image ގައްދޫ ރަޝީދު   22 އޯގަސްޓު 2020 - 23:14
ކާވެނީގެ ދަޢުވަތުގެ ކަންތައް އިންތިޒާމްކުރީ ފައުޒިއްޔާއެވެ. ހިތަށްއެރި ވަރަކަށް ޚަރަދުކުރުމަށް ޖަލާލީ ހުއްދަ ދީފައިވެއެވެ. އެހެންކަމުން އޭނާއަށް ފެންވަރަކަށް ޚަރަދުކުރީއެވެ. އޭނާ ބޭނުންވަނީ ޖަޔާގެ ޢާއިލީ މީހުންނަށް ފައިސާގެ ޒަރީޢާއާއިން އިޙްސާންތެރިކަން އަދާކުރުމެވެ. މީހާގެ ސިފައާމެދު ވިސްނާނެ ދަނޑިވަޅެއް ނުދިނުމެވެ.

ފައިވްސްޓަރ ހޮޓަލެއްގައި ރޭގަނޑުގެ ކެއުމެއް ބޭއްވުމަކީ އާދައިގެ ކަމެއްނޫނެވެ. މެނޫ ތައްޔާރުކުރީ ފައުޒިއްޔާ އަމިއްލައަށެވެ.

[ބޭނުން ވަރަކަށް މެހްމާނުން ގެންނަވާށެވެ.] އޭނާ ޖަޔާގެ މަންމައާ ބައްޕަ ގާތުގައި ބުންޏެވެ.

ގޭގައި ތައްޔާރުކުރިނަމަ އެމީހުންނަށްވެސް ބޭނުން ވަރަކަށް ރައްޓެހިންނަށް ދަޢުވަތު ނުދެވުނީސް ކަންނޭގެއެވެ. ދަޢުވަތު އޮތީ ހޮޓަލުގައެވެ. އަދި އެއީ ޝަހަރުގައި ހުރި އެންމެ ފެންވަރުމަތީ ހޮޓަލެވެ. އެހެންކަމުން ހޮވައިގެން ދަޢުވަތު ދެވުނީސް ޝަހަރުގެ ބޮޑެތިކުލައިގެ މީހުންނަށެވެ. ޚާއްޞަ ގޮތެއްގައި ޖަޔާގެ ކާވެންޏާމެދު ފާޑުފާޑުގެ ވާހަކަ ހަދަހަދައިގެން ދެއްކި މީހުންނަށް ދަޢުވަތުދެވުނެވެ. އަދި ޙަސީނާގެ ގާތްތިމާގެ މީހުންނަށާއި ނަވީދުގެ ވާންއުޅޭ އަނބިމީހާގެ ގޭގެ އެންމެންނަށް ދަޢުވަތު ދެވުނެވެ.

ޖަޔާއަށް ފަހާފައިވާ ހެދުންތަކާ ތައްޔާރުވެފައިވާ ގަހަނާތައް ފެނިފައި ޖަޔާގެ މައިންބަފައިންނަށް ހީވީ މިއުޅެވެނީ މަޢުރަޟެއް ބާއްވަން ކަމުގައެވެ. އެންމެން ގެއަށްގެނެސް ދައްކާ ހެދިއެވެ. ނަވީދަށާ އެގޭގެ އެހެން މީހުންނަށް މިމަންޒަރު ދެއްކުމަކީ ކޮންމެހެން ބޭނުން ކަމެކެވެ.

އެމީހުނަށް މިމަންޒަރު ފެނުމުން ޙައިރާންވެ އަންތަރީސް ވިއެވެ. މޫނު މައްޗަށް ދެއްކުމުގެ ހިންތުންވުން ވެރިކުރުވަން ވަރަށް މަސައްކަތް ކުރިއެވެ.

[ޖަވާހިރު ސެޓް ޖަލާލީ ތައްޔާރުކުރުވީ އެމެރިކާ އިންނެވެ. އަހަރެން މީގެ އަގު މިތަނުން ބަލާލިއިރު ގާތްގަނޑަކަށް ދެލައްކަ ރުފިޔާވަރު ޖެހެއެވެ. ދެން މިހިރަ ކަންފަތުލާ މުދިސެޓް ފައުޒިއްޔާ މިތަނުންގަތީ އަހަރެންގެ ކުރިމަތީގައެވެ. މިވެޑިންގ ހެދުމަކީވެސް އެހާ އަގުބޮޑު ހެދުމެކެވެ. އެހާމޮޅު ހެދުމެކެވެ. ފައުޒިއްޔާ ބުނާގޮތުގައި އަދި މިއީ ފެންނަ ދަޅައެކެވެ. ޖަޔާއަށް އަސްލު ހެދުމާއި ގަހަނާ ލިބޭނީ އެމެރިކާއަށް ދިއުމަށް ފަހުގައެވެ. ޖަލާލީގެ ގެއާއި ބެހޭގޮތުން ވާހަކަ ދައްކަމުން އޭނާ ބުންނެވެ. އަހަންނަށް ހީވަނީ އެއީ ޖާދޫގެ ގެއެއް ހެންނެވެ. އެއްތަނަށް ފިތާލުމުން ގެއަށް އެހެން ގޮތެއްވެގެން ދެއެވެ. އަނެއް ތަނަކަށް ފިތާލުމުން ތަފާތު ކޮޓަރިތައް ފެނިގެން ދެއެވެ. އެގޭގައި އެނބުރޭ ކޮޓަރި އެއްވެސް ހުރެއެވެ. ސުއްޗެއް ޖައްސާލުމުން ކޮޓަރި އެނބުރެން ފަށައެވެ. ނިދާ އެނދަކީވެސް ހަމައަޖައިބެކެވެ. ބަޓަނަކަށް އޮބާލުމުން އުނދޯއްޔެއް ފަދައިން ހެއްލެން ފަށައެވެ........... މާތްރަސްކަލާނގެ އެސްފީނާއިން ސަލާމަތް ކުރައްވާށިއެވެ.]

ޖަޔާ ދޮރުކައިރީގައި ހުރެގެން އެއްޗައްސަށް ބަލަމުން ދިޔައެވެ. އަންނަ ކޮންމެ މީހަކަށް ތާނިޔާ ތަކެތީގެ ތަފްސީލު ކިޔާދެމުން ގެންދިޔައެވެ. ޚާއްޞަކޮށް ފަހަރިއަށާ އޭނާގެ ބޮޑާ ދަރިންނަށެވެ. އެމީހުންގެ މޫނުތަކުން ފެންދެމިފާވެއެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި އެހުރިހާ އެއްޗެއްވެސް އިންތިހާއަށް ރީތިވެފައި އަގުބޮޑެވެ.

[މާތްރަސްކަލާނގެ ޖަޔާ އުފަލުގައި ލަހައްޓަވާށިއެވެ.] އަވަށްޓެރި އަންހެނަކު ބުންޏެވެ. [ޖަޔާއަކީ ހަމަ ޙަޤީޤަތުގައިވެސް ނަސީބު ރަނގަޅު ކުއްޖެކެވެ.]

ޙަސީނާއަކީ ހަލަބޮލި މިޒާޖެއްގެ ކުއްޖެކެވެ. އެއްވެސް ކެތްތެރިކަމެއް އޭނާގެ ނުވެއެވެ. ޖަޔާއާ ދިމާއަށް ބަލާލާފައި ވަށައިގެން ތިބި މެހެމާނުންނާ މުޚާޠަބު ކުރިއެވެ. [އަދި ހުރިހާ ކަމެއްވެސް ރަނގަޅެވެ. ކުރިއަށް އޮތްތާނގައި ކަންތައްވާނީ ކިހިނެއް ބާވައޭ ހިތަށް އަރައެވެ.]

ޖަޔާގެހިތް ބާރަށް ތެޅިގަތެވެ. އެތަނުން އަންހެނަކު އަވަސް އަވަހަށް ސުވާލުކުރިއެވެ. [ތިޔަބުނީ ކީކޭ ހެއްޔެވެ؟]

[މިކުދިންގެ ވާހަކައެވެ.] އޭނާ ޖަޔާއާ ތާނިޔާއާ ދެކުދިންނާ ދިމާއަށް ނަޒަރު ސީދާކޮށްލަމުން މަލާމާތުގެ ރާގުގައި ބުންޏެވެ. [ފިރިމީހާގެ ގޭގައި އުޅުމުގެ އާދަ ހިފިފައިވާ ބައެއް ނޫނެވެ. މީނާވެސް ތާނިޔާ ހެދިގޮތަށް ތަންމަތިބޮނޑި ހިފައިގެން ނާންނާނެ ކަމެއް ނޭގެއެވެ.]

[އަސްތާ ކޮއިފުޅާއެވެ. ތިޔަކަހަލަ ބަސް ބުނާކަށް ނުވާނެއެވެ. [ދެތިން އަންހެނަކު އޭނާއަށް ނަސޭޙަތްތެރި ވިއެވެ.............. ޙަސީނާގެ ޖުމްލަ ތާނިޔާއަކަށް ނީވެއެވެ. އެކަމަކު ޖަޔާގެހިތް އަނދައިފިއެވެ. އޭނާގެ ބަސް ހިނގާނަމަ ކޮޓަރިން ޙަސީނާ ކޮއްޕާ ނެރުނީހެވެ. އޭނާއަށް ކެތްނުކުރެވިގެން އެތަނުން ދުރަށް ހިނގައްޖެއެވެ.

ރޭގެ ޕާޓީ ވަރަށް ފުރިހަމައެވެ. ހޮޓަލްގެ ހޯލު އަލަތު އަންބެއް ފަދައިން ތައްޔާރު ކުރެވިފައިވެއެވެ. އެއް ފަރާތުގައި މަޚްމަލުގެ ސަނދުވާއެއް ތައްޔާރު ކުރެވިފާވެއެވެ. އޭގެ ހަތަރު ފަރާތުގައި މާތަކުން ފުރިފައިވާ ކުލަކުލައިގެ މާފަތިތަކެއް އެކުލެވިފާވެއެވެ.

ޖަޔާ ކާވެނިހެދުން އަޅުވާފައި އިނެވެ. މޭކަޕްކުރުމަށް މީހަކު ގެނައީވެސް ބޮޑުއަގު ދީފައެވެ. ޖަޔާ މޭކަޕްކޮށް ރީތިކޮށްފައި އިންއިރު ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. އިސްތަށިގަނޑަށް ގޮތްގޮތް ހަދާފައިވާއިރު ބިމުގެ ކަމެއް ހެނެއް ހިއެއްނުވެއެވެ. ހީވަނީ އުޑުގެ މަޚްލޫޤެއް ހެންނެވެ. ދިހުންއަރާ ހެދުމާއެކު ވިދާބަބުޅާ ގަހަނާތަކުގެ ސަބަބުން އޭނާގެ ރީތިކަން އިތުރުވެގެން ދިޔައެވެ. އޭނާ މަސަންދުގައި ބާލީހުގެ އެހީއާއެކު އިށީނދެލައިގެން އިނެވެ. ލަދުގަންނަންވީ ސަބަބެއްނެތެވެ. ފިރިމީހާ އޭނާގެ ކައިރިއަކު ނެތެވެ. އެހެންނަމަވެސް އޭނާގެ މޫނުމަތީގައި ލަދުވެތިކަމުގެ ހިޔަނިތައް ފެންނަން ހުއްޓެވެ. އަދި ބައެއް ފަހަރަށް ކޮންމެވެސް ރައްޓެހި ކުއްޖެއްގެ ލާނެއް ވާހަކަކޮޅަކުން އޭނާ އިސްޖަހާލައެވެ. ފޮޓޮގްރާފަރު ގޮތްގޮތަށް ފޮޓޯ ނަގަމުން ދިޔައެވެ. ތަކްރާރުކޮށް އެކިގޮތްގޮތަށް ފޮޓޯނެގުމަކީ ޒުވާން އަންހެން ކުދިންގެ ވަރަށްބޮޑު އެދުމެކެވެ. ފޮޓޯގްރާފަރު މަސަންދާ ކުރިމަތިލާ ކޮންމެ ފަހަރަކު ޖަޔާގެ ފޮޓޯއެއް ނަގައެވެ.

ޖަޔާގެ އެކުވެރި ކުދިން ސަމާސާކުރުމުގައި މަޝްޣޫލުވެގެން ތިއްބެވެ. ޖަގޫ މީހަކާއިނީ މިދިޔަ މަހުގައެވެ. އެހެންކަމުން އޭނާއަށް ލިބިފައިވާ އާ ތަޖްރިބާތަކާ ބެހޭގޮތުން ޖަޔާއަށް ކިޔާދެމުން ގެންދިޔައެވެ.

[ތިޔަކަހަލަ ވާހަކަ ނުދައްކާށެވެ.] ޖަގޫ ވާހަކަ އަހާފައި ހާސްވެގެން ޖަޔާ ބުންޏެވެ.

[ކޮއިފުޅާއެވެ. އެދައްކަނީ ވަރަށްމުހިންމު ވާހަކަ ތަކެކެވެ.] ދެއަހަރުވީ އަންހެން ދަރިފުޅު އުރުން ބާލަމުން ޖަޔާގެ އެކުވެރި ސާއިރާ ބުންޏެވެ.

[އެކަމަކު ތިޔަ ވާހަކަތަކުގެ ފައިދާއަކީ ކޮބައި ހެއްޔެވެ. އޭނާގެ ފިރިމީހާ މިތާކުނެތެވެ.] ސަމްލާ ހީނލާފައި ބުންޏެވެ.

[އެންމެ ސައްވީސްގަޑިއިރު ތެރޭގައި ހަނދާން ނެތިދާނެ ހެއްޔެވެ.] ޖަގޫ ބުންޏެވެ. [މާދަމާ ފިރިމީހާގެ ގާތަށް އެދަނީ ވިއްޔާއެވެ.]

[މާދަމާ ރޭ ހެއްޔެވެ؟]

[އާނއެކެވެ. މިރޭ ފަތިހު ހަތަރެއްގެ ފްލައިޓުންނެވެ.]

[އެންމެ ދުވަހެއްގެ ތެރޭގައި ބުނެދެވޭން އޮތް އެއްޗެއް ބުނެދޭނަމެވެ. އަހާށެވެ. ޖަޔާއެވެ. މިބުނާގޮތަށް ކަންތައް ކުރާށެވެ..........]

ޖަޔާ އަނެއް ފަރާތަށް މޫނު އަނބުރާ ލައިފިއެވެ. ޖަގޫ އޭނާގެ ކަންފަތް ދޮށުގައި ކޮންމެވެސް ކަހަލަ ހެއްވާ ވާހަކައެއް ބުނަން އުޅޭތީއެވެ.

އެކުވެރި ކުދިންގެ ސަކަރާތް ވަރަށްބޮޑެވެ. މެހުމާނުންގެ ބައިގަނޑު ޖަމާވެފައި އޮތެވެ. ފަނޑު އަލީގެ ތެރޭން ކުލަކުލައިގެ ހެދުންތައް ވިދާ ބަބުޅަމުން ދިޔައެވެ. ވޭޓަރުން އެމީހުންގެ މަސައްކަތް ފުރިހަމަ ކުރެވޭތޯ ވަރަށްބޮޑަށް ހިތްވަރު ކުރަމުން ދިޔައެވެ. މީހުންގަނޑު އެއްތަނުން އަނެއްތަނަށް ދަނީއެވެ. ބައެއް މެހްމާނުން ބޭރު ލޯނަށް ހިނގައްޖެއެވެ. ބައެއް އަންހެނުން ކުޑަކުދިން ރުޅި ދައްކަން ފެށުމުން އެކުދިން ގޮވައިގެން ބޭރަށް ނުކުމެއްޖެއެވެ.

[ކޮންމެއަކަސް ޙަފްލާ ވަރަށް ފުރިހަމައެވެ. ޒުވާނެވެ.

މިކަހަލަ ޒުވާންކަމެއް ޖަޔާގެ ހިތުގައިވެސް އުފެދިފައިވެއެވެ. ވޭތުވެދިޔަ ދުވަސްތަކުގެ ހިތާމައާ ލިބެންއުޅޭ އުފާތައް އެކުވެ ލާމެހިފާވެއެވެ. ބައެއް ފަހަރު މައިންބަފައިންނާ އެއްބަނޑު ތިމާގެ މީހުން ދޫކޮށްލާފައި ދާންޖެހޭތީ ހިސާބަކަށް ކަންބޮޑުވެއެވެ. އަދި ޖަލާލީއާ އޭނާގެ ގޭގައި އާދުނިޔެއެއް ފެށުމުގެ ތަސައްވުރުތައް އޭނާގެ ހިތް ސިހުރުވެރި ކުރުވަމުން ދިޔައެވެ. ބައެއް ފަހަރު ނަވީދުވެސް ފުއްޓަތްކަކަށް ވެގެން އޭނާގެ ހިތުގައި ހަލަބޮލިކަން އުފައްދައެވެ. އެކަމަކު ނަފްރަތާ ހާސްކަން އެހަލަބޮލިކަން ވަށާލާފައިވެއެވެ. އޭނާ ޖަޔާގެ ހިތުގައި ޖައްސަމުން ދިޔައީ ކިހާ އިހާނެތި ގޮތަކަށް ހެއްޔެވެ. މިހާރު ޖަޔާއަށް ހީވަނީ ނަވީދުގެ ވިހަ ބަސްތަކުގެ ސަބަބުން ހަށިގަނޑު އަނދަމުންގޮސް އަޅިއަށްވެގެން އެއަޅިން އެހެން ޖަޔާއެއް އުފެދިގެން އުޅޭ ހެންނެވެ.

އާދެ، މުޅިން އާ ޖަޔާއެކެވެ.

މިވަގުތު އުފާވެފައި މިތާނގައި އިން ޖަޔާއެވެ. ފިރިމީހާ ލޮލުން ނުދެކި އަންބަކަށް ވެފައިވާ ޖަޔާއެވެ.

އޭނާ އިސް އުފުލާފައި މަންމައާ ބައްޕައަށް ބަލާލިއެވެ. އޭނާގެ މުޅި ޙަޔާތުގައިވެސް މަންމައާ ބައްޕަ މިހާ އުފާވެފައިތިބި މަންޒަރެއް ނުދެކެއެވެ. ފަޚުރުވެރިކަމުގެ އިޙްސާސުން އެދެމީހުންގެ މޫނު ވިދާ ބަބުޅަމުން ދިޔައެވެ. އުފަލުންގޮސް ފައިވެސް ތުރުތުރު އަޅައެވެ. މިއަދު އެމީހުންގެ ދަރަޖަ ކިހާމަތިވެރި ހެއްޔެވެ.

އޭނާ ތާނިޔާ ދައްތައަށް ބަލާލާފައިވެސް ޙައިރާން ވެއްޖެއެވެ. ދައްތަގެ އޮއްސިފައިވާ މޫނު މިއަދު ކިހާވަރަކަށް އެބަ ވިދާބަބުޅާ ހެއްޔެވެ. އޭނާ މެހްމާނުންނާ އިސްތިޤްބާލު ކުރަމުން އެގެންދަނީ ކިހާ ޔަޤީންކަމަކާ އެކުގައި ހެއްޔެވެ. ޖަޔާގެ އެއްބަނޑު އެއްބަފާ ހުރިހާ ކުދިންވެސް މިޕާޓީގައި ޙަރަކާތްތެރި ވަމުންދަނީ ފިސާރި އުފަލާ ހިތްހަމަޖެހުމާ އެކުގައެވެ.

ޖަޔާގެ ހިތަށް މިކަހަލަ އުފާވެރި ރާޅުތަކެއް ޖަހަމުން ދިޔައެވެ. އެވަގުތު ބޭއިޚްތިޔާރުގައި ޖަޔާގެ ހިތަށް އަރަމުން ދިޔައީ ދަބަހުގައި އޮތް ފޮޓޯނަގާ އެންމެންގެ ކުރިމަތީގައި އެއަށް ސަޖިދަ ޖެހުމަށެވެ. އެރަޙްމަތުގެ މަލާއިކަތާއަށް މިގޮތުން ހަދިޔާ ރައްދު ކުރުމަށެވެ. އެމީހާ ޖަޔާގެ މުޅި ޚާންދާނު އޮތްފުށުން އަނެއް ފުށަށް ޖަހައިފިއެވެ. މުޖްތަމަޢުގެ ޙައިޘިއްޔަތު ބަދަލު ކޮށްދީފިއެވެ. ގޭގެ ފަޟާ ބަދަލުކޮށް ދީފިއެވެ.

ކެއުމަށްފަހު މިއުޒިކު ފެށިއްޖެއެވެ. ޝަހަރުގެ އެތައް މިތަނުން މިއުޒިކް ކުޅޭ މީހުންނާ ރާގުކުޅޭ މީހުން އަދި ލަވަކިޔާ މީހުން ޖަމާކޮށްފައިވެއެވެ. ކެއުމަށްފަހު ބައެއް މެހްމާނުން ހިނގައްޖެއެވެ. މިހާރު ހޯލުއޮތީ ނިސްބަތުން ވަރަށް ހިމޭން ވެފައެވެ.

މިރޭ ކައިވެނިވި އަންހެންކުއްޖައަކީ، އާކާވެނީގެ ރޭ ފާހަގަކުރަން ދާނެ ކުއްޖެއްނޫނެވެ. އެހެންކަމުން މިރޭ ހަތަރުދަމު އޮތީ މިއުޒިކްގެ ޕްރޮގްރާމް ތަކެވެ.

ރޭގަނޑުގެ ފިނިކަން އިތުރުވަމުން ދަނީއެވެ. އަދި ލަވަކިޔާ މީހުންގެ އަޑުތައް ފަޟާގައި ގުގުމަމުން ދިޔައެވެ.

މިގޮތަށް އިނދެއިނދެ ޖަޔާ ވަރުބަލި ވެއްޖެއެވެ. އޭނާ އިޝާރާތުން ތާނިޔާއަށް ގޮވައިފިއެވެ.

[ދައްތާއެވެ. އަހަރެން ވަރުބަލި ވެއްޖެއެވެ.]

[ތިޔަތާނގައި އޮށޯންނާށެވެ.]

[އަސްތާއެވ! ނޫނެކެވެ.]

[އެހެންވިއްޔާ ޖެހިގެންހުރި ކޮޓަރި ބަލާލާފައި އަހަރެން އެބައަންނަމެވެ. ސޯފާއެއް ނަމަވެސް ހުރެދާނެ ކަންނޭގެއެވެ. އޭރުން އިރުކޮޅަކު އަރާމުކޮށްލެވި ދާނެއެވެ.

[ގެއަކަށް ނުދާނަން ހެއްޔެވެ.]

[ކޮއްކޮ އެކަނި ގެއަށްގޮސްގެން ކުރާނީ ކީއްހެއްޔެވެ.]

[އަހަރެން ނިދާލަފާނަމެވެ.]

[ނޫނެކެވެ. ޖަޔާއެވެ. މަޑުކުރާށެވެ. މިތާނގައި ކޮއްކޮއަށް އޮވެވޭނެ ގޮތެއް ދައްތަ ހަމަޖައްސާ ދޭނަމެވެ.]

އޭނާ މަޑުމަޑުން ޖެހިގެންހުރި ކޮޓަރިއަށް ވަދެއްޖެއެވެ. އެތާނގައި ސޯފާތަކާ ގޮނޑިތައް އަތުރާފައި ހުއްޓެވެ. އޭނާ ޖަޔާ އޮށޯންނާނެ ތަނެއް ހެދިއެވެ. ބޭރަށް ހުޅުވެންހުރި ދޮރު އެތެރޭން ބަންދުކުރިއެވެ. ދެން ޖަޔާ ގޮވައިގެން އަތުވެއްޖެއެވެ.

[މިތާގައި ބޭނުންއިރެއް ވަންދެން އޮންނާށެވެ. އެހެރަ ދޮރުވެސް އެހެރީ ތަޅުލާފައެވެ. ހިތްހަމަ ޖައްސާލައިގެން އޮށޯންނާށެވެ.]

ޖަޔާ ދޯޕައްޓާ ނަގާ އެއްފަރާތެއްގައި ބާއްވައިފިއެވެ. އެދޯޕައްޓާ ބަރުކަމުން އޭނާގެ ބޮލަށް އެނބުރުން އަރާފައި ވެއެވެ.

[ތައުބާއެވެ. ކޮންފަދަ ބަރު ދޯޕައްޓައެއް ހެއްޔެވެ. އަދި މިޕިޖާމާވެސް ކިހާ ބޯވެފައި ވަރުގަދަ ހެއްޔެވެ.] އޭނާ ސޯފާގައި އިށީދެއްޖެއެވެ.

[އަދި އެއްފަހަރު ތިޔަހެދުން އަޅަން ޖެހޭނެއެވެ.] ތަނިޔާ ހިނިތުން ވެލިއެވެ.

[އެއީ ކީއްކުރަން ހެއްޔެވެ؟]

[މާދަމާ ޖަލާލީގެ ކައިރިއަށް އަލަތު އަންބެއްގެ ސިފައިގައި ދާން ޖެހޭނެއެވެ.]

[އަސްތާއެވެ. އަހަރެން މަތިންދާ ބޯޓުގައިވެސް ދާންވާނީ ހެދުމުގައި ހެއްޔެވެ؟]

[ވާނީ ކޮންކަމެއް ހެއްޔެވެ؟]

[އެކަމަކު...........]

[ނޫނެކެވެ. ކޮއްކޮގެ ފިރިމީހާ އެއަރޕޯޓަށް އަންނާނެއެވެ. އޭނާއަށް އޭނާގެ އަންހެނުން އަލަތު އަންބެއްގެ ހެދުމުގައި ފެނުމަކީ ވަރަށް އުފާވާނޭ ކަމެކެވެ. ގެއަށްގޮސް އެހެދުން އެޅުމުން އެފަދަ އުފަލެއް ނުލިބޭނެއެވެ.]

ތާނިޔާ ލާނެއްވަމުން މިދަނީ ހާދަހާ ވަރަކަށެވެ. ޖަޔާ ލަދުގަންނަން ފަށައިފިއެވެ. އޭނާ ހިނިތުން ވެލަމުން އިސްޖަހާލިއެވެ.

[އެންމެ ރަނގަޅެވެ. ދެން އޮށޯންނާށެވެ. އަރާމު ކޮށްލާށެވެ. ތާނިޔާ ބުންޏެވެ. އަދި އަނެއްކާވެސް ހޯލުން ހަލޭކުގެ އަޑު އިވިގެން ހިނގައްޖެއެވެ. ކޮންމެވެސް ލަވައެއް ނިމުމުން މަރްޙަބާގެ އަތްތިލަބަޑިއެއް ތަޅައިގަތީއެވެ. ތާނިޔާ އަވަހަށް ބޭރަށް ނުކުމެއްޖެއެވެ. އޭނާއަކީވެސް ލަވައަށް ވަރަށް ފޯރިހުންނަ މީހެކެވެ.

ތާނިޔާ އަވަސް އަރުވާލާފައި ނުކުތްގޮތުން ޖަޔާ ހިނިތުން ވެލިއެވެ.

ދައްތަ ދިއުމުން ޖަޔާ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. ފުދޭވަރެއްގެ ބޮޑު ކޮޓަރިއެކެވެ. ދޫލައާ ފަރުދާތައް އަދި ސޯފާތައް ހުރީ ރަތްކުލައާ ކަޅު ކުލައިންނެވެ. އެއްފަރާތު ފާރުގައި ބޮޑެތި މޫނުބަލާ ލޯގަނޑުތައް ހަރުކޮށްފައި ހުއްޓެވެ. އެއްދިމާއެއްގައި ކައުންޓަރެއްވެސް ހުއްޓެވެ. ރަތްކުލައިގެ ފަނޑުއަލިކަމެއް މުޅި ކޮޓަރި ތެރެއަށް ވެރިވެފައި އޮތެވެ. ޖަޔާ ސޯފާއިން ތެދުވެއްޖެއެވެ. އަދި މަޑުމަޑުން ހިނގާފައިގޮސް ލޯގަނޑު ކައިރިއަށް ހުއްޓިއްޖެއެވެ.

އަމިއްލަ ހަށިގަނޑު ލޯގަނޑުން ފެނިފައި ޚުދު އޭނާ ޙައިރާން ވެއްޖެއެވެ. މިހާރު އޭނާ ކިހާރީތި ހެއްޔެވެ. ހިނދުކޮޅަކު އޭނާ އެކިގޮތްގޮތަށް ބަލަމުން ގެންދިޔައެވެ. އަދި ބޭއިޚްތިޔާރުގައި [މިވަގުތު ޖަލާލީ މިތާނގައި ހުރިނަމައޭ] އޭނާގެ ހިތަށް އެރިއެވެ.

މިކުރެވުނު ޚިޔާލާމެދު ޚުދު އޭނާ ކަންބޮޑު ވެއްޖެއެވެ. ވަށައިގެން ހޯދާ ބަލާލިއެވެ. އޭނާގެ ހިތުގެ ސިއްރު އަތުލައިގަތުމަށް ކޮންމެވެސްމީހަކު ސިއްރުން ބަލަންހުރިހެން ހީވެގެންނެވެ. ދެން ހިތްހަމަ ޖައްސާލާފައި ކަރުގާއޮތް ރަންހާރުގެ ވާފަށް ދޫކޮށްލައިފިއެވެ. އޭނާގެ އަތް ކުއްލިއަކަށް ހުއްޓިއްޖެއެވެ.

އަދި ޙައިރާންވެފައި ލޯގަނޑަށް ބަލަހައްޓައިގެން ހިނދުކޮޅަކު ހުރެއްޖެއެވެ.

ދެން އޭނާ އަތްތިރި ކޮށްލާފައި އެނބުރިލިއެވެ. އަދި ބަލާލިއެވެ.

ނަވީދު ހަށަން ބަނދެލައިގެން ކޮޅަށް ހުއްޓެވެ.

ޖަޔާ ސުވާލުކުރުމުގެ ކުރީގައި ފަނޑު ހިނިތުން ވުމަކާއެކު އޭނާ ބުންޏެވެ. [މަރުޙަބާ ކިޔާނެ ދަނޑިވަޅެއް ނުލިބުމުން މިތަނަށް އައީއެވެ.]

[ޝުކުރިއްޔާއެވެ.] ޖަޔާ އަވަސް އަވަހަށް ސޯފާއާ ދިމާއަށް ހިނގައްޖެއެވެ. އަދި ދޯޕައްޓާ ނަގާ ކޮނޑުމަތީގައި ފަތުރާލިއެވެ.

ނަވީދުވެސް ހުރި ފިޔަވަޅު މަތީގައި ހުރެފައި އެނބުރިލިއެވެ.

ޖަޔާގެ ހިތަށް ގޮތެއްވެގެން ދިޔަކަން ހަމަގައިމެވެ. އެކަމަކު ނަފްރަތާ ހާސްކަމުގެ ރާޅުތައް ބިންދަން ފެށުމުން ހުރިހާ ޖަޒުބާތެއް އޮޔާ ބެހިގެން ހިނގައްޖެއެވެ.

[ވަރަށް އުފާދޯއެވެ.] ނަވީދު ހިތާމައިގެ ބެލުމަކުން ބަލާލާފައި ބުންޏެވެ.

ނަވީދު އިރުކޮޅަކު ހިމޭނުން ހުއްޓެވެ. ދެން މަޑުމަޑުން ބުންޏެވެ. [ޖަޔާއެވެ. އުފާވުމާ އަދި އުފާވެރިކަން ފާޅުކުރުމުގައި ވަރަށްބޮޑު ތަފާތު އެބަހުއްޓެވެ.]

ޖަޔާ ތެޅިގަތެވެ. ރީތި ތުންފަތް ބާރަށް ދައިގެންފިއވެ. މޫނުމަތިން ތަރިބުރައިގެން ދިޔައެވެ. ދެން ހާސްވެފައި ބުންޏެވެ. [ނަވީދު ބުނުއްވަން ތިޔައުޅެނީ ކީކޭތޯއެވެ.]

[އަހަރެން.....] ނަވީދު ފުން ނޭވާއެއްލާފައި ކޮންމެވެސް އެއްޗެއް ބުނަން އުޅުނެވެ. އެކަމަކު ހިމޭންވެއްޖެއެވެ. ހަމައެކަނި ޖަޔާގެ ހަށިގަނޑަށް ބަލާލިއެވެ.

[ބުނުއްވަން ތިޔައުޅުއްވަނީ އަޅުގަނޑުގެ ކާވެނި ކުރެވުމުން ނަވީދަށް ހިތާމަ ލިބުނު ވާހަކައެވެ. އަޅުގަނޑު ދޫކޮށްލެވުމުން މިހާރު ދެރަވެލައްވާ ވާހަކައެވެ.]

[މިހާރު ވަގުތު ފާއިތުވެއްޖެއެވެ. އެކަމަކު އަދިވެސް އަހަރެން ނޫނެކޭ ނުބުނަމެވެ.] އޭނާ ފުން ނަޒަރަކުން ބަލާލިއެވެ.

ނަވީދު މޫނުމަތީގައި ބާރު އެތިފަހަރެއް ޖެހުމަށް ޖަޔާގެ ހިތަށް އެރިއެވެ. އެކަމަކު އޭނާ ހިތްވަރުކޮށްލާފައި ސިކުނޑީގެ ބޭނުން ހިފީ ކިހިނެއް ކަމެއްވެސް ނޭގުނެވެ. އޭނާ ވަރަށް ހިތި ގޮތަކަށް ބުންޏެވެ. [ނަވީދުއެވެ. އަދި ވަގުތު ފާއިތެއް ނުވެއެވެ...... އަދި ހަމަ ވަގުތު އައިސް ޖެހުނީއެވެ. ބުނުއްވައިފިއްޔާ މިކާވެންޏަށް އިންކާރު ކޮށްފާނަމެވެ.]

[ޖަޔާއެވެ......] ބިރުން ތެޅިގެންފައި ނަވީދު ބުންޏެވެ.

ޖަޔާ ހީނގަތެވެ..... [ނަވީދު ހީކުރެއްވީ އަޅުގަނޑަކީ މޮޔައެއް ކަމަށްތޯއެވެ. ތިޔަދުރުވީ އަޅުގަނޑު ވާވައްދަން ކަންނޭގެއެވެ. އެކަމަކު ނަންގަނެފާނަމެވެ. އަޅުގަނޑު މިހިރީ އުފަލުންނެވެ. ވަރަށް އުފަލުންނެވެ. އަޅުގަނޑު އެއިންސާނާއަށް އަޅުކަން ކުރަމެވެ. އެއީ އިންތިހާއަށް އުފާވެރިކަން އަޅުގަނޑަށް ދިން އިންސާނާއެވެ. އަންބެއްގެ މަޤާމު ދިން އިންސާނާއެވެ. ކަލޭމެން އެންމެންގެ ކުރިމަތީގައި މުޖްތަމަޢުގެ ހަމަހަމަކަން ހޯދާދިން އިންސާނާއެވެ. ތިޔަ އިސްޖެހިފައިވާ ބޮލާ ކުލައޮއްސިފައިވާ މޫނު ލޯގަނޑުން ފެނިފައި އަޅުގަނޑު އުފާވެފައިވާ ވަރު ވަޒަނެއް ނުކުރެވޭތޯއެވެ. މިއީ ހައްތާވެސް އެމާތް އިންސާނާގެ ހެޔޮކަމެވެ.]

[ޖަޔާއެވެ..........]

[މިތަނަށް ދުރުވިގޮތަށް އެނބުރި ދުރުވާށެވެ. އަދި ދެން ދުވަހަކުވެސް އަޅުގަނޑުގެ މަގަށް ހުރަސް އެޅުމަށް މަސައްކަތް ނުކުރައްވާށެވެ.]

ނަވީދު ހިނދުކޮޅަކު ކޮޅަށް ހުއްޓެވެ.

ދެން މަޑުމަޑުން ފިޔަވަޅު އަޅަމުން ބޭރަށް ނުކުމެއްޖެއެވެ. އޭނާގެ ޟަމީރުވެސް އޭނާ ކުއްވެރިކުރަނީ ކަންނޭގެއެވެ.

އޭނާ ދިއުމުން ޖަޔާ ކުރިޔަށް ހިނގާފައިގޮސް ދޮރުތަޅުލައިފިއެވެ. ހީވީ ނަވީދަށްޓަކައި އޭނާގެ ހިތުގެ ހުރިހާ ދޮރެއް ތަޅުލީހެންނެވެ......

އެނބުރި އައިސް ނާޖިޔާ ސޯފާގައި އިށީދެއްޖެއެވެ........ ދޯޕައްޓާ ނަގާފައި އެއްފަރާތަށް އެއްލާލިއެވެ. ދެން ދަބަސް ނަގާ އުނގުމަތީގައި ބާއްވައިފިއެވެ. އަދި ދަބަސް ހުޅުވާލާފައި ފޮޓޯގަނޑު ނަގައިފިއވެ.

ދެން........... އޭނާ ފޮޓޯގަނޑު މޭގައި ޖައްސާލިއެވެ. އަދި ސޯފާގެ ފުރަގަހަށް ބޯއެލުވާލަމުން ލޯމަރާލިއެވެ. ހަމައެއާއެކު ފޮޓޯގަނޑުގައި އެވާމީހާގެ ތަޞައްވަރުގެ ތެރެއަށް ގެއްލިއްޖެއެވެ.

**********************

[ޖަލާލީއެވެ. ތިޔަހެން ހަދައިގެން ނުވާނެއެވެ.]

[ތާބުޝްއެވެ! އެއްބަސްވާށެވެ.]

[އެކަމަކު ތިޔައީ އެއްބަސް ވެވޭނެ ވާހަކައެއް ނޫނެވެ.]

[ޝަވާލީއެވެ. މިކަންތަކެއް ޝަވާލީއަކަށް ނުވިސް ނޭނެއެވެ.]

[އެހެންވިއްޔާ ވިސްނާ ދީބަލާށެވެ.]

]އެންމެނަށްވެސް އެނގޭނެއެވެ. އަހަރެންގެ ޙާލާމެދު އަހަރެން ދޫކޮށްލާށެވެ.]

ތިޔައީ އެކަމަކު ރީތިގޮތެއް ނޫނެވެ.]

[މަންސޫރުވެސް ވިސްނާލަ ބަލާށެވެ. އަހަރެން އެއަރޕޯޓަށް ދިއުމަކީ ރަނގަޅުކަމެއް ނޫނޭ ބުނެފީމެއްނޫން ހެއްޔެވެ. ކަލޭމެން އެންމެންގޮސް އޭނާ ގޮވައިގެން އަންނާށެވެ.]

[އަލަތު އަނބިމީހާ އަންނައިރު ފިރިމީހާ އޮންނަން ޖެހެނީ ހޮރުގައެވެ.]

[ނޫނެކެވެ. އަހަރެން ކަލޭމެންނަށް ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ.]

[މިހާރު ތިހިރީ ތައްޔާރުވެގެން ހެދުންވެސް ބަދަލުކޮށްގެންނެވެ. ހަމަކުއްލިއްޔައަކަށް އެއަރޕޯޓަށް ނުދިއުމަށް ނިންމީ ކީއްވެގެން ހެއްޔެވެ؟]

[އެއީ މަސްލަޙަތަށް ޓަކައެވެ.]

[ޖަލާލީއެވެ. ތިޔައީ ވަރަށް ވިޔާނުދާ ކަމެކެވެ. އެފަކީރުގެ ހިތަށް އަރާނީ ކީކޭ ހެއްޔެވެ.]

[ކަލޭމެންގޮސް އޭނާ ގޮވައިގެން އަންނާށެވެ.]

[އަހަރެމެން އެންމެން މިއައީ ހަމަ އެއަރޕޯޓަށް ދިއުމަށްޓަކައެވެ. އޭނާ ބަލާދިއުމަށެވެ. އެކަމަކު ޖަލާލީ ދިއުން ކޮންމެހެން ބޭނުމެވެ.]

ޖަލާލީ ދެއަތުން ބޮލުގައި ހިފަހައްޓައިފިއެވެ. އެންމެން ތިބީ ބައްދަލުކުރާ ކޮޓަރީގައެވެ. ޖަލާލީގެ ހުރިހާ ރަޙްމަތްތެރިން އެމީހުންގެ އަނބިންނާއެކު ޖަމާވެފައި ތިއްބެވެ. އަންހެންވެރިން އެމީހުންގެ އަގުބޮޑު ހެދުންތަކާ ސާޅީތައް މިއަދު އަޅައިގެން ތިބީ ވަރަށް ޚާއްޞަ ގޮތަކަށެވެ. ކާވެނީގެ ގޮތްގަނޑު ފާޅުކުރުމަށް ޓަކައެވެ. ކޮންމެ މީހަކުވެސް މިއަދު ގަޑިއަށް ގަޑިނުޖެހި ފެއަރީލޭންޑަށް އައެވެ. އެމީހުން ޖަމާޢަތެއްގެ ސިފައިގައި އެއަރޕޯޓަށްގޮސް އަލަތު އަނބި ގެންނަން ޖެހެއެވެ. ޖަލާލީވެސް ހުރީ ގަޑިއަށް ތައްޔާރު ވެގެންނެވެ. އެހެން ނަމަވެސް ހަމަ ކުއްލިއަކަށް އެއަރޕޯޓަށް ދިއުން އޭނާ ލަސްކޮށްލައިފިއެވެ. އެންމެން މިކަމާމެދު ޙައިރާން ވެއްޖެއެވެ. އެމީހުން ގަދަކަމުން ޖަލާލީ އެއަރޕޯޓަށް ގެންދަން މަސައްކަތް ކުރަނީއެވެ.

[ކުއްލިއަކަށް ތިޔަވީ ކިހިނެއް ހެއްޔެވެ؟] މަންސޫރު ސުވާލުކުރިއެވެ.

ޖަލާލީ އިސްއުފުލާލިއެވެ. އޭނާ ތުންފަތުގައި ހިނިތުންވުމެއް އެކުލެވިފާވެއެވެ. އެ ހިނިތުންވުމުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއްވެސް އެކުލެވިފައިވެއެވެ.

[ޖަލާލީއަށް ތިޔަ ޚިޔާލުދިނީ ކާކު ހެއްޔެވެ؟] ތާބުޝް ރުޅިއައިސްފައި ބުންޏެވެ.

ޖަލާލީ އަނެއްކާވެސް ހިނިތުވެލިއެވެ. ދެން ބޭއިޚްތިޔާރުގައި ބުންޏެވެ. [މޫނުބަލާ ލޯގަނޑެވެ.]

އެންމެން ހިމޭންވެއްޖެއެވެ. މިހިމޭންކަން ޖަލާލީއަށް މަލާމަތް ކުރަމުން ދިޔައެވެ.

އެކަކު އެކައްޗެއްވެސް ނުބުނެއެވެ.

އާދެ، ޝަވާލީއަކީ އަބަދުވެސް ވާހަކަދެކެވޭ ހިތްވަރުގަދަ އަންހެނެކެވެ. އޭނާ ޖަލާލީގެ ކައިރިއަށް އައިސް ގޮނޑީގައި އިށީންނަމުން ބުންޏެވެ. [ޖަލާލީއެވެ. ތިމާގެ ހުތުރު ސިފައާމެދު އެހާބޮޑަށް ބިރުގަންނައިރު ކާވެންޏަށް އެއްބަސްވީ ކީއްކުރަން ހެއްޔެވެ. މިހާރު ކާވެނި ކުރެވިއްޖެއެވެ. އެމަޢުޞޫމު އަންހެން ކުއްޖާގެ ދިރިއުޅުން ޖަލާލީއާ ޙަވާލުވެއްޖެއެވެ. ވީއިރު ތިޔަގޮތަށް ފުރަގަސްދީގެން ނުވާނެ ނޫން ހެއްޔެވެ.

[ރަނަގަޅު ވާހަކައެކެވެ.] ރަފީޤު ބުންޏެވެ.

[ޖަލާލީއެވެ. މިހާރު ދެން އަމިއްލަ ސިފައާމެދު ހިތްހަމަ ޖައްސާލަންވީއެވެ.] ޝަވާލީ ބުންޏެވެ. [އޭރުން އެއްވެސް ބިރެއް ޖެހިލުމެއް ނޯންނާނެއެވެ.]

[ފައުޒިއްޔާ މިހާރު އޮންނާނީ ކޮންމެވެސް ވަރަކަށް މައިދާނުގެ ފަސްގަނޑު އެއްވަރު ކޮށްފައެވެ. އޭނާ އަންހެން ކުއްޖާ ހޮވާނީ ވަރަށް ވިސްނުންތެރި ކަމާއެކުގައެވެ.] ޕްރާން ބުންޏެވެ.

[ކޮންމެ ގޮތެއްވިޔަސް މިހާރު ޙާލަތާ މުޤާބަލާކުރަން ޖެހިއްޖެއެވެ.] ތާބުޝް ބުންޏެވެ.

ޖަލާލީ އެންމެންގެ ވާހަކަ އަޑުއަހަން އިނެވެ. މިސިޒް ހެރަލްޑް ކޮފީ ތައްޔާރު ކޮށްގެން ގެނެސްފިއެވެ. އޭނާ އެންމެންނަށް ކޮފީދޭން ފަށައިފިއެވެ. އެކަމަކު އެންމެންވެސް ތިބީ ޙައިރާންކަމާ ހާސްކަމުގެ ތެރޭގައެވެ. އަގުބޮޑު ތަށިތަކުގައިވާ ކޮފީތައް ހިހޫވަމުން ދަނީއެވެ. އެއްވެސް މީހަކު އެއިން ކޯވަރެއްވެސް އެތެރެކުރާކަށް ހިތެއް ނުރުހުނެވެ.

އެންމެންވެސް ޖަލާލީއަށް ރުޅި ދައްކަމުން ދިޔައެވެ...... ޖަލާލީ ހުރީ ރީތިކޮށް ހެދުން އަޅައިގެންނެވެ. އޭނާ އެންމެ ހިތްއެދޭ ސެންޓް ޖަހާލައިގެންނެވެ. އާދެ، ޖަލާލީ ހުރީ ފުރިހަމައަށް ތައްޔާރު ވެގެންނެވެ.

ތައްޔާރު ނުވަނީ ހަމައެކަނި އޭނާގެ އަމިއްލަ ނަފްސެވެ.

މުޅިގެ އާގޮތަކަށް ބަދަލުކުރުވިއެވެ. ވަރަށްރީތިކޮށް ތަރުތީބުން އެއްޗެހިތައް ބެހެއްޓިއެވެ. ބެޑްރޫމް މީރުވަސްދުވާ މާމަލުން ފުރުވާލިއެވެ. ކޮޓަރި ހީވަނީ މަލުގެ ދާނެއް ހެންނެވެ. ކުލަކުލައިގެ މާބުރުތައް މަލުން ފޮނި ބުއިމަށްޓަކާ އެކޮޓަރި ތެރެއަށް ވަންނަމުންދާ ކަހަލައެވެ. ނޫކަލައާ އަޅިކުލައިގެ ވިލާތައް ކޮޓަރިއަށް ވަންނަމުންދާ ކަހަލައެވެ. އަދި ވިލާތަކުގެ ފަހަތުން ކުލަކުލައިގެ އަވިކޮޅުކޮޅުވެސް ވަންނަމުން ދިޔައެވެ. މިނޫރުގެ ދަޅަތަކުގެ އިޙްސާސް ވަރަށް ހިތްއުފާ ކޮށްދެއެވެ. ލޯބިވެރިނަންނާ ލޯތްބަށް އެދޭމީހުންގެ ހިތުގެ ތެޅުން އަވަސްވެގެން ދާވަރަށް ފަޟާ ބަދަލުވެފާވެއެވެ. ރީތި އަދި އުފާވެރި ލޯތްބަކަށްޓަކައި ހިތްތައް ތެޅިގަންނާނެއެވެ. ރަތް ބޮކިތަކުގެ އިންތިޒާމުވެސް ވަރަށް ފުރިހަމައަށް ކޮށްފާވެއެވެ. އަދި ގޮތްގޮތަށް ޙަރަކާތްކުރާ ބޯގޮދަޑިއެޅި އެނދުވެސް ތައްޔާރުކޮށްލާފައިހުރީ ޖަޒްބާތުގައި ޝަބާބުގެ ފެންބޮވުމަށް ކެތްމަދުވެގެންދާ ފަދަ ގޮތަކަށެވެ.

ޖަލާލީ ހުރީ ބެޑްރޫމް ތަޅުލާފައެވެ. ރައްޓެހިންނަކަށްވެސް ނުދައްކައެވެ. އޭނާއަށް ހީވަނީ އެންމެން އޭނާއަށް މަލާމާތްކޮށްފާނެ ހެންނެވެ. އިރުއިރުކޮޅުން އޭނާ ބިރުން ތުރުތުރު އަޅައިގަނެއެވެ. އެހެންކަމުން އޭނާ އެކޮޓަރި ތަޅުލާފައި ބެހެއްޓީއެވެ.

[ޖަލާލީއެވެ. ދެން ތެދުވާށެވެ. ވަގުތު އައިސް ޖެހެނީއެވެ. އެއަރޕޯޓަށް ދާންވެސް ވަގުތު ބޭނުންވާނެއެވެ.] މަންސޫރު ފޫހިވެގެން އިނދެފައި ބުންޏެވެ.

]ކަލޭމެން އެންމެން ދާށެވެ.] ޖަލާލީ ގޮތަކަށް ނިންމާފައިވާ ރަގަކަށް ބުންޏެވެ.

[ދެން ޖަލާލީ ހަދާނީ ކިހިނެއް ހެއްޔެވެ؟]

[ކަލޭމެންނަކީ ހަމަ ޙަޤީޤީ ރަޙްމަތްތެރިން ކަމުގައިވާނަމަ އެތެދުވެރި ރަޙްމަތްތެރިކަމުގެ ބޭނުމަކީ މިއީކަމުގައި ހީކޮށްލާށެވެ.]

]ތިޔަބުނީ ޖަލާލީއާ ނުލާ އަހަރެމެން އަމިއްލައަށްގޮސް ޖަޔާ ގެންނަންވީ ހެއްޔެވެ.]

[އާއެކެވެ. އަހަރެން ގޭގައި ހުންނާނަމެވެ. ހާސްނުވާށެވެ. އަހަރެން ފިލައިގެން ގޭން ނުކުމެން ނުދާނަމެވެ.]

[ނުވިސްނިގެން މިއުޅެނީ ތިޔަދައްކާ ވާހަކައެކެވެ.]

[ތާބުޝްއެވެ! މަތިންދާބޯޓުން ފޭބުމާއެކު އަހަރެން ފެނިފައި އޭނާ ބިރުގަތުމަކީ އަހަރެން އެދޭކަމެއް ނޫނެވެ.]

[އެއްކަލަ ވާހަކައެވެ.]

[ޙަޤީޤަތް ޤަބޫލުކުރުމަކީ ކޮންމެހެން ބޭނުންކަމެކެވެ. އެހެންނޫނީ އަހަރެންގެ އުފަލަށްޓަކައި އިޚްލާޞްތެރި ކަމާއެކު ކަލޭމެން ކޮށްދިން ހުރިހާކަމެއް ބޭކާރުވެގެން ހިނގައިދާނެއެވެ.]

އެންމެން ހިމޭންވެއްޖެއެވެ. އެދައްކަނީވެސް މުޅިއަކުން ދޮގުވަހާކައެއް ނޫނެވެ. އެހެންނަމަވެސް އެވާހަކަ ޤަބޫލުކުރާކަށް އެއްވެސް މީހަކު އެއްބަހެއް ނުވިއެވެ.

އިރުކޮޅަކަށްފަހު އެންމެން އެކަކު އަނެކަކަށް ބަލާލަމުން ހިހޫވާން ކައިރިވެފައިހުރި ކޮފަތަށިތައް ނަގާ ތުނބުގައި ޖައްސާލިއެވެ. ހިނދުކޮޅަކު ހިމޭނުން އިނުމަށްފަހު ޝަވާލީ ސާޅީގެ ކަންގަނޑު ކޮނޑުމައްޗަށް އެއްލަމުން ބުންޏެވެ.

[ގެއަށް އައުމަށްފަހުގައިވެސް ތިޔަ ބިރުވެރިކަން އުފެދިދާނެއެވެ. މިހާރު ދެން ތިޔަ ބިރުވެރިކަމުން ޖަލާލީ ނުކުންނަން ޖެހިއްޖެއެވެ.]

[ކަލޭމެން ހަމައެކަނި މިހިސާބަށް އޭނާ ގެނެސްދޭށެވެ. އޭގެ ފަހުގައި އަހަންނާ އަހަރެންގެ ތަޤްދީރުގެ މައްޗަށް ދޫކޮށްލާށެވެ.] ޖަލާލީ ސިގިރޭޓް ރޯކޮށްލަމުން ބުންޏެވެ.

[ޖަލާލީ ގޮތެއް ދުލެއް ނުކުރީމުއެވެ. އެންމެ ރަނގަޅެވެ. އަހަރެމެން އެންމެން ހެޔޮހިތުން ޖަލާލީއަށް ކާމިޔާބު ޒަވާޖީ ޙަޔާތަކަށް އެދި ދުޢާކުރަމެވެ.]

[ކަލޭމެންގެ އިޚްލާޞްތެރި ކަމާމެދު އަހަރެން ފަހަރެއްގައިވެސް ޝައްކެއް ނުކުރަމެވެ.] ޖަލާލީ ތާބުޝް އިށީނދެގެން އިން ސޯފާގެ ފުރަގަހަށް އައިސް ފާރުގައި ހަރުކޮށްފައިހުރި ކުރެހުމަށް ނަޒަރު ހުއްޓާލިއެވެ.

[އެކަމަކު އަހަރެމެން ނާޖިޔާ ގާތުގައި ބުނާނީ ކީކޭހެއްޔެވެ. ހަމަގައިމުވެސްއޭނާ ހުންނާނީ އެއަރޕޯޓުން ޖަލާލީ ދުށުމުގެ އެދުމުގައެވެ.] މިސިޒް ތާބުޝް ބުންޏެވެ.

[ކޮންމެވެސް ބަހަނާއެއް ހަދާލާށެވެ....... އެއްގޮތަކަށްވެސް އޭނާގެ ކުރިމައްޗަށް އަރާކަށް އަހަރެންގެ ހިތެއް ނޭދެއެވެ. ދެދުވަހަކު ގޭތެރޭގައި އުޅެ ގޭގެ ފަޟާއަށް ހޭނިލުމުން އަހަރެން........]

[މާތްކަލާކޯއެވެ.] ޖަގޫ ލޯބާޑުކޮށްލާފައި ކުއްލިއަކަށް ބުންޏެވެ.

[އެހެންވިއްޔާ ޖަލާލީ ތިންހަތަރުދުވަސް ވަންދެން އަމިއްލައަށް ގަނޑުފިއްލާކުޅެނީ ހެއްޔެވެ.] ޕްރާން ހީގަތެވެ.

[މިހާރު އަހަރެންގެ ވާހަކަ ރަނގަޅަށް ބުނެފީމެއް ނޫން ހެއްޔެވެ. އޭނާ ގެނެސްދޭށެވެ. ދެން ހުރިހާކަމެއް އަހަރެންގެ ނަސީބުގެ މައްޗަށް ދޫކޮށްލާށެވެ. އަހަރެން ހުރިހާ ވާހަކައެއް މިސިޒް ހެރަލްޑަށް ކިޔާދީފީމެވެ.]

[ހީވަނީ ހުރިހާ ޕްލޭނެއް ހަމަޖެހިފައިވާ ހެންނެވެ.]

]ތިޔަހެން ހީކޮށްލާށެވެ.]

]ވަރަށް ރަނގަޅެވެ. ކަލޭމެން ބުނަނީ ކީކޭ ހެއްޔެވެ.]

ތާބުޝް ހުރިހާ މެހްމާނުންނާ ދިމާއަށް ބަލާލިއެވެ.

[ހިނގާށެވެ. އެންމެ ރަނގަޅެވެ.] ގާތްގަނޑަކަށް އެންމެންވެސް ދިނީ މިޖަވާބެވެ.]

[ކުއްލިއަކަށް ޖަލާލީ މަސައްކަތެއްގައި ޖެހުނީއޭ ނާޖިޔާ ގާތުގައި ބުނާނީއެވެ.]

[އަދި.....] ޖަލާލީ، މަންސޫރުގެ ވާހަކަކޮޅު ދިގުކޮށްލަމުން ބުންޏެވެ. ދެތިން ދުވަހަށް ބޭރަށްދާން ޖެހުނީއެވެ.]

[ގޭގައިވެސް ނުހުންނަން ޚިޔާލުކުރަނީ ހެއްޔެވެ؟]

[އާއެކެވެ.]

[އޭނާ އެކަނި އިންނަން ޖެހުމުން ފިކުރުބޮޑުވާނެ ނޫން ހެއްޔެވެ؟]

[މިސިޒް ހެރަލްޑަކީ ފުދޭވަރެއްގެ ހުޝިޔާރު އަންހެނެކެވެ.] ޖަލާލީ ފުރަތަމަފަހަރަށް ހީލިއެވެ. [އަހަރެންވެސް ގޭގައި އުޅޭނަމެވެ.]

[އަޖައިބެއް ކަހަލަ އަރަތެކެވެ.]

[އަހަރެންގެ މަޤާމުގައި މަންސޫރު ހުރިނަމަވެސް ކަންކުރާނީ މިގޮތަށް ކަންނޭގެއެވެ.]

އެކަކު އަނެކަކަށް ތުންތަޅުވަން ފަށައިފިއެވެ. ޖަގޫ އާއި ޝަވާލީ، ޖަލާލީގެ ވާހަކައަށް ތާއީދުކުރިއެވެ. [އެއްގޮތަކަށްވެސް ހަމަކުއްލިއަކަށް ޖަޔާގެ ކުރިމައްޗަށް ޖަލާލީ އެރުމަކީ ރަނގަޅުކަމެއް ނޫނެވެ.

[ގެއަށް އައުމުން މަޑުމަޑުންގޮސް ޖަލާލީއާ ރުހިދާނެއެވެ.]

[މިއަދަކުވެސް ޖަލާލީ ހުތުރެއް ނޫނެވެ.]

[ޖަގޫއެވެ. އެފަކީރު މިއަދު އެހުންނަނީ ވަރަށް ހުތުރު ސިފައެއްގައެވެ.]

[އަންހެން ކުއްޖާ ޖަލާލީއާމެދު ހިތްހަމަ ނުޖެހިއްޖެއްޔާ ޔޯއެވެ.]

[ޖެހިލުންވަނީ ތިޔަކަމާ މެދުގައެވެ. ޖަލާލީ ފިކުރުކުރަނީ ތިޔަ މައްސަލައިގައެވެ. މިހާރު ދެން ހަމަ ޙަޤީޤަތުގައިވެސް ޖަލާލީ ދޫކޮށްލާފައި އަހަރެމެން ދާންވެއްޖެއެވެ. ކޮންމެއަކަސް މިސިޒް ރަފީޤު ބުނެފައިވާ ފަދައިން އަންހެން ކުއްޖާގެ މާލީޙާލަތު މާކަރަނގަޅެއް ނޫނެވެ. ވީމާ ކޮންމެ ގޮތެއްވިޔަސް އޭނާ މިތާނގައި ހުންނަން މަޖްބޫރު ވާނެއެވެ.]

[އާއެކެވެ........]

މިސިޒް ތާބުޝްއާއި މަންސޫރު އަދިވެސް އެއްފަހަރު އެމީހުނާއެކު ޖަލާލީ ދިއުމަށް މަޖްބޫރު ކުރިއެވެ.

[ޖަލާލީ ނުދިއުމަކީ މޮޔަކަމެކެވެ.]

[ނާޖިޔާގެ ހިތުގައި ކުށްހީވެސް އުފެދިދާނެއެވެ.]

[މާތްރަސްކަލާނގެ ތިޔަފަދަގޮތެއް މެދުވެރި ނުކުރައްވާށިއެވެ.]

[ހަމަގައިމުވެސް ފައުޒިއްޔާއަކީ ތިޔަހާ މޮޔަ އަންހެނެއްނޫނެވެ. އޭނާ ޖަލާލީއާބެހޭ ހުރިހާ ވާހަކައެއް އޮންނާނީ ނާޖިޔާއަށް ކިޔާދީފައެވެ.]

[ތިޔަ ހުރިހާކަމެއް އެހާއަވަހަށް ހަމަޖެހުން އެއީ ކުޑަމައްސަލައެއްނޫނެވެ. އަހަރެން ދެކޭގޮތުގައި އެގޭމީހުންނަށް ކަމުގެ ތަފްޞީލާ ހަމައަށް ދިއުމާމެދު ނުވިސްނުނީއެވެ. ފައުޒިއްޔާއަށްވެސް ހުރިހާ ތަފްޞީލެއް ކިޔާދިނުމުގެ ދަނޑިވަޅެއް ނުލިބޭނެއެވެ. ކޮންމެއަކަސް ގޭގެ ޙާލުހުރިގޮތް ރަނގަޅަށް އެބައެނގޭ ނޫން ހެއްޔެވެ.]

[ހިނގާށެވެ. ހުރިހާ ކަމެއްވެސް ދިމާވާނީ ރަނގަޅަށެވެ. އަންހެން ކުއްޖާއަކީ ރަނގަޅު ޢާއިލާއެއްގެ މާތް އަންހެން ކުއްޖެކެވެ. އޭނާގެ މަޖްބޫރީއަކީ ޣަރީބުކަމެވެ. ޖަލާލީގެ މަޖްބޫރީއަކީ ހުތުރު ސިފައެވެ. މައްސަލަ ހަމަޖެހުނީއެވެ. ދެކޮޅު ހަމަހަމަވީއެވެ.]

[އަވަހަށް ހިނގާށެވެ. ގަޑި ޖެހެނީއެވެ.]

[ހިނގާށެވެ...........]

ތާބުޝް އެންމެން ގާތުގައި ދާންބުނެފިއެވެ. އަދި އެންމެންވެސް ވިދާ ބަބުޅާ ހެދުންތައް ރީތިކުރަމުން ތެދުވެއްޖެއެވެ. ކޮންމެ މީހަކުވެސް ލޯގަނޑު ކުރިމައްޗަށް އަރާ ބަލާލާފައި ހިތްހަމަ ޖައްސާލައިގެން ބޭރަށް ނުކުމެއްޖެއެވެ.

ތިންހަތަރު ކާރު ފައްޗަކަށް ދަތުރުކުރަނީއެވެ. ޖަލާލީގެ ކާރުގައި ތިބީ މިސިޒް ހެރަލްޑްއާއި ޖެކްސަންއެވެ. މިކޮޅަށް އަންނައިރު ދުއްވަން އިންނާނީ މަންސޫރެވެ. ދުލްހަންއާއެކު ތިން އަންހެނުން ތިބެން ޖެހޭނެއެވެ.

އެމީހުން ދިއުމުން ޖަލާލީ ލިވިންގރޫމަށް އަތުވެއްޖެއެވެ. ހިނދުކޮޅަކު ސިނގިރޭޓް ބޮމުން ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ދެން އަނެއްކާވެސް އެކޮޓަރިއަށް އަތުވެއްޖެއެވެ. ދެން ދެވަނަ ތިންވަނަ ކޮޓަރިއަށެވެ. އަނެއްކާވެސް ލިވިންގރޫމަށް އައިސް ބަޓަނަކަށް އޮބާލައިފިއެވެ. ކޮޓަރި މަޑުމަޑުން އެނބުރެން ފަށައިފިއެވެ. ޖަލާލީ ރީތި ގޮނޑިއަކަށް ވެއްޓިގަތެވެ. ކޮޓަރިއަށްވުރެ ބޮޑަށް އޭނާގެ ސިކުނޑި އެނބުރެމުން ދިޔައެވެ.

މަތިންދާބޯޓު ޖައްސާގަޑި ކައިރިވަމުން އައިވަރަކަށް އޭނާއާ ޤިޔާމަތުގެ ވަގުތު ކުރިމަތިވަމުން އަންނަ ކަހަލައެވެ. ހިތް ބޭއިޚްތިޔާރުގައި ތެޅެމުން ދިޔައެވެ. އަތްފައިން ލޮނުދާ ހިއްލަމުން ދިޔައެވެ.

ބިރުވެރި ކަމެކެވެ.

އަދި އެއާއެކު ޝައުޤުވެރި ކަމެއްވެސް މެއެވެ.

ދެވައްތަރުގެ ޖަޒްބާތުތައް ލާމެހިފާވެއެވެ. ބައެއް ފަހަރު ފަޟާގައި އުދުހެމުންދާ ކަމުގައި އޭނާއަށް ހީކުރެވެއެވެ.

އަދި ބައެއް ފަހަރު ކަނޑުގެ އެންމެ އަޑީގައި ބަރުހިލައެއް ފަދައިން އިށީނދެވިފައިވާ ކަހަލަ އިޙްސާސެއް ކުރެވެމުން ދިޔައެވެ.......

ކޮންމެއަކަސް ޖަލާލީގެ ފުރާނައޮތީ މިކަންތައްތަކުގެ ވަކިދަށުގައިތާށިވެ ހައްޔަރުވެފައެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން