މަރްޔަމް ނަހްދާ ވަޙީދު   29 ސެޕްޓެމްބަރު 2024 - 0:59
ދަރިފުޅު ނުނިދާތީ ކަންބޮޑުވޭތަ؟
ދަރިފުޅު ނުނިދާތީ ކަންބޮޑުވޭތަ؟
ދަރިފުޅު ރޭގަނޑު ނުނދަނީތަ؟ އަދި ދަރިފުޅަށް ރޭގަނޑުގެ ހަމަ ނިދި ނުލިބޭތީ ކަންބޮޑުވަނީތަ؟ މިއީ ވަރަށް ގިނަ ކުޑަކުދިންނަށް ދިމާވާ މައްސަލައަކަށްވީއިރު، މިކަމުގެ ސަބަބުން ވަރަށް ގިނަ ބެލެނިވެރިން ކަންބޮޑުވުން ފާޅު ކުރެއެވެ. އަދި މިކަން މިހެން މެދުވެެރިވާން ޖެހޭ ސަބަބުތައް ނޭނގޭތީ އެކަމާ ހާސްވެސް ވެއެވެ. އެހެންކަމުން މިފަހަރު މި ހިމަނާލަނީ ކުޑަކުދިންނަށް ނިދަން އުނދަގޫވާ ބައެއް ސަބަބުތަކެވެ.

މާބޮޑަށް ސްޓިމިއުލޭޓުވުން

މާ ބޮޑަށް ކުއްޖާ ސްޓިމިއުލޭޓުވުން ނުވަތަ ހައިޕަރސްޓިމިއުލޭޓުވުމަކީ އެކުއްޖެގެ ނިންޖަށް ބޮޑެތި ބަދަލުތައް ގެންނަ ކަމެކެވެ. މިކަން ދިމާވަނީ ނިދާގަޑިއާ ކައިރިކޮށް ކުއްޖާގެ ސިކުނޑީގައި ހިޔާލުތައް ގިނެވެ، އޭގެ ސަބަބުން ސިކުނޑި ހައްމަތަ ކުރަން އުނދަގޫވާތީއެވެ. ތިރީގައި މި ހިމަނާލަނީ ކުއްޖާ ހައިޕާސްޓިމިއުލޭޓު ވުމަށް މެދުވެރިވާ ބައެއް ސަބަބުތަކެވެ.

- ނިދާގަޑި ކައިރިކޮށް ސްކްރީނު ބެލުން

- ނިދާގަޑި ކައިރިކޮށް މާބޮޑަށް ވަރުބަލިވާފަދަ ގޭމެއް ކުޅުން

- ނިދާގަޑި ކައިރިކޮށް ފޮނި އެއްޗިސް ކެއުން

- ކުއްޖާއަށް ކެފެއިން ހިމެނޭ އެއްޗިސް ދިނުން (މިސާލަކަށް ޗޮކްލެޓު)

އުނދަގޫވުން



ނިދާ މާހައުލުގައި އުޅޭ ކޮންމެވެސް ކަމެއްގެ ސަބަބުން ކުއްޖާއަށް އުނދަގޫވާނަމަވެސް ކުއްޖާއަށް ނިދަން އުނދަގޫ ވެއެވެ. ނުވަތަ ކޮންމެވެސް ކަހަލަ ބައްޔެއްގެ ސަބަބުން ކުއްޖާއަށް އުނދަގޫތަކެއް ވަމުންދާނަަމަވެސް ނިދަން އުނދަގޫވެދާނެއެވެ. ތިރީގައި މި ހިމަނާލަނީ ނިދާ މާހައުލުގައި ކުއްޖާއަށް އުނދަގޫވާން މެދުވެރިވާ ބައެއް ސަބަބުތަކާއި، ސިއްހީ ގޮތުން އުނދަގޫ ވާ ބައެއް ސަބަބުތަކެވެ.

- ކޮޓަރި އަލިގަދަވުން

- ލަވަ ޖަހާފައި ހުރުން ނުވަތަ ކޮޓަރި ތެރޭގައި އަޑުހަރުވުން

- އުނދަގޫ ހެދުމެއް ލައްވާފައި އޮތުން

- ކޮޓަރީގެ ފިނި ހޫނު މިން ހުންނަ ވަރު

- ސިއްހީގޮތުން ދިމާވާ މައްސަަލަތަކުގެ ތެރޭގައި، ރޯގާ ޖެހުމާއި، ނޭފަތް ބެދުމާއި، ބަނޑުގައި ރިއްސުން އަދި ދަތް ފެޅުން ފަދަ ކަންކަން ހިމެނެއެވެ.

ބިރުގަތުން



ކަމަކާމެދު މާބޮޑަށް ބިރުގެންފައި ހުރުމަކީވެސް އޭގެ ސަބަބުން ނިދަން އުނދަގޫވުމަށް މެދުވެރިވާ ކަމެކެވެ. މި މައްސަލަ އާންމުކޮށް ދިމާވަނީ ދެ އަހަރު ފުރިފައިވާ ކުދިންނަށް ކަމުގައި ވީއިރު، މިކަން މިހެން ވަނީ 2 އަހަރަށްފަހު ކުދިންނަށް ހުވަފެންތައް ފެނި އެކަން ދެނެގަނެވޭތީއެވެ. އެހެންކަމުން ނިދާފައި އޮވެ ބިރުވެރި ހުވަފެނެއް ފެނިއްޖެނަމަ، އެކަމުގެ ސަބަބުން ކުއްޖާއަށް ހޭލެވި މުޅި ރޭ ނުނިދާ އުޅޭ ފަހަރުވެސް އާދެއެވެ.

ކަންކަން އެނގެން ބޭނުން ވުން

ކުޑަކުދިންނަކީ ވަރަށް ކަންކަން ތަހުލީލުކޮށް، ތަޖުރިބާކޮށް އެނގެން ބޭނުންވާ ކުދިންކަމަށްވީއިރު، މިއީވެސް އެކުދިންނަށް ރޭގަނޑުގެ ނިދި ލިބުމަށް ހުރަސް އެޅޭ ކަމެކެވެ. އެގޮތުން ގޭތެރޭގައި އެހެން މީހުން އުޅޭ ގޮތް ބަލަން ބޭނުންވުމާއި، ވަށައިގެންވާ މާހައުލުގައި ހިނގާ ކޮންމެ ކަމެއް އެނގެން ބޭނުން ވާތީވެސް ކުދިން ނުނިދާ ހޭލާ ތިބެއެވެ. މިކަން އާންމުކޮށް ވަނީ އެކި މީހުން އެކި ގަޑިތަކުގައި ނިދާތީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން