އީރާނުން ދިން ހަމަލާގެ ބަދަލުގައި ނިރުބަވެރި އިސްރާއީލުން ހަމަލާދޭން އުޅެފިނަމަ މިފަހަރުދިން ހަމަލާއަށްވުރެ މާ ވަރުގަދަ ހަމަލާއެއް ދޭނެ ކަމަށް އީރާނުގެ ދިފާއީ ވަޒީރު ބްރިގޭޑިއާ ޖެނެރަލް އަޒީޒް ނާސިރުޒާދޭ ވިދާޅުވެއްޖެއެވެ.

ވަޒީރު އަޒީޒް ނާސިރުޒާދޭ ވިދާޅުވީ ޒަޔަނިސްޓް ވެރިކަމުގެ އުދުވާނީ އަމަލުތައް ކުރިއަށް ގެންދާނަމަ އިސްރާއީލާ ދެކޮޅަށް އިތުރު އޮޕަރޭޝަންތައް މާ ވަރުގަދަކޮށް ކުރިއަށް ގެންދާނެ ކަމަށެވެ.

ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން އަރައިގަނެ އެތަންތަން އަމިއްލަ ކުރަމުންދާ އިސްރާއީލުގެ ސަރަހައްދުތަކަށް އީރާނުން އަންގާރަ ދުވަހު ދިން މިސައިލް ހަމަލާތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އަޒީޒް ނާސިރުޒާދޭ ވިދާޅުވީ އީރާނުން ދިނީ ފުރިހަމަ ކާމިޔާބު ހަމަލާތަކެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ މި ހަމަލާތަކަކީ އީރާނުގެ މިސައިލް އޮޕަރޭޝަންތަކުގެ "ހަމައެކަނި ފުރަތަމަ ރާޅު" ކަމަށާއި، ކުރިއަރާފައިވާ މިސައިލް ކެޕޭސިޓީގެ ބޮޑު ބައެއް އަދި ބޭނުންކޮށްފައި ނުވާކަމަށެވެ. އަދި ޒަޔަނިސްޓް ވެރިކަމުން، ނުވަތަ އެ ވެރިކަމުގެ ސަޕޯޓަރުން، މި ސަރަހައްދު (މެދުއިރުމަތި) ހަނގުރާމައިގެ ތެރެއަށް ފޮނުވަން މަސައްކަތް ކުރާނަމަ، އޭގެ ފަހުން އަންނަ ހަމަލާތައް މާ ވަރުގަދަ ވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުން އިސްރާއީލާ ދެކޮޅަށް ދިން މި ހަމަލާތަކަކީ އިސްރާއީލުން ހިންގި ނިރުބަވެރި އޮޕަރޭޝަންތަކެއްގައި ހިޒްބުاللهގެ ލީޑަރު ސައްޔަދު ހަސަން ނަޞްރުالله އާއި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމުން އޭގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން