ޝަހީދުވާ ކޮންމެ ލީޑަރެއްގެ ބަދަލުގައި އެހެން މީހަކު ނުކުންނާނެ ކަމަށް އިރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީގެ މުޝީރު ޢަލީ ލަރިޖާނީ ވިދާޅުވެއްޖެއެވެ.

އެންމެމަތީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީގެ މުޝީރު ޢަލީ ލަރިޖާނީ އިރާނުގެ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޖިހާދުކުރާ ޖަމާއަތްތަކުގެ ލީޑަރުން އަބަދުވެސް ބަދަލުވަމުންދާނެ ކަމަށާއި ޝަހީދުވާ ކޮންމެ ލީޑަރެއްގެ ބަދަލުގައި އެހެން މީހަކު ނުކުންނާނެ ކަމަށެވެ.

މުޝީރު ޢަލީ ލަރިޖާނީ މިހެން ވިދާޅުވެފައި މިވަނީ ލުބުނާނުގެ ބެއިރޫތަށް ދިން ހަމަލާގައި ހިޒްބުﷲގެ ލީޑަރު ޙަސަން ނަޞްރުﷲ އަވަހާރަކޮށްލާފައިވާ ކަމަށް ނިރުބަވެރި އިސްރާއީލުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.

ޒަޔަނިސްޓް އިސްރާއީލުގެ މީޑިޔާތަކުންވެސް ބުނަމުންދަނީ ނަޞްރުﷲ އަވަހާރަވެފައިވާ ކަމަށެވެ. ނަމަވެސް، ހިޒްބުﷲ އިން އެކަމާ މެދު ބުނެފައި ވަނީ ހަމަލާއާ ގުޅިގެން އިސްރާއީލުން ދައްކަމުންދާ އެއްވެސް ވާހަކައެއްގައި ހަގީގަތެއް ނެތް ކަމަށެވެ.

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް އިތުރުވެ ދެގައުމުގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމަށް މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނަމުންދާއިރު އިސްރާއީލުން ދަނީ ހުއްޓުމެއްނެތި ލުބުނާނުގެ އެކި ސަރަހައްދުތަކަށް ހަމަލާތައް ދެމުންނެވެ.

ލުބުނާނަށް ހަމަލާތައް ދިނުމަށް ފަހު އިސްރާއީލުން ބިރުން ފިލައިގެން ތިބޭއިރު އެގައުމުން މިހާރު ވަނީ ލުބުނާނުން ރައްދު ދިނުމަށް ދީފާނެ ހަމަލާއަކުން ސަލާމަތް ވުމަށް އިސްރާއީލްގެ އަސްކަރިއްޔާގެ އެލަރޓް ލެވެލް އެންމެ މައްޗަށް ޖައްސައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން