރަށް ނުކުމެ އުޅުމަށްފަހު، ގެޔަށްދިޔަ މަގުމަތީގައެވެ. ކުޑަކުޑަ ފިރިހެން ކުއްޖަކު އޭނާއަށް ގެނެސްދިނީ، ބަންދުކޮށްފައި އޮތް ސިޓީއުރައެކެވެ. އެކުއްޖާ އެ ސިޓީ ދިއްކޮށްލުމަށްފަހު، އަނގައިންވެސް ނުބުނެ ދުވެފައި ހިނގައްޖެއެވެ. ރަނާ ވަގުތުން ސިޓީ ކަނޑައިގެން ކިޔަން ފަށައިފިއެވެ. އޭގައި ލިޔެފައިވަނީ، ކުރު ނޯޓެކެވެ. ހީވަނީ ރަނގަޅަށް ލިޔަން ނުދަންނަ ކުޑަ ކުއްޖަކު ލިޔެފައިވާ ލިޔުމެއްހެންނެވެ.

[އަހަންނަކީ އަބަދުވެސް ރަނާދެކެ ލޯބިވާ މީހާ...ރަނާ ހީނުކުރާތި، އަހަރެންގެ ކިބައިން ރަނާ ސަލާމަތްވީއޭ. އަހަރެން ރަނާއަށް ދެރައެއްދޭކަށް ބޭނުމެއް ނޫން. ނުވެސް ދޭނަން. އެކަމަކު ...... ރަނާގެ މިހާރުގެ ފިރިމީހާއަށް އަހަރެންގެ ކިބައިން ސަލާމަތްވެވޭނީ، ރަނާ އަހަރެން ބުނާގޮތްވެސް ހަދާނަމަ. އޭރުން ރަނާއަށް އަބަދުވެސް ވާސިލާއެކު އުފަލުގައި އުޅެވޭނެ. އެހެން ނޫނީ ކޮންމެވެސް ދުވަހަކުން އޭނާ އަހަރެންގެ އަތްދަށުވާނެ. ރަނާ އަހަރެން ބުނީތީ، އުނަގަނޑުގައި ތިވާ ތަވީދު، އެންމެ ރެޔަކަށް ނަމަވެސް، ނަގާބަލަ. އަހަރެން ބޭނުން، ރަނާއާ ބައްދަލުކޮށްލަން. ތި ތަވީދު ނުނަގައިފިއްޔާ، އަހަރެން ވާސިލް މަރާލާނަން. އަދި އަހަރެން ދުނިޔޭގައި ހުރި ވާހަކަ، އެހެން މީހެއް ގާތު ބުންޏަސް، ވާސިލް އަހަރެންގެ އަތްދަށުވާނެ.] އެ ސިޓީ ކިޔާލެވުމާއެކު، ރަނާއަށް ވަށައިގެން ހޯދާލެވުނެވެ. އެއަށްފަހު އޭނާ އެސިޓީ ބޮނޑި ކުރަމުންގޮސް، ގެޔަށް ވަދެއްޖެއެވެ.

ކޮންމެ ގޮތެއްވިޔަސް، އަމަރަށްވިހެން ވާސިލަށްވާކަށް ރަނާ ނޭދޭނެއެވެ. އޭނާ ބޭނުންވަނީ ވާސިލާއެކު އުފަލުގައި އުޅޭށެވެ. ވުމާއެކު، އޭނާ ނޯޓް ގުޅަކޮށްލާފައި ކޮޓަރި އަލަމާރި ބިއްދޮށަށް އެއްލިއެވެ.

އެތައް އިރެއް ވަންދެން ވިސްނުމަށްފަހު، ރަނާ ތަވީދު ނަގާފައި އެނދުގެ ގޮދަޑިދަށަށްލިއެވެ. އެއަށްފަހު، އޭނާ ބޭރަށް ނުކުތެވެ. އޭނާއަށް ދޮރާށިން ބޭރަށް ނުކުމެވުމާއެކު، އޭނާގެ ކުރިމައްޗަށް އެ ފާޅުވީ އަމަރެވެ. އަމަރް ފެނުމާއެކު އޭނާއަށް ފަހަތަށް ޖެހިލެވުނެވެ.

[ހިނގާ އަހަންނާއެކު....އަހަރެން ރަނާ ގެޔަށް ގެނެސްދޭނަން. އަހަންނަށް ތިންގަޑިއެއްހާއިރުދީ....އަހަރެން ދެނެއް ރަނާގެ ފިރިމީހާއަކަށް ގެއްލުމެއް ނުދޭނަން. އަހަންނަށް އެނގިއްޖެ، އަހަރެންގެ ސަބަބުން ރަނާ ވަރަށް ބޮޑަށް ހިތާމަތަކެއް ކޮށްފިކަން.] މިހެން ބުނެފައި، އަމަރްގެ ސިފައިގައި ހުރި ޖިންނި، ރަނާގެ އަތުގައި ހިފާލިއެވެ. އެއާއެކު ރަނާއާއެކު އޭތި އެތަނުން ގެއްލިއްޖެއެވެ.

އޭތި ރަނާ ގޮވައިގެން ގޮސް މަޑުކޮށްލީ، ވިލިނގިލީ ވަލުތެރެއަށެވެ. އޭރު އިރުވެސް އޮއްސިފައިވުމާއެކު، ވަލުތެރެ ފެންނަނީ ވަރަށް އަނދިރިކޮށް ނާމާން ގޮތަކަށެވެ.

[ރަނާ....ކިހިނެއްތަ، އަހަރެންގެ ހަނދާންތަކާ ދުރުވާނީ. އައިސްބަލަ....] އަމަރް ރަނާގެ ހަށިގަނޑުގައި ބައްދާލިއެވެ. ރަނާ ހީވަނީ ޙަރަކާތް ހުއްޓިފައިވާހެންނެވެ. އޭނާއަށް ހުރެވުނީއެވެ. އަމަރް ކުރިއަށްވުރެންވެސް ރަނާއާ ކައިރިވެއްޖެއެވެ. ދެހަށިގަނޑު ޖެހި ފިތިއްޖެއެވެ. މިހާރު ރަނާގެ ފަރާތުން ފެންނަމުންދާ ޙަރަކާތްތަކުގައި އެއްވެސް ވަރަކަށް އޭނާގެ އިޚްތިޔާރެއްވާހެނެއް ހިއެއްނުވެއެވެ. ޔަޤީނެވެ. އަމިއްލަ އިޚްތިޔާރުގައި އޭނާ އެފަދަ ޙަރަކާތްތަކެއް ނުހިންގާނެއެވެ. މިހާރުވެސް އަމަރްގެ ސިފައިގައި ހުރެމެ، އޭނާއާ ގައިގޯޅިވަމުން އެދަނީ، އޭނާގެ ދިރިއުޅުން ހަލާކުކުރި ޖިންނިއެވެ.

[ރަނާ ދެންވެސް ތަވީދު އަޅައިގެން، އަހަންނާ ވަކިވާން މަސައްކަތް ނުކުރާތި. އަހަރެން ރަނާއަށް އެއްވެސް ގެއްލުމެއް ނުދޭނަން. ރަނާގެ ފަރާތުން އެކަނި މިފަދަ އުފާވެރި އިޙްސާސްތަކެއް ޙިއްޞާ ކުރެވުނީމާ، އަހަންނަށް ފުދޭނެ.] އަމަރްގެ ސިފައިގައި ހުރި ޖިންނި ވާހަކަ ދެއްކިއެވެ.

އޭރުވެސް އޭނާ ރަނާގެ ފަރާތުން އުފަލާއި ހިތްހަމަޖެހުން ލިބިގަންނަމުން ދަނީއެވެ. ރަނާގެ އެއްވެސް އިޚްތިޔާރެއް ނެތެވެ. ރަނާ ހީވަނީ ރިމޯޓް ކޮންޓްރޯލް ހަރުކޮށްފައިވާ މީހެއްހެންނެވެ.

މިހާރު ރަނާގެ ކޮންޓްރޯލް އޮތީ ސީދާ އަމަރްގެ ސިފައިގައި ހުރި ޖިންނީގެ އަތުގައެވެ.

[ރަނާ....ހިތްހަމަޖެހޭތަ....ވާހަކަ ދައްކަބަލަ....އަހަންނާ...އަހަރެން ވާސިލަކަށްވެސް ގެއްލުމެއް ނުދޭނަމޭ. އެކަމަކު ރަނާވާނެ، މިގޮތަށް އަބަދުވެސް އަހަންނާއެކު ގުޅުން ބާއްވަން. އެހެން ނޫނީ، އަހަރެން އެކަނިވެރިވެ، އަތުންފައިން ގޯސް ހެދެން ފަށާފާނެ. އަޞްލު ރަނާގެ ރުހުމުގައި، ރަނާގެ ލޯބި ލިބޭހާ ހިނދަކު، އަހަރެންގެ ފަރާތުން އިންސާނަކަށް އެއްވެސް ގެއްލުމެއް ނުވާނެ.] މިހެން ބުނެފައި، އަމަރް ރަނާއާ ކުރިއަށްވުރެންވެސް ކައިރިވެލައިފިއެވެ.

މިގޮތަށް ޖިންނި އެތައްއިރެއްގެ ހިތްހަމަޖެހުންތަކަށްފަހު، ރަނާ ގެންގޮސް ގެޔަށްލީ، އެރޭ އަށެއްޖަހާ ބޮޑުވީވެސް ފަހުންނެވެ. ރަނާ ގެޔަށް އައިސްވަންއިރު، ރަނާ ވީތަނެއް ނޭނގިގެން، ރަނާގެ މަންމައާއި ވާސިލް ކަންބޮޑުވެފައި ތިއްބެވެ.

[ރަނާ މިހުރިހާއިރު ކޮންތާކު އުޅެފައިތަ ތިއައީ؟ ރަނާއަށް ގުޅަންވެސް ހާދަ މަސައްކަތެއް ކޮށްފީމޭ. ފޯނުވެސް އޮތީ އޮފްކޮށްފަ.] ރަނާ ގެޔަށް އައިސް ވަނުމާއެކު، ވާސިލް ވާހަކަ ދެއްކިއެވެ.

[އަހަރެން ބޭރަށް ނުކުތްތަނާ ދިމާވީ ކުރީގެ ކްލާސްމޭޓަކާ. އޭނާ ބޭނުންވީ އަހަރެން ގޮވައިގެން ވިލިނގިއްޔަށް ދާން. އެހެންވެ އޭނައާއެކު ވިލިނގިއްޔަށް ގޮއްސަ މިއައީ....އެގޭތެރޭގައި ހުރީމާ ރޭންޖް ނުލިބެނީ.] ރަނާ ދޮގު ހެދިއެވެ. ވާސިލްގެ ސަލާމަތަށްޓަކައެވެ.

އެރޭ ގެޔަށް އައިސް އޭނާ އަލުން ތަވީދު އެޅިއެވެ. އެރޭ ގެޔަށް އައި މަގުމަތީގައި، އޭނައަށް އޭނާގެ ދަރިފުޅުވެސް ފެނުނެވެ. ނަމަވެސް އެއީ އޭނާގެ ދަރިއެއް ކަމަށް ޤަބޫލުކޮށް، އޭނާ ގާތްކުރާކަށް ރަނާ ބޭނުންނުވާތީ، އޭނާ އެކުއްޖާއާ އަނގައިންވެސް ނުބުނެއެވެ. މިގޮތަށް ދުވަސްތައް ފާއިތުވަމުން ގޮސް، މަސް ދެމަހަށް ބަދަލުވެ ދުވަސްތައް ގުނެމުންދެއެވެ.

ފާއިތުވެދިޔަ މަހެއްހާ ދުވަސްތެރޭ ކޮންމެ ހަފްތާއަކު އެއްފަހަރު އުނަގަނޑުގައި އޮންނަ ތަވީދު ރަނާ ނަގައެވެ. ޖިންނީގެ އިންޒާރަށް ބިރުންނެވެ. ބައެއް ދުވަސް ދުވަހު ފިރިހެނަކާއެކު ރަނާ ދާތަން ވާސިލަށް ފެނޭވެސްމެއެވެ. ނަމަވެސް، އޭނާ ކުރިން ރަނާއަށް އިތުބާރު ނުކުރުމުގެ ސަބަބުން ދިމާވި ހިތްދަތިގޮތް ހަނދާނަށް އަންނާތީ، އޭނާ ރަނާއާ އެއްވެސް ސުވާލެއް ނުކުރެއެވެ. ޢަމުދުން އެފަދަ ރެޔަކު، ރަނާ ވާސިލާ ކައިރިވާން ބޭނުންނުވާކަންވެސް ވާސިލަށް ފާހަގަކުރެވުނެވެ. މިވަރަށް ކަންތައް ދިޔައީމަވެސް، އޭނާ ޖިންނިއަކަށް ޝައްކެއް ނުކުރެއެވެ. ސަބަބަކީ އޭނާ އެފަދަ ކޮންމެ ރެޔަކުވެސް، ރަނާ ނިދުނީމާ ތަވީދު އޮތްތޯ ބަލާއިރު، ތަވީދު އޮންނާތީއެވެ. ނަމަވެސް، ވާސިލް މިކަންތަކާ ގުޅިގެން ރަނާއާ އެއްވެސް ސުވާލެއް ނުކުރި ކަމުގައިވިޔަސް، ރަނާގެ މަންމަ މިހާރު އެކަން ފާހަގަކޮށްފިއެވެ. އޭނާ އެވާހަކަ ފުރަތަމަ ދެއްކީވެސް ވާސިލް ގާތުގައެވެ. އޭނާ ބުނަނީ، ވާސިލް އެކަން ރަނގަޅަށް ބެލުމަށެވެ. ފަހަރެއްގައިވެސް އޭނާގެ ދަރިފުޅުގެ ދެވަނަ ކައިވެނި ރޫޅިގެންދާކަށް އޭނާ ބޭނުމެއް ނޫނެވެ.

[ދަރިފުޅާ ވާސިލް، ރަނާ ކޮންމެ ރެޔަކު އެދާ ތަނެއް މިހާރު ދަރިފުޅު ބަލަންވެއްޖެއެއްނު. އަނެއްކާ އެމަންޖެގެ އުނަގަނޑުގައި ތަވީދު އޮވޭތަ؟ ނިކަން މިއަދު ފާރަލައި ބަލާލަބަލަ.] ރަނާގެ މަންމަ ވާސިލަށް ލަފާދިނެވެ. މައިދައިތަގެ ލަފާގެ މަތިން، ވާސިލް ނިންމީ، ފާރަލައި ރަނާއާ ސުވާލުވެސް ކުރާށެވެ.

[ތަވީދުގެ އެއްވެސް މައްސަލައެއް ނެތް. މިހާރުވެސް ތަވީދު އުނަގަނޑުގައި އެބައޮތް. އެކަމަކު މަންމަ ބުނީތީވެސް، އަހަރެން މިރޭ ތިކަން ހިނގާގޮތް ބަލާނަން.] ވާސިލް މިހެން ބުނެފައި ގޮސް، ކޮޓަރިއަށް ވަދެއްޖެއެވެ. އޭރު ރަނާ ބޭރަށް ނުކުތުމަށްޓަކައި ތައްޔާރު ވަނީއެވެ.

[މާވަރަކަށް ނަލަހެދިލައިގެން ކޮންތާކަށް ދާން ތިއުޅެނީ. މިރޭ އަހަރެންވެސް ގެންދަންވީނު.] ވާސިލް އެނދުގައި އިށީނެވެ.

[ނޫން...ވާސިލްޖެހޭނެ، ރެސްޓޯރެންޓަށް ދާންވެސް. އަހަރެން މާލަހެއް ނުވާނަމޭ. މިހާރު އަންނާނެ އަހަރެން ބަލާ ކާރު....] މިހެން ބުނަމުން ރަނާ ކޮޓަރިން ނުކުތެވެ. ސިއްރު ސިއްރުން ވާސިލްވެސް ނުކުތެވެ. ވާސިލް ފުރަތަމަ ބަލަން ބޭނުންވަނީ، އެ އަންނަ ކާރުތެރޭގައި ތިބި ބަޔެކެވެ.

ކާރު އައިސް ދޮރުމައްޗަށް މަޑުކުރުމާއެކު، ރަނާ އެރީ ކާރުގެ ކުރީ ސީޓަށެވެ. ކާރުގެ ޑްރައިވަރަކަށް އިނީ ހަމަގައިމުވެސް ފިރިހެނެކެވެ. ރަނާ ބުނަމުން އައިސްފައިވަނީ، ރަނާ ބަލާ އަންނަނީ އަންހެނެއް ކަމަށެވެ. ނަމަވެސް ރަނާ ކާރަށް އެރުމާއެކު، ކާރު ދުއްވަން އިން މީހާ، ރަނާގެ ކޮނޑަށް އަތް ވައްޓާލައި، ރަނާ އޭނައާ ގާތަށް ޖައްސާލި މަންޒަރު، ވާސިލަށް ފެނުނެވެ. އެމަންޒަރު ފެނުމުން، ވާސިލްގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެވަގުތު އޭނާ ރަނާގެ ފޯނަށް ގުޅިއެވެ. ނަމަވެސް ފޯނު އޮތީ އޮފްކޮށްފައެވެ.

[މިފަހަރު އޭނާ އަހަންނަށް އެބަ މަކަރުހަދާ. މަންމާ، ރަނާއަށް ވިސްނައިދީ. ރަނާ ގާތު ބުނޭ، ތިއީ ރަނގަޅު ގޮތެއް ނޫނޭ. އަހަރެން އެހާވަރުން ރަނާ ސަލާމަތްކޮށްގެން އުޅުނީމާ.....މަންމާ...ރަނާއަށް ވިސްނައިދީ.] ވާސިލް ފެންކަޅިވިއެވެ. ޙަޤީޤަތުގައި ދާދި ދެންމެއަކު ފެނުނު މަންޒަރުގެ ސަބަބުން ވާސިލަށްވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ.

[ފިރިހެނަކާއެކުތަ ދިޔައީ!؟] ރަނާގެ މަންމަވެސް ޙައިރާންވިއެވެ.

[އާނ....އޭނާ އަހަރެން ގާތު ބުނަނީ، ރައްޓެހި އަންހެން ކުއްޖަކާއެކު ދާ ވާހަކަ. އެކަމަކު މިރޭ އަހަންނަށް މަންޒަރު ފެނިއްޖެ.] ކުޑައިރުކޮޅެއް ކުރިން ފެނުނު މަންޒަރު، ވާސިލްގެ ސިކުނޑީގައި ވަނީ ވަރަށް ބޮޑަށް ކުރެހި ތަޞްވީރުވެފައެވެ.

[މަންމަ އޭނައަށް ވިސްނައިދޭނަން. އެކަމަކު ތިޔައީ ރަނާއާ އެއްވެސްވަރަކަށް ގުޅޭ ކަމެއް ނޫން.] ރަނާގެ މަންމައަށް އެކަން ޤަބޫލުކުރަން ދަތިވިއެވެ. ހިތަށްކުރި ފުން އަސަރާއެކު، ވާސިލް ގޮސް ވަނީ ކޮޓަރިއަށެވެ.

ކޮޓަރިއަށް ވަދެ ކޮޓަރީގެ ދޮރު އެތެރެއިން ތަންޑު އަޅުވާލުމަށްފަހު، އެނދާ ދިމާއަށް ހިނގައިގަތް ވަގުތު، އެނދާ ދިމާގައި ހުރި އަލަމާރި ދޭތެރެއިން، ގުޅަކޮށްފައި ހުރި ގިނަ ޢަދަދެއްގެ ކަރުދާސްތަކެއް އޭނާގެ އަމާޒަށް އެރިއެވެ.

އޭނާ ވަގުތުން އެހުރިހާ ކަރުދާސްތަކެއް އެނދުމައްޗަށް އަޅާލިއެވެ. އެއަށްފަހު ކޮޓަރީގެ ކުޑަދޮރުތައް ހުޅުވާލުމަށްފަހު، އޭނާ އެކަރުދާސްތައް ބަލަން ފަށައިފިއެވެ. އެއީ ކޮންމެ ހަފްތާއަކު އެއްފަހަރު ރަނާއަށް ޖިންނި ފޮނުވަމުންދިޔަ ލިޔުންތަކެވެ. ކޮންމެ ލިޔުމެއްގައިވެސް ވަނީ ތަވީދު ނަގާފައި ބޭރަށް ނުކުތުމަށާއި، އެހެން ނޫނީ ވާސިލްގެ ފުރާނައަށް ނުރައްކާވާނެ ކަމަށެވެ.

އެވަގުތު ލިބުނު ހާސްކަމާއި ގަތް ބިރެއްގެ ސަބަބުން، ވާސިލްއަށް ހަދާނޭ ގޮތް ހުސްވިކަހަލައެވެ. އެނދުމަތީގައި އޮތް ރަނާގެ ތަވީދު ވާސިލަށް ފެނުނީ، ކޮޓަރިން ނުކުންނަން ހިނގައިގަތް ވަގުތުއެވެ. ހާސްވެ ކަންބޮޑުވެފައިހުރެ، އޭނާ ވަގުތުން ދިޔައީ ވިލިނގިއްޔަށެވެ. ޖިންނިތައް ދުނިޔޭގައި އުޅޭކަން އެނގުމުން، އޭނާ ބޭނުންވަނީ އަވަހަށް ޙުސޭން ކަލޯ ގާތު އެވާހަކަ ބުނާށެވެ. ރަނާ ކޮންމެ ހަފްތާއަކުވެސް ހުކުރު ދުވަހުގެރޭ ވިލިނގިއްޔަށް އެދަނީ ވާސިލަށްޓަކައި ކަން އެނގުމުން، އޭނާ ވަރަށް ދެރަވެއްޖެއެވެ.

ބިރުދައްކައިގެން އޭތި ރަނާ ގެންދަނީއެވެ. ރަނާ އޭތީގެ ފަހަތުން އެދަނީވެސް ފިރިމީހާގެ ޙައްޤުގައެވެ. ފިރިމީހާގެ ފުރާނައިގެ ރައްކާތެރި ކަމަށްޓަކައެވެ. ނަމަވެސް މިފަހަރުވެސް ފުރަތަމަ އޭނާއަށް ރަނާއަށް ޝައްކު ކުރެވިއްޖެއެވެ. ޝައްކު ކޮށްގެން، އެކަމުގެ ޝަކުވާ ނުކުރެވެނިކޮށް، މިފަހަރު މިވަނީ ޙަޤީޤަތް ހާމަވެފައެވެ. ވުމާއެކު، އެދުވަހު އީވާނަށް ގުޅައިގެން ގެނެސް، ވާސިލް އެންމެ ފުރަތަމަ އެވާހަކަ އީވާނަށް ކިޔައިދިނެވެ. އީވާން އެދުނީ އޭތީގެ ކިބައިން ސަލާމަތްވާން މަސައްކަތް ކުރުމަށެވެ.

[ގޯންޏަކަށްލާ ތުން ބަނދެފައި ކަނޑަށް އެއްލާލީމާވެސް، އޭތި މަރެއްނުވިދޯ؟ ޙުސޭން ކަލޯ ގާތު ބުނޭ، މިފަހަރު ސީދާ އަންދާލާށޭ.] އީވާން ޚިޔާލުދިނެވެ. އެއަށްފަހު، އީވާނާއި ވާސިލް ދިޔައީ ވިލިނގިއްޔަށެވެ. ޙުސޭންކަލޯއާ ބައްދަލުކުރާށެވެ.

ނަމަވެސް ކަންދިމާވީ ވަރަށް ދެރަކޮށެވެ. ޙުސޭން ކަލޯވީ އޭނާގެ ކުދިންނާއެކު ރަށުން ބޭރުގައެވެ. އެމީހުން އުޅުނު ގެވެސް ހުރީ ތަޅުލާފައެވެ. އެމީހުން ޗުއްޓީއަށް އެމީހުންގެ އުފަން ރަށަށް ގޮސްފައިވާކަން އެނގުނީ، އެހިސާބުގެ އަވަށްޓެރިއަކު ބުނީމައެވެ.

[ކިހާ ދެރަކަމެއް މިދިމާވީ، ކިހިނެއް ހަދާނީ؟ އެތަނަކަށް ރަނާ ދިޔަނުދީ ހިފަހައްޓަންވީކަންނޭނގެ.] ވާސިލް ގޮތްހުސްވި ކަހަލައެވެ. އީވާން ލަފާދިނީ ރަނާއަށް އެ ތަވީދު ނެގިޔަ ނުދިނުމަށެވެ. ޙުސޭންކަލޯ އަންނަންދެން ރަނގަޅަށް ރަނާ ބަލަހައްޓައިފިއްޔާ، ހުރިހާ ކަމެއްވެސް ރަނގަޅުވާނެއެވެ.

[ފަންޑިތަ ހަދާ އެހެން މީހަކު ހޯދަމާ. އޭރުން ފަހަރެއްގައި ރަނގަޅުވެދާނެ.] ވާސިލް ބުންޏެވެ.

[ތިޔައީ ރަނގަޅު ގޮތެއް ނޫން. ޙުސޭންކަލޯއަކީ މިހާރު ތިކަމުގެ ހުރިހާ ޙަޤީގަތެއްވެސް އެނގޭ މީހެއް. ތިކަމުގައި އެންމެ ރަނގަޅުވާނީ، ސީދާ ޙުސޭން ކަލޯ ލައްވާ ކުރުވިއްޔާ. ޙަޤީޤަތުގައިވެސް ޙުސޭންކަލޯއަކީ ވަރަށްމޮޅު މީހެއް. ހިނގާ، އޭނައަށް ގުޅަމާ. ވާސިލްގެ ފޯނަކު ނެތްތަ އޭނަގެ ނަމްބަރެއް.] އީވާން ބުންޏެވެ. އީވާން ބުނިހެން، އެކަމުގެ ތެރެއަށް އެހެން މީހަކު ވަދެގެން އެކަން ކުރުމަކީ، އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ. އޭރުން އަނެއްކާވެސް ދަތިތަކަކާ ކުރިމަތިވާނެއެވެ.

[އެކަމަކު އީވާން، ޙުސޭންކަލޯބެމެން އަންނާނީ މި ބޮޑު ޗުއްޓީ ނިންމާފައެއް ނޫންތަ؟ އެހާ ދުވަސް ވަންދެން އޭތި ބޭނުންގޮތެއް ހަދަން ރަނާ ދޫކޮށްފައި ބަހައްޓަންވީތަ؟ އެގޮތެއް އަހަރެން ބޭނުމެއް ނޫން. އެހެން ކޮންމެވެސް ގޮތެއް ހޯދަން ޖެހޭނީ. އަހަރެންގެ ފޯނުގައި ނެތަސް، ރަނާގެ ފޯނުގައި އޮންނާނެ ޙުސޭންކަލޯގެ ނަމްބަރު. ޙުސޭންކަލޯބެއަށް މިރޭ ގުޅާނަން.] ވާސިލް ހުރީ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެފައެވެ.

[ގުޅާފަ ބުނޭ، މިކޮޅަށް އައިސްދޭށޭ. އަމަރްގެ ބައްޕަ ގާތުވެސް ބުނޭ، ޙުސޭންކަލޯ ގެނައުމަށް މަސައްކަތްކޮށްލަދޭށޭ. އޭރުން ތަންކޮޅެއް ފަސޭހަވާނެ.] އީވާން ޚިޔާލުދިނެވެ. އެއީ ވާސިލަށްވެސް ކަމުދާ ވިސްނުމަކަށްވެ، އޭނާ އަމަރްގެ ބައްޕައާ އެކަމާބެހޭ މަޝްވަރާ ކުރިއެވެ. އަދި އެކަން މިހާރުވެސް ހިނގަމުންދާކަމާއި، ރަނާއަށް ބިރު ދައްކައިގެން، އޭތި ކޮންމެ ހުކުރު ދުވަހެއްގެރޭ، ރަނާ ކޮންމެވެސް ތަނަކަށް ގެންދާ ކަމަށްވެސް އޭނާ ބުންޏެވެ.

[ރަނާގެ ތަވީދު ނެތީތަ!؟] ނިޔާޒް އެއްސެވެ.

[ތަވީދު ނަގަނީ. އޭތި އިންޒާރުދެނީ، އެ ތަވީދު ނުނަގާނަމަ، އަހަރެން މަރާލާނެ ކަމަށް. އެކަމާ ބިރުން ރަނާ ތަވީދު ނަގަނީ.] ވާސިލް އޮޅުންފިލުވައިދިނެވެ.

[ކިތަންމެ ބިރު ދެއްކިޔަސް، އެ ތަވީދު ނެގިޔަނުދޭތި. ރަނާ ގާތު ބައްޕަވެސް ބުނާނަން، ތަވީދު ނުނަގާށޭ. އެތަވީދު އޮތްހާ ހިނދަކު، އޭއްޗަކަށް ތިކުދިންނަކާ ގާތެއް ނުވެވޭނެ.] ނިޔާޒް މިހެން ބުނެފައި، އޭނާގެ ޖީބުގައި އޮތް މޯބައިލް ފޯނުން ޙުސޭން ކަލޯއާ ގުޅިއެވެ. އޭނާގެ މޯބައިލް ފޯނުގައި ޙުސޭންކަލޯގެ ނަމްބަރު އޮތެވެ. ނިޔާޒް ގުޅުމާއެކު، ކަމެއް ދިމާވެއްޖެކަން ޙުސޭންކަލޯއަށް އެނގުނެވެ.

[އަނެއްކާ ކަމެއް ލައިގަތީތޯ؟] ފޯނު ނަގަމުން، ޙުސޭންކަލޯ ވާހަކަ ދެއްކިއެވެ. ނިޔާޒް ވާސިލް ކިޔާދިންގޮތަށް، ވަރަށް ތަފްޞީލްކޮށް ޙުސޭންކަލޯއަށް ކިޔާދިނެވެ.

[ކޮންމެ ގޮތެއްވިޔަސް ތިކަން ޙައްލު ކުރުމަށް މަސައްކަތް ކުރެވޭނީ އަހަރެން މާލޭގައި ހުރެގެން. ފަސޭހަ ގޮތަކަށް އަހަރެން މާލެ ދާނީވެސް ކިހިނެއް؟] ޙުސޭން ކަލޯ ބުންޏެވެ. ވަގުތުން ޙުސޭންކަލޯ އެދުވަހުން އެދުވަހަށް މާލެ ގެނެވޭނެ ގޮތް ނިޔާޒް ހަމަޖެއްސިއެވެ.

ހައި ސްޕީޑް ލޯންޗެއް ކުއްޔަށް ހިފާފައި، އޭނާ ފޮނުވީއެވެ. އެރޭގެ ދަންވަރު ޙުސޭން ކަލޯއަށް މާލެ އާދެވުނެވެ. ނަމަވެސް އެމަސައްކަތް ފެށުމަށް އޭނާ ނިންމީ އޭގެ ދެތިން ދުވަސް ފަހުންނެވެ.

ސަބަބަކީ އޭނާ އެފަދަ މަސައްކަތް ކުރަނީ، އަބަދުވެސް ނަކަތް ބަލާފައިކަމުންނެވެ.

[ރަނާ ގާތު ބުނޭ، ތަވީދު ނުނަގާށޭ. ރަނާ އެގޮތަށް ކަންތައް ކުރަންޏާ، އަނެއްކާވެސް ހޮސްޕިޓަލްގައި ހިނގިފަދަ ނުރައްކަލަކާ ދިމާވެދާނެ. އަހަރެން މިފަހަރު އެންމެންގެ ކުރިމަތީގައި، އޭތި އަންދާލާނީ. އޭރުން ދެން އޭއްޗެއް ހަމަގައިމުވެސް ނާންނާނެ. އެކަމަކު ގޯންޏަށްލާ ތުން ބަނދެފައި އެއްލާލީމާވެސް، ތި އެތި ސަލާމަތްވީގޮތް އެބަޖެހޭ ބަލަން.] ޙުސޭން ކަލޯ ބުންޏެވެ.

މިހާރަކަށްއައިސް، ރަނާ އެ ތަވީދު އެއްވެސްވަރަކަށް ނާޅައެވެ. ހީވާކަހަލައެވެ. މިހާރު އޭނާވެސް ޖިންނިއާ ވަކިވާން ބޭނުން ނުވަނީއެވެ. ނުވަތަ ޖިންނީގެ ބީހުންތަކާއި، އެ އިޙްސާސްތަކަށް އޭނާއަށް އެދެވެނީއެވެ. ޙަޤީޤަތުގައިވެސް އެއީ މުޅިން ތަފާތު އިޙްސާސްތަކެކެވެ. ލޯބިވެތި ބީހުންތަކެކެވެ. ވާސިލްގެ ފަރާތަކުން އޭނާއަކަށް އެ ހިތްހަމަޖެހުމެއް ނުލިބެއެވެ. މިހެން މިކަން އޮތްއިރު، އުފެދޭ ސުވާލަކީ، ރަނާގެ ކުރިމަތީގައި ޖިންނި އަނދާ ހުލިވަމުންދާ މަންޒަރު ބަލަން ރަނާއަށް ކެތްކުރެވޭނެބާއެވެ.

ކެތް ނުކުރެވުނަސް، ޖިންނިއަކީ ދާއިމީގޮތަށް އޭނާގެ ޙަޤީޤީ ދިރިއުޅުމުގައި ޙިއްޞާވެވިދާނޭ އެއްޗެއް ނޫންކަން އޭނާވެސް ދަންނަން ޖެހޭނެއެވެ.

[ރަނާ ކޮބައިތަ، ރަނާގެ އުނަގަނޑުގައި އޮތް ތަވީދު؟] ފުރަތަމަފަހަރަށް ތަވީދާ ގުޅޭ ސުވާލު ވާސިލް ރަނާއާ ކުރިއެވެ. އޭގެކުރިން އޭނާ ރަނާ ގާތު އެކަން އެނގޭ ވާހަކައެއްވެސް ނުބުނެއެވެ.

[އަހަރެން އޭތި އެއްލާލައިފިން. މިހާރު ދެން ވަރަށް ދުވަސްވެއްޖެއެއްނު. އެހެންވެ އެއްލާލީ. މިހާރު ދެން އެއްވެސް ނުރައްކަލެއް ނެތެއްނު.] ރަނާ ހީކުރީ ވާސިލަށް އަދިވެސް އެއްވެސް ކަމެއް ނޭނގޭ ކަމަށެވެ.

[އެއްވެސް ނުރައްކަލެއް ނެތް!؟ އެކަމަކުވެސް ރަނާ ތިކުރީކީ ރަނގަޅު ކަމެއް ނޫން. ރަނާ އަދިވެސް ބޭނުންވަނީތަ؟ ކުރީގައި ހިނގިފަދަ ޙާދިޘާއެއް މެދުވެރިވާން. ތަވީދު އެއްލާލުމަކީ ރަނާ ވަރަށް ދެރަކޮށް ކުރި ކަމެއް.] ވާސިލް ބޯހޫރާލިއެވެ. ވަގުތުން ވާސިލް ގުޅާފައި ޙުސޭންކަލޯ ގާތު އެވާހަކަ ބުނެފިއެވެ.

[މިހާރު އަނެއްކާ ރަނާ ހުރީ ރަނގަޅަށްބާ؟ އޭތި ކިތަންމެބޮޑު ލަނޑެއްވެސް ދީފާނެ. އަޞްލު އެފަދަ އެއްޗަކަށް އިތުބާރު ކުރަން ހެޔޮވެސްނުވާނެ.] ޙުސޭންކަލޯ ބުންޏެވެ. އެރޭ ރަނާ ގާތު، ޖިންނިއާ ރަނާ ގުޅުން ބާއްވާކަން ވާސިލްއަށް އެނގޭ ކަމަށާއި، މިހާރު އަލުން އޭތި ނައްތާލަން މަސައްކަތްކުރާ ވާހަކަވެސް ވާސިލް ބުންޏެވެ. ހަމައެއާއެކު ރަނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. އޭނާ ހީކުރިއެވެ. ވާސިލަށް އެކަމެއް ނޭނގޭނެއެވެ.

އެރޭ ނިދަން އޮށޯވެ އޮވެ، ރަނާ ވަރަށް ވިސްނިއެވެ. ހީވާގޮތުން އޭނާ ބޭނުންވަނީ، އެވާހަކަ ޖިންނި ގާތު ބުނާށެވެ. އޭނާ އޮތީ ވާސިލަށް ނިދެންދެން ހިމޭނުންނެވެ. އެހެން އޮވެފައިމެ، ވާސިލަށް ނިދިއްޖެ ކަމަށް ބަލާފައި އޭނާ ތެދުވިއެވެ.

[ރަނާ ކޮންތާކަށް ދާން ތިއުޅެނީ؟] ރަނާ ހިނގައިގަތުމާއެކު، ވާސިލް ވާހަކަ ދެއްކިއެވެ. އެ އަޑަށް ރަނާ ސިހުނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން