ނިރުބަވެރި އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ހާހަކަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ސިއްހީ ވުޒާރާއިން ހާމަކޮށްފިއެވެ.

ލުބުނާނުގެ ސިއްހީ ވުޒާރާއިން ބުނީ އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް 6،000 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށެވެ. ލުބުނާން ސަރުކާރުގެ ކްރައިސިސް ރެސްޕޮންސް ކޯޑިނޭޓް ކުރާ ވަޒީރު ނާސިރު ޔާސިން ވިދާޅުވީ މި ހަމަލާތަކުގެ ސަބަބުން ގާތްގަނޑަކަށް މިލިއަނެއްހާ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށެވެ.

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުން ސަލާމަތް ވުމަށް ގިނަ ބަޔަކު ލުބުނާން ދޫކޮށް ހިޖުރަ ކުރަން ފަށާފައިވާއިރު ލުބުނާނުގައި ތިބި ބޭރުގެ ގައުމުތަކުގެ ރައްޔިތުންވެސް އެގައުމު ދޫކޮށް ދިއުމަށް އެގައުމު ތަކުގެ ސަރުކާރުން ތަކުން ދަނީ އިލްތިމާސްކޮށްފައެވެ.

ދެގައުމުގެ ދެމެދުގައި ބަދަލުކުރަން ފެށި ހަމަލާތައް އިތުރުވެ މަސްރަހު މިހާރު ވަނީ އެއްކޮށް ބަދަލުވެފައެވެ. އަދި ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުالله ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުالله އަވަހާރަކޮށްލުން ވެގެން ދިޔައީ ދެގައުމުގެ ދެމެދުގައި ހިނގާ ކުރިމަތިލުން އިތުރަށް ހޫނުވެގެން ދާނޭ ސަބަބަކަށް ވާނޭ ކަމަށް މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެއެވެ.

ޔަހޫދީ އިސްރާއީލުގެ ހަމަލާއެއްގައި ހަސަން ނަސްރުالله އަވަހާރަކޮށްލުމާ ގުޅިގެން ލުބުނާން މިހާރު އޮތީ ހިތާމައިގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ގައުމުގެ އެކި ސަރަހައްދުތަކުގައި އާންމުންގެ ރުޅިވެރިކަން އުފެދިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން