އެއްވެސް ބަަޔަކަށް ރަށެއްގައި މަގު ކޮނެވޭނީ ފެނަކައިގެ މުވައްޒަފުންގެ ހާޒިރުގައި ކަމަށް ބުނެ ފެނަކައިން އާ އުސޫލެއް ހަދައިފި އެވެ.

ފެނަކައިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓާއި ފެން އަދި ނަރުދަމާގެ ނެޓްވޯކްތައް ރަށުގެ ހިސާބުތަކަށް ފޯރުކޮށްދެނީ ބިމުގައި ވަޅުލައިގެން ކޭބަލް ހޮޅި ނުވަތަ އެފަދަ ނެޓްވޯކްތަކެއްގެ ޒަރިއްޔާއިން ކަމަށެވެ.

އެހެން ނަމަވެސް ރާއްޖޭގެ ގުދުރަތީ ހާލަތަށް ރިއާޔަތްކޮށް އެފަދަ ނެޓްވޯކުތައް ގާއިމުކޮށްފައިވަނީ ނިސްބަތުން ބިމުގެ ތިލަ ހިސާބުގައި ކަމަށެވެ.

އަދި އެކަން އެހެން އޮތްއިރު މަގު ކޮނުން ނުވަތަ ތޮރުފުން ފަދަ މަސައްކަތްތަކުގެ ތެރެއިން އެފަދަ ކޭބަލަކަށް ގެއްލުން ލިބުމުގެ ފުރުސަތު އޮތުމާއެކު ސަލަމާތީ ފިޔަވަޅުތަކެއް ގާއިމުކޮށްފައިވާ ކަމަށް ފެނަކައިން ބުނެއެވެ.

އެގޮތުން ސަރުކާރު ކުންފުންޏެއް ވިޔަސް ކޮންޓްރެކްޓް ކޮށްގެން މަސައްކަތް ކުރާ ފަރާތެއް ވިޔަސް ނުވަތަ އާންމު ފަރުދެއްވިޔަސް އެއްވެސް ބޭނުމަކަށް މަގު ކޮނުމާއި މަގު ތޮރުފުން ފަދަ ކަމެއް ކުރެވޭނީ އެރަށެއްގައި ގާއިމުކޮށްފައިވާ ފެނަކަ އޮފީހުގެ ޓެކްނިކަލް މުވައްޒަފުންގެ ހާޒިރުގައި ކަމަށް އާ އުސޫލުގައި ވަނީ ހިމަނައިފަ އެވެ.

"މަގު ތަކާއި އާންމު ސަރަހައްދުތަކަކީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިވާ ތަންތަން ކަމަށްވުމުން މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް މިފަދަ މަސައްކަތްތައް ހިންގަންވާނީ ސީދާ ކައުންސިލްގެ ބެއްލެވުމުގެ ދަށުން ކަމުގައި މި ކުންފުނިން ގަބޫލުކުރާ ހިނދު ކައުންސިލްތަކުގެ އެއްބާރުލުން ދެއްވުމުން މިކަމުގައި މުހިންމުކަމުގައި ދަންނަވަމެވެ." ފެނަކައިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން