ޞާދިރު ޢަލީދީދީ   23 އޯގަސްޓު 2020 - 13:31
ހުވާކޮށްފާ ބުނަން
ހުވާކޮށްފާ ބުނަން
އެޕިސޯޑް 25

...............

އެރޭ ނިދަން އޮށޯވެ އޮވެ، ރަނާ ވަރަށް ވިސްނިއެވެ. ހީވާގޮތުން އޭނާ ބޭނުންވަނީ، އެވާހަކަ ޖިންނި ގާތު ބުނާށެވެ. އޭނާ އޮތީ ވާސިލަށް ނިދެންދެން ހިމޭނުންނެވެ. އެހެން އޮވެފައިމެ، ވާސިލަށް ނިދިއްޖެ ކަމަށް ބަލާފައި އޭނާ ތެދުވިއެވެ.

[ރަނާ ކޮންތާކަށް ދާން ތިއުޅެނީ؟] ރަނާ ހިނގައިގަތުމާއެކު، ވާސިލް ވާހަކަ ދެއްކިއެވެ. އެ އަޑަށް ރަނާ ސިހުނެވެ.

[އަންނާނަން ފެން ޖަގު ހިފައިގެން.] ހިނިތުންވެލަމުން ރަނާ ކޮޓަރިން ނުކުތެވެ. އޭނާ ތިރިއަށް ފައިބައިގެންގޮސް ގެއިންވެސް ނުކުމެއްޖެއެވެ.

ވާސިލް ގާތު ދޮގު ހެދުމަށްފަހު، އޭނާ ދިޔައީ ޖިންނި އަމަރާ ބައްދަލުކުރާށެވެ. އޭނާ ބޭރަށް ނުކުތްއިރު، ދޮރުމަތީގައި ޖިންނި ހުއްޓެވެ. ޖިންނި ފެނުމާއެކު، ރަނާ ދުވެފައި ގޮސް އޭތީގެ ހަށިގަނޑުގައި އޮޅުލައިގެންފިއެވެ. އޭރު ކުޑަދޮރުން އެމަންޒަރު ބަލަން ހުރި ވާސިލް ނިކަން ބާރަށް ރަނާއަށް ގޮވިއެވެ. އެއާއެކު ރަނާއާއެކު އޭތި ގެއްލިއްޖެއެވެ. ވާސިލް ވަގުތުން ތިރިއަށް ފޭބިއެވެ. ނަމަވެސް އޭނާ ތިރިއަށް ފޭބިއިރަކު، ރަނާއެއް ފެންނާކަށް ނެތެވެ. ވުމާއެކު، އޭނާ ވަރަށް ކަންބޮޑުވިއެވެ.

އޭނާ ހާސްވެ ކަންބޮޑުވެފައި ހުރެމެ، އެތައްފަހަރަކު ރަނާއަށް ގޮވިއެވެ. ރަނާގެ މަންމަމެންނަށް އެ އަޑު އިވިގެން ތިރިއަށް ފޭބީވެސް، ވާސިލް ގޮވާތާ އިރުގަނޑެއްވީ ފަހުންނެވެ. ރަނާގެ މަންމަ އެތަނަށް އައިސް ހުއްޓުމާއެކު، ވާސިލް ކަންތައްވީގޮތާއި، އޭނާއަށް ފެނުނުގޮތް މަންމައަށް ކިޔައިދީފިއެވެ.

ޖިންނީގެ އުނދަގޫ އޭނާގެ ދަރިފުޅަށް އަލުން ފޯރަން ފެށިކަން ޔަޤީންވުމާއެކު، ރަނާގެ މަންމަ ވަރަށް ހާސްވިއެވެ.

[ދަރިފުޅާ ވާސިލް....އަވަހަށް ޙުސޭންކަލޯއަށް ގުޅައިގެން ތިކަން ޙައްލުކުރަން މަސައްކަތްކުރޭ. މިހާރު މަންމަ ވަރަށް ބޮޑަށް ބިރުގެންފި. ވަރަށް ހާސްވެއްޖެ. އެހެން ނޫނީ، އޭތި އެމަންޖެގެ ދުވަސް ދުއްވާލަފާނެ.] ރަނާގެ މަންމަ އެދުނެވެ. ވަގުތުން ވާސިލް ޙުސޭންކަލޯއަށް ގުޅައިފިއެވެ. ނަމަވެސް، ޙުސޭންކަލޯ ބުނީ ނަކަތްވަރު ބަލާފައި ނޫނީ، އެފަދަ ކަންތައް ކުރަން ރަނގަޅު ނޫން ކަމަށާއި، ރަނާ ގެޔަށް އައިމާ، އަލުން ތަވީދު އެޅުވުމަށެވެ.

[އޭނާ އައިމަ އަލުން ތަވީދު އަޅުވާ. އެހެން ނޫނީ ވަރަށްބޮޑު ނުރައްކަލަކާ ކުރިމަތިވެދާނެ. ރަނާއަށް ރަނގަޅަށް ވިސްނައިދީފައި ބުނޭ، މިހާރު ރަނާގެ މާޒީ އެހެން މީހުންގެ ހިތްތަކުން ފިލައިގެން ގޮސްފައި ވަނިކޮށް، އައުކޮށްފައި އަލުން ނުރައްކަލަކާ ކުރިމަތިލާން ނޫޅޭށޭ. އިރާދަކުރެއްވިއްޔާ، އަހަރެން ދެން ކުރާ މަސައްކަތާއެކު، އޭތީގެ ޢާއިލާ ނައްތާލާނަން.] ޙުސޭންކަލޯ ބުންޏެވެ.

ހުސޭންކަލޯ ނޫނަސް، ފަންޑިތަ ހެދުމުގެ މަސައްކަތްކުރާ މޮޅެތި މީހުން އަބަދުވެސް އެފަދަ މަސައްކަތްތައް ކުރަނީ ނަކަތްވަރު ބަލާފައެވެ.

[ޙުސޭންކަލޯބޭ، މިހާރު އަހަރެންވެސް ވަރަށް ބޮޑަށް ބިރުގަންނަން ފަށައިފި. އޭތި ސީދާ އަހަންނާވެސް ދިމާކޮށްފާނެ. މިރޭ ރަނާއާއެކު އޭތި ގެއްލުނީ އަހަރެން ބަލަންހުއްޓާ....] ވާސިލްވެސް ބިރުގަންނަން ފެށިއެވެ.

[ކަންބޮޑުނުވޭ ވާސިލް. ވާސިލްގެ އުނަގަނޑުގައި ތިޔަ ތަވީދު އޮތްހާ ހިނދަކު، ވާސިލަށް އެއްވެސް ނުރައްކަލެއް ނެތް. މާބޮޑަށް ތިކަމާ ނުވިސްނާ. މިރޭ ރަނާ ގެޔަށް އަންނާނެ.] ހުސޭންކަލޯ ބުންޏެވެ.

ހުސޭންކަލޯ އެހެން ބުނި ކަމުގައިވިޔަސް، މިހާރު ރަނާއަކީ ޖިންނި ކޮންޓްރޯލް ކުރަމުންދާ ރިމޯޓް ކޮންޓްރޯލް ބުދެއްކަހަލަ އަންހެނެކެވެ. އޭނާގެ ހުރިހާ ކަމަކަށް، މިހާރު ބާރުފޯރުވަނީ ސީދާ ޖިންނިއެވެ. އޭނާގެ ނިންމުންތަކުގައި މިހާރު އަމިއްލަ އެއްވެސް އިޚްތިޔާރެއް ނެތެވެ.

[ހުސޭންކަލޯބޭ، އަހަރެން ބުނެގެން އޭނާ އެތަވީދު އަލުން އަޅާނެހެނެއްވެސް ހިއެއްނުވޭ. ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަސްތެރޭ، އަހަންނާ ވަރަށް ދުރުކޮށް އޭނާ އުޅެނީވެސް. އަހަރެންގެ ކައިރީގައި ނިދަންވެސް އޭނާ ބޭނުމެއްނުވޭ.] ވާސިލް ބުންޏެވެ.

[ރަނާގެ މަންމަ ގާތުވެސް ބުނޭ، ރަނާއަށް ވިސްނައިދޭށޭ. އެހެން ނޫނީ ދެން ޖެހޭނީ އޭނާ ހައްޔަރުކޮށްގެންވެސް ތަވީދު އަޅުވަން.] ހުސޭންކަލޯ ބުންޏެވެ.

[އެންމެ ރަނގަޅު. މިރޭ އޭނަ އައީމާ، އަހަރެމެން މަސައްކަތް ކުރާނަން. ކާމިޔާބު ނުވެއްޖެއްޔާ، އަހަރެން ހުސޭންކަލޯބެއަށް ގުޅާނަން.] ވާސިލް މިހެން ބުނެފައި، ފޯނު ބޭއްވިއެވެ. އެއަށްފަހު، އޭނާ އެތެރެއަށް ވަނެވެ. އޭނާ އަމަރްގެ ބައްޕަ ނިޔާޒަށް ގުޅީ އެއަށްފަހުގައެވެ. ވާސިލް އެވާހަކަ ކިޔައިދިނުމާއެކު، ނިޔާޒް އެގެޔަށް އަތުވެއްޖެއެވެ.

ރަނާއަކީ މިހާރު ނިޔާޒް އޭނާގެ އުފަން ދަރިއެއްގެ ގޮތުގައި ދެކެމުން އަންނަ ކުއްޖެކެވެ. އޭނާގެ މުދަލުން އަމަރަށް ލިބެންޖެހޭ ހުރިހާ ޙައްޤަކާއި ބާރެއްވެސް އޭނާވަނީ ރަނާއާއި އޭނާއަށް ލިބޭ ކުދިންނަށް ދިނުމަށް ނިންމާފައެވެ.

[ބައްޕާ....ތުން ބަނދެފަ، މާކަނޑަށް އެއްލާލީމާވެސް، އޭތި ސަލާމަތްވެގެން އައީތާ. އެހާވަރަށް މަސައްކަތް ކުރީމާވެސް، އަލުން އެ އައިސް ދިމާކުރީ. ހިތަށްއަރާ، މިކަމުން ދާއިމަށް ސަލާމަތްވެވިދާނޭބާއޭ؟] ނިޔާޒާއި ފަރީޝާ އައިސް ވަނުމާއެކު، ވާސިލް ވާހަކަ ދެއްކިއެވެ.

[ވާސިލް، އުއްމީދު ގެއްލުވާނުލާ. ޙަޤީޤަތުގައި ރަނގަޅަށް މަސައްކަތްކޮށް، އޭތި ދުނިޔޭން ނައްތާލައިފިއްޔާ، އެނބުރިއެއް ނާންނާނެ. އަޞްލު އެރޭ އޭތި ކަނޑަށް ދޫކުރިއިރު، ބަރު އެލުވާނުލެވުނުކަމުން، ސަލާމަތްވެގެން އެއުޅެނީ. އެހެން ނޫންނަމަ، އެކަށް ސަލާމަތްވެވުނީސް.] ނިޔާޒް ވާސިލްގެ ބޮލުގައި އަތް ކާއްތާލިއެވެ.

އެރޭގެ މެންދަންވީއިރުވެސް ރަނާއެއް ނާދެއެވެ. ނަމަވެސް އެމީހުންނެއް އެކަން ފުލުހުންނަކަށްވެސް ނާންގައެވެ. އަލުން މީޑިއާގެ ސަމާލު ކަމަށް ރަނާ ގެނެސް، އިތުރަށް ރަނާ ގިނަކުރާކަށް ފަހަރެއްގައިވެސް އެމީހުން ބޭނުމެއްނުވެއެވެ.

[އެމަންޖެ ނައެއްނު. ކަމާބެހޭ ފަރާތްތަކަށް ގުޅައިގެން އެމަންޖެ ހޯދަން މަސައްކަތް ކުރަންވީނު. އަހަރެންގެ ދަރިފުޅު....] ވަރަށް ގިނައިރު ވަންދެން ކެތްތެރިވެހުރެ، ރަނާ އާދޭތޯ އިންތިޒާރު ކުރުމަށްފަހު، ރަނާގެ މަންމަ ވާހަކަ ދެއްކިއެވެ.

[މަންމާ، އަހަރެމެން މިބަލަނީ އަދިވެސް ރަނާ އަންނާނެ ކަމަށް. އަނެއްކާވެސް ފުލުހުންނަށް ގުޅައިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއްޔާ، މީޑިއާގެ ސަމާލުކަމަށް އައިސް، އަނެއްކާވެސް އެހެން މީހުން ޖެހިލުންވާ މީހެއްގެ ގޮތުގައި ރަނާ ލޭބަލްވެދާނެ. އަދި ކެތްކުރޭ މަންމާ....] މިހެން ބުނެވުނުއިރު، ވާސިލްވެސް ހުރީ ފެންކަޅިވެފައެވެ.

މިހާރު ރަނާގެ މަންމައަށް ރޮވެނީއެވެ. އޭނާއަށް ހިތްވަރުދެވޭތޯ އަމަރްގެ މަންމަ މަސައްކަތް ކުރަމުންދިޔައިރު، ނިޔާޒްވެސް ވިސްނަމުން އެދަނީ، ފުލުހުންނަށް އެކަން ރިޕޯޓްކޮށް، ރަނާ ހޯދުމުގެ މަސައްކަތް ފެށުމަށެވެ.

[ދަރިފުޅާ ވާސިލް....ބައްޕައަށްވެސް މިހާރު ހީވަނީ ފުލުހުންނަށް އަންގަން ވެއްޖެހެން. މިހާރު އެމަންޖެ ގެޔަށް ނައިސް، މާ ދަންވެއްޖެ. މިހާރު ބާރަގަޑި ބައިވަނީ....] ނިޔާޒް އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. މިފަހަރު ފުލުހުންނަށް އެކަން ރިޕޯޓް ކުރުމަށް، ވާސިލްވެސް އެއްބަސްވެއްޖެއެވެ.

[ބައްޕަ ގުޅާފައި ބުނެބަލަ ވީގޮތް. މީގެކުރިން ދުވަހަކުވެސް މިހާ ދަންވަންދެން އޭނަ ބޭރަކު ނޫޅޭ. ހިތަށްއަރާ، އޭތި ރަނާއަށް ގެއްލުމެއް ނުދޭނެބާއޭ؟] ހާސްވެފައި ހުރި ވާސިލް ދެއަތަކަށް ބޯހޫރާލިއެވެ. ނިޔާޒް އޭނާގެ ޖީބުގައި އޮތް މޯބައިލް ފޯނުން ފުލުހުންނަށް ގުޅަން އުޅުނެވެ. ނަމަވެސް އެއީ ރަނާ ގެޔަށް އައިސް ވަން ވަގުތުކަމުން، ފޯނު ކަނޑާލުމަށްފަހު، އޭނާ ރަނާއަށް ބަލައިލިއެވެ. ރަނާ ސިޓިންގރޫމްގައި ތިބި އެއްވެސް މީހަކާ އަނގައިންވެސް ބުނުމަކާ ނުލާގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އޭނާގެ ފަހަތުން ކޮޓަރިއަށް ފުރަތަމަ ވަނީ ރަނާގެ މަންމައާއި، އަމަރްގެ މަންމައެވެ. އެމީހުން ވަންއިރު، ރަނާ ތުވާލި ހިފައިގެން ފާޚާނާއަށް ވަންނަނީއެވެ. ވުމާއެކު، އެމީހުން ރަނާ ފާޚާނާއިން ނުކުންނަންދެން އެނދުގައި އިށީނެވެ. ރަނާ ފާޚާނާއަށް ވަނީ އަބަދުވެސް އާދަފަދައިން ހެދުން ބަދަލުކުރާށެވެ.

މާގިނައިރުތަކެއްނުވެ، އޭނާ ނިދާހެދުން ލައިގެން އައިސް އެނދުގައި އޮށޯވެއްޖެއެވެ. އެއްވެސް މީހަކާ އަނގައިންވެސް ނުބުނެއެވެ. އެހާ ހިސާބުން ރަނާއަށް ވަރަށްބޮޑު ބަދަލުތަކެއް އައިސްފައިވާކަން އޭނާގެ މަންމަމެނަށްވެސް އެނގުނެވެ.

[ދަރިފުޅާ....ރަނާ...ކޮންތާކުންތަ ތިއައީ؟ މަންމަ ގާތު ބުނެބަލަ.....] ރަނާގެ މަންމައަށް ރޮވޭގޮތްވިއެވެ. ނަމަވެސް، ރަނާ އަނގަޔަކުންވެސް ނުބުނެއެވެ. އޭނާ އެއޮތްގޮތަށް އޮތީއެވެ. ފަންގިފިލާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެވަގުތު ނިޔާޒާއި ވާސިލްވެސް އެކޮޓަރިއަށް ވަދެއްޖެއެވެ.

[ދަރިފުޅާ ވާހަކަ ދައްކަބަލަ....ކީއްވެތަ، ދަރިފުޅު ތަވީދު ނަގަނީ. އަވަހަށް އެތަވީދު އަޅާބަލަ.] ދެންވެސް ވާހަކަ ދެއްކީ، ރަނާގެ މަންމައެވެ. ނަމަވެސް މިފަހަރަކުވެސް ރަނާ އަނގަޔަކުންވެސް ނުބުނެއެވެ. އެއޮތްގޮތަށް އޭނާ އޮތީއެވެ.

[ދަރިފުޅާ...އަވަހަށް މަންމަގެ ބަސް ޤަބޫލުކޮށްގެން ތަވީދުއަޅާ. ބައްޕަ ގާތު ބުނެބަލަ، ކޮންތާކުންތަ ތިއައީ؟] ނިޔާޒް ރަނާގެ އަތުގައި ހިފާލިއެވެ.

[ޚަބަރުދާރު! ގައިގަ އަތްނުލާތި! ކަލޭމެން އެއްވެސް މީހެއް ގާތު ނުޖެހޭނެ ބުނާކަށް. ތީ ކޮންބައެއްތަ. އަހަރެން އައީ އޭނާއާ ބައްދަލުކޮށްފަ. އެއީ އަހަރެންގެ ފިރިމީހާ......އަމަރް.....] ރަނާ ފުންމައިގެން ތެދުވެ ހަޅޭއްލަވައިގަތެވެ. އެޔާއެކު އެންމެންނަށްވެސް ލިބުނީ ކުއްލި ޝޮކެކެވެ. ވާސިލް ހީކުރީ ރަނާ މޮޔަވީ ކަމަށެވެ. އެހެންވެ ފުރަތަމަވެސް އޭނާ މަސައްކަތްކުރީ ރަނާ ހިފެހެއްޓޭތޯއެވެ. ނަމަވެސް އޭނާ ފޮޅުވާލިއެވެ.

[ބުނެފީމެއްނޫންތަ، އަހަރެންގެ ގައިގައި އަތްނުލާށޭ. ކިތަންމެ ހިފަހައްޓަން މަސައްކަތް ކުރިޔަސް، ތިޔައިގެ ތެރެއިން އެއްވެސް މީހަކަށް، އަހަރެން ހިފަހައްޓައެއްނުލެވޭނެ.] ރަނާގެ މިޒާޖްވެސް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.

[ދަރިފުޅާ....ރަނާ މައިތިރިވެބަލަ. ދަރިފުޅާ ދުރު އެކަކުވެސް މިތާކު ނެތޭ.] މިފަހަރު ރަނާއާ ވާހަކަ ދެއްކީ، ސީދާ ރަނާގެ މަންމައެވެ.

[ދަރިފުޅާއޭ! ތިޔައީ ކާކު، އަހަންނާ ވާހަކަ ދައްކަން. ބުނެފީމެއްނޫންތަ، ކަލޭމެން މިތަނުން ނުކުންނާށޭ.] ރަނާ ކުރިއަށްވުރެންވެސް ބާރަށް ހަޅޭއްލަވައިގަތުމަށްފަހު، ނިކަން ބާރަށް ކޮޓަރިން ނުކުމެއްޖެއެވެ. އޭނާގެ ފަހަތުން ވާސިލްމެންވެސް ނުކުތެވެ. ނަމަވެސް ރަނާގެ ފަރުވާލެއް ނެތްކަހަލައެވެ. ކޮޓަރިން ބޭރަށް ނުކުމެވުމާއެކު ފެނުނީ، ރަނާ ނިކަން ބާރަށް ދުއްވައިގަތް މަންޒަރެވެ.

ވަގުތުން އޭނާ ހިފެހެއްޓުމަށް އެދި ނިޔާޒް ގޮވަން ފެށިއެވެ. ވާސިލްވެސް ރަނާއަށް ގޮވަމުން، ރަނާގެ ފަހަތުން ދުއްވައިގެންފިއެވެ. ނަމަވެސް، ރަނާ މަޑެއް ނުކުރެއެވެ. އޭނާ ފަސްއެނބުރި ބަލައެއްވެސްނުލައެވެ.

ބެލެވޭގޮތުގައި މިހާރު ރަނާއަށްވަނީ އެހެން ބާރުތަކެއް ލިބިފައެވެ.

[ރަނާ....މަޑުކުރޭ...މަޑުކުރޭ....] ވާސިލް ރަނާގެ ފަހަތުން ދުވަމުން ވާހަކަ ދެއްކިއެވެ. ނަމަވެސް ރަނާ އެ އަޑު އިވޭ ކަމަކަށްވެސް ނަހަދައެވެ. މިހާރު ރަނާ ދުވެފައި އެދަނީ، ސީދާ ވިލިނގިލީ ފެރީ ޓަރމިނަލާ ދިމާއަށެވެ. ވާސިލަށާއި ނިޔާޒަށް ރަނާ ގެއްލުނީ ފެރީ ޓަރމިނަލާ ހަމައަށް ދެވެން އުޅެނިކޮށެވެ. ޔަޤީނެވެ. ކޮންމެވެސް މީހެއްގެ އެހީގައި ރަނާ ފިލީއެވެ. ނުވަތަ ރަނާ ފިލުވީއެވެ.

އެރޭ ރަނާ ހޯދުމުގެ މަސައްކަތުގައި، ފުލުހުންގެ އެހީތެރިކަންވެސް ވާސިލްމެން ހޯދިއެވެ. ނަމަވެސް، އެމީހުންނަށް ރަނާގެ ޚަބަރެއްނުވިއެވެ. ޓީ.ވީއިން ރަނާގެ ފޮޓޯ ދައްކައިގެންވެސް" ރަނާ ހޯދުމުގެ މަސައްކަތްކޮށްފައިވެއެވެ.

ޖެހިގެން އައި ދުވަހު ވިލިނގިއްޔާއި މާލެއާއި ހުޅުމާލެވެސް ހޯދަން ފެށިއެވެ. ފުލުހުންނާއި ޢާންމު ރައްޔިތުންގެ އެހީތެރިކަމާ އެކުގައެވެ. އެހެން ނަމަވެސް، މިއިން އެއްވެސް ރަށަކުންވެސް ރަނާގެ އެއްވެސް ޚަބަރެއް ނުވިއެވެ. މިހާރު ހުސޭންކަލޯވެސް ވަނީ ރަނާ ހޯދުމުގެ މަސައްކަތް ފައްޓާފައެވެ. ކިޔެވެލި ކިޔަވާނޭ މީހުން ހޯދައިގެން، ރަނާމެން ދިރިއުޅޭ ގޭގައި މަސައްކަތް ފެށުމަށްޓަކައި މިހާރު އެވަނީ ހުރިހާ ކަމެއްވެސް ތައްޔާރުވެފައެވެ.

[ދެން އިތުރަށް ރަނާ ހޯދަން މަސައްކަތް ކުރާނެ ކަމެއް ނެތް. ރަނާ މިހާރުވެސް ހުރީ ޖިންނީގެ ބެލުމުގެ ދަށުގައި. އޭއްޗަށް މަޖުބޫރުވާނެ، ރަނާ މިތަނަށް ގެންނަން.] ހުސޭންކަލޯ އަލިފާންގަނޑު ރޯކޮށްލަމުން ވާހަކަ ދެއްކިއެވެ. އޭގެ މާގިނައިރުތަކެއްނުވެ، ހުސޭންކަލޯގެ އިޝާރާތާއެކު، ކިޔެވެލި ކިޔަވާ މީހުން ކިޔަވަން ފަށައިފިއެވެ.

[އަޅެ ރަނާ ދުނިޔޭގައި އެބަހުރިތަ؟] ވާސިލް ނިކަން ހާސްވެފައި ހުރެ އެއްސެވެ.

[އާނ...އޭނާއަށް އެއްވެސް ގެއްލުމެއްނުދޭ. އޭތި އަންބެއްގެ ގޮތުގައި ހަމައެކަނި ގެންގުޅެމުން ދަނީ. އަހަރެން އޭތީގެ ކިބައިން ރަނާ ސަލާމަތް ކުރުވާނަން.] ހުސޭންކަލޯ ބުންޏެވެ. އޭރު ކިޔެވެލި ކިޔަވާ މީހުން ކިޔަވަމުން ދަނީއެވެ. ރަނާގެ މަންމައާއި ބައްޕަގެ އިތުރުން، ރަނާގެ ބޭބެއާއި، ރަނާގެ ރަޙްމަތްތެރިޔާ ޝެހެނާއާއި، އަމަރްގެ މަންމައާއި ބައްޕަވެސް އެތަނުގައި ތިއްބެވެ. އެ އެންމެންވެސް މިހާރު އެތިބީ ހުސޭންކަލޯއަށް އިތުބާރުކޮށްގެން ރަނާގެ އިންތިޒާރުގައެވެ.

ގޭ މެދުގޭތެރޭގައި ތިބެ ކިޔެވެލި ކިޔަވަމުންދިޔަ ހުސޭންކަލޯމެންގެ މަސައްކަތަށް ގަޑިއެއްހާއިރުވެގެން ދިޔައިރުވެސް ރަނާ ކީއްކުރަން، ޖިންނީގެ ޚަބަރެއްވެސް ނުވިއެވެ. ހުސޭންކަލޯމެންގެ މަސައްކަތުގައި ގިނައިރުވަމުންދާ ވަރަކަށް ރަނާގެ މަންމައާއި ޢާއިލާގެ އެހެން މެންބަރުން މާޔޫސްވަމުންދިޔައެވެ.

[އަދިވެސް ރަނާގެ ޚަބަރެއްނުވެއެއްނު.] ރަނާގެ މަންމައަށް ރޮވުނެވެ. އެއީ ދޮރު ހުޅުވާފައި ރަނާ އައިސް ވަން ވަގުތެވެ. މޮޔައެއްހެން ބޯ ހާވާލައިގެން ހުރި ރަނާ ފެނުމާއެކު، ރަނާގެ މަންމަމެނަށް ފުންމައިގެން ތެދުވެވުނެވެ. ދެން ފެނުނީ ރަނާ އަރިއަޅާލައިގެން ވެއްޓުނު ތަނެވެ. ދުވެފައި ގޮސް ރަނާގެ ހަށިގަނޑުގައި ހިފީ އޭނާގެ ބޭބެ ރާހިންއާއި، ފިރިމީހާ ވާސިލެވެ. އެމީހުން ރަނާ ގެނެސް، ހުސޭންކަލޯގެ ކުރިމަތީގައި ބާއްވާލިއެވެ.

މިހާރު ރަނާ އެ އޮތީ ހޭނެތިފައެވެ. ނަމަވެސް، އެންމެންވެސް ހިމޭނުން ތިބުމަށް އަތުގެ އިޝާރާތުން ބުނުމަށްފަހު، ހުސޭންކަލޯ އޭނާގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.

[ފުރަތަމަ މިއޮތީ ރަނާ ގެނެވިފައި. ރަނާ ހޭއެރުމުގެ ކުރިން ޖިންނިންތަކުގެ ދުވަސް ދުއްވާލަން އަހަރެން ބޭނުންވަނީ. ހުއްޓާނުލާ ކިޔަވަމުންދޭ.] ހުސޭންކަލޯ ރަނާގެ ނިތްކުރީގައި އަތް ޖައްސާލިއެވެ.

އޭގެފަހުން މާގިނައިރުތަކެއްނުވެ، ހޭނެތިފައި އޮތް ރަނާއާ ޙުސޭން ކ ަލޯ ސުވާލު ކުރަން ފަށައިފިއެވެ.

[ކާކުތީ.....އަހަރެން ކަލޭ ކަނޑަށް ދޫކޮށްލީމާ، ސަލާމަތްވީ ކިހިނެއް....؟] ހުސޭންކަލޯ އެއްސެވެ. ނިކަން ހަރުކަށި ޢިބާރާތަކުންނެވެ.

[އަހަރެން ސަލާމަތްކުރީ މަސްވެރިންތަކެއް. އޮޔާދަނިކޮށް މާވަހަރު ކަމަށް ހީކޮށް، އެމީހުން ގޯނިތައް ނަގައި ގޯނިތަކުގެ ތުންމޮހެލީ.....އެވަގުތު އަހަރެން ސަލާމަތްވީ. އެކަމަކު އޭރު އަހަރެންގެ ދަރިފުޅު ވަނީ މަރުވެފައި.] ވާހަކަ ދެއްކީ ހޭނެތިފައި އޮތް ރަނާއެވެ.

[ކަލޭގެ ސަބަބުން، މި ޢާއިލާއަށް މިވަނީ ވަރަށްބޮޑު ތުރާތަކަކާ ކުރިމަތިވެފައި. ކަލޭގެ އުނދަގޫތަކުން މި ޢާއިލާ ސަލާމަތް ކުރަން އަހަންނަށް ކުރެވިދާނޭ ކަމެއް ކަލޭ ބުނޭ.] ހުސޭންކަލޯ އެއްސެވެ. މިފަހަރު ހުސޭންކަލޯ ބޭނުންވަނީ، އޭތި ބުނާގޮތް ހަދައިގެން، އޭތީގެ ކިބައިން ރަނާ ސަލާމަތް ކުރާށެވެ. އެއީ ކުރީ ޒަމާނު މީހުން ކަންކުރަމުންދިޔަ ގޮތެކެވެ.

[ކުރިން ހެދިގޮތަށް ގޯންޏަކަށްލާފަ، ބަރެއް އެލުވާފަ ކަނޑަށް ފައްތާލާ. އޭރުން އަހަރެންގެ އެއްވެސް އުނދަގުލެއް ރަނާއަށާއި ތިޔަ ޢާއިލާއަކަށް ނުފޯރާނެ.] މިފަހަރުވެސް ޖިންނި ޖަވާބުދިނީ ރަނާގެ ދުލުންނެވެ. އެއާއެކު ދެން ހުސޭންކަލޯ މަސައްކަތްކުރީ، އެންމެންގެ ލޯތަކަށް ޖިންނި ފާޅުކުރުމަށެވެ. އޭނާ މަސައްކަތް ކުރާތާ މާގިނައިރުތަކެއްނުވެ، ރަނާއާ ދާދި ކައިރިން އޭތި ފާޅުވިއެވެ. ބައެއް މީހުން ބިރުވެސްގަތެވެ. ނަމަވެސް، ހުސޭންކަލޯ އިޝާރާތުން ބިރުނުގަތުމަށާއި، އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް ބުނީމާ، ހުރިހާ މީހުންވެސް ތިބީ ވަރަށް ޝައުޤުވެރިކަމާއެކު އެއަށް ބަލާށެވެ.

ރަނާ ހޭއެރީ، ޖިންނި ހައްޔަރުކޮށް، ގޯންޏަށްލާ ތުންބަނދެލިފަހުންނެވެ. ހޭއެރިއިރު، ގާތުގައި ވާސިލާއި، އޭނާގެ ޢާއިލާގެ މެމްބަރުންވެސް ތިއްބެވެ. އެރޭ ހުސޭންކަލޯ ޖިންނި ބުނިގޮތަށް ޖިންނި ރަނާއާ ދާއިމަށް ދުރުކުރިއެވެ.

ހޭއެރުމާއެކު ރަނާ ވަރަށް ރުޔެވެ. ދެން އޭތީގެ އުނދަގޫ ނުފޯރާނެތޯ ސުވާލު ކުރަމުންނެވެ. މިފަހަރު އޭތީގެ އުނދަގޫ ނުފޯރާނެކަން ވަރަށް ބޮޑަށް ހުސޭންކަލޯ ކަށަވަރުކޮށްދިނެވެ.

އެދުވަހަށްފަހު، ރަނާގެ ޙަޔާތަށް އައީ އުފާވެރި ދުވަސްތަކެކެވެ. ވާސިލާއި އޭނާގެ ގުޅުމަށް ކުއްޖަކު އުފަންވާން އުޅޭ ކަމުގެ އިޝާރާތްވެސް ލިބުނީ އޭގެފަހުން މަހެއްވާން އުޅެނިކޮށެވެ. މާބަނޑުވި ޚަބަރަކީ، ރަނާއަށް ލިބުނު ހާސްކަމެކެވެ. ރަނާއަށް ހީވާކަހަލައެވެ. ރަނާ ބަލިވެއިނީ ޖިންނީގެ ދަރިއަކަށެވެ. އޭނާ ހާސްވަނީ އެހެންވެގެންނެވެ.

ފާއިތުވެދިޔަ މަސްތެރޭ އެއްވެސް ހުރަހެއްނެތި ޖިންނިވަނީ އޭނާއާ ގާތް ގުޅުން ބާއްވާފައެވެ.

[ވާސިލް....އަހަރެން ބިރުގަންނަނީ. ކިހިނެއްތަ އަހަރެން އިތުބާރު ކުރާނީ؟] ބަނޑުގައި އަތް ކާއްތާލަމުން، ރަނާ ކަންބޮޑުވުން ފާޅުކުރަމުންދިޔައެވެ.

[ނޫނޭ ރަނާ....ދެން އޭތީގެ އެއްވެސް އުނދަގުލެއް ނުފޯރާނެ. އޭތި ހުވާކޮށްފާ ބުނިގޮތަށް ހުސޭންކަލޯބެ ޢަމަލުކުރީ......މިހާރު އަހަރެންވެސް ތަވީދު ނަގައިފިން މިހާރު.....] ވާސިލް ނުހަނު ލޯބިން ރަނާގެ ހަށިގަނޑުގައި ބައްދާލިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން އެފަދަ ބޮޑު ކަންތައްގަނޑެއް ލައިގެންފައި ހުރި މީހަކަށްވުމާއެކު، އެ ހަނދާންތަކުން އެކަށް މިންޖުވާން ފަސޭހަނުވިޔަސް، ދެން ފާއިތުވީ، ރަނާއާއި ވާސިލްގެ ޙަޔާތަށް އައި އުފާވެރި ދުވަސްތަކެކެވެ. ރަނާއަކީ ޖިންނި އަވަލައި، މިހާރު އެކަމުން ސަލާމަތްވެފައިވާ މީހެއް ކަމަށް ބުނެ، އެއްވެސް ބަޔަކު ވާހަކަ ދައްކާނޭ ފުރްޞަތެއްވެސް އޭނާ ނުދެއެވެ. މިހާރު އޭނާ ގެއިން ބޭރަށް ނުކުންނަނީ، މޫނުބުރުގާ އަޅައި، މޫނު ނިވާކޮށްގެންނެވެ. އެއީ ރަނާގެ ޢާއިލާއާއި ވާސިލްވެސް ބޭނުންވިގޮތެވެ.

ނިމުނީ -


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން