ނިރުބަވެރި އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 700 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

ފާއިތުވި ހޯމަ ދުވަހުން ފެށިގެން އިސްރާއީލުން ހުއްޓުމެއްނެތި ލުބުނާނަށް ރޮކެޓް ހަމަލާތައް ދެމުންނެވެ. މި ހަމަލާތައް ހުއްޓާލުމަށް ދުނިޔެ ގޮވަމުންދާ އިރުވެސް ނިރުބަވެރި އިސްރާއީލުން އެ އަޑުތަކަށް ދެނީ ބީރު ކަންފަތެކެވެ.

ވައިޓް ހައުސް އިން ބުނީ ލުބުނާނުގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިސްވެ އޮވެ ބައިނަލްއަގްވާމީ ގުޅުންތަކާއެކު އިސްރާއީލާ މަޝްވަރާކުރި ނަމަވެސް އިސްރާއީލުން އެކަމަށް ދެކޮޅު ހަދަމުންދާކަމަށެވެ.

މި ހަނގުރާމަ ހުއްޓާނުލި ކަމުގައިވިޔަސް އެމެރިކާގެ އަސްކަރީ އެހީގެ އާ ޕެކޭޖްތައް އިސްރާއީލަށް ފޮނުވަމުން ގެންދާނެ ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވަނީ ބުނެފައެވެ. އަދި އިތުރު އެހީގެ ގޮތުގައި އެމެރިކާއިން އިސްރާއީލަށް 8.7 ބިލިއަން ޑޮލަރުގެ އެހީ ދޭނެ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި 41،534 މީހުން ޝަހީދުވެ 96،092 މީހުން ޒަޚަމްވެފައިވެއެވެ. އިސްރާއީލުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 1،139 އަށް އަރާއިރު، 200 އަށް ވުރެ ގިނަ މީހުން ވަނީ ރަހީނުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން