ނިރުބަވެރި އިސްރާއީލުން ދަނީ ވައިގެ މަގުންނާއި އެއްގަމު މަގުން ޣައްޒާގެ އަށް ހަމަލާދެމުން ކަމަށް ބޭރުގެ މީޑިޔާތަކުން ރިޕޯޓްކޮށްފި އެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި މި ދުވަސްކޮޅު އިސްރާއީލުން ވަނީ ޣައްޒާގެ އެކި ހިސާބުތަކުގައި ކުރަމުންދާ އަސްކަރީ އޮޕަރޭޝަންތައް ވަރުގަދަ ކޮށް އެކި ފަލަސްތީނުގެ ރައްޔިތުން ޝަހީދުކުރަމުންނެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުދަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި އިސްރާއިލުގެ ހަމަލާތަކުގައި ޣައްޒާގެ 51 މީހުން ވަނީ މަރުވެފައެވެ. މި ހަމަލާތައް އިސްރާއީލުގެ އަސްކަރިއްޔާއިން ވަރުގަދަ ކުރީ އީރާނުން އެގައުމަށް ވަރުގަދަ ހަމަލާތަކެއް ދިނުމާ ގުޅިގެން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުގެ ފަޔަރ ޖެޓްތަކުން ޣައްޒާ ސިޓީއަށް ރޭގަނޑު ހަމަލާދީ، ތޫފާގެ އަވަށްޓެރި މަސްކަޓް ސްކޫލާއި، ޔަތީމު ކުދިން ދިރިއުޅޭ ތަނަކަށްވެސް ވަނީ ހަމަލާދީފަ އެވެ. މި ހަމަލާތަކުގައި އެތަންތަނުގައި ހިޔާވަހިކަން ހޯދަމުން ދިޔަ ގެދޮރު ގެއްލިފައިވާ ނުވަ މީހަކު މަރުވެފައިވާ ކަމަށް ފަލަސްތީނުގެ ނޫސް އެޖެންސީ ވަފާއިން ބުނެއެވެ.

މީގެ އިތުރުން އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ މެދުތެރޭ ޣައްޒާގެ 'ބްރިގް ހައި ސްކޫލަށް' ހަމަލާދޭކަން އިއުލާންކޮށްފައެވެ. ވަކިވަކިން ނެރުނު ބަޔާންތަކުގައި ސިފައިން ބުނެފައި ވަނީ އެ ދެ ސްކޫލާއި ޔަތީމު ކުދިންގެ ގެއަކީ ހަމާސްގެ "ކޮމާންޑް އެންޑް ކޮންޓްރޯލް ކޮމްޕްލެކްސް" ގެ ގޮތުގައި އޮޕަރޭޝަންތައް ރާވައި ހިންގުމަށް ބޭނުން ކުރަމުން އަންނަ ތަންތަން ކަމަށެވެ.

އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާގައި އިސްރާއީލާއި ހަމާސް ހަނގުރާމަ ކުރަމުން އަންނައިރު، އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 41،689 މީހުން މަރުވެ 96،625 މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ. އިސްރާއީލުގެ ތަފާސްހިސާބުތަކަށް ބިނާކޮށް އަލްޖަޒީރާއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި އިސްރާއީލުގެ 1،139 މީހުން މަރުވެފައިވާއިރު، ގާތްގަނޑަކަށް 250 މީހުން ރަހީނުކޮށްފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން